ދުނިޔެ / ސޫދާން

ސޫދާން ހަނގުރާމަ ސަރަހައްދީ މައްސަލައަކަށް ވެދާނެ: އދ.

30 އެޕްރީލް 2023 - 13:06

ސޫދާންގެ އިސް ދެ ޖެނެރަލުންނަށް ވަފާތެރި ސިފައިންގެ މެދުގައި މިހާރު ހިނގަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާނުލައި އިތުރަށް ކުރިއަށް ދާ ނަމަ، ސަރަހައްދީ ބޮޑު މައްސަލައަކަށް ބަދަލުވެދާނެ ކަމަށް އދ. މަޖިލީހުން އިއްޔެ އިންޒާރުކޮށްފި އެވެ.

އދ.ގެ ކާނާއާ ބެހޭ އިދާރާ އިން އިއްޔެ ބުނި ގޮތުގައި، ސޫދާންގެ ހަނގުރާމަ ނުހުއްޓި އިތުރަށް ކުރިއަށް ދާ ނަމަ، ރެފިއުޖީންގެ މައްސަލައިގެ އިތުރުން، ދެން އެންމެ އަވަހަށް ކުރިމަތިވާނީ އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހުމުގެ މައްސަލަ އެވެ. މި މަހުގެ 15 ވަނަ ދުވަހު ސޫދާންގައި ހަނގުރާމަ ފެށުނު އިރު ވެސް، އެ ގައުމުގެ ތިން ބައިކުޅަ އެއް ބައި މީހުން ތިބީ، ކާބޯތަކެއްޗަށް ޖެހިފައި ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އަދި ހަނގުރާމަ ފެށުމާ އެކު އެ އަދަދު މިހާރު ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށާއި، ހަނގުރާމަ ފެށުނު ފަހުން ކާބޯތަކެތީގެ އަގު ވެސް ރޮކެޓް ސްޕީޑްގައި މައްޗަށް އުފުލެމުން ދާ ކަމަށް އެ އިދާރާ އިން ބުނެ އެވެ. ސޫދާންގައި ކާބޯތަކެތީގެ އަގުތައް އުފުލެމުން ދާއިރު، ޖެހިގެން އޮތް ޗާޑް އާއި ދެކުނު ސޫދާންގައި ވެސް މިހާރު ދަނީ ކާބޯތަކެތީގެ އަގުތައް އުފުލެމުންނެވެ.

ސޫދާންގައި ހަނގުރާމަ ފެށުމާއެކު، އަދި ވެރިރަށް ޚަރްތޫމްގެ މަގުތަކުގައި ވެސް ދެ ފަރާތުގެ ސިފައިންގެ މެދުގައި ހަމަލާތައް ބަދަލުކުރަމުން ދާތީ، އެތައް ހާސް ބަޔަކު ދަނީ ސޫދާން ދޫކޮށް، އަވައްޓެރި ގައުމުތަކަށް ހިޖްރަ ކުރަމުންނެވެ. ސޫދާންގެ ހުޅަނގުގައި އޮތް ޗާޑަށް ވެސް، މިދިޔަ ދެ ހަފުތާގެ ތެރޭގައި އެތައް ހާސް ރެފިއުޖީން ސޫދާނުން އައިސްފައިވެ އެވެ. އަދި ސޫދާންގެ ދެކުނުން އޮންނަ ދެކުނު ސޫދާނަށް އެތެރެވި ރެފިއުޖީންގެ އަދަދު ވެސް އެތައް ހާހަކަށް އަރަ އެވެ.

ސޫދާންގައި ދާ ހަނގުރާމަ ފެށުނީ، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ)ގެ ކޮމާންޑަރުކަމުގެ ދަށުގައި އޮންނަ، ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން، މި މަހުގެ 15 ވަނަ ދުވަހު ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށް ހަމަލާ ދޭން ފެށުމުންނެވެ. އެ ލަޝްކަރުގެ ބޭނުމަކީ، ސިފައިންގެ މައި މަރުކަޒާއި، ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ޓީވީ ސްޓޭޝަނާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިފައި، ގައުމު އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމެވެ.

މި ހަނގުރާމަ އަށް 16 ދުވަސް ވެގެން ދިޔައިރު، މިހާތަނަށް އާންމުންގެ ތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 500 އަށް ވުރެ މަތިވެފަ އެވެ. ޒަޚަމްވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާއިރު، ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވޭ ހަމަލާތަކުގައި ހޮސްޕިޓަލުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ސިއްހީ ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ނެތެވެ.

ހަނގުރާމަ ފެށުނު ފަހުން މިވީ 16 ދުވަހުގެ ތެރޭގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހިކުރުމުގެ ގޮތުން، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ތިން ފަހަރެއްގެ މަތިން ވަނީ، ދެ ފަރާތުގެ ލަޝްކަރުން އެއްބަސްވެފަ އެވެ. ނަމަވެސް އެއިން އެންމެ ފަހަރަކު ވެސް، އެއްބަސްވުމާ އެއްގޮތަށް އަމަލެއް ނުކުރެވެ އެވެ.

ހަނގުރާމަ ހުއްޓޭނެ ދުވަހެއް ނޭނގޭތީ، ސޫދާންގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެ ގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތް، އެކަމުގެ ގާބިލުކަން ހުރި ގައުމުތަކުން މިހާރު ވެސް ކުރަމުން އެބަދެ އެވެ. އެކަމުގައި އިނގިރޭސި ވިލާތާއި ސައޫދީ އަރަބިއްޔާ އިން ބުރަ މަސައްކަތްތަކެއް ކޮށް، އެކި ގައުމުތަކުގެ އެތައް ހާސް ބަޔަކު މިހާރު ވަނީ ސޫދާނުން ބޭރަށް ގެންގޮސްދީފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454