ކުޅިވަރު / އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ލޯންގް ޑިސްޓެންސް ދުވުންތެރިންނަށް ތަމްރީނުގެ ފުރުސަތެއް ނެތް؟

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮތީ ބޯމަތިވެފަ އެވެ. ދުރާލައި ތަމްރީންތައް ފެށި އެއް އެސޯސިއޭޝަނަކީ، އެތުލެޓިކްސް އެވެ. އެ އެސޯސިއޭޝަންގެ ސްޕްރިންޓް އަދި މިޑްލް ޑިސްޓެންސް އެތުލީޓުން މިހާރު ވެސް ތިބީ ރާއްޖެއިން ބޭރުގެ ޓްރޭނިން ކޭމްޕުތަކުގަ އެވެ.

ޓްރޭނިން ކޭމްޕެއްގެ ފުރުސަތު ނެތީ ހާފް މެރަތަން އެތުލީޓުންނަށެވެ. އެ ގޭމްސްގައި ހާފް މެރަތަންގައި ރާއްޖެ ތަމްސީލުކުރަން ފުރުސަތު ލިބޭނެ ކަމަށް ބެލެވޭ ދުވުންތެރިޔަކީ 2015 ގައި ރީޔޫނިއަންގައި ބޭއްވި ގޭމްސްއިން ބްރޯންޒް މެޑަލް ހޯދި ޝަމްހާ އަހުމަދެވެ. މިހާރު ޑިސްޓެންސް ދުވުންތަކަށް ހާއްސަވެގެން ހުރި ކުރީގެ ސްޕްރިންޓް ދުވުންތެރިޔާ ވަނީ ރާއްޖޭގެ ޑިސްޓެންސް ދުވުންތަކުގެ ހުރިހާ ރެކޯޑެއް ހަދައިފަ އެވެ. ލޯންގް ޑިސްޓެންސްގައި މިހާރު އޭނާ އަށް ވުރެ ބާރަށް ދުވާ އެހެން ދުވުންތެރިއަކު ނެތެވެ.

ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ޝަމްހާ ވެސް ބުނީ އޭނާގެ މި އަހަރުގެ އެންމެ ބޮޑު ޓާގެޓަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކަމަށެވެ. އެ ގޭމްސްއިން އަނެއްކާ ވެސް ރާއްޖެއަށް މެޑަލްއެއް ހޯދައިދޭން ފައިނަގައިގެން ހުރި ނަމަވެސް އެތުލެޓިކްސް އެސޯސިއޭޝަންގެ އެއްވެސް ޓްރޭނިން ޕްރޮގްރާމެއްގެ ހިލަމެއް އޭނާ އަކަށް ނުވެ އެވެ.

ގޭމްސްގައި ހާފް މެރަތަންއިން ދެން ފުރުސަތު ލިބޭނެ ކަމަށް ބެލެވޭ އަންހެން އެތުލީޓަކީ އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ވާދަކުރި މަރްޔަމް އަބްދުލް ކަރީމެވެ. އެ ފުރުސަތު ލިބޭނެ ކަމަށް ބެލެވޭ ފިރިހެން އެތުލީޓަކީ މި އަހަރު ޑާކާ މެރަތަންގައި ގައުމީ ޓީމު ތަމްސީލުކުރި ޔޫސުފް އިބްރާހިމް އެވެ.

މެރަތަން އާއި ހާފް މެރަތަން އަށް ދުވުންތެރިން ތަމްރީން ކުރަމުން އަންނަ ކޯޗު، ނަސްރުﷲ އަހުމަދު ބުނި ގޮތުގައި ލޯންގް ޑިސްޓެންސް ދުވުންތެރިންނަށް އައިއޯއައިޖީ އަށް ތައްޔާރުވާން ޓްރޭނިން ކޭމްޕެއް ލިބިފައި ނެތުމަކީ ކަންބޮޑުވުމެކެވެ.

"ސްޕްރިންޓާއި މިޑްލް ޑިސްޓެންސްގެ ދުވުންތެރިން މިހާރު އެދަނީ ގޭމްސް އަށް ތައްޔާރުވާން ބޭރުގައި ޓްރޭނިން ހަދަމުން. އެކަމަކު ލޯންގް ޑިސްޓެންސް އެތުލީޓުންނަށް ފުރުސަތެއް ލިބިފައި ނެތީ،" ޝަމްހާ އާއި ޔޫސުފަށް ވެސް ކޯޗުކޮށްދޭ ނަސްރު ބުންޏެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ، އެސޯސިއޭޝަނުން ކަނޑައަޅައިފައިވާ ކްރައިޓީރީއާއަށް ރޭސްތަކުގެ ޓައިމިން ނިންމާ ލޯންގް ޑިސްޓެންސް ދުވުންތެރިންނަށް ގޭމްސް އަށް ހާއްސަކޮށް ޓްރޭނިން ކޭމްޕް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން، ފިރިހެން ދުވުންތެރިންގެ ތެރެއިން ހާފް މެރަތަންގައި 1 ގަޑިއިރާއި 12 މިނެޓުން އަދި އަންހެން ދުވުންތެރިންގެ ތެރެއިން 1 ގަޑިއިރާއި 29 މިނެޓުން ރޭސް ނިންމާ އެތުލީޓުން އެ ކްރައިޓީރިއާ އަށް ފެތޭނެ ކަމަށް މުންތަގިމް ވިދާޅުވި އެވެ.

އަންހެނުންގެ ހާފް މެރަތަންގެ ގައުމީ ރެކޯޑް އޮންނަ ޝަމްހާ އަހުމަދު އެންމެ ފަހުން ރެކޯޑް ހެދީ 1 ގަޑި 29 މިނެޓަށް ވުރެ ގާތްގަނޑަކަށް ތިން މިނެޓް އަވަހަށެވެ. އޭނާ އެންމެ ފަހުން ގައުމީ ރެކޯޑް ހެދީ 1 26 މިނެޓް 42 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފިރިހެން އެތުލީޓުންގެ ތެރެއިން 1 ގަޑިއިރާއި 12 މިނެޓަށް ވުރެ އަވަހަށް މިދިޔަ ހަތަރު އަހަރުތެރޭ އެއްވެސް ދުވުންތެރިޔަކު ރަސްމީ ރޭހެއް ނިންމާފައެއް ނުވެ އެވެ. ހާފް މެރަތަންގެ ފިރިހެނުންގެ ގައުމީ ރެކޯޑް އޮންނަ ޝިފާޒު މުހައްމަދު، 2019 ގެ ގޭމްސްގައި ވާދަކޮށް ހަތަރުވަނަ ހޯދައި ގައުމީ ރެކޯޑް ހެދީ ވެސް 1 ގަޑިއިރާއި 10 މިނެޓް 55 ސިކުންތުން ނިންމައިގެންނެވެ. އެކަމަކު ޑިސިޕްލިނަރީ މައްސަލައެއްގައި ސަސްޕެންޝަގައި ހުރުމުން ރަސްމީ އެއްވެސް އިިވެންޓެއްގައި ވާދަކުރުން އޭނާ އަށް މަނަ އެވެ.

މައުލޫމާތު އެނގޭ އެހެން މީހަކު ބުނީ ގޭމްސްގެ ކުރިން ގާތްގަނޑަކަށް ތިން މަހުގެ ޓްރޭނިން ކޭމްޕަށް އެތުލީޓުން ފޮނުވަން ސްޕޯޓްސް މިނިސްޓްރީން ޕްލޭންކޮށްފައި ވީނަމަވެސް އެކަމަށް ބަޖެޓް ހަމަޖައްސައިދީފައެއް ނުވެ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެލެނިވެރިން

02 May 2023

ބާސްކެޓުން ފަސައިގެން އުޅެނީ ، ވަކިބައެއް ގެ އެކެޑަމީތަކުން ކުދިން ނަގައިގެން ، އެކަމަކު ދާނީ ޗޮކުން . ވިޔަފާރި ދަތުރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454