މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު މެމްބަރުން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ ކަމަށް މަޝްހޫރު އަހުމަދު ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރާކަން އެނގޭއިރު ވެސް އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައިގައި އޮތީ ހަމައެކަނި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިހުމާލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މަޖިލިސް މެމްބަރުން އެހެން ވިދާޅުވީ، ހިޝާނަށް ކުރެވޭ ތުހުމަތުތައް އެނގި ތިބެ ފިޔަވަޅު ނާޅާތީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް، މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ގިނަ މެމްބަރުން، އެ ބަހުސްގައި ގޮވައިލެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމަށެވެ. އިސްތިއުފާ ނުދެއްވާ ނަމަ އޭނާ މަގާމުން ވަކިިކުރަން ވެސް ބައެއް މެމްބަރުން ސަރުކާރަށް ގޮވައިލެއްވި އެވެ. އަދި އެކަން އެގޮތަށް ނުކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ޝިދާތާ މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު ވެސް ބައެއް މެމްބަރުން ދެއްވި އެވެ.

ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވިދާޅުވީ، ޝިދާތާ މަގާމުން ވަކިނުކޮށް ހުންނެވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިހުމާލެއް ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި މުޅި ގައުމު ފެއިލް ވެފައިވާ ކަމަށެވެ.

"މި ވަރުގެ ބޮޑެތި މައްސަލަތައް ހިނގަމުން ދާއިރު، ދައުލަތުގެ އެހެެން މުއައްސަސާތަކުން މިކަމާ ގުޅިގެން ، އަޅުއްވަން ޖެހޭ ފިޔަވަޅު އަޅުއްވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ކުއްޖެއްގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅުން ހުރި ހުރިހާ މުއައްސަސާ އަކުން މީގައި އިހުމާލު ވެފައި މި އޮތީ،" ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

އޭނާ ވިދާޅުވި ގޮތުގައި، އެފަދަ މައްސަލަތައް ފެށިގެން އަންނަ ގޮތާއި ނިމިގެންދާ ގޮތް ވަރަށް ރަނގަޅަށް ދަނެގަންނަން ޖެހެ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ރާއްޖޭގައި އަބަދުވެސް އޮންނަ ކަމަށާއި ނަމަވެސް މިހާރު އެފަދަ ކަންކަން އިންތިހާ އަށް ގިނަ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެ މައްސަލަތަކުގައި އިހުމާލުވާ ވާހަކަ މިހާރު ގިނައިން އިވިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ވެގެން ދާއިރު ވެސް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅެއް ނާޅައި މިހާ ހިސާބަށް އައިސް އެންމެ ފަހުން މަޖިލީހުން މި ވާހަކަ ދައްކާ ހިސާބަށް ދިޔައީމާ އަޅުގަނޑު ދަންނަވާނީ ފެއިލްވެެ ގެން އެ ދަނީ މުޅި ދައުލަތޭ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަދި އޭގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.

"ހިތާނުވާ ވަޒީރަކަށް ރުހުން ދިނީ ވެސް މި މަޖިލީހުން. ހިތާނުވާ ވަޒީރަކަށް، އެ ވުޒާރާގައި ނެތް ބާރުތަކެއް ދިނީ ވެސް މި މަޖިލީހުން. މިއަދު އެ ކަަމަނާގެ އިސްތިއުފާ އަށް ގޮވައި މި ހައްދަވާ ބޭފުޅުން،" ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މި މައްސަލައިގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"ހިތާ ނުވާ ވަޒީރަކަށް ރުހުން ދިނީ ވެސް މި މަޖިލީހުން. ހިތާނުވާ ވަޒީރަކަށް، އެ ވުޒާރާގައި ނެތް ބާރުތަކެއް ދިނީ ވެސް މި މަޖިލީހުން. މިއަދު އެ ކަަމަނާގެ އިސްތިއުފާ އަށް ގޮވައި މި ހައްދަވާ ބޭފުޅުން،" މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިދާތާއާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ މުޅި ގައުމު ފޭލްވަމުންދާ ތަނެވެ. އަދި އެކަން އެގޮތަށް ކުރި އެއް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މީގެ ޒިންމާ ނަގަން ޖެހޭނީ ހަމަ އެކަނި އިބްރާހީމް މުހައްމަދު ސޯލިހެއް ނޫން. ޝިދާތާއެއް ނޫން. މި އިއްޒަތްތެރި މަޖިލީހުގެ ރައީސް ވެސް މީގެ ޒިންމާ ނަންގަވަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޝިޔާމް ވދާޅުވި އެވެ.

ހިޝާނަކީ ޖިންސީ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ޖެންޑާ މިނިސްޓްރީ އަށް ޖެނުއަރީ 2018 ން ފެށިގެން އެނގޭ ކަން ވަނީ ހާމަވެފަ އެވެ.