އިނގިރޭސި ވިލާތް އީޔޫން ވަކިވުމުގައި ޕާލަމެންޓުގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުން އުއްތަމަ ފަނޑިޔާރު (މ) އިއްވަވަނީ. --ފޮޓޯ:އޭއެފްޕީ
24 ޖެނުއަރީ 2017 - 16:15
ލަންޑަން (ޖެނުއަރީ 24) - އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ ޕްރޮސެސް ކުރިއަށްދާ އިރު ޕާލަމެންޓުގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް އެ ގައުމުގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ސަރުކާރުން ބޭނުންވާ ގޮތާ ދެކޮޅަށް ނޮވެމްބަރު މަހު ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން އެ ނިންމުމަށް ތާއީދު ކުރުމާ އެކު ޕާލަމެންޓުގެ ރުހުން ނެތި އީޔޫ އިން ވަކިވުމުގެ މަސައްކަތް އިނގިރޭސި ސަރުކާރަށް ދެން ކުރިއަކަށް ނުގެންދެވޭނެ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ ގޮތުން އީޔޫން ވަކިވުމުގައި ސްކޮޓްލެންޑް، ވޭލްސް އަދި ނޯދަން އައިލެންޑުގެ ޕާލަމެންޓުގެ ބަހެއް އޮންނާކަށް ނުޖެހެ އެވެ. ސުޕްރީމް ކޯޓުގެ 11 ފަނޑިޔާރުންގެ ތެރޭން އަށް ފަނޑިޔާރުން ވަނީ މި ނިންމުމަށް ތާއީދު ކޮށްފަ އެވެ.
އިނގިރޭސި ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް ޖެރެމީ ރައިޓް ނޫސްވެރިންނާ ވާހަކަ ދަައްކަވަނީ. --ފޮޓޯ:އޭއެފްޕީ
އިނގިރޭސި ސަރުކާރުން ބުނަމުން ދިޔައީ ލިޒްބަން މުއާހަދާގެ 50 ވަނަ މާއްދާގައިވާ ގޮތުން ޕާލަމެންޓުގެ ރުހުން ނެތި ވެސް އީޔޫ އިން ވަކިވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މާޗު މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމަން ސަރުކާރުން ބޭނުންވެ އެވެ.
ހައި ކޯޓުން ނޮވެމްބަރު މަހު ނިންމާފައި ވަނީ އީޔޫގެ މެންބަރު ގައުމެއް އަމިއްލަ އަށް އެ ޖަމާއަތުން ވަކިވުމާ ބެހޭ ލިޒްބަން ޓްރީޓީގެ 50 ވަނަ މާއްދާއާ އެއްގޮތަށް ރަސްމީ މަޝްވަރާ ކުރިއަށް ގެންދެވޭނީ ޕާލަމެންޓުގެ މެންބަރުންގެ ތާއީދާ އެކު ކަމަށެވެ.
ސަރުކާރުގެ ވަކީލުން ބުނެފައި ވަނީ އީޔޫ އިން ވަކިވުމުގެ ވޯޓު ނެގީ ޕާލަމެންޓުން ފާސްކުރި ގާނޫނެއްގެ ދަށުން ކަމަށާއި އެހެންވެ ޕާލަމެންޓުގެ އިތުރު ރުހުމެއް ނެތި އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ބޮޑު ވަޒީރު ތެރޭސާ މޭ އަށް ފެއްޓެވޭނެ ކަމަށެވެ.
އިނގިރޭސި ވިލާތް އީޔޫން ވަކިވުމުގައި ޕާލަމެންޓުގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށް ނިންމައި ދިނުމަށް ކޯޓަށް މައްސަލަ ވެއްދި އެސްސީއެމް ޕްރައިވޭޓުގެ ކޯ-ފައުންޑާ ގިނާ މިލާ (މ) ސުޕްރީމް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދަައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ބޮޑު ވަޒީރު އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ އިނގިރޭސި ރައްޔިތުން ވަނީ އީޔޫ އިން ވަކިވުމަށް ވޯޓު ދީފައި ކަމަށާއި އެ ނިންމުން ސަރުކާރުން ތަންފީޒު ކުރާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން އެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީޔޫ އިން ވަކިވުމަށް ފެނޭތޯ ބެލުމަށް މިދިޔަ އަހަރު ޖޫން މަހު ނެގި ވޯޓުގައި ރައްޔިތުންގެ 51.9 ޕަސެންޓް މީހުން ތާއީދުކޮށްފައި ވަނީ 28 ގައުމު ހިމެނޭ ޖަމާއަތުން އިނގިރޭސިން ވަކިވުމަށެވެ. އެ ޖަމާއަތުން ވަކިވުމާ ބެހޭ މަޝްވަރާތަކުގައި ޕާލަމެންޓުގެ ރޯލު އޮންނަން ޖެހޭނެ ކަމަށް ބުނެ ކޯޓަށް މައްސަލައެއް ވެއްދީ ވިޔަފާރިވެރިންތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައުސްއޮފްލޯޑްސް
24 January 2017
ސްޕްރީމް ކޯޓުތަ ނޫނީ ހައުސް އޮފް ލޯޑްސްތަ؟؟ ޢިނގެރޭސި ޝަރުޢީ ނިޒާމުގަ ފަހުބަސް އިއްވުގެ ބާރުވެސް އޮންނަނީ ޕާލަމެންޓަށޭ އެބަހީ ހައުސް އޮފް ލޯޑް އަށޭ ބުނާތީ އަހަން... އަޅެ ކޮންމެ ވެސް ކުއްޖަކު މިކަން ސާފުކޮށްލަދީ ބަލަ
ފަނާ
24 January 2017
ތި އޮތީ ޑެމޮކްރަސީއޭ ކިޔާ ްައުމުގަިއ ތިކަން އޮތް ގޮތް. ރައްޔިތުން ބުނީމަވެސް އެކަމެއް ނުވޭ