ރިޕޯޓް / މެންޓަލް ހެލްތް

ނުރައްކަލުގެ ރަނގަބީލެއް: މިއަށް ވުރެން އަޅާލަން ޖެހޭ ކަމެއް ނެތް!

ކުދިންގެ ފިޒިކަލް ހެލްތާ އެއްވަރަށް މެންޓަލް ހެލްތު މުހިއްމުވާން ޖެހޭ. ކުއްޖާ އާއި ބެލެނިވެރިންގެ ގުޅުން ލޯތްބާއި އިތުބާރުގެ މައްޗަށް ބަދަހިކުރަން ޖެހޭ.

ކުއްޖަކު އެކަނި މަޑުކޮށްލައިގެން: ތަފާސްހިސާބުން ރާއްޖޭގައި ވެސް ފެންނަން އޮތީ ބިރުވެރި މަންޒަރެއް.

އުމުރުން 11 އަހަރުގައި, އަނދިރި ދުނިޔެއެއްގެ ހާސްކަމުގެ ތެރެއަށް ވެއްޓުނު ކުއްޖާ ސަލާމަތެއް ނުކުރެވުނެވެ. ހިތާމަވެރި މިފަދަ ހާދިސާތަކަށް މަގުފަހިވާން، ކުދިން ވަށާލާފައިވާ ނުރައްކަލުގެ ރަނގަބީލުގެ އަޑުގަދަވެއްޖެ އެވެ. ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަން އޮތީ މާޔޫސްކަމުގައި ގިނަ ކުދިންތަކެއް ތިބި ނާޒުކު ހާލަތެވެ. އުފުލަމުންދާ ވޭނާއި ތަކުލީފެވެ.

އެކަނިވެރިކަމުގައި ކުދިންތަކެއް ގޮތްހުސްވެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ވިސްނުން ކުރިއަށް ނެރޭ ބިރުވެރި މަންޒަރެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހަށް ބަލާއިރު އަމިއްލައަށް މަރުވާން އުޅުމާއި އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ 16 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. މީގެތެރޭގައި ގިނައީ އަންހެންކުދިންނެވެ. ޖެނުއަރީން މާޗް މަހުގެ ނިޔަލަށް ރިޕޯޓްކުރި ކޭސްތަކުގެ އަދަދު މިހާ މަތިއިރު، ފެންމަތިނުވާ މައްސަލަތައް އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ފުރަތަމަ ތިން މަހު ހުށަހެޅި ބައެއް މައްސަލަތައް

● ނަފްސާނީ އަނިޔާގެ 49 މައްސަލަ ރިޕޯޓްކުރި.

● ފިރިހެން ކުދިން 27, އަންހެން ކުދިން 22

● ޖެނުއަރީ: ނަފްސަށް ގެއްލުން ދިނުމުގެ 4 މައްސަލަ (އަންހެން ކުދިން)

● ފެބުރުއަރީ: އަންހެން ކުއްޖަކު އަމިއްލަށް މަރުވާން އުޅުމުގެ މައްސަލައެއް

● އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 3 މައްސަލަ

● މާޗް: 2 އަންހެން ކުދިންނާއި 2 ފިރިހެން ކުދިން އަމިއްލައަށް މަރުވާން އުޅުނު މައްސަލަ ރިޕޯޓްކުރި

● ނަފްސަށް ގެއްލުން ދޭން އުޅުމުގެ 6 މައްސަލަ

"ވަރަށް ބޮޑަށް ވިސްނަން ޖެހޭ ހާލަތެއް"

"ތަފާސްހިސާބުން ފެންނަނީ ހަގީގަތުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ހާލަތެއްގައިކަން މި އޮތީ. މިއީ އަޅުގަނޑުމެންނަށް ރިޕޯޓްކުރެވިފައި ހުރި ކޭސްތަކުގެ އަދަދު. ރިޕޯޓްނުކޮށް ވެސް ހުންނާނެ. އަޅުގަނޑަށް ފާހަގަކުރެވެނީ ވަރަށް އެލާމިންއޭ މި ފެންނަ މަންޒަރު," ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ލީނާ ވިދާޅުވި އެވެ.

ކުއްޖާގެ މޫޑަށް ކުއްލި ކުއްލިއަށް އަންނަ ބަދަލާއި އުޅުމަށް އަންނަ ތަފާތު ބަދަލާއި އެއްވެސް އިޝޫއެއް ނެތި ނިދުން ނުވަތަ ކެއުމަށް އުނދަގޫވެ ސަމާލުކަން ދޭން ޖެހޭ ކަންކަމުގައި އެ ސަމާލުކަން ނުދެވޭ ނަމަ އެއީ ބެލެނިވެރިޔާ އަށް އެލާމިން ކަމަކަށް ވާން ޖެހޭނެ.

އެންމެ ކަންބޮޑުވާން ޖެހޭ އުމުރުފުރައެއްގެ ގޮތުގައި ފެނުނީ 12-18 ދެމެދެވެ. އެކަމަކު 12 އަހަރުން ދަށުގެ ކުދިން ވެސް މީގެތެރޭގައި ހިމެނެ އެވެ.

ކުދިންތަކެއް މަގުމަތީގައި ކުޅެނީ: ބެލެނިވެރިންނާއި ކުދިންނާ އޮންނަ ގުޅުން ބަދަހިކުރަން ޖެހޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މުޅި ރާއްޖޭގައި ވެސް ނަފްސާނީ މައްސަލަތައް އިތުރުވަމުންދާއިރު, އެ އަނދިރިކަމުގެ ތެރެއަށް ކުޑަކުދިން ގެނބިގެންދާ ސަބަބުތަކެއް އެބަހުއްޓެވެ. ރިޕޯޓްކުރާ ކޭސްތަކުން ފެންނަން އޮތީ ދިރިއުޅުމުގެ މާހައުލުގައި އެ ކުއްޖަކު ތަހައްމަލްކުރަން ޖެހޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކަކީ ނުރައްކާ ވަށާލުމުގެ އަސްލު ކަމެވެ. މި އަނިޔާތަކުން އަރައިނުގަނެވި އަނދިރި ދުނިޔެއެއްގައި ތިބިކަން ދެނެނުގަނެވި، ބޭނުންވާ އެހީތެރިކަން ނުލިބުން ހިމެނެ އެވެ.

ދެމަފިރިން ވަކިވެ, ކުރިމަތިވާ އާއިލީ މައްސަލަތަކާއި ބެލެނިވެރިންގެ ފަރާތުން ލޯތްބާއި އަޅާލުން ކުޑަވެ އެކަހެރިކޮށް ދިރިއުޅުން މަޖުބޫރުވުމަކީ ކުދިންނަށް ކުރިމަތިވާ ވަރަށް ބޮޑު ހިތްދަތިކަމެކެވެ.

ގޭތެރޭގެ މާހައުލުގެ ހަމަނުޖެހުމުން ކުދިން ރިސްކަށް ހުށަހެޅުމާއި ބޮޑު ބައްޔެއްގައި އުޅެން ޖެހުން ވެސް ނަފްސާނީ މައްސަލަތަކަށް ހުށަހެޅޭ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.

ލީނާ ވިދާޅުވި ގޮތުގައި ސްކޫލްތަކާއި އެހެން ޕްލެޓްފޯމްތަކުގައި ކުދިންނަށް ބުލީކުރުމާއި ތަފާތުކުރުން ފަދަ ކަންކަމުން ވެސް ވަރަށް ގިނަ ފަހަރަށް ކުދިން އަމިއްލައަށް މަރުވާން ނުވަތަ ގެއްލުން ދޭން އުޅެފައި އެބަހުއްޓެވެ.

ކުދިންގެ އުޅުމާއި އަހްލާގަށް އަންނަ ކުއްލި ބަދަލުން ނުރައްކަލެއް އޮތްކަން ފާހަގަވެއްޖެ ނަމަ ގިނަ ސްކޫލްތަކުން ވެސް ސީރިއަސްކޮށް ނަގައި ޖެންޑާގެ ސަމާލުކަމަށް ގެނެ އެވެ. އާއިލާތަކުން ވެސް މައްސަލަ ހުށަހަޅާއިރު, އޭގެތެރޭގައި އެ ކުއްޖެއްގެ ފަރުވާއަށް އެއްބާރުލުން ދޭން ތިބޭ ބެލެނިވެރިންނާއި ކަމެއް ދިމާވެއްޖެކަން ގަބޫލުކުރަން ބޭނުން ނުވާ މީހުންނާ ވެސް ދިމާވެ އެވެ.

"ދެ ހާލަތުގައި ވެސް ވަރަށް ބޮޑަށް ބަލަން ޕޭރަންޓުން ސައިކޯ އެޑިއުކޭޓްކުރެވޭތޯ. އެންމެ ބޮޑު އިސްކަމެއް ދެނީ ކުއްޖާ ޑޮކްޓަރަށް ދައްކަން. ކުދިންނާއި ބޮޑެތި މީހުން ވެސް މެންޓަލް ހެލްތު މައްސަލަތަކުގައި ފަރުވާއަށް މަޑުކުރަން ޖެހުމަކީ ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ޗެލެންޖެއް," އޭނާ ވިދާޅުވި އެވެ.

އެކަމަކު އިމަޖެންސީ ކޭސްތަކުގައި މިނިސްޓްރީން ވަގުތު ނަގައެއް ނުލަ އެވެ. ހުޅުމާލޭގައި ނުވަތަ އެހެން މަރުކަޒަކުން ވެސް ފަރުވާ ފަށަ އެވެ. އޭގެ ފަހުން ގަވާއިދުން މޮނިޓަކުރެ އެވެ.

"ޑޮކްޓަރަށް ދެއްކުމާއި ތެރަޕީ ދިނުމާއި ގަވާއިދުން ބޭސް ދިނުން ފަރުވާގައި އެންމެ މުހިއްމީ. ފަރުވާ ފެސިލިޓޭޓްކޮށްދީފައި ދެން މިބަލަނީ ގަވައިދުން ފަރުވާ އެ ކުއްޖަކަށް ކުރިއަށް ގެންދެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ލީނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ހާލަތުން މިކަން އެންމެ މުއައްސަސާއަކަށް ހައްލުކުރެވޭވަރަށް ވުރެން ބޮޑެވެ. ބެލެނިވެރިންނާއި ސްކޫލްތަކާއި ސިއްހީ ދާއިރާ އާއި ސޯޝަލް ކެއާ ވޯކަރުންނާއި އެ ނޫން ވެސް ގުޅުން ހުރި އިދާރާތަކުގެ ހިއްސާ މިކަމުގައި އޮންނަން ޖެހެ އެވެ. އެންމެ އިސްކަމުގެ ގޮތުގައި ދެކެން ޖެހެ އެވެ.

ކުދިންނަށް މުހިއްމީ ލޯތްބާއި ޔަގީންކަން

ގަވައިދުން ސްކޫލަށް ދާ ކުއްޖަކު، ކުއްލިއަކަށް އެކަނިވެ ކިޔަވަން ފޫހިވެ ސްކޫލަށް ނުދާން ގަދަ ދައްކާ ނަމަ އެ ކުއްޖަކު ބޮޑާހާކައި ބަސް ނާހަނީކަމަށް ބުނެ ދޫކޮށްލެވޭކަށް ނެތެވެ. މިއީ އެއްވެސް ކަމެއް ނޫން ކަމަށް ދެކި ފަރުވާކުޑަކުރެވުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައި އެބަހުއްޓެވެ.

ވާހަކަ ދައްކަން ޖެހެ އެވެ. ވީ ގޮތް ބެލެނިވެރިން އޮޅުންފިލުވަން ޖެހެ އެވެ.

ކުދިންނަށް ދިމާވާ އުނދަގޫތަކާއި ހިތްދަތިކަން ކޮންމެވެސް ސަބަބަކާ ހުރެ ބެލެނިވެރިންނާ ހިއްސާކުރަން ނުކެރި އަމިއްލައަށް އެ ވޭން ތަހައްމަލްކުރަން ޖެހުމަކީ ރާއްޖޭގައި ވެސް ނަފްސާނީ ކަންކަމުގެ ތެރެއަށް ކުދިން ގެނބި ހުސްވުމުގެ އަސްލެވެ. އެ ހިތްދަތިކަމުން އަމިއްލައަށް އަރައިގަތުމަށް ކުރާ މަސައްކަތް ވަކި ހިސާބަކުން ގޯހުން ގޯހަށް ދަނީ އެވެ. ދިރިއުޅުން މަތިން ފޫހިވެ ތަހައްމަލްކުރާ ވޭން ބައެއް ފަހަރަށް ބެލެނިވެރިންނަށް އަންދާޒާ ވެސް ނުކުރެވި އެބަހުއްޓެވެ.

.

ބެލެނިވެރިންނާ ވާހަކަ ދައްކަން ކެރޭ ނަމަ އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި މަރުވާން އުޅުމާ ހިސާބަށް ނުދާނެ ކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ލީނާގެ ތަޖުރިބާ އާއި ދިރާސާތަކާއި މިހާތަނަށް ޖެންޑާއިން ބެލި ކޭސްތަކާ ހަވާލާދެއްވައި ވިދާޅުވީ އެންމެ މުހިއްމު ކަމަކަށް އޮތީ ކުދިންނާއި ބެލެނިވެރިންނާ އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ. ކުދިން އެކަނިކޮށް، ބާކީ ނުކުރުމެވެ. މުހިއްމު ބައެއްގެ ގޮތުގައި ޔަގީކަންދީ ވަގުތު ދީ، ދައްކާ ވާހަކަ އަޑު އެހުމެވެ. އުނދަގުލެއް ކުރިމަތިވާހެން ހީވާ ކޮންމެ ކަމެއްގައި ވެސް މިނިވަންކަމާ އެކު އެ ކުއްޖެއްގެ ވިސްނުން ހާމަކުރަން ޖާގަ ދިނުމެވެ.

"ބެލެނިވެރިޔާ އާއި ކުއްޖާއާ ދެމެދު ރަނގަޅު ގުޅުމެއް އުފެދިފައި އޮންނަ ނަމަ ގިނަ ފަހަރަށް ކުއްޖާ އެ މައުލޫމާތެއް ހިއްސާކުރާނެ ކޮންމެވެސް މިންވަރަކަށް ބެލެނިވެރިޔާއަށް. އެ ކުއްޖެއްގެ ފަރާތުން ފެންނަ އަލާމާތްތައް ދެނެގަތުމަކީ ކުރަން ޖެހޭ ކަމެއް," އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ކުއްޖާގެ މޫޑަށް ކުއްލި ކުއްލިއަށް އަންނަ ބަދަލާއި އުޅުމަށް އަންނަ ތަފާތު ބަދަލާއި އެއްވެސް އިޝޫއެއް ނެތި ނިދުން ނުވަތަ ކެއުމަށް އުނދަގޫވެ ސަމާލުކަން ދޭން ޖެހޭ ކަންކަމުގައި އެ ސަމާލުކަން ނުދެވޭ ނަމަ އެއީ ބެލެނިވެރިޔާ އަށް އެލާމިން ކަމަކަށް ވާން ޖެހޭނެ."

އަވަސް އަވަހަށް ރުޅި އައުމާއި ގޭތެރޭގައި އެހެން މީހުންނާ އެކު ކުރިން އުޅުނަސް ފަހުން އެކަހެރިވެ އެކަނި އިންނަން ބޭނުންވުން ފަދަ ކަންކަމަކީ އޭގެ ފަހަތުގައި އޮތީ ކޮންކަމެއްތޯ ނުބަލައި ދޫކޮށްނުލެވޭނެހާ ސީރިއަސް ކަންކަން ކަމަށް ލީނާ ވިދާޅުވި އެވެ.

މިއީ ލަދުގަންނަން ޖެހޭ ކަމެއް ނޫން. އެހީތެރިކަން ހޯދަން ޖެހޭ ކަމާއި ލިބޭނެކަން އެކަކު އަނެކަކަށް ކިޔައިދޭން ޖެހޭ. ތެރަޕީ އާއި އަޅާލުމާއި ލޯބި ލިބިއްޖިއްޔާ މިކަމުން ސަލާމަތްކުރެވޭނެ.

އޭނާ ވިދާޅުވި ގޮތުގައި ކުއްޖެއްގެ އުޅުމުން ނުފެންނަ ކަމެއް ކިރިޔާވެސް ފާހަގަވެއްޖެ ނަމަ ވާހަކަ ދައްކަން ފެށުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ބެލެނިވެރިން ދެކެން ޖެހެ އެވެ.

"ކުދިންނާ ވަރަށް އޯޕަންކޮށް ވާހަކަ ދެކެވެން ޖެހޭ. އެކި އުމުރުފުރާތަކުގެ ކުދިންނާ ވާހަކަ ދައްކަން ޖެހޭ ގޮތް ވެސް ތަފާތު. ޕްރީ ޓީނޭޖްގައި ތިބޭ ކުދިންނާ ވާހަކަ ދައްކަން މިޖެހެނީ ޓީނޭޖް ކުދިންނާ މުހާތަބްކުރަން ޖެހޭ ގޮތަކަށް ނޫން. އެ ކުއްޖެއްގެ އައިޑެންޓިޓީއެއް އޮތްކަމާއި ދައްކާ ވާހަކަ ބެލެނިވެރިޔާ ގަބޫލުކުރާ ކަމާއި އެ ދެމެދުގައި އިތުބާރު އޮވެ ކުއްޖާއަށް އެއްވެސް ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެހީތެރިވާން ތައްޔާރަށް ހުރި ކަމުގެ ޔަގީންކަން ދޭންޖެހޭ," އޭނާ ވިދާޅުވި އެވެ.

މި އަޅާލުމާއި އިތުބާރަކީ ކުއްޖަކަށް އުނދަގުލެއް ދިމާވާ ހާލަތުގައި ވެސް ފަރުވާ ފެށުމަށް އަބަދުވެސް ހުޅުވިފައި އޮންނާނެ ދޮރެކެވެ. ދިރިއުޅެން ޖެހޭ ގޮތުން ފަސޭހައަކަށް ކުދިންނަށް އިންޓަނެޓްގެ އެކްސެސް އިމެއް ނެތް ގޮތަށް ދޫކޮށްލައި އޭގެތެރެއަށް ގެނބިފައި ތިބުމަކީ ވެސް ރާއްޖޭގައި ކަންބޮޑުވުން އޮތް ވަރަށް ނުރަނގަޅު އާދައެކެވެ. ކުދިންނަށް އިންޓަނެޓު ދޭން ޖެހެނީ ބެލެނިވެރިންނަށް އެ ކޮންޓްރޯލް އޮންނަ ގޮތަށެވެ.

އެކަން އެއްކޮށް މަނާކުރުމުގެ ބަދަލުގައި ސޯޝަލްމީޑިއާގައި ކުދިން އުޅޭ ގޮތް ބަލަން ޖެހެ އެވެ. އުގެނުމުގައި ޓެކްނޮލޮޖީ މުހިއްމުވާއިރު, އެއްކޮށް މަނާކޮށްފި ނަމަ އެއީ ވެސް ނޭދެވޭ އަސަރު ކުރިމަތިވެދާނެ ކަމެކެވެ.

ކުދިންނާ ވަރަށް އޯޕަންކޮށް ވާހަކަ ދެކެވެން ޖެހޭ. އެކި އުމުރުފުރާތަކުގެ ކުދިންނާ ވާހަކަ ދައްކަން ޖެހޭ ގޮތް ވެސް ތަފާތު. ޕްރީ ޓީނޭޖްގައި ތިބޭ ކުދިންނާ ވާހަކަ ދައްކަން މިޖެހެނީ ޓީނޭޖް ކުދިންނާ މުހާތަބްކުރަން ޖެހޭ ގޮތަކަށް ނޫން. އެ ކުއްޖެއްގެ އައިޑެންޓިޓީއެއް އޮތްކަމާއި ދައްކާ ވާހަކަ ބެލެނިވެރިޔާ ގަބޫލުކުރާ ކަމާއި އެ ދެމެދުގައި އިތުބާރު އޮވެ ކުއްޖާއަށް އެއްވެސް ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެހީތެރިވާން ތައްޔާރަށް ހުރި ކަމުގެ ޔަގީންކަން ދޭންޖެހޭ

"ހުރިހާ ގޮތަކުން އެކަހެރިކޮށްލައިގެން ވެސް ނުގެންގުޅެވޭނެ. އޭގައި އޮންނަ ނަފްސާނީ ގޮތުން ދުޅަހެޔޮ ގޮތް ވެސް ކިޔައިދޭން ޖެހޭނެ. ކުއްޖަކު ފޯނު ބޭނުންކުރާ ނަމަ ކޮން ކަންތައްތަކަކަށްތޯ ސޯޝަލްމީޑިއާ ބޭނުންކުރަނީ ކިހިނެއްތޯ ބެލެނިވެރިޔާއަށް އެނގެން ޖެހޭ," އޭނާ ވިދާޅުވި އެވެ.

ފޯނު ދީފައި ކުދިން ބޭތިއްބުމަކީ ކިތަންމެ ފަސޭހަކަމަކަށް ވިޔަސް އޭގެތެރެއިން ކުދިން ވަންނަ ނުރައްކަލުން ސަލާމަތްކުރެވެން އޮތީ ބެލެނިވެރިން ވަގުތު ވެސް ހުސްކޮށްގެންނެވެ. އާއިލީ ގުޅުންތަކުގެ ތެރެއަށް ކުދިން ވައްދައި ރަނގަޅު އާދަތަކަށް މަގުފަހިކޮށްދޭން ޖެހެ އެވެ.

ނަފްސާނީ މައްސަލަތައް އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ ދަރަޖާގައި.

އެއްވެސް ކަމެއް ދިމާވެއްޖެ ކަން ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ނަފްސާނީ އުނދަގޫތަކުން ކުދިން އަރައިގަތުމަށް ފަސޭހަވާނެ އެވެ. ބެލެނިވެރިޔާ ވެސް އެހީތެރިކަން ހޯދައި ކުދިންގެ މައްސަލަތަކުގައި އުޅުމަކީ ލީނާ ދެކެވަޑައިގަންނަވާ ގޮތުގައި ދެރަ ކަމެއް ނުވަތަ ހުތުރު ކަމެއް ނޫނެވެ. އެ ވިސްނުން ކުރިއަށް ނެރެފި ނަމަ އޮތީ ނުބައި ނަތީޖާއެއް ނުކުތުމެވެ. ޖާގަ ނުދޭންވީ އެ ނުރައްކަލަށެވެ.

"ފިޒިކަލް ހެލްތާ އެއްވަރަށް މެންޓަލް ހެލްތު މުހިއްމުވާން ޖެހޭ. ކުދިންނަށް އިމިއުންކުރަން ވެކްސިން ދިނުން ފަދަ ކަންކަން ކުރާ ގޮތަށް މެންޓަލް ހެލްތު ރަނގަޅުކުރަން ވެސް އިސްކަންދޭން ޖެހޭ," އޭނާ ވިދާޅުވި އެވެ.

ނަފްސާނީ މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމުން އަރައިނުގަނެވޭނެ ކަމަށް ގަބޫލުކުރުން ވެސް ދޫކޮށްލަން ޖެހެ އެވެ. އަވަހަށް ދެނެގަނެ ފަރުވާ ފެށުމުން އެކަމުން ސަލާމަތްވެވޭނެ އެވެ.

"އާލީ އިންޓަވެންޝަނެއް ދެވިއްޖިއްޔާ ވަރަށް ފަސޭހަވާނެ އަރައިގަންނަން. މިއީ ލަދުގަންނަން ޖެހޭ ކަމެއް ނޫން. އެހީތެރިކަން ހޯދަން ޖެހޭ ކަމާއި ލިބޭނެކަން އެކަކު އަނެކަކަށް ކިޔައިދޭން ޖެހޭ. ތެރަޕީ އާއި އަޅާލުމާއި ލޯބި ލިބިއްޖިއްޔާ މިކަމުން ސަލާމަތްކުރެވޭނެ. ކުދިންނަށް ސަޕޯޓިވް އެންވާރަމެންޓެއް ކްރިއޭޓްކޮށްދީ ލޯތްބާއި އަޅާލުމާއި ލިބޭނެކަން ޔަގީންކޮށްދޭން ޖެހޭ." ލީނާ ވިދާޅުވި އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ކުދިންގެ މުސްތަގްބަލް ބިނާކުރެވެން އޮތީ އެންމެން މިކަމަށް ސަމާލުކަން ދީގެންނެވެ. ނަފްސާނީ މައްސަލަތަކުގައި ބެލެނިވެރިންނާއި ޓީޗަރުންނާއި ސިއްހީ ދާއިރާ އާއި ސޯޝަލް ވޯކަރުން ވެސް އެއްކޮށް މަސައްކަތް ކުރަން ޖެހެ އެވެ. މިގުޅުމުގެ ތެރެއަށް ކުދިން ނުވައްދައި އެކަހެރިކޮށްފި ނަމަ ދެން ވެސް ފެންނަން އޮތީ ވަރަށް ނުރައްކާތެރި ހާލަތެކެވެ.

33 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 77%
icon angry icon angry 5%
icon wow icon wow 5%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ޅިޔަނު

09 May 2023

އަހަރެންނަކީ ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާ މިހަކީމު. ތަފާތު ލައްކަ ގިނަ ކަންކަމާ ދިމާވެފަ މިހިރީ.. ވަރަށް ގިނައިން ހަމަ ފާހަގަ ކުރެވޭ ބެލެނިވެރިންނަށް ޒިންމާދާރު ނުވެވި, ނުރައްކަލާ ކުރިމަތިވާއިރު ނޭނގި ހުރޭ. ކަމެއް ދިމާވީމަ މިއެނގެނީ.. ބެލެނިވެރިންނަށް އެކަށީގެންވާ މަޢުލޫމާތު ދިނުން ވަރަށް މުހިންމު..

The name is already taken The name is available. Register?

ޙަސީ

09 May 2023

ހުރިހާ ކަމެއް ގުޅިފައި އޮތީ އިންޓަނެޓާ. ހަގީގަތަކީ މިއީ. ގޭކޮޓަރީގެ ހަތަރުފާރުން އެތެރޭގަ ތިއްބަސް ކުދިން ތިބެނީ މުޅި ދުނިޔެއަށް ހުޅުވިފަ. ކުރާކަމެއް ބަލާ އެއްޗެއް ވާހަކަ ދައްކާ ބައެއް ދެނެވޮޑިގެންވަނީ.

The name is already taken The name is available. Register?

އިންސާން 1

09 May 2023

މި ހަބަރުގެ ސުރުހީން އަދި ފޮޓޯއިން އަހަރުމެންގެެ މުޖުތަމުގެ ހާލަތު އެބަ ދައކުވައިދޭ... ކުއްޖަކު ހަމަހިމޭން ކަންމަތީ ގުދުރަތީ ރީތިކަމަށް ބަލައިލަން ހުރުމުން މައްސްލައަކް ވޭ. އެކަމަކު ފޯނާއި ކުޅެން އެތާގައި ހުރިނަމަ އެއީ ގޯހަކަށް ނުވާނެ. އެކަނި ތަނެއްގައި ހުރުމަކީ ކޮންމެހެން އެކަނިވެރިވުމަށް ނުވެދާނެ. ކިތަންމެ ގިނަމިހުންގެ ތެރޭގައި ހުރި މީހަކުވެސް އެކަނިވެރިކަން އިހުސާސް ކުރެވިދާނެ.

The name is already taken The name is available. Register?

ގޮވެލި

09 May 2023

ހަމަ އެނގޭ ގޮތަށް ތަފާތުކޮށް ބާކީ ކޮށްލާ. މިގޮތަށް ކަންތައް ވުމުން ކުއްޖާ ނަފްސާނީވެ، ވާހަކަ ދެއްކުން މަދުވެ، އިންޓްރޮވަޓް ވޭ. ސްކޫލް، މަދަރުސާ ތެރެއިން ތަފާތު ކުރުން އަންނަ ނަމަ މިކަންކަން ހައްލު ކުރަން އުނދަގޫ ވާނެ. އަދި ނިމުނީއެއް ނޫން. ކިޔަވާފަ، ޓިއުޝަނަށް ގޮސް އިތުރު ގަޑިއަށް ގޮސް، އާއިލާގެ ޕްރެޝަރު ބޮޑުވެ، ޑިޕްރެޝަނަށް ދޭ. ކިހިނެއް އެ ކުއްޖާ އެ ހުރިހާ ކަމެއް ކޯޕް ކުރަނީ؟ ވިސްނާލާ.. 2/2

The name is already taken The name is available. Register?

އެކްސްޓްރޮވާރޓް

09 May 2023

އިންޓްރޮވާރޓް ވުމަކީ ނަފްސާަނީ ބައްޔެއް ނޫން. އަދި ރަނގަޅަށް ކިޔަވަން ވީނު

The name is already taken The name is available. Register?

ގޮވެލި

11 May 2023

އެކްސްޓްރޮވާރޓް އަށް: އިންޓްރޮވަޓް ވުމަކީ ނަފްސާނީ ބައްޔެކޭ ކާކު ބުނީ؟ ކޮމާ ޖަހާފަ އެއޮތީ ކަމަކު. އެހެން ވީމަ ތިބޭފުޅާ ތާނަ ކިޔަވަން ފެންނަނީ.

The name is already taken The name is available. Register?

ގޮވެލި

09 May 2023

މަދަރުސާ ތަކުން ކޮންމެ ހަފަތާއަކު 3 ދުވަސް ފާހަގަ ކޮށް ހެދުން ފައްސުވާ އިރު ހުރިހާ ދަރިވަރުންނަކީ އެފޯޑް ކުރެވޭ ކުދިންނެއް ނޫން. މައިންބަފައިން ކުދިންނަށް އެކަންތައް ވިސްނާދޭން ވެސް އުނދަގޫ. އެހެން ކުދިންވެސް އެ ހެދުން ގަނެޔޭ، ކީއްވެހޭ ތިމަންނައަށް ނުލެވެނީ. މިފަދަ ހާލަތެއްގަ ކުދިން މައިންބަފައިން ދެކެ ނަފްރަތުކޮށް ހިތްހަމަ ނުޖެހި ހުރެ އަނެއްކާ މަދަރުސާއަށް ދިޔައީމަ އެކޮޅުންވެސް މި އަންނަނީ ބުލީކުރުން. މުދައްރިސުންވެސް އެމްޕަތީއެއް ނުހުރޭ. 1/2

The name is already taken The name is available. Register?

ބޯގް

09 May 2023

ތިއީ ކުދިން ނަފްސާނީވެ އަމިއްލަ ނަފްސަށް ގެއްލުންދޭ ސަބަބެއްނޫން..

The name is already taken The name is available. Register?

ބައެއްމީހުންނަށް އިނގެނީ

13 May 2023

ބަޔެއް މީހުންނަށް މާބޮޑަށް އިނގެނީ. އަހަރެން މަޖީދިއްޔާގައި އުޅުނުއިރު ލަދުގަނޭ ބަޔެއްފަހަރު ސްކޫލަށް ލައިގެން ދާ ފަޓުލޫނު ބާކަމުން. އެކަމަކު އެވަރުގެ މުއްސަނދިކަމެއް މައިން ބަފައިންގެ ނުހުރޭ. އަނެއްކޮޅުން ކުލާހުގައި ތިބޭ ކުދިން ލަނީ ނޭވީބުލޫ ޖިންސްގޮތަށް ފަހާފައިހުންނަ މޮޅެތި ފަޓުލޫނު ވަރަށް ލަދުގަނެ ދެރަވޭ. އެއިން ކޮންފިޑެންސް އަށް އަސަރުކުރޭ. މީހުން ކުރިމައްޗަށް ޔުނިފޯމުގައި ނުކުންނައިރު ލަދުން ހުރެ ސްކޫލަށް ދަނީ

The name is already taken The name is available. Register?

ޕޭރަންޓް

09 May 2023

ސްކޫލްތަކުގެ ދައުރު މިކަމުގް އެންމެ ބޮޑީ، ކުދިންނަށް ނުކަތާވަރަށް ހޯމްވޯކްދީފަ ގެޔަށް ފޮނުވަނީ، ކޮންމެ ސަބްޖެކްޓަކުން 6-8 ހޯމްވޯކް ކޮންމެދުވަހަކު. ބެލެނިވެރިން ހޯމްވޯކްހަދުވަން ކުދިންނަށް ޕްރެޝަރ ކުރަންޖެހޭވަރުވޭ، ކުދިން ބެލެނިވެރިންދެކެ ފޫހިވެ ސްޓްރެސް ވެފައި ތިބެނީ. ކުދިންގެ ބޮޑާހޭކުން އިތުރުވެ މޫޑް ދައްކަންފަށަނީ. ޖުމްލަކޮށް ކުދިންނަށް ފެމިލީ ޓައިމްއެއް ނުލިބޭ.

The name is already taken The name is available. Register?

މިހާރު ހަމަ ފުކެއްބޮޑުވަރު

13 May 2023

ހިތައް އެރި ކޮންމެވެސް މީހަކު މި ބުނާނެއޭ. މިހާރު ސްކޫލުތަކަށް ފޮނުވަން ޖެހެނީ ހަމައެކަނި ބްރައިޓް އިންޓެލިޖެންޓް ކުދިން އެކަނި. ކަރިކިއުލަމް މިއޮންނަނީ ބޮޑުކޮށްފައި އެވަރު ނުވާ ކުއްޖަކު ވިއްޔާ ބާކީ ވާގޮތަށް. ބަލަގަ އަހަރުމެއް ކިޔެވި އިރުތިޔަ ހުރިހާ އެއްޗެއް ނުވާވަރަށް ކިޔަވާ ދީގެނެއް ނޫން ކުޑައިރު ކިޔެވީކީ. ޓޮޕްޓެންގެ ރެސަލްޓު ގެނައިން ބޮޑުވެގެން ޓޮޕްޓެން ފާހަނގަކުރުން އެއީ އަހަރެން ތާއީދު ކުރާކަމެއް ނޫނަސް ބުނެލީ

The name is already taken The name is available. Register?

ސަޅިބަސާ

09 May 2023

ބޭރު ގައުމުތަކުގެ ވަޓަފާޅި ކޮޕީކޮށް، ފެމެލީ ސްޓްރަކްޗަރ ދުވާލީމަ ފެނާނެ ހުރިހާ ކަމެއްވެސް. ވަރި ގިނަވެ އެކަކުއެނެކާއަށް މިނިވަން ވާން އުޅެވޭވަރު އަދި ކުޑައީ. ބައްޕައިން ތިބެ ބައްޕަ އިނގެ ލޯބި ނުލިބި، އަދި މަންމައިނ ތިބެ މަމައިންގެ ލޯއްބެއް ނުލިބި. ވާނެ ހަތަރު އެއްޗެވާނެ.

The name is already taken The name is available. Register?

ސިނު

09 May 2023

އަހަންނަކީ ތިކަމުގެ ތަހައްމަލް ުފުލަމުންދާ ކުއްޖެއްގެ ބެލެނިވެރި އެއް. އެންމެބޮޑު މައްސަލަ އަކަށްވެފަ އޮތްކަމަށް މިފެންނަނީ، ބޯހިޔާވަހިކަން. ޑޮކްޓަރަށް ދައްކާފަ، ކައުންސިލިން ވެސް ހަމަ ރަނގަޅަށްލިބޭ. އެކަމަކު ދިރިުއިޅުމުގެ ކަންތައްހަމަ ޖެހިފަ އޮންނަގޮތުން، ޑޮކްޓަރުންނާއި ކައުންސެލިންގެ އިރުޝާދަށް އެކުދިން ގެންގުޅެން އުނދަގޫ. ތަފާތު ހިޔާލުތަކުގެ މީހުންތެރޭ އެކުދިން ގެންގުޅެންވަރަށް އުނދަގޫވާނެ.

The name is already taken The name is available. Register?

ޢަރުތަ

10 May 2023

އެކިމީހުނަށް އެކިމައްސަލަ ދިމާވަނީ..........

The name is already taken The name is available. Register?

ކޮރަލް

09 May 2023

ކުދީން އޯލެވެލް ، އޭލެވެލް ، ޑިގްރީ ، ހަދަނީ އެވެ. ސިވިލް ސާވިސް އިން ވަޒީފާ ދިނުން ހުއްޓާލައިފި އެވެ. ސަރުކާރުގަ ވަޒީފާ އެއްނެތެވެ. ހައްލަކީ ގިނަ ބަޔަކަށް އެކި ކަހަލަ މަސައްކަތް ތައް ދަސް ކޮށް ދިނުމެވެ. ދެހަފްތާ ނޫނީ މަސްދުވަހުން ނިންމާ ލެވޭ ބޭސިކް މަސައްކަތް ދަސް ކުރާ ކޯސް ތައް ހިލޭ ގިނަ އިން ހިންގަން ވީ އެވެ. ރާއްޖެ އައި ތައުލީމް ނެތް ދަނޑޫވެރީން ވަނީ ވިޔަފާރި ވަޒީފާ ތައް ހިސޯރު ކޮށްފަ އެވެ.

The name is already taken The name is available. Register?

އައްބެ

09 May 2023

އެންމެ ބޮޑު އެއް މައްސަލަޔަކީ ބޯހިޔާވަހިކަމުގެ މައްސަލަ. މިހާރު ބިންބޮޑެތި ރަށްރަށުގައިވެސް ގޯތި ދުލެއްނުކުރޭ، އެކަންކުރިޔަސް ކުރަނީ ސިޔާސީ މަންފާއަށް. 2008ގެ ކުރީގައި ހުރިހާ ރަށްރަށެއްގައި ކޮންމެ ދެމަފިރިއަކަށް ގޯއްޗެއް ލިބޭ. މިހާރު ކައިވެނިކޮށްގެން އެތައް އާއިލާއެއް އެއްގެ އެއްގައި އުޅެން ދިމާވުމުން ތަފާތު މައްސަލަތައް ކުރިމަތިވެ ކުދިންނަށް ލިބޭ މިނިވަންކަމަށް ހުރަސްއެޅޭ. ނަތީޖާއަކީ ކުޑަކޮޓަރިއެއްގައި ޓެބްލެޓްގެ ދުނިޔޭގައި ކުއްޖާއުޅެބޮޑުވުން.

The name is already taken The name is available. Register?

‫ޅިޔަނު

09 May 2023

‫ތެދު ވާހަކަ އެއް.. މީހަކާއި އިނދެގެން 04 ދަރިންނާއި އެކު އިތުރު 03 އާއިލާއެކު އެއްތަނެެއްގައި ދިރިއުޅުމަކީ މައްސަލަތައް އެތައް ގުނަ އަކަށް ބޮޑުވާ ކަމެެއް.. ދަރިން ތަރުބިއްޔަތު ކުރަން ވަރަށް އުނދަގޫ ވާ ކަމެއް..

The name is already taken The name is available. Register?

ޅޮހި

09 May 2023

100 ގެ ވާހަކައެއް ދަރިޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454