ދުނިޔެ / ސޫދާން

ސޫދާން ހަނގުރާމަ: 185 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

18 އެޕްރީލް 2023 - 13:27

1 comments

މި މަހުގެ 15 ވަނަ ދުވަހު ސޫދާންގައި ފެށުނު ދާޚިލީ ހަނގުރާމައިގައި މިހާތަނަށް އާންމުންގެ 180 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

ސޫދާންގެ އަސްކަރިއްޔާގެ ސިފައިންނާއި އަސްކަރިއްޔާގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދު މިހާރު ކުރިއަށް ދާ ހަނގުރާމައިގައި، މި ވޭތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި އާންމުންގެ ތެރެއިން މަރުވި މީހުން އަދަދު މަދުވެގެން 185 އަށް އަރައިފި އެވެ. އޭގެ އިތުރުން 1800 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، އާންމުން ދިރިއުޅޭ އެތައް ސަތޭކަ އިމާރާތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

އދ.ގެ ފަރާތުން ސޫދާނަށް ކަނޑައަޅާފައި ހުންނަ ޚާއްސަ މަންދޫބު ވޯކާ ޕާތޭސް ވިދާޅުވާ ގޮތުގައި ސޫދާންގައި މިހާރު ފެށިފައިވަނީ ވަރަށް އާދަޔާ ޚިލާފު ހަނގުރާމައަކަށް ވާތީ، އެ ހަނގުރާމައިގައި ކަންތައް ވަމުންދާ ގޮތް ދެނެގަތުމަކީ ވެސް އެހާމެ އުނދަގޫ ކަމެކެވެ.

މިހާރު ކުރިއަށް ދާ ހަނގުރާމަ ފެށުނީ، އާރްއެސްއެފް ލަޝްކަރުގެ ސިފައިން ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ހުރި އަސްކަރީ ބައެއް މަރުކަޒުތަކަށާއި ސަރުކާރުގެ މުހިންމު އިމާރަތްތަކަށް ހަމަލާ ދީ އެ ތަންތަން ހިފުމަށް މަސައްކަތް ފެށުމުންނެވެ. އާރްއެސްއެފް ލަޝްކަރުގެ ސިފައިން ވެރިރަށް ޚަރްތޫމަށް އަރައި ހިފަން މަސައްކަތް ކުރި ތަންތަނުގެ ތެރޭގައި، ޚަރްތޫމްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި، ރިއާސީ ގަނޑުވަރާއި، ސަރުކާރުގެ ޓީވީ ސްޓޭޝަނާއި، ސިފައިންގެ ވެރިޔާގެ ރަސްމީ ގެކޮޅު ހިމެނެ އެވެ.

ދެ ފަރާތުގެ މެދުގައި ހަމަލާތައް ފެށުމާއެކު، އަދި ޚަރްތޫމްގެ ވައިގެ ބަނދަރުގެ މައްޗަށް އާރްއެސްއެފް ލަޝްކަރުގެ ސިފައިން އަތް ގަދަކުރުމާއެކު، ސޫދާންގެ ވައިގެ ދަތުރުތައް ވަނީ މެދުކެނޑިފަ އެވެ.

މިހާރު ކުރަމުން ދާ ހަނގުރާމައާ ގުޅޭ ގޮތުން، އާރްއެސްއެފް ލަޝްކަރުގެ ކޮމާންޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ (ހަމިއްތީ) ވިދާޅުވަމުން ގެންދަވަނީ، މައްސަލަ އަށް އޮތް ހަމައެކަނި ހައްލަކީ، އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން އަމާން ދެއްވުން ކަމަށެވެ. އަމާން ނުދެއްވައިފި ނަމަ، އޭނާ ހުރި ތަނަކުން ހިފައި ހައްޔަރުކޮށް ޝަރީއަތަށް ހުށަހަޅާނެ ކަމަށް ވެސް، ހަމިއްތީ ވިދާޅުވި އެވެ.

މި ހަނގުރާމައިގައި ސޫދާންގެ ސަރުކާރުގެ ސިފައިންނާއި އާރްއެސްއެފް ލަޝްކަރުގެ ސިފައިން ވެސް ދަނީ، ބޮޑުބަޑި އާއި ޓޭންކު ފަދަ ބަރު ހަތިޔާރު ބޭނުންކުރަމުންނެވެ. ދެ ފަރާތުގެ ސިފައިން ވެސް ހަމަލާ ބަދަލުކުރަމުން ދަނީ، އާންމު ރައްޔިތުން ވެސް ދިރިއުޅޭ ސަރަހައްދުތަކުގައި ތިބެގެން ކަމަށް ވާތީ، ދެ ފަރާތުގެ ހަމަލާތައް އަމާޒުވާ އާންމުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ސޫދާންގެ މި ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އަވައްޓެރި ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ދެ ފަރާތުގެ ސިފައިންނަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް މެދުވެރިއަކު ބޭނުންކޮށްގެން ވިޔަސް، މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ޝައުގުވެރިކަން، މިހާތަނަށް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

މި ހަނގުރާމަ ފެށުނު އިރު، ސޫދާންގައި މިހާރު އޮތީ އެ ގައުމުގެ އަސްކަރިއްޔާ އާއި މަދަނީ ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް އުފައްދާފައި އޮތް، ޓްރާންސިޝަނަލް ސޮވެރެންޓީ ކައުންސިލް ކިޔާ މަޖިލީހަކުން ހިންގާ ސަރުކާރެކެވެ. މި ސަރުކާރުގެ ރައީސަކީ، ސޫދާން ސިފައިންގެ އެންމެ އިސް ޖެނެރަލް އަބްދުލްފައްތާހް އަލް ބުރްހާން އެވެ. މި މަޖިލީހުގެ ނައިބު ރައީސަކީ، އާރްއެސްއެފް ލަޝްކަރުގެ ކޮމާންޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ (ހަމިއްތީ) އެވެ.

އާރްއެސްއެފް ލަޝްކަރަކީ، ސޫދާންގެ ދާރްފޫރްގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް 2003 ވަނަ އަހަރު ފެށި ދާޚިލީ ހަނގުރާމައިގައި، ދާރްފޫރު ސަރަހައްދުގައި ތިބި އަރަބި ހަނގުރާމަވެރި ޖަމާއަތްތައް ބައިވެރިކޮށްގެން، ސޫދާންގެ ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ސަރުކާރުން އުފެއްދި ލަޝްކަރެކެވެ. ސޫދާން ސަރުކާރުން މި ލަޝްކަރު އުފެއްދީ، ދާރްފޫރްގެ މިނިވަންކަމާ ދެކޮޅަށް ސޫދާން ސަރުކާރުން ކުރި ހަނގުރާމައިގައި، ސަރުކާރު ސިފައިން ބޭނުންވާ ކުއްލި ހާލަތްތަކުގައި ސަރުކާރު ސިފައިންނަށް މަދަދު ދޭ ލަޝްކަރެއްގެ ގޮތުގަ އެވެ.

އޭގެ ފަހުން ސޫދާން ސަރުކާރުން ވަނީ، އާރްއެސްއެފް ލަޝްކަރަކީ ސޫދާންގެ އަސްކަރިއްޔާގައި ހިމެނޭ ވަކި ލަޝްކަރެއް ގޮތުގައި ކަނޑައަޅައިފަ އެވެ. ނަމަވެސް 2019 ވަނަ އަހަރު ސޫދާން ސަރުކާރާ ދެކޮޅަށް އާންމުން ފެށި މުޒާހަރާތަކާ ވިދިގެން، އޭރުގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ފުރޮޅައިލުމަށް ގެނައި އަސްކަރީ އިންގިލާބުގައި އެންމެ އިސްކޮށް ތިއްބެވީ، ސިފައިންގެ އެންމެ އިސް ޖެނެރަލް އަބްދުލްފައްތާހް އަލް ބުރްހާން އާއި އާރްއެސްއެފް ލަޝްކަރުގެ ކޮމާންޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ (ހަމިއްތީ) އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީނު

19 April 2023

ރޯދަ މަހު ފަހު ދިހައިގައި މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ލައްވާ ތަޅާފޮޅުވަން އެމެރިކާ އިންނާ އިޒްރޭލުން ކުރާ ކަންކަން މީ. އެމެރިކާ ނެތްނަމަ އަދި ފަލަސްތީނު މިނިވަން ވެއްޖެ ނަމަ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅުން ހުއްޓިދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454