ވ. ފެލިދޫގައި އުޅޭ ނިކަމެތި އާއިލާއަކަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެ އަތޮޅު ކައުންސިލުން އިއުލާންކޮށްފި އެވެ.
ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއީ އެ ކައުންސިލާއި އެހީ ޖަމިއްޔާގެ އިތުރުން ފެމިލީ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ ކަމެކެވެ.
ޝުޖާއު ވިދާޅުވީ ފެލިދުއަށް ނިސްބަތްވާ އެ އާއިލާއަކީ ވަރަށް ބޮޑަށް އެހީއަށް ބޭނުންވެފައިވާ އާއިލާއެއް ކަން ފާހަގަވީ 2022 ވަނަ އަހަރު ކަމަށެވެ. އެއީ އޭރު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެ އާއިލާގެ ކުއްޖަކަށް 18 އަހަރުވުމުން އާއިލާއާ ހަވާލުކުރަން ބެލުމުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ކުއްޖާ އާއިލާއާ ހަވާލުކުރަން ބެލިއިރު އެ މީހުންގެ ހާލަތު ގޯސްކަން މި އެނގުނީ. އެ ހިސާބުން އެނގުނީ އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހިއްޖެކަން،" އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީއާ އެކު ވެސް ދިޔައީ މަޝްވަރާތައް ކުރަމުންނެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އެ އާއިލާއަށް ލިބިފައި އޮތް ވާރުތަ ބިން ހޯދުމެވެ.
"ތިން ކުދިންގެ ބައްޕައަށް ލިބޭ ވާރުތަ ބިން ކޮޅެއް މިއޮތީ. ވާރުތަވެރިންގެ ބިންކޮޅު ހޯދުމަށް މަސައްކަތްކޮށް، އޭރު ކޯޓުން މި އޮތީ މިލްކުވެރިކަން ސާބިތުކޮށް އަދި ޑިޒައިންވެސް ކޮށްފައި،" އެކަމަކު އޭރު މަސައްކަތް ނުފެށި އޮތް އެ މަސައްކަތާ ގުޅިގެން އޭނާ ވިދާޅުވި އެވެ.
އެކި ސަބަބުތަކާ ހުރެ މިހާތަނަށް އަމަލީ މަސައްކަތް އޮތީ ނުފެށި އެވެ. އެކަމަކު މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އޭރު އެ އާއިލާ ބަދަލުކުރީ ފެލިދޫގައި ޖެންޑާ މިނިސްޓްރީ ހިންގަން ދޫކޮށްފައި ހުރި އޮފީސް އިމާރާތަށެވެ. ދެ ކޮޓަރި އާއި ސިޓިންރޫމެއް ހުންނަ، އެ ގޭގައި އެ މީހުން އުޅެމުން އަންނަތާ މިހާރު ދެ އަހަރުވީ އެވެ.
އެ އާއިލާގައި 20 އަހަރުގެ ފިރިހެން ކުއްޖަކާ އެކު 18 އަހަރުން ދަށުގެ ދެ ކުދިން ތިބެ އެވެ. އެ ހުރިހާ ކުދިންނަކީ ވެސް ނަފްސާނީ އެކި މައްސަލަތައް ހުންނަ ކުދިންނެވެ.
ޝުޖާއު ވިދާޅުވީ ސަރުކާރު ބަދަލުވެ، ފެމިލީ މިނިސްޓްރީއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު މިހާރު އިއުލާންކޮށްފައި ވަނީ ކޮންޓްރެކްޓަރެއް ހޯދަން ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުން މި މަހުގެ 15 ގައި މައުލޫމާތު ސާފުކުރުމަށް ފަހު، 26 ވަނަ ދުވަހު އަގު ހުށަހަޅަން ޖެހެ އެވެ. އެ ބީލަން ހުޅުވާލާފައި ވަނީ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
ރަނގަޅަށް ހިޔާ ނުކުރާ އަދި ރައްކާތެރި މާހައުލެއް ކަށަވަރުވެފައި ނެތް ތަނެއްގައި ދިރިއުޅެމުން އައި އެ އާއިލާއަށް އެހީވުމުގެ މަސައްކަތް ކުރަމުން އަންނައިރު ޝުޖާއު ވިދާޅުވި ގޮތުގައި ވ. އަތޮޅުގައި އެހީތެރިކަމަށް ބޭނުންވާ އާއިލާތައް ނިސްބަތުން މަދުވާނެ އެވެ. އަދި އެ އަތޮޅަކީ މުއްސަނދި އަތޮޅަކަށް ވާއިރު މި ހާލުގައި ބަޔަކު އުޅެގެންވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވި އެވެ.