ޕޮލިހާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އާބަންކޯ ޓީމަށް ކުޅޭ ފަރުހާދު އިސްމާއިލް (ފަރޭ).-- ފޮޓޯ: ވީއޭއެމް
10 މެއި 2023 - 10:28
ހުޅުމާލެ އާބަންކޯ ވޮލީ ކޯޓުގައި މިހާރު ކުރިއަށްދާ "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް/ ޕޮލިސް) ބަލިކޮށް އާބަންކޯގެ ޓީމުން ގުރޫޕް އޭގެ އެއްވަނަ ހޯދައިފި އެވެ.
ޕޮލިހުން ގުރޫޕްގެ އެއްވަނަ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. މި މެޗަށް ނުކުތުމުގެ ކުރިން ޕޮލިހާއި އާބަންކޯ ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ރޭގެ މެޗުން ބަލިވެ ޕޮލިހުން ގުރޫޕް ސްޓޭޖު ނިންމާލީ ގުރޫޕްގެ ދެވަނައިގަ އެވެ.
އާބަންކޯ އިން މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓް 25-14 އަދި 25-21 އިން އާބަންކޯ ކާމިޔާބު ކުރި އިރު ތިންވަނަ ސެޓުން ޕޮލިސް ވަނީ 25-21 އިން މޮޅު ވެފަ އެވެ. ނަމަވެސް ހަތަރުވަނަ ސެޓް 25-18 އިން ގެންގޮސް މެޗު ކާމިޔާބު ކުރީ އާބަންކޯ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާބަންކޯ ޓީމަށް ކުޅޭ ސްރީ ލަންކާ ގައުމީ ޓީމުގެ ކުޅުންތެރިޔާ ލަސިންދޫ މެތުމަލް ވަސަންތަޕްރިޔާ ގޮނާރާ ގާމަގޭ އެވެ.
ޖުމްލަ ނުވަ ޓީމާ އެކު ކުރިއަށް ގެންދާ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. ރޭގެ މެޗުގެ ކުރިން ވެސް ސެމީ އަށް ހޮވުނު ޓީމުތައް ވަނީ ކަށަވަރު ވެފަ އެވެ. ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ގުރޫޕް ބީގެ އެއްވަނަ ހޯދީ މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ ސިފައިން)ގެ ޓީމެވެ. ދެވަނައަށް ދިޔައީ ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އެވެ.
ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އެވެ. ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ދެވަނަ އަށް ދިޔަ ޕޮލިހާއި ގުރޫޕް ބީގެ ދެވަނަ އަށް ދިޔަ ވެމްކޯ އެވެ. އަދި އެ ރޭ 8:30 ގައި ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ އާބަންކޯ އާއި ގުރޫޕް ބީގެ އެއްވަނައަށް ދިޔަ ސިފައިންނެވެ.
އާބަންކޯ އާއި ސިފައިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ. މެޗުން ބަލިވާ ޓީމެއް ޖެހޭނީ ޕޮލިހާއި ވެމްކޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ކުޅޭށެވެ. އެ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:30 ގަ އެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 8:30 ގައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
10 May 2023
މިފަދަ ބޮޑު މުބާރާތެއް ނިމިގެންދާއިރު ލައިވް ނުކުރެވޭނަމަ އެއީ ދެރަކަމެއް.ވ.ވެދުން