ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 74 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކަމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 21 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ ނުވަ މައްސަލައެކެވެ.
- ޖިންސީ ހާނިއްކައިގެ 13 މައްސަލަ
- ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ
- ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 9 މައްސަލަ
- ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 2 މައްސަލަ
- ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ
- ކުޑަކުދިންގެ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯގެ 1 މައްސަލަ
- ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން-ބްލެކްމެއިލްކުރުމުގެ 1 މައްސަލަ
- އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 1 މައްސަލަ
- ކުޑަކުދިންނަށް ޖިންސީ "ގްރޫމް" ކުރުމުގެ 1 މައްސަލަ
- އެހެނިހެން 01 މައްސަލަ
ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅޭ 18 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަތަކެވެ. ސްކޫލަށް ދާން ބޭނުން ނުވުމުގެ ތިން މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.
އާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއް ވެސް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ.
އިތުރު ތަފާސްހިސާބުތައް
- ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 48 މައްސަލައެއް ރިޕޯޓުކޮށްފައިވޭ
- އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 21 މައްސަލައެއް ރިޕޯޓުކޮށްފައިވޭ
- އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 8 މައްސަލައެއް ރިޕޯޓުކޮށްފައިވޭ
- މިދިޔަ މަހު 28 ގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 152 ކުދިން ތިބި
- މިނިސްޓްރީގެ ހެލްޕްލައިނަށް ޖުމްލަ 1،802 ކޯލު ލިބިފައިވޭ
- 82 މީހަކަށް ކައުންސިލިން ސެޝަން ފޯރުކޮށްދިން
- 57 މީހަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދިން