ދުނިޔެ / ގާޒާ

އިޒްރޭލު-ގާޒާ ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

03 މެއި 2023 - 12:26

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ ގާޒާގެ ތެރެއިން އިޒްރޭލުގެ ރަށްތަކަށް ދެމުން ދިޔަ ރޮކެޓް ހަމަލާތަކާއި، އިޒްރޭލުން ގާޒާ އަށް ދެމުން ދިޔަ މިސައިލް ހަމަލާތައް ހުއްޓައިލުމަށް، ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިން އެއްބަސްވެއްޖެ އެވެ.

ގާޒާގެ ތެރެއިން އިޒްރޭލަށް އިއްޔެ ރޮކެޓް ހަމަލާތަކެއް ދޭން ފެށީ، ދައުވާއަކާ ނުލައި އިޒްރޭލުގެ ޖަލުގައި ހައްޔަރުކޮށްފައި ހުރި، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ މެމްބަރު ޚުޟަރު އަދުނާން، ޖަލުގައި ކުރަމުން ދިޔަ ހައިހޫނުކަމުގެ ހަޅުތާލުގައި، އިއްޔެ ހެނދުނު މަރުވުމާ ގުޅިގެންނެވެ. އުމުރުން 45 އަހަރުގެ ޚުޟަރު މަރުވީ، އޭނާ ފެށި ހައިހޫނުކަމުގެ ހަޅުތާލުގެ 87 ވަނަ ދުވަހު އެވެ.

އިޒްރޭލުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ތުހުމަތުގައި އޭނާ މީގެ ކުރިން ވެސް، 12 ފަހަރެއްގެ މަތިން ހައްޔަރުކޮށް، އަށް އަހަރު އިޒްރޭލުގެ ޖަލުގައި ހޭދަކުރަންޖެހިފައިވެ އެވެ. އެ ތުހުމަތުގައި ހައްޔަރުކުރާ ކޮންމެ މީހަކު ވެސް، ދައުވާއެއް އަދި ޝަރީއަތެއް ކުރުމެއް ނެތި، ހަ މަސް ދުވަހުގެ މުއްދަތަށް ޖަލުގައި ހައްޔަރުކޮށް، އެ މުއްދަތު އިތުރު ކުރުމުގެ ބާރު، އިޒްރޭލުގެ ގާނޫނުތަކުން ފުލުހުންނަށް ދީފައިވެ އެވެ.

ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވެފައިވަނީ، ފަލަސްތީނު ގަޑިން ރޭ ދަންވަރު 3:30 އިން ފެށިގެންނެވެ. އިޒްރޭލު ސަރުކާރުންނާއި އިސްލާމިކް ޖިހާދު ޖަމާއަތުން އެކަމަށް އެއްބަސްވީ، މިސްރާއި ގަތަރާއި އދ. މަޖިލީހުން އިސް ނަގައިގެން ކުރި މަސައްކަތްތަކުންނެވެ.

ހަމާސް ޖަމާއަތުން ބުނި ގޮތުގައި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް ހުއްޓުވައިދިނުމަށް އެދި، ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވަނީ، މިސްރާއި ގަތަރު ސަރުކާރު އަދި އދ. މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

ދެ ފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފެށީ، ޚުޟަރު އަދުނާން މަރުވުމާ ގުޅިގެން، އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމުންނެވެ. ރޮކެޓް ހަމަލާތައް ފެށުމާއެކު، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުންނާއި ޓޭންކުތަކުން، އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ތިބި ކަމަށް ޝައްކު ކުރެވޭ ތަންތަނަށް ހަމަލާތައް ދޭން ފެށި އެވެ.

އިޒްރޭލު ސަރުކާރުން ބުނި ގޮތުގައި އިއްޔެ ގާޒާގެ ތެރެއިން އިޒްރޭލުގެ އެކި ސަރަހައްދުތަކަށް 30 ރޮކެޓް ފޮނުވައިލި އެވެ. އޭގެ ތެރެއިން ގިނަ ރޮކެޓްތައް، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ވައިގެ ތެރޭގައި ގޮއްވައިލި އެވެ. ނަމަވެސް އެ ނިޒާމުން ރެކިގަތް ދެ ރޮކެޓެއް، ގާޒާގެ އިރުމަތީގައި އޮންނަ ޔަހޫދީ އާބާދީއެއް ކަމަށްވާ ސްދެރޯތުގެ އިމާރާތަކަށް އަމާޒުވެ، އިޒްރޭލުގެ ތިން މީހަކު ޒަޚަމްވި އެވެ.

ހައިހޫނުކަމުގެ ހަޅުތާލުގައި ޚުޟަރު އަދުނާން މަރުވުމާ ގުޅިގެން، އެކަމަށް އިހުތިޖާޖްކުރުމުގެ ގޮތުން، ޚަލީލު ސަހަރުގެ ގިނަ ފިހާރަތަކާއި ސައި ހޮޓާތައް އިއްޔެ ހުރީ ބަންދުކޮށްފަ އެވެ. އަދި ޚަލީލު ސަހަރުގެ މަގުތަކަށް ނުކުމެ މުޒާހަރާކުރަން އުޅުނު ފަލަސްތީނުގެ ޒުވާނުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ވެސް އިއްޔެ ކުރިމަތިލުންތައް ހިނގި އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454