ޑރ. މުނައްވަރާއެކު ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން: މާދަމާ ބާއްވާ ޕްރެސް ކޮންފަރެންސްގައި އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
02 މެއި 2023 - 23:13
ޗާގޯސް މައްސަލާގައި ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ވަޒީރުންނާއި ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ނިއުސް ކޮންފަރެންސެއް މާދަމާ ބާއްވަން ނިންމައިފި އެވެ.
މި ނިއުސް ކޮންފަރެންސް އިންތިޒާމުކުރައްވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިރޭ "މިހާރު" އަށް ވިދާޅުވީ ކުރީގެ ވަޒީރުންނާއި ބަންޑާރަ ނައިބުން އަދި އެކިއެކި ސިޔާސީ ބޭފުޅުންގެ އިތުރުން ޗާގޯސް މައްސަލާގައި ކަންބޮޑުވާ އާންމުންގެ ބައެއް މީހުން ވެސް އެ އިވެންޓުގައި ބައިވެރިވާނެ ކަމަށެވެ.
ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ފާތިމަތު ދިޔާނާ ސައީދު އާއި އާޒިމާ ޝަކޫރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް އެ ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"އެ ބޭފުޅުން އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުން ވަޑައިގެން، މި މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.
އެ ނިއުސް ކޮންފަރެންސް އޮންނާނީ މާދަމާ ހަވީރު 4:00 ގައި މާލެ މެންހަޓަން ބިޒްނަސް ހޮޓެލްގެ ބެންކުއެޓް ހޯލުގަ އެވެ.
މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ ބައި ބެހުމުގެ މައްސަލަ މިދިޔަ ހުކުރު ދުވަހު ވަނީ ނިންމައިފަ އެވެ. އެ މައްސަލަ ނިމުނީ ވެސް ރާއްޖޭގެ ކޮޅަށެވެ. މި މައްސަލާގައި މޮރިޝަސް އަށް ދައުވާ ނުކުވޭނެ ކަމަށް ރާއްޖޭން ބުނަމުން ދިޔަޔަސް ޗާގޯސް އަކީ މޮރިޝަސްގެ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ލަފަޔަށް ރިއާޔަތްކޮށް ޓްރައިބިއުނަލް އިން މި މައްސަލަ ބެލީ އެވެ.
ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. އެ ނިންމި ނިންމުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން އިން ވަކިކުރުން ކަމަށާއި ރާއްޖެ އަކީ ބައިނަލްއަގުވާމީ އުސޫލުގެ ތެރެއިން އިން ވަކިކުރެވިފައިވާ ގައުމަކަށް މިއަދު ވެއްޖެ ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުން ބުނީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ނަމަވެސް، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިއީ އޮޅުވާލައިގެން ކުރި ކަމެއް ކަމަށެވެ. އަދި ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށާއި އެ ކަނޑުގެ ސަރަހައްދު ރާއްޖެއަށް ލިބެން އޮއްވައި، ސަރުކާރުން މޮރިޝަސްއާ ސިއްރު ޑީލެއް ހަދައިގެން އެތަން ދޫކޮށްލީ ކަމަށް ތުހުމަތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
03 May 2023
ސަމް ޕީޕަލް ނީޑް ސަމް އެޓެންޝަން
ކާތިބު
03 May 2023
ތިޔަ ނޫސްކޮންފަރެންސް ގައި އެންމެ ފުރަތަމަ މިސުވާލަށް ޖަވާދީބަލަ. ރާއްޖެއިން ގެއްލުނޭ ތިޔަ ބުނާ ބައެއް ނުވަތަ ސަރަހައްދެއް ރާއްޖެ އަށް ލިބުނުއިރަކާ އަދި އެލިބުނުވަރު ރާއްޖޭގެ އެއްވެސް ލިޔެކިއުމަކުން ފެންނަން އެބައޮތްތޯ އާއި އެލިއުމަކީ ކޮބައިތޯ؟ ދެވަނަޔަށް ބުނެދީބަލަ އީއީޒެޑް ބެހުމުގައި ދެގައުމެއްގެ ސަރަހައްދު ފުށު އަރަންޏާ ހަދަން އޮންނަ ބައިނަލް އަގުވާމީ މިންގަޑާ އުސޫލުތަކަކީ ކޮބައިތަ؟ ސަރަހައްދު ބަލަން ކަޑަ ޖަހަނީ ކިހާ ހިސާބަކުން؟
އަލިފުޅު.
03 May 2023
ކަލޭ ފުރަތަމަ ލިޔަންކިޔަން ދަސްކޮށް ޤާނޫނުއަސާސީގައި ތިޔަބުނާ ވާހަކަ ލިޔެފައިއޮތްތޯ އާއި އޭގައި ލިޔެފައިއޮތީ ކީކޭތޯ އަމިއްލައަށް ބަލާ ދަސްކޮށްބަލަ. އޭގެފަހުން ކަލޭ ތިޔަ ސުވާލުތައް އެހެންމީހުނާއި ކުރޭ.
ޕާޓީ ޒުވާބު ގައުމީ ޒުވާބަކަށް ވެދާނެ ނުވެދާނެ
03 May 2023
މިގައުމާގެން ތިބީ ހަމަ އަހަރެމެން. ޗާގޯސް ދިވެހިންނަށް ލިބެން އޮތް ތަނެކޭ ނުވަތަ ލިބެންވާނެ ތަނެކޭ ނޫނީ ނޫނެކޭ މަޝްވަރާއަށާ ގައުމަށްޓަކައި ކިޔުމާ އޮޅުވުމަކަށާ ޒާތީބޭނުމަށް ކިޔުން ވަރަށް ތަފާތު. ލިބުނު އެއްޗެއްގެ ޚުލާޞާއަކީ: މޮރިޝަސްއަށް އެގައުމާ ރާއްޖެއަށް ވުރެ ދުރު އެއް ކޯސްޓްގެ ބޮޑު ބިންއޮތް އަތޮޅަކާ 120،000 އަކަކިލޯމީޓަރު ވަރުގެ އިގްތިޞޯދީ ކަނޑެއް ލިބުނުއިރު ރާއްޖޭގެ އިގްތިޞޯދީ ބޭންޑުން 45،600 އަކަކިލޯމީޓަރުގެ ކަނޑު މޮރިޝަސްއަށް ދިޔައީ.
އައްބެ
03 May 2023
ތިޔަ ހުރިހާ ރައީސުންނާއި ސިޔާސީ ލީޑަރުންނާއި ބަންޑާރަ ނައިބުންނާއި ވަޒީރުން ފޯޅަވަހި ހޯދަން މަސައްކަތްކުރާގޮތަށް މަލިކު ހޯދަން މަސައްކަތްނުކުރަނީ ކީއްވެތޯ؟ އިންޑިޔާދެކެ ބިރުންތޯ؟
ޖުމާން
03 May 2023
ކަލޭދެކެ ބިރުން
ދަންނަ މީހާ
03 May 2023
ކަނޑުކޮހުން ދައްކާ ވާހަކަ އަޑުއަހާ އެ ގަބޫލުކުރާ މީހުންނޭވެ.. އޭނީ އާޒިމާ ޝުކޫރު.. ސަމާލުވޭ...
ހުސްނުހީނާ
03 May 2023
ސިޔާސީ ޗަރުކޭހެއް ކުޅެން ތިއުޅެނީ! ތިހުރިހާ މިނިސްޓަރުންނާއި، ނައިބުންގެ ބާރުހުރިއިރު ޗާގޮސްއެކޭ ކިޔާތަނެއް އޮތްކަންވެސް ނޭގޭ! މިހާރު ދެން ކޮންހޮޅި ވާހަކައެއް ތިދައްކަނީ؟ ބަލަގަ އަހަރުމެންނަށް އެނގޭ ތިކުޅޭ ޑުރާމާ!
ފީޕީއެމް ދެބޯ ގެރި ދުއްވުން
03 May 2023
2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި، ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދައުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވައިލި އދ. ގެ އާއްމު މަޖިލީހުގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން، ރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެކަމަށް ބުންޏެވެ.މިވެރިން ނައް ދެއްކޭނުދެންކޭ ވާހަކަ ނޭގޭހިސާބައް ގޮސްފަ
ތެދުބަސް އަސާސީ ހައްގެއް
03 May 2023
ކިހާ ވަރެއްގެ ކާމިޔާބެއް ބާ؟ އެވަނީ މޮރިޝަސްގެ ނާކާމިޔާބަކަށް ދެއްތޯ؟ އެނާކާމިޔާބަކި ރާއްޖޭގަ ނެތްވަރު މާސިންގާ ދުރު އަތޮޅަކާ ވަށާސަރަހައްދު! އޭގެތެރޭގައި ރާއްޖެއަށް ހިމެނެން އޮތް 46281 އަކަކިލޯމީޓަރު ގެ ކަނޑު! ދިވެހިން ދެލޯމެރި ނަމަވެސް އައްޑޫ ގަމު ތޮށިގަނޑަކުން ނޫން، ދެބައްރުގެ ޑިސްޓޭންޝަނަލް ލައިނަކުން އިންވަކި ކުރީހީ. ފުށުއަރާ އޭރިޔާގެ 46281.5 އކ އިތުރަށް 950 އަކަކިލޯމީޓަރު އެއީ އޭރިޔާގެ އެންމެ %1.0 އެއީ ޚުލާޞާއަކީ!
ގަހަރުލާދާ
03 May 2023
މިފަހުން އުފެދިފައިވާ ގައުމީ ކޮންމެ ފިތުނައެއްގެ ތެރެއަށް، ދަލުބޭރުން ޖެހިވަޑައިގެން އެފިތުނައަށް އިތުރަށް ޕެޓްރޯލް އަޅުއްވާ އިތުރަށް ބޮޑު ކުރައްވަމުން ވަޑައިގަންނަވާ ދިވެހިރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ޒައީމު، މިފަދަ ބޮޑު ފިތުނަގަނޑެއްގެ ތެރެއަށް ޕެޓްރޯލް ނާޅުއްވާ ހަނު ހުންނަވާނީ ރަން 30 އަހަރު ވެސް ޗާގޯސްއަކީ ރާއްޖެއާ ބެހޭތަނެއް ނޫންކަމަށް ބައްލަވާފައޮތީމަ. އެހެންނޫންނަމަ ޔޯގާ ފިތުނަ ބޮޑުކުރެއްވި ގޮތަށް ޒައީމު މީގެ ތެރެއަށް ވެންނެވީސް.
ޒައިކް33
03 May 2023
ސިޔާސީ ގޭސް އަނބުރަން ތެޅޭ ކިހައްޑިހައިން.. ތެޅުނު ތެޅުނު ހެން ދާނީ ހުޅުނބު