ނާފިއު: މަންޑޭގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ނާފިއުގެ ހިއްސާ ވެސް އެބައޮތް.
11 މެއި 2023 - 14:49
މަކަރާއި ހީލަތުން ކޭޕާކް ފްލެޓްތައް ވިއްކި ކަމުގެ ތުހުމަތު ކޮށްފައިވާ ހަސަން މަމްދޫހު (މަންޑޭ)އާއެކު ވިޔަފާރިކުރާ އާބަންކޯގެ މުވައްޒަފަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.
އެ ކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އާބަންކޯގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން، ކޭޕާކް މައްސަލައިގެ ތަހުގީގު ކުރިއަށް ދާ މުއްދަތުގައި ކުރާ ތުހުމަތުތަކަށް ރިއާޔަތްކޮށް، މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ 14 ދުވަހަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ތުހުމަތު ރައްދުވަނީ އާބަންކޯގެ ރިއަލް އެސްޓޭޓް ބައިގައި މަސައްކަތްކުރާތާ 9 އަހަރު ވެފައިވާ އަބްދުއް ނާފިއު މުހައްމަދަށެވެ. އޭނާ އަކީ ރިއަލް އެސްޓޭޓްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރުމަށް ދޫކުރާ ބިންތައް އިވެލުއޭޓްކޮށް، އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ކަންތައްތަކުގައި ވެސް ހަރަކާތްތެރިވާ މުވައްޒަފެކެވެ.
ނާފިއުއަކީ މަންޑޭގެ ހިއްސާ އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ ދިކޯރު އިންވެސްޓްމަންޓް އެންޑް ކޮންސަލްޓިން ގްރޫޕް ޕްރައިވެޓް ލިމިޑެޓްގެ އެއް ޕާޓްނަރެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މަންޑޭ އެވެ. އެހެންވެ، ބޮޑެތި އެތައް ބައެއްގެ ހައްގުތައް ގެއްލޭ ގޮތަށް ކޭޕާކް ފްލެޓްތަކާ ގުޅުވައިގެން އިތުރަށް ފައިސާ ނެގި ކަމަށް ތުހުމަތު ކުރާ މަންޑޭއާ ގުޅިގެން އާބަންކޯގެ ތެރެއިން ކަންކަން ކުރާ ކަމުގެ ތުހުމަތު އެ ކުންފުނިން ކުރާ ކަމަށް އެނގިފައި ވެ އެވެ.
"...ފުލުހުންނާއި މި ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓުން މި މައްސަލަ ތަހުގީގުކޮށް ނިމުމުން, މި މުވައްޒަފަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ،" އާބަންކޯގެ މެސެޖުގައިވެ އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ ކޭޕާކުން އެޕާޓްމަންޓްތައް ވިއްކުމުގައި އެތައް ބަޔަކަށް ލަނޑުދިން މައްސަލާގައި މަންޑޭގެ އިތުރުން ދެ މީހެއްގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. އެކަކު އަނެކެއްގެ ބޮލުގައި ތުހުމަތު އަޅުވާފައިވާ މި ސްކޭމްގައި ފަހުން ހިފެހެއްޓީ ޖައިޝާން ސައީދު އާއި ހަންބޯ ކުންފުނީގެ ބިދޭސީއެއްގެ ޕާސްޕޯޓެވެ.
ޕްރޮޖެކްޓް ހިންގުމުގައި މައިނޯރިޓީ ހިއްސާ އޮންނަ ކުންފުނި ކޯދި އިންވެސްޓްމެންޓްގެ ހިއްސާދާރެއް ކަމަށްވާ ޖައިޝާންއަކީ މަމްދޫހްއާ އެކު އެޕާޓްމަންޓްތައް ވިއްކުމުގައި އަމަލީ ގޮތުން އުޅުނު އެކަކެވެ.
ހަންބޯ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރު ތުހުމަތުކުރާ ޖިން ޝިހޫ ތުހުމަތުކުރާ ގޮތުގައި، އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ފްލެޓް ވިއްކީ މަންޑޭ އެވެ. އެކަމަކު އެ ތުހުމަތު ދޮގުކޮށް، މަންޑޭ ބުނަނީ މައި ހިއްސާދާރު އުޅުނީ އޮޅުވައިލައިގެން ވިއްކި ފްލެޓުތަކަށް ލިބުނު ފައިސާ ހިފައިގެން ފިލަން ކަމަށެވެ. މަންޑޭގެ ބޮލުގައި ތުހުމަތު އެޅުވީ އެކަމަށް އެއްބަސްނުވުމުން ކަމަށް މަންޑޭ ބުނެ އެވެ.
މި މައްސަލަ ތަހުގީގުކޮށްދޭން އާބަންކޯ އިން ފުލުހުންނަށް ހުށަހަޅާފައި ވާތީ، އެ މުއައްސަސާ އިން ވަނީ ލަނޑު ލިބުނު މީހުން މައުލޫމާތު ތަހުގީގަށް ހިއްސާކޮށްދޭން ވެސް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންޑޭ
12 May 2023
މަންޑޭ އެއުޅެނީ ހޯމަ ދުވަސް އެއީ ސަންޑޭ ކަމަށް ހަދަން. އެކަމު އެންމެންނަށް ވަރަށް ސާފުވޭ އެބަ ހޯމައަކީ މަންޑޭކަން.
ސާބިރު
12 May 2023
މިއީ ނިކަން އީގޯވެސް ހައި ގޮލައެެއް. ތި ނާފިއު ރަނގަޅަށް ދަންނަ މީހެއްގެ ގޮތުން މަ ހައިރާނެއް ނުވޭ މިކަމަކާ. އަދި ރަނގަޅަށް ބަލައިފިއްޔާ ތިކަހަލަ ކިތަންމެ ޖަރީމާއެއްގައި ތި ނާފިއުގެ ބައިވެރިވުން އޮންނާނެ
ކައިކުް
12 May 2023
ނާފިއުގެ އެންމެ ފުރިހަމަކޮށް އެންމެބަހަކުން ސިފަކޮށްދެންޔާކޮށްދެވޭނީ "އީގޯސްޓިކް". ވަރަށް ރަނގަޅު ވާހަކަ އެށް
މުގާބޭ ބެ
12 May 2023
މަންޑޭ އެއް ފުލަޓު އެތައް ބަޔަކަށް ވިއްކާފަ ލިބުނު ފައިސާ މައި ހިއްސާދާރު ހިފައިގެ ފިލަން އުޅޭ ވާހަކަ ތިއީ ބޮޑު ޖޯކެއް. އިމާރާތަށް އެތައް މިލިޔަނެއް އިންވެސްޓު ކޮއްފަ މަގުމަތިން ހޮވައިގެން އައި މައިނޯރިޓީ ހިއްސާދާރު ލާރި ފެނުނީމާ މޮަޔަވެގެން މައި ހިއްސާދާރުގެ ސޮއި ފޯޖުކޮށް ވައްކަން ކޮއްފަ އެހެން މީހުންގެ ބޮލުގައި ވައްކަން އެޅުވުމަކީ ލަދުވެތި ކަމެއް. މަގޭ ހިތައް އަރާ ބޭރު އިންވެސްޓަރުންނަ މުޅިންވެސް މިގައުމުން މިފެންނަނީ މިކަހަލަ މީހުން ބާ އެވެ!
ފުލެޓު
12 May 2023
ދުނޔޭގައި ބޮޑެތި ކޯޕަރޭޝަންތައް މިޒަމާނު ރީބުރޭންޑު ކުރަނީ ކޮރަޕުސަން ފަދަ ވިޔާނުދާ ކަންކަމުން ދުރުވެ ހިންގުން ރަގަޅުކޮށް ރައްޔިތުންނަށް ވާ ފައިދާ އިތުރު ކުރަން. އެތެރެ ފެންނަ ރަގަޅު އުސޫލުތަކަކާ އެކު. އެޗުޑީސީ ރީ ބުރޭންޑު ކުރީމަ ކޮރަޕްޝަން ވީ އިތުރު. ކޯޕަރޭޓު ގަވަނެންސްގެ ޒަމާނީ ތިއަރީތައް ނުދަންނަ ނާތަހުޒީބު ޢާބަންކޯ ހެހެހެ
ބޮޑުމީހާ
11 May 2023
ކޮއިފުޅާ ދެރަނުވޭ! އެންމެ ފަހުން ސަސްޕެންޑުކުރި މީހާ ތިލަވީ އޮފީސް ދަތުރެއްގަ ޗައިނާއިން، އަނެކަަކަށް ސިފައިންގެ މަތީ މަގާމެއް ލިބުނު، އަނެކަަކަށް ޝަރަފުވެރިކަމުގެ އެވޯރޑް ލިބުނު، ވަރަށް ބޮޑަށް ބެލެވޭ ތިބޭފުޅާއަށް ރަގަޅު ގޮތެއް ވާންއުޅޭކަމަށް!
ފޮނިޓައްޕު ހަސަނު
11 May 2023
އިހު ޒަމާނުގައި ވަގުން ހެދުން އަޅައި އުޅުުނީ ބާ ޓީޝާޓްގަނޑެއް ލައިގެން، މިޒަމާނުގައި ވަގުން ހެދުން އަޅައިގެން ތިބެނީ ކޯޓު ފަޓލޫނުގައި???
އަބްޑޫޅް
12 May 2023
ވަގުން ލާ އުޅުނީ ސީސޯޓެއް ނޫން. އެއީ ގަންޖިފަރާސް. (ގަންޖިފަރީސް ލާ އުޅުނު އެންމެންނަކީ ވަގުންނެއް ނޫން)
ފިތުރޯނު މުސްތޮފާ - ހުޅުމާލެ
11 May 2023
އެޗްޑީސީގެ ކޮރަޕްޝަންތަށް ރައްޔިތުންނަށް ތިލަކޮށްދިނުމަށް ނޫސްވެރިންނަށް އިލްތިމާސްކުރަން. އެޗްޑީސީގެ ޗީޕް ކޮމާޝަލް އޮފިސަރާއި، އޭނާއަށް ވާގިވެރިވާ ޓީމެއް ރަށުތެރޭގައި ރިޝަވަތުގެ ހުތުރު ފައިސާއަށް ކަންކަން ކޮށްދޭނެ ކަމަށް އިސްތިހާރުކޮށް، ބައެއް ކަންކަން މިހާރުވެސް އެބަކުރޭ. މެލޭޝިޔާއާއި އެތަށް މިތަނުން އަގުބޮޑެތި ފުލެޓުތަކާއި އެއްޗެހި އެބަ ގަނޭ. މާލެ/ހުޅުމާލެއިން ފުލެޓު ގަނެ ޖީބު ފުރައިފި
ޢޭންޖަލް
11 May 2023
މިގައުމުގަ ނޫޅެނީތަ އެއްވެސް އިހްލާސްތެރި ކަމެއް ހުންނަ މީހެއް؟ ވަރަށް ދެރަވެއްޖެ މައްސަލައެއް މީ
ކޮރަލް
11 May 2023
ޕްރޮމޯޝަނެއް ލިބެން ކައިރި ވީ އެވެ.
ޕިންކީބަނާނާ
11 May 2023
ދިކޯރު އިންވެސްޓްމެންޓް އުން ހަރާންކޯރު އިންވެސްޓްމެންޓަށް ތި ކުންފުނީގެ ނަންބަދު ކުރަންފެނޭ.