ދުނިޔެ / ސޫދާން

އެއްބަސްވިޔަސް، ހަމަލާތައް މެދުކަނޑައެއް ނުލެވުނު

19 އެޕްރީލް 2023 - 10:39

3 comments

ސޫދާންގައި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރުން، އިއްޔެ އިން ފެށިގެން 24 ގަޑިއިރަށް މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވި ނަމަވެސް، އެކަމަށް ބެލުމެއް ނެތި ދެ ފަރާތުން ވެސް ގެންދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.

ސޫދާންގެ އަސްކަރިއްޔާގެ ސިފައިންނާއި އަސްކަރިއްޔާގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދު މިހާރު ކުރިއަށް ދާ ހަނގުރާމައިގައި، 24 ގަޑިއިރުގެ މުއްދަތަކަށް، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވީ، އިންސާނީ އެހީތެރިކަމުގެ ގޮތުންނެވެ. އެއީ އެންމެ ބޮޑަށް ހަނގުރާމަ ހިނގަމުންދާ ވެރިރަށް ޚުރުތޫމް އާއި އެހެނިހެން ސަރަހައްދުތަކުގައި، ގެދޮރުން ނުނުކެމިފައި ތިބި އާންމުންނާއި ސިއްހީ އެހީ ފޯރުކޮށްދޭ މީހުންނަށް، އެއް ތަނުން އަނެއް ތަނަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.

ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް އެއްބަސްވި ވަގުތު ޖެހިގެން މާ ގިނަ އިރުތަކެއް ނުވަނީސް، ވެރިރަށް ޚުރުތޫމްގެ ތެރޭގައި، ދެ ފަރާތުގެ ސިފައިންގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރި އެވެ. ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ބުނާ ގޮތުގައި، އެ އިމާރާތްތަކަށް ވެސް ވަރަށް ގިނަ ހަމަލާތައް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

"ހަމަލާތައް ބަދަލުކުރުން މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވިޔަސް، އެކަން ތަންފީޒުކުރެވޭ ތަނެއް ނުފެނޭ. ވެރިރަށް ޚުރުތޫމާއި އެހެން ސަރަހައްދުތަކުގައި މިހާރުވެސް އެ ދަނީ ވަރުގަދަ އަށް ހަނގުރާމަ ކުރަމުން،" އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ސޫދާންގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން (ކ) އާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ވެރިޔާ ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ (ހަމިއްތީ). --އޭއެފްޕީ

ވެރިރަށް ޚުރުތޫމްގައި ހިނގަމުންދާ ހަނގުރާމައިގައި، އާންމުން ދިރިއުޅޭ ގިނަ އަދަދެއްގެ އިމާރާތްތަކަށް ވަނީ ހަމަލާތައް އަމާޒުވެފަ އެވެ. ޚުރުތޫމްގެ މަގުތަކުގައި ދެ ފަރާތުގެ ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވަމުން ހަމަލާ ބަދަލުކުރަމުން ދާތީ، އެ ސަހަރުގައި ދިރިއުޅޭ މިލިއަނަކަށް ވުރެ ގިނަ މީހުން ތިބީ ގެދޮރުން ނުކުމެވޭނެ ގޮތެއް ނެތިފަ އެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވުމަށް ފަހު، ދެ ފަރާތުގެ މެދުގައި އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދަނީ ޚުރުތޫމްގައި ހުންނަ ސިފައިންގެ މައި މަރުކަޒުގެ ވަށައިގެންވާ ސަރަހައްދުގަ އެވެ. އޭގެ އިތުރުން ޚުރުތޫމްގައި ހުންނަ ރިއާސީ ގަނޑުވަރު ކައިރީގައި ވެސް، ވަރަށް ވަރުގަދަ އަށް ދެ ފަރާތުން ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.

ހަމަލާތަކުގައި ޒަޚަމްވި އެތައް ސަތޭކަ އާންމުންނެއް، އިމާރާތްތަކުގެ ތެރޭގައި ތާށިވެފައި ތިބި އިރު، މަގުތަކުގައި ހަނގުރާމަ ހިނގަމުން ދާތީ، ބޭނުންވާ ސިއްހީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށް ދެވޭނެ ގޮތެއް ވެސް ނެތެވެ. އަދި ކުއްލި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ޓީމުތަކާއި ރެޑް ކްރޮސްގެ ޓީމުތަކަށް ވެސް މަގުމައްޗަށް ނުކުމެ، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ނެތެވެ.

ސޫދާންގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނީ ވެރިރަށް ޚުރުތޫމްގެ ސިއްހީ ޚިދުމަތުގެ ނިޒާމު މިހާރު ވަނީ މުޅިން ފެއިލްވެފައި ކަމަށެވެ. އަދި ޚުރުތޫމްގައި ހުރި 16 ހޮސްޕިޓަލަކަށް އަރާފައިވާ ހަމަލާތަކުގެ ސަބަބުން އެ ތަންތަން މިހާރު ހުރީ، އެއްވެސް ޚިދުމަތެއް ނުދެވޭ ވަރަށް ހަލާކުވެފަ އެވެ.

ސޫދާންގެ ސިފައިން ގެނައި އަސްކަރީ އިންގިލާބާ ގުޅިގެން އުފެދުނު ސިޔާސީ މައްސަލަތައް ހައްލުކުރުމަށް، އެ ގައުމުގެ ސިޔާސީ ފަރާތްތަކާ އެކުގައި ބޭއްވި ބައްދަލުވުމުގައި ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން (ވ-2) އާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ވެރިޔާ ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ (ހަމިއްތީ) ބައިވެރިވަނީ. --އޭއެފްޕީ

ހަނގުރާމައިގައި ޒަޚަމްވާ އާންމުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާތީ އާއި، މި ހަނގުރާމައިގައި ޒަޚަމްވާ އަދި އަނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވަމުން ދާތީ، ވީއެންމެ އަވަހަކަށް ހަނގުރާމަ ހުއްޓައިލުމަށް، ސިއްހަތާ ބެހޭ ވުޒާރާ އިން ވަނީ ދެ ފަރާތުގެ ސިފައިންނަށް ގޮވާލައިފަ އެވެ.

ސިއްހަތާ ބެހޭ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާތީ، ބައެއް ހޮސްޕިޓަލުތަކުން އެކަށީގެންވާ ޚިދުމަތެއް ދެވޭކަށް ނެތެވެ. އަދި، ކުއްލި ހާލަތްތަކުގައި ބޭނުންކުރާނެ ޖަނަރޭޓަރުތައް ބައެއް ހޮސްޕިޓަލުތަކުގައި ހުރި ނަމަވެސް، އެ ޖަނަރޭޓަރުތައް ހިންގާނެ ތެޔޮ ލިބޭނެ ގޮތެއް ވެސް ނެތެވެ.

އޭގެ އިތުރުން، ހޮސްޕިޓަލުގައި ހުރި ބޭސްތައް ވެސް ހުސްވަމުން ދާއިރު، މަގުތަކުގައި ހަނގުރާމަ ހިނގަމުން ދާތީ، ގުދަންތަކުން ބޭސް ގެނައުމަށް ވެސް ވަނީ ހުރަސްއެޅިފައި ކަމަށް ސިއްހަތާ ބެހޭ ވުޒާރާގެ ބަޔާނުގައިވެ އެވެ. އަދި ހޮސްޕިޓަލުތަކުގެ ބްލަޑް ބޭންކުތަކުގައި ހުރި ލޭތައް ހުސްވަމުން ދާއިރު، އިތުރަށް ލޭ ހޯދޭނެ ގޮތެއްވެސް ނެތެވެ.

ސޫދާންގައި މިހާރު ކުރިއަށް ދާ ހަނގުރާމައިގައި، މި ވޭތުވެ ދިޔަ ހަތަރު ދުވަހުގެ ތެރޭގައި އާންމުންގެ ތެރެއިން މަރުވި މީހުން އަދަދު މަދުވެގެން 200 އަށް އަރައިފި އެވެ. އޭގެ އިތުރުން 2000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، އާންމުން ދިރިއުޅޭ އެތައް ސަތޭކަ އިމާރާތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

މިހާރު ކުރިއަށް ދާ ހަނގުރާމަ ފެށުނީ، އާރްއެސްއެފް ލަޝްކަރުގެ ސިފައިން ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ހުރި އަސްކަރީ ބައެއް މަރުކަޒުތަކަށާއި ސަރުކާރުގެ މުހިންމު އިމާރަތްތަކަށް ހަމަލާ ދީ އެ ތަންތަން ހިފުމަށް މަސައްކަތް ފެށުމުންނެވެ. އާރްއެސްއެފް ލަޝްކަރުގެ ސިފައިން ވެރިރަށް ޚަރްތޫމަށް އަރައި ހިފަން މަސައްކަތް ކުރި ތަންތަނުގެ ތެރޭގައި، ޚަރްތޫމްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި، ރިއާސީ ގަނޑުވަރާއި، ސަރުކާރުގެ ޓީވީ ސްޓޭޝަނާއި، ސިފައިންގެ ވެރިޔާގެ ރަސްމީ ގެކޮޅު ހިމެނެ އެވެ.

މިހާރު ކުރަމުން ދާ ހަނގުރާމައާ ގުޅޭ ގޮތުން، އާރްއެސްއެފް ލަޝްކަރުގެ ކޮމާންޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ (ހަމިއްތީ) ވިދާޅުވަމުން ގެންދަވަނީ، މައްސަލަ އަށް އޮތް ހަމައެކަނި ހައްލަކީ، އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން އަމާން ދެއްވުން ކަމަށެވެ. އަމާން ނުދެއްވައިފި ނަމަ، އޭނާ ހުރި ތަނަކުން ހިފައި ހައްޔަރުކޮށް ޝަރީއަތަށް ހުށަހަޅާނެ ކަމަށް ވެސް، ހަމިއްތީ ވިދާޅުވި އެވެ.

މި ހަނގުރާމަ ފެށުނު އިރު، ސޫދާންގައި މިހާރު އޮތީ އެ ގައުމުގެ އަސްކަރިއްޔާ އާއި މަދަނީ ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް އުފައްދާފައި އޮތް، ޓްރާންސިޝަނަލް ސޮވެރެންޓީ ކައުންސިލް ކިޔާ މަޖިލީހަކުން ހިންގާ ސަރުކާރެކެވެ. މި ސަރުކާރުގެ ރައީސަކީ، ސޫދާން ސިފައިންގެ އެންމެ އިސް ޖެނެރަލް އަބްދުލްފައްތާހް އަލް ބުރްހާން އެވެ. މި މަޖިލީހުގެ ނައިބު ރައީސަކީ، އާރްއެސްއެފް ލަޝްކަރުގެ ކޮމާންޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ (ހަމިއްތީ) އެވެ.

އާރްއެސްއެފް ލަޝްކަރަކީ، ސޫދާންގެ ދާރްފޫރްގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް 2003 ވަނަ އަހަރު ފެށި ދާޚިލީ ހަނގުރާމައިގައި، ދާރްފޫރު ސަރަހައްދުގައި ތިބި އަރަބި ހަނގުރާމަވެރި ޖަމާއަތްތައް ބައިވެރިކޮށްގެން، ސޫދާންގެ ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ސަރުކާރުން އުފެއްދި ލަޝްކަރެކެވެ. ސޫދާން ސަރުކާރުން މި ލަޝްކަރު އުފެއްދީ، ދާރްފޫރްގެ މިނިވަންކަމާ ދެކޮޅަށް ސޫދާން ސަރުކާރުން ކުރި ހަނގުރާމައިގައި، ސަރުކާރު ސިފައިން ބޭނުންވާ ކުއްލި ހާލަތްތަކުގައި ސަރުކާރު ސިފައިންނަށް މަދަދު ދޭ ލަޝްކަރެއްގެ ގޮތުގަ އެވެ.

އޭގެ ފަހުން ސޫދާން ސަރުކާރުން ވަނީ، އާރްއެސްއެފް ލަޝްކަރަކީ ސޫދާންގެ އަސްކަރިއްޔާގައި ހިމެނޭ ވަކި ލަޝްކަރެއް ގޮތުގައި ކަނޑައަޅައިފަ އެވެ. ނަމަވެސް 2019 ވަނަ އަހަރު ސޫދާން ސަރުކާރާ ދެކޮޅަށް އާންމުން ފެށި މުޒާހަރާތަކާ ވިދިގެން، އޭރުގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ފުރޮޅައިލުމަށް ގެނައި އަސްކަރީ އިންގިލާބުގައި އެންމެ އިސްކޮށް ތިއްބެވީ، ސިފައިންގެ އެންމެ އިސް ޖެނެރަލް އަބްދުލްފައްތާހް އަލް ބުރްހާން އާއި އާރްއެސްއެފް ލަޝްކަރުގެ ކޮމާންޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ (ހަމިއްތީ) އެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިދަރެސް

19 April 2023

ހުޅަނގުން ގައުމުތައް ބައިބައިކުރުވައި ދެބަޔަށް ދަޅާމަރާގޮތަށް ކަންކޮށްފައި ދެންގޮސް އެމީހުން މިކިޔަނީ ތިމަންނަމެންމީ ޔުނައިޓެޑު ...... އޭ. މި ކުޑަ ދިވެހިރާއްޖޭގައިވެސް ބަޔަކށް ދުނިޔެ ދައްކައިގެން ބައިކުރަން އުޅުނީ ހަމަ އެމީހުން. އިނޑިޔާ ބައިދިން. ޗައިނާ ޓައިވާން ވެސް. ރައިޝިޔާކއިރިވެސް. ކުދި ސަރުކާރު ހެދުމަކީ ހުޅަނގުގެ ފަނާކުރަނިވި އެންމެ މޮޅު އެއްކަންތައް. މަޔާއި ދަރިޔާ ވަކިކުރާ ޑެމޮކުރަސީފަދަ ކަމެއް.

The name is already taken The name is available. Register?

އާޔޫ ޕަޕެޓްސް

20 April 2023

އަމިއްލައަށް އެއްވެސް ކަމެއްގެ ޒިންމާ ނެގުމެއް ނޯވޭދޯ؟ ތިމާ އަށް ތަންކޮޅެއް ވަސް ނުބައި ފޮޑިއެއް ޖެހުނަސް އެވާނީ ހުޅަނގުން ރާވައިގެން ތިމާއަށް ކާންދިން އެއްޗެއްގެ ސަބަބުން!

The name is already taken The name is available. Register?

ޢަހުމަދުވަގާރު

20 April 2023

ޢަހަރެން ބަނޑު ހަރު ވީވެސް ހުޅަނގާ ހެދި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454