ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް: އޭނާ ބުނީ އީގަލްސްގެ ވަކިވަކި ކުޅުންތެރިންނަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު
08 މެއި 2023 - 12:58
ކްލަބް އީގަލްސް އާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އެ ޓީމުގެ ވަކިވަކި ކުޅުންތެރިންގެ ހަރަކާތްތަކަށް ސަމާލުކަން ދޭނެ ކަމަށް ބުރު ސްޕޯޓްސްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސްއިން، ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އީގަލްސް އާ ދެކޮޅަށެވެ.
ނިމިގެންދިޔަ ޕްރެޒިޑެންޓްސް ކަޕުގައި ބުރު ސްޕޯޓްސް ވަނީ ރާއްޖޭގެ އެންމެ އުހުގައި މިވަގުތު އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އަދި ސެމީގެ މެޗުގައި އީގަލްސް އާ ވާދަކޯށް އެޓީމު ބަލިވީ ފުރިހަމަ ވަގުތުގެ ނަތީޖާ އެއްވަރު ވެގެން، އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.
މި ސީޒަންގައި މާޒިޔާގެ މައްޗަށް އަދި މިހާތަނަށް ކުރި ހޯދުނު ހަމައެކަނި ޓީމަކީ ވެސް ބުރު ސްޕޯޓްސް އެވެ.
"ޕްރެޒިޑެންޓްސް ކަޕްގައި ނޮކައުޓް މެޗަކަށް ބަލާފައި އެޕްރޯޗް ރަނގަޅު ކަމަށް ބަލަނީ. ނަތީޖާ ފަހު ވަގުތު އެނބުރިގެން ދިޔަކަމުގައި ވިއަސް. ނަމަވެސް މިއީ ލީގު މެޗެއް. ލީގު މެޗެއްގެ އެޕްރޯޗް ވަރަށް ބޮޑަށް ތަފާތުވާން ޖެހޭ. އެހެންވެ އެކަންކަމަށް ބަލައިގެން ބުރު އަންނަ މެޗަށް ނުކުންނާނީ. އީގަލްސް އަކީ ޓެކްނިކަލީ ރަނގަޅު ކުޅުންތެރިންނާއި އެކްސްޕީރިއަންސް ސްކޮޑެއް އޮތް ޓީމަކަށް ވާތީ އެއީ އެންމެ މުހިއްމުކަމެއް ބުރުން ދޭނެ އެއް ކަންތައް އީގަލްސްގެ ސްކޮޑާ ދޭތެރޭގައި ވިސްނާނެ،" އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުންޏެވެ.
"އީގަލްސް އިން މިހާތަނަށް މެޗުތަކުގައި ކުޅުމަށް އެ ގެންނަ ބަދަލުތަކާއި ބަދަލު ކުޅުންތެރިން ނުކުމެ އެ ގެންނަ ބަދަލުތަކާ، އެ އެއްޗެއްސަށް ވަރަށް ބޮޑަށް ފޯކަސް ކޮށްފައި އަންނަ މެޗަށް ތައްޔާރު ވެފައި މިއޮތީ. އެގޮތުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭނީ ޓީމް ގޭމަށް ވުރެ ބޮޑަށް އިންޑިވިޖުއަލް ޕްލޭޔާސްގެ މޫވްމަންޓާއި ކަންތައްތަކަށް. ހާއްސަކޮށް އެޓޭކިން ތާޑުގައި ހަރަކާތްތެރިވާ ކުޅުންތެރިންނަށް ފޯކަސް ކޮށްގެން ބޮޑަށް ގޭމަށް ތައްޔާރުވާން."
ނިޒާމްބެ ފާހަގަ ކުރި ގޮތުގައި ޕްރެޒިޑެންޓްސް ކަޕަށް ފަހު ޓީމުން ރަނގަޅު ގިނަ ކަންތައްތަކެއްގެ އިތުރުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް މުބާރާތަށް ފަހު ލީގަށް ނުކުންނައިރު އެ ހުރިހާ ކަމެއް ރަނގަޅު ކުރަން ވަގުތު ނުލިބޭ ކަމަށާއި، ފުރަތަމަ ތިން މެޗަށް ފަހު ލިބޭ ދޮޅު މަހުގެ ބްރޭކުގައި ބޭނުންވާ ސްޓައިލަށް ޓީމު ރަނގަޅަށް ބައްޓަން ކޮށްލެނޭކަމަށް އުންމީދު ކުރާ ކަމަށް ނިޒާމްބެ ބުންޏެވެ.
ހާއްސަކޮށް ކުޅުންތެރިންގެ ފިޒިކަލް ކޮންޑިޝަނަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައި ވާކަން ފާހަގަކޮށް ނިޒާމްބެ ބުނީ ސްކޮޑުގެ ޑެޕްތު ރަނގަޅުކޮށް، ބައެއް މަގާމުތަކަށް ކުޅުންތެރިން އިތުރުކުރަން ބުރުން ވިސްނާނެ ކަމަށެވެ. އަދި ފުރަތަމަ ތިން މެޗަށް ފަހު ވެސް ޓީމުގެ ޕްރެކްޓިސް މެދުކަނޑާ ނުލައި، އަލުން ލީގު ފެށުމުގެ ކުރިން އެ މުއްދަތުގައި ރަނގަޅު ޕްރީސީޒަނެއް ހަދައި ސީޒަންގެ ބާކީ ބަޔަށް ރަނގަޅަށް ތައްޔާރުވާން ބުރުން ސަމާލުކަން ދޭނެ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
ހަމަ އެއާ އެކު ޕްރެޒިޑެންޓްސް ކަޕްގައި ބައިވެރި ވުމުގެ އެންމެ ބޮޑު އަމާޒަކީ ކުޅުންތެރިން އިވަލުއޭޓްކޮށް، ބިދޭސީ ކުޅުންތެރިން ހޯދަން ޖެހޭ މަގާމުތައް ދެނެގަތުން ކަން ހާމަކޮށް، ނިޒާމްބެ ވަނީ އެޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ ޒުވާން ކީޕަރު ޝައިހާން އަލީ އަށް ތައުރީފް ކޮށްފަ އެވެ. ނިޒާމްބެ ބުނީ ބުރުގެ ވިސްނުން ހުރީ މިވަގުތަށް ޝައިހާނަށް ފުރުސަތު ދީގެން އޭނާގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.
"އެގޮތުން ޝައިހާން ހަމަ ޔަގީނުން ވެސް ޕްރެޒިޑެންޓްސް ކަޕްގައި ވަރަށް ރަގަޅަށް ޕާފޯމް ކޮށްފި، އޭނާގެ ފެންވަރު ހުރިކަން ދައްކާލައިފި،" މިދިޔަ ސީޒަންގައި އީގަލްސްގެ 19 އަހަރުން ޓީމުން ފާހަގަވި ޝައިހާނުގެ ކުޅުމާ ގުޅޭގޮތުން ނިޒާމްބެ ބުންޏެވެ.
"ދެން އޮތީ ކްލަބުން ނޫނީ ޓެކްނިކަލް ސްޓާފުންގެ މަަސައްކަތް ޝައިހާން އެއަށް ވުރެ ރަނގަޅު ކުރަން ނޫނީ ޝައިހާން ދިގު މުއްދަތަކަށް އެ ޕާފޯމަންސް އެ ލެވަލްގައި ހިފެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް. ބޭރު ކީޕަރެއް ގެނައުމުގެ ބަދަލުގައި މިވަގުތު ޔަގީނުން ވެސް ބުރުގެ ވިސްނުން ހުރީ ޝައިހާން ބަހައްޓައިގެން ޝައިހާނަށް އެ ފުރުސަތު ދީގެން ދިވެހި ރަނގަޅު ޒުވާން ކީޕަރެއް ނެރުމުގެ މަސައްކަތް ކުރުން."
އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާއިރު އެ ޓީމުގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ކުޅުންތެރިން ހިމެނެ އެވެ. ނިޒާމްބެ ދެކޭގޮތުގައި ސީނިއާ ކުޅުންތެރިން ހިމެނުމަކީ އެޑްވާންޓޭޖެއް ކަމަށާއި ލީގުގައި ވާދަ ކޮށްލެވޭ ފެންވަރުގެ ޓީމެއް ބިނާކުރަން އެ ކުޅުންތެރިންގެ ތަޖުރިބާ މުހިއްމު ކަމެކެވެ.
މި ސީޒަންގައި ރެލިގޭޝަން ނެތް ކަމުގައި ވިއަސް ސީޒަން ފަސޭހަ ކޮށްލުމުގެ ވިސްނުން ނުގެންގުޅޭނެ ކަމަށް ނިޒާމްބެ ބުންޏެވެ. ނިޒާމްބެ ބުނީ، ބުރުގެ ވިސްނުމަކީ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއި އަލަށް ކުޅޭ ކުޅުންތެރިންނާއެކު ރަނގަޅު ޓީމެއް ބިނާކޮށް ލީގުގައި ދެވޭ އެންމެ މައްޗަކަށް ދިޔުން ކަމަށާއި، ބުރަކީ ފުރަތަމަ ޑިވިޝަނުގައި ވާދަ ކޮށްލެވޭ ފެންވަރުގެ ޓީމަކަށް ހެދުމަކީ އެންމެ ބޮޑު ޓާގެޓް ކަމަށެވެ.
"ބައެއް ފަރާތްތަކުން ހީކޮށްފާނެ މިއަހަރު ރެލިގޭޝަން ނެތީމައި ފަސޭހަކޮށް ލީގު ނިންމާލާނޭ. ނޫން. ބުރުގެ ނެތް އެ ވިސްނުމެއް. ބުރުގެ [ވިސްނުން] ހުރީ ބުރަށް ދެވުނު އެންމެ ދުރަކަށް ދިޔުން. ފުރަތަމަ ސީޒަނަށް ވެފައި މި ސީޒަންގަ ރަގަޅު އެއްޗެއް އެޗީވް ކޮށްފަ ބުރު މިއީ، މި ލެވަލްގެ ޓީމެއް ގޮތުގައި މެނޭޖްމަންޓަށް އެ ކޮންފިޑެންސް ލިބުން، ކުޅުންތެރިންނަށް އެ ކޮންފިޑެންސް ލިބުން އަދި ރާއްޖޭގައި ބޯޅަ ބަލާ މިނުންނަށް ބުރަކީ ވާދަވެރި ޓީމެއް ގޮތުގައި ފެނުން. އެއީ އެންމެ މުހިއްމު ޓާގެޓަކީ،" ނިޒާމްބެ ބުންޏެވެ.
އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް: ހެޑް ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބަލިވެ އުޅޭތީ، ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ މުއާވިޔަތު --- ފޮޓޯ: ނިޝާން އަލީ | މިހާރު
ބުރު ބަލިކޮށްފައި ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ގޮސް އީގަލްސް ވަނީ މާޒިޔާ އަތުން ބަލިވެފަ އެވެ. އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް ބުނީ، މެޗުން ބަލިވުމުން އެކަމުގެ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ޓީމުގައި ހުންނާނެ ކަމަށާއި ނަމަވެސް ކުޅުންތެރިންގެ ބުރަ މަސައްކަތާއި ހިތްވަރަކީ ކްލަބުގެ ވެސް ހިތްވަރު ކަމަށާއި އީގަލްސް ނުކުންނާނީ މެޗުތަކުން މޮޅުވެގެން ލީގަށް ވާދަ ކުރަން ކަމަށެވެ.
"އީގަލްސްގެ ޕްލޭނަކީ މެޗުތައް ކާމިޔާބު ކުރުން. ލީގުގައި އިރާދަ ކުރެއްވިއްޔާ ފައިޓް ކުރެވޭ ފެންވަރު އީގަލްސް ޓީމުގައި އެބަހުރިކަމަށް އަލުގަނޑަށް ގަބޫލު ކުރެވޭ،" މުއާވިޔަތު ބުންޏެވެ.
"ކުޅުންތެރިން ކުރި ބުރަ މަސައްކަތް [ޕްރެޒިޑެންޓްސް ކަޕްގައި] އަޅުގަނޑު ފާހަގަކޮށް އެޕްރެޝިއޭޓް ކުރަން. ޕްލޭޔަރުންގެ ހިތްވަރު އީގަލްސްގެ ހިތްވަރަކީ."
މުއާވިޔަތު ބުނީ ބުރު ސްޕޯޓްސް އާ ދެކޮޅަށް ލީގުގައި އެޓީމުގެ ފުރަތަމަ މެޗަށް ނުކުންނައިރު މެޗު އެއްގޮތަކަށް ވެސް ފަސޭހަ ނުކޮށްލާނެ ކަމަށެވެ. އަދި ބުރަކީ ދެވަނަ ޑިވިޝަނުން އައި ކްލަބެއް ނަމަވެސް އެ ޓީމުގައި ފުރަތަމަ ޑިވިޝަނުގެ ފެންވަރު އެބަ ހުރި ކަން މުއާވިޔަތު ފާހަގަ ކުރި އެވެ.
"ބުރު މެޗު އެއްގޮތަކަށް ވެސް ފަސޭހައެއް ނުކުރާނަން. އަޅުގަނޑުމެންނަށް އެ ތަޖުރިބާ ކުރެވިފައި މިއޮތީ. ދެވަނަ ޑިވިޝަނުން އެރި ޓީމަކާ އަޅާ ބަލާފައި ބުރުން ދެއްކި ކުޅުން އެއީ ފުރަތަމަ ޑިވިޝަން ލެވެލްގައި ގައި ގަބޫލު ކުރެވޭ ފެންވަރު ކުޅުމެއް،" ފުރަތަމަ މެޗުގައި އިދިކޮޅުން ނުކުންނަ ބުރު ސްޕޯޓްސް އާ ބެހޭގޮތުން މުއާވިޔަތު ބުންޏެވެ.
އީގަލްސް އަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާ ގުޅިގެން އިލްހާމް ބުނީ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) އާއި ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) އަދިވެސް ހުރީ އަނިޔާގައި ކަމަށެވެ. އަދި އެޓީމުގެ މިޑްފީލްޑަރު އަބްދުﷲ ސަމީހް މޫސާ (ސަމިއްޓެ) ވަރަށް ބޮޑަށް ބަލިވެގެން ފައިނަލް މެޗުގައި އޭނާ އަށް ނުކުޅެވުމުން އެތަން ވަރަށް ބޮޑަށް ދެއްކި ކަމަށް މުއާވިޔަތު ބުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގޭ
08 May 2023
އެއްވެސް ޓީމެއްގެ ވަކި ކުޅުންތެރިޔަކަށް ސަމާލުކަން ދޭކަށް ނުޖެހެ ތިހެން ބުނުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ހަލާކު މިވަގުތު ދުނިޔޭގަތިބި އެންމެ މޮޅެތި ކުޅުންތެރިންނަށްެސް ބޭރުގެ ބޮޑެތި ކުލަބުތަކުން މެޗް ކުޅޭއިރު ސަމާލު ކަމެއް ނުދެ ރާއްޖޭގަ ނުހުންނާނެ އެވަރުގެ މީހަކު