ދައުލަތުގެ ބެލުމުގެ ދަށުން، ތ. ވޭމަންޑޫގައި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބަލަހައްޓަމުން އައި ހުރިހާ ކުދިން އެ ރަށުން ބަދަލުކޮށްފި އެވެ.
އެ ރަށުން އެ ކުދިން ބަދަލުކުރަން ޖެހުނީ، ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފްސީއެސްސީ) ހުރި އަންހެން ކުއްޖަކު، އެ ތަނުގައި މަސައްކަތް ކުރާ އެ ރަށުގެ މުވައްޒަފަކަށް ހަމަލާދިން މައްސަލަ ހޫނުވެ، ރަށު ރައްޔިތުންތަކެއް މުޒާހަރާކޮށް ނުރުހުންފާޅުކުރަމުންނެެވެ.
އެނގިފައިވާ ގޮތުގައި ކުދިންގެ ރައްކާތެރިކަމަށްޓަކައި އެ ރަށުން ބަދަލުކުރަން ނިންމައި، ގެންދިޔައީ ދައުލަތުން ކުދިން ބަލަަހައްޓާ އެހެން މަރުކަޒަކަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބަނީ އާއިލާތަކުން އެ ކުދިންނާ މެދު އިހުމާލުވުމުންނެވެ.
ވޭމަންޑޫގެ ރައްޔިތުން ނުކުމެ މުޒާހަރާކޮށް ގޮވަމުން ދިޔައީ، އެ އަންހެން ކުއްޖާ ރަށުން ބޭލުމަށެވެ. ފެމިލީ މިނިސްޓްރީގެ މުވައްޒަފުން ވޭމަންޑުއަށް ގޮސް، މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރި އެވެ. އެކަމަކު، ކައުންސިލުން ވެސް މިނިސްޓްރީގެ މީހުންނަށް އެ ކުއްޖާ އެހެން ރަށަކަށް ބަދަލުކުރަން ދިނީ 24 ގަޑިއިރެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވޭމަންޑޫގައި ތިބި ކުދިން އެހެން ރަށަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. ކުދިންގެ ކަރާމާތަށްޓަކައި އެ ކުދިން ގެންދިޔައީ ކޮން ތަނަކަށް ކަން މިނިސްޓްރީން ހާމަ ނުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވޭމަންޑޫގެ ބައެއް މީހުން ހިތްހަމަނުޖެހުނު އުމުރުން 16 ވަރަކަށް އަހަރުގެ އެ އަންހެން ކުއްޖާ އެ ރަށަށް ގެންދިޔައީ މީގެ ގާތްގަނޑަކަށް ނުވަ މަސް ކުރިންނެވެ.
އެހެން ކުދިންނަށް އަނިޔާ ކުރުން ފަދަ މައްސަލަތަކާ ހެދި ކުރިން ވެސް ކަމާ ބެހޭ އިދާރާތަކަށް ރަށު ރައްޔިތުންގެ ފަރާތުން އެ ކުއްޖާގެ މައްސަލަ ހުށަހެޅި އެވެ. ސްކޫލުގައި ކިޔަވާ ކުދިންގެ ކަރުގައި ހިފައި މާރާމާރީ ހިންގުން ފަދަ މައްސަލަތަކެއް ވެސް ހޫނުވި ކަމަށް ބައެއް މީހުން ބުންޏެވެ.
އެ ރަށުގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ފަސް ކުދިން ތިބެ އެވެ. ރަށު ރައްޔިތުން އެ އަންހެން ކުއްޖާ ބަހައްޓަން ބޭނުން ނުވުމުން، މިނިސްޓްރީން ނިންމީ ހުރިހާ ކުދިން އެތަނުން ބަދަލުކުރުމަށެވެ.
އެ ރަށުން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ ހުރިހާ ކުދިން ރަށުން ގެންދިޔައީ ރަށުގެ ނަން ހަޑި ކުރުމަށް ކަމަށެވެ.
އޭނާ ވަނީ މިނިސްޓްރީން ކުދިން އެ ރަށަށް ގެންދިޔަ ނަމަވެސް އެ ތަނުގައި ކައުންސެލިން ފަދަ ފަރުވާ ދެވޭނެ ގޮތެއް ނުހުންނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.