ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ލީގާ ކުރިމަތިލިއިރު ވެސް ވެލެންސިއާ އާއީ ޓީސީގެ ހާލަތު ބަދަލެއް ނުވި

ލީގު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު ވެލެންސިއާ އާއި ޓީސީ ބައްދަލުކުރާ މެޗުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަން މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ޕްރިމިއާ ލީގުގެ ހަ ޓީމަކުން ވާދަ ކޮށްފައި ވާއިރު ވެލެންސިއާ އާއި ޓީސީ ވެސް ކުޅުނުވެ. މުބާރަތުގެ ސެމީ ފައިނަލަށް ނުގޮސް ކެޓީ ވެސް މި ދެ ޓީމެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމަކުން ނެރުނު އެންމެ ޒުވާން ޓީމާ އެކު ވެލެންސިއާ މުބާރާތް ކުޅުނު އިރު، މިދިޔަ ސީޒަންގައި ޓީސީ އިން ފެނުނު ގިނަ ކުޅުންތެރިންތަކެއް ވަނީ ކްލަބުގައި ވަނީ މަޑުކޮށްފަ އެވެ.

އެ މުބާރާތަށް ހަފްތާއަކަށް ވެފައި ވަނިކޮށް ޕްރެކްޓިސް ފެށި ވެލެންސިއާ އިން، މިދިޔަ ސީޒަންގައި ބައެއް ކުޅުންތެރިންނަށް ދޭން ހުރި މުސާރައިގެ މައްސަލައާ ހުރެ، މި ސީޒަނަށް އެހެން ކުލަބުތަކުން އެޓީމަށް ގެނައި އާ ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރެވިފައެއް ނުވެ އެވެ. އާ ކުޅުންތެރިންގެ ތެރޭގައި ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ރިލްވާން ވަހީދު (ރިލޭ) ހިމެނެ އެވެ.

ފެސްކޯ ބުނީ ކްލަބްގެ އިދާރީ މައްސަލަތައް ހައްލުކުރަން މެނޭޖްމަންޓުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި، ކަންކަން ހައްލުވެ އާ ކުޅުންތެރިން ޓީމާ ގުޅުނުހާ އަވަހަކަށް ސީޒަންގައި ވެލެންސިއާގެ ހާލަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"އޭގެ މަސައްކަތް މެނޭޖްމަންޓުން ކުރަމުން އެދަނީ. އަޅުގަނޑަކީ ޓެކްނިކަލް ޓީމުގެ ހެޑް،" ގަލޮޅު ދަނޑުގައި އިއްޔެ އޮތް ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވެލެންސިއާގެ އާ ކުޅުންތެރިންގެ ރަޖިސްޓްރޭޝަނާ ގުޅޭގޮތުން ސުވާލު ކުރުމުން ފެސްކޯ ބުންޏެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވެލެންސިއާގެ ކޯޗު ފެސްކޯ މީޑީއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލެންސިއާ ލީގަށް ނުކުންނާނީ ވެސް ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރި ޒުވާން ސްކޮޑާ އެކު އެވެ. ފެސްކޯ ބުނީ ޕްރެޒިޑެންޓްސް ކަޕްގައި ކުޅެލަން ލިބުނު ދެ މެޗުގައި ވެސް ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިފައި ވާކަމަށާއި، ޓެކްނިކަލް ޓީމު ހިތްހަމަ ޖެހޭ ފަދަ ކުޅުމެއް އެ ކުޅުންތެރިން ފަރާތުން ފެނުނު ކަމަށެވެ.

"އަޅުގަނޑުމެން އަދި އުންމީދު ކޮށްގެން މިތިބީ ޒުވާން ޓީމާ އެއްކޮށް ކުރިއަށް ދާން. ޓީސީ އާ ދެކޮޅަށް (މިއަދު) ހަވީރު ނުކުންނަ މެޗުގައި ވެސް އިރާދަ ކުރެއްވިއްޔާ ގައުމީ މުބާރާތުގައި ފެނުނު ޓީމް މައިގަނޑު ގޮތެއްގައި ފެނިގެންދާނީ،" ފެސްކޯ ބުންޏެވެ.

"އިތުރު އެއްޗެއް ބުނެލާނަމަ އަޅުގަނޑު ދަންނަވާނީ ޓެކްނިކަލް ޓީމު ވަރަށް ހިތްހަމަ ޖެހޭވަރުގެ ޕާފޯމަންސެއް ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނޭ. މުބާރާތުގެ އިތުރަށް ވެސް ޕްރެކްޓިސް ކޮށްލާނެ ފުރުސަތު ލިބިގެން ދިޔަ. އެއީ [ލީގަށް] ތައްޔާރުވުމަށް ލިބުނު އިތުރު ފުރުސަތެއް."

ޒުވާން ކުޅުންތެރިންނާއެކު ނުކުންނަ ވެލެންސިއާ ވަނީ ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ދެ މެޗުން ވެސް ބަލި ވެފަ އެވެ. އެ ޒުވާން ކުޅުންތެރިންނަށް ނަތީޖާ ނުނެރެވުމަކީ ކުޅުންތެރިންނަށް އެއްވެސް ވަރެއްގެ ޕްރެޝަރަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ނޫން ކަމަށާއި، ކުޅުންތެރިން ޑީމޯޓިވޭޓް ވާނެފަދަ ކަމެއް ވެލެންސިއާ އިން ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ފެސްކޯ ބުނެފައި ވެއެވެ.

"މެނޭޖްމަންޓުން ވެސް ޓެކްނިކަލް ޓީމުން ވެސް އެ ކުޅުންތެރިންނަށް ޕްރެޝަރައިޒް އެއް ނުކުރާނެ. އެމީހުންގެ 100 ޕަސެންޓް ޕޮޓެންޝިއަލް ދެއްކުމުގެ ފުރުސަތު ވެލެންސިއާ ތެރޭގައި އޮންނާނެ އަބަދުވެސް. އެއީ ހަމައެކަނި ފުޓުބޯޅައަކު ނޫން." ފެސްކޯ ބުންޏެވެ.

"ކުޅޭ ހުރިހާ ކުޅިވަރު [މުބާރާތެއް] ގައި ވެސް ވެލެންސިއާ ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އައީ. އެ ހުރިހާ ފަހަރަކުވެސް ވެލެންސިއާ ކާމިޔާބު ހޯދާފައި ވަނީ ގިނައިން ސްޓާ ޕްލޭޔަރުންނަށް ވުރެ ބޮޑަށް ޒުވާން ކުޅުންތެރިންނާ އެކު. އެހެންވެ ވެލެންސިއާ އަކީ އެއްވެސް އިރަކު ކުޅުންތެރިންނަށް ޕްރެޝަރައިޒް ކޮށްގެން އެކުދިންގެ މޯޓިވޭޝަނަށް އެފެކްޓް ކުރާގޮތަށް ނުވަތަ ޑީމޯޓިވޭޓް ވާނެ އެއްވެސް ކަމެއް ކުރި ޓީމެއް ނޫން."

ވެލެންސިއާ އާ ދެކޮޅަށް ނުކުންނަ ޓީސީ އަކީ ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ ފަހުން ޕްރެކްޓިސް ފެށި ޓީމެވެ. އެޓީމުން ޕްރެކްޓިސް ފެށީ މުބާރާތް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. މިދިޔަ ސީޒަންގައި އެޓީމުގައި ތިބި މުހިއްމު ކުޅުންތެރިންގެ ތެރެއިން އެޓީމަށް ގެއްލުނީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި އަހުމަދު ރިލްވާން (ބެން) އެވެ. ނިޝާމް ކްލަބް އީގަލްސް އަށް ބަދަލުވެފައި ވާއިރު ރިލްވާނަކީ މިހާރު ޓީސީގެ ކޯޗިން ސްޓާފެކެވެ.

ލީގުގެ ފުރަތަމަ މެޗުގެ ކުރިން ޓީސީގެ ކޯޗު އަހުސަން މީޑީއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ކޯޗިން ޓީމުން މަދުވަނީ މިދިޔަ ސީޒަންގައި އެޓީމުގެ ބެންޗުން ފެނުނު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މި ސީޒަނުގައި ނިޒާމްބެ ހުރީ އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބުރު ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗުގެ މަގާމުގަ އެވެ. ނިޒާމްބެގެ ބަދަލުގައި ޓީސީ އަށް މިއަހަރު އިރުޝާދު ދެމުން އަންނަނީ އެސިސްޓެންޓް ކޯޗު އަހުސަން ރަޝީދު (ޗޭ) އެވެ.

މަދު ފަރިތަކުރުންތަކާ އެކު ޓީމު ތައްޔާރު ކުރަނީ "ގަދަކަމުން" ކަމަށް ކޯޗު އަހުސަން ވަނީ ޕްރެޒިޑެންޓްސް ކަޕް ތެރޭ ހާމަ ކޮށްފަ އެވެ. ފަރިތަކުރުންތައް މަދު ވިއަސް ޓީސީ ފެނުނީ މަސައްކަތުގެ ރޭޓް ރަނގަޅު ޓީމެއްގެ ގޮތުގަ އެވެ. ޓީސީން ވަނީ ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި އެއް މެޗު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ސެމީ އަށް ނުދިޔައީ ފައިދާ ގޯލުގެ ތަފާތުންނެވެ. އަހުސަން ބުނިގޮތުގައި ޕްރެޒިޑެންޓްސް ކަޕްގެ ދެ މެޗަށް ޓީމަށް ކުރެވުނީ ތިން ޕްރެކްޓިސް ސެޝަނަށް ފަހު އެވެ.

އެ މުބާރާތަށް ފަހު ލީގާ ކުރިމަތިލާއިރު ވެސް ޓީސީގެ ހާލަތަކަށް ބަދަލެއް ނާދެ އެވެ. ކޯޗު ފާހަގަ ކުރާ ގޮތުގައި ލީގުގެ ފުރަތަމަ ތިން މެޗަށް މަސައްކަތް ކުރާނީ އުނދަގޫ ހާލަތާ އެކު ވެސް ލިބޭ ފުރުސަތުތަކުގައި ނަތީޖާ ނެރެވޭތޯ ކަމަށެވެ. އަދި ޕްރެކްޓިސްތަކުގައި ކުޅުންތެރިން ވެސް އަދި ހަމައަށް ބައިވެރިވާން ފަށާފައި ނުވާކަން އޭނާ ފާހަގަ ކުރި އެވެ.

"ލީގަށް ރެޑީވާ ވަރަށް އަދިވެސް ނުވެވޭ. އަންނަ ޖޫން މަހު ފަށާނީ [ރަސްމީ ތައްޔާރީތައް] އަސްލު. މި ތިން މެޗު މެނޭޖް ކޮށްލަން އޮތީ. ލިބުނު ފުރުސަތެއްގެ ފައިދާ އެންމެ ރަނގަޅަށް ނަގާގޮތަށް މިތިބީ،" މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އަހުސަން ބުންޏެވެ.

"އެންމެ ބަރާބަރެކޭ ނުބުނެވޭނެ ޕްރެކްޓިސްތައް. ޕްރެޒިޑެންޓްސް ކަޕްގައި ދެމެޗު ކުޅުނިން، ގަބޫލު ކުރާ ގޮތުގައި އަނެއް ބުރަށް [ސެމީ އަށް] ނުދިޔައީ ޓީމުގެ ޑިސިޕްލިން އެއް ނެތީމަ. ދެ ދުވަހުން އެއް ދުވަހު ޕްރެކްޓިސް ކޮށްގެން ތިން ޕްރެކްޓިސް ފުރިހަމަ ކުރެވުނީ. ކުރެވުނުއިރު ކުޅުންތެރިން ހަމަނުވޭ."

ލީގުގައި ކޮންމެ ޓީމަކުން ވެސް ފުރަތަމަ ތިން މެޗު ކުޅުމަށް ފަހު، ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ބެރޭކެއް ދޭނެ އެވެ. މި މަހުގެ 20 ވަނަ ދުވަހުމުބާރާތް މެދުކަނޑާލާގޮތަށް ދެން ފަށާނީ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ބައްދަލުކުރާ މެޗުން މި އަހަރުގެ ދިވެހި ޕްރިމިއާ ލީގު ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4 ޖަހާއިރެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454