ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ސީރިއަސް ކޮށް ކުޅެގެން މާޒިޔާއަށް ނަތީޖާ ނެރެވޭނެ، ގްރީންގެ އަމާޒު ގަދަ ހަތަރަކަށް

ލީގު ފުރަތަމަ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި މާޒިޔާގެ ކޯޗު އިވާން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

13 މެއި 2023 - 15:18

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން މެޗުތަކުގައި މިހާރަށް ވުރެ ބޮޑަށް ސީރިއަސް ކޮށް ވިސްނުން ބަހައްޓައިގެން ކުޅެން ޖެހޭ ހަމަށް އެޓީމުގެ ކޯޗު އިވާން ކޮލޭވެ ބުނެފި އެވެ.

ލީގުގައި މާޒިޔާގެ ފުރަތަމަ މެޗުގައި ނުކުތީ ޒުވާން ސްކޮޑެއް އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށެވެ. ޔޫވީ އަކީ މަދު ޕްރެކްޓިސްތަކަކާ އެކު ނުކުތް ޓީމެކެވެ. އެ މެޗުން މާޒިޔާ އަށް ބޮޑު މޮޅެއް ހޯދުނު ނަމަވެސް ފުރަތަމަ ހާފު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މާޒިޔާ މެޗުން މޮޅުވީފަހު 22 މިނިޓު ތެރޭ ކާމިޔާބު ކުރި ފަސް ގޯލުންނެވެ.

ލީގުގެ ދެވަނަ މެޗުގައި މާޒިޔާ އަށް މިރޭ ކުޅެން ޖެހެނީ ވެސް މާ ގިނަ ޕްރެކްޓިސް އެއް ނެތި ލީގުގައި ކުޅޭ ކްލަބް ގްރީން ސްޓްރީޓްސް އާ ދެކޮޅަށެވެ. އިވާން ބުނީ، އިދިކޮޅުން ކުޅެނީ ކޮން ޓީމެއްތޯ ނުބަލައި، ޕްރެކްޓިސްތަކުގައި ކުރާ މަސައްކަތް ދަނޑުމަތީގައި އެންމެ ފުރިހަމައަށް ދެއްކުމުގެ ވިސްނުން ކުޅުންތެރިން ގެންގުޅެން ޖެހޭ ކަމަށެވެ.

"ކޮންމެ މެޗަަށް ހަފްތާއެއްގެ ޕްރެކްޓިސް ކުރެވޭ. މެޗަށް ތައްޔާރުވޭ، ޕްރެކްޓިސްގައި ކުޅުންތެރިން ވަރަށް ސީރިއަސް. އެކަމަކު މެޗުގައި ކުޅޭ ކުޅުމުން އެ ސީރިއަސް ކަމެއް ނުފެނޭ. މިއީ ކޮންކަހަލަ ކަމެއް؟" ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިވާން ބުންޏެވެ.

"ކުޅުންތެރިން ޖެހޭނެ އިދިކޮޅުން ނުކުންނަނީ ކޮންބައެއްކަން ވިސްނާކަށް، އިދިކޮޅުން ނުކުންނަނީ ކުޑަކުދިން ވިއަސް ނޫނީ ބާސާ އާއި ރެއާލް މެޑްރިޑް ކަމުގައި ވިއަސް ކުޅެން ވާނީ އަމާޒަކަށް ވާސިލް ވާން. އެއީ ކުޅުންތެރިންގެ ކޮލިޓީއާއި ހުނަރު ދައްކާލަން ލިބޭނީ މެޗުތެރޭގައި."

އިވާން ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު އެބަ ހުރި ކަމަށާއި ޕްރެކްޓިސްގައި ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރާކަމަށެވެ. ނަމަވެސް ޕްރެކްޓިސްގައި ދައްކާ ސީރިއަސްކަން ރާއްޖޭގައި ކުޅޭ މެޗުތަކުގައި ނުދައްކައި އޭއެފްސީ ލެވެލްގައި ނަތީޖާ ނެރެން އުނދަގޫ ވާނެކަން އޭނާ ފާހަގަ ކުރި އެވެ.

"މެޗެއް އޮތިއްޔާ ކޮންމެ ކުޅުންތެރިއަކު ވެސް 100 ޕަސެންޓު ތައްޔާރުގައި ހުންނަން ވާނީ. ރާއްޖޭގެ މުބާރާތެއް ވިއަސް ނޫނީ އޭއެފްސީ ކަޕް މެޗެއް ވިއަސް ނޫނީ މިސާލަކަށް ވޯލްޑް ކަޕް ވިއަސް. އަހަރެން ދެކޭގޮތުގައި ރާއްޖޭގެ ކުޅުންތެރިން ވަރަށް ރަނގަޅު، ސްޕީޑާއި އެޖިލިޓީ އާއި ޓެކްނީކް ވެސް ވަރަށް ރަނގަޅު، އެކަމަކު މެންޓާލިޓީ އާއި ތައްޔާރު ވުމުގެ ކަންކަން އެހާ ރަނގަޅެއް ނޫން،" އިވާން ބުންޏެވެ.

"ކުޅުންތެރިން ސީރިއަސް ކޮށް ކުޅޭނަމަ އެބަ ހޯދޭ ރަނގަޅު ސްކޯއެއް."

މިދިޔަ ސީޒަންގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި އަނިޔާވި އަލީ ފާސިރު (ސެންޓޭ) ވަނީ މާޒިޔާގެ ލީގު ފުރަތަމަ މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ހިލޭޖެހުމަކުން ގޯލު ޖަހައިފަ އެވެ. އިވާން ބުނީ ސެންޓޭގެ ފަރާތުން ކުރިއެރުން ފެންނަ ކަމަށާއި އޭނާ މިވަގުތު ހުރީ މެޗެއްގެ 70 ނޫނީ 80 ޕަސެންޓު ކުޅެވޭ ފެންވަރަށް ތައްޔާރު ވެފައި ކަމަށެވެ.

ކުޅުންތެރިން އެކުލަވާލުމުގެ މަސައްކަތާ އެކު، ގްރީންގެ ޓާގެޓް ގަދަ ހަތަރަކަށް

މާޒިޔާއާ ދެކޮޅަށް މިރޭ ނުކުންނަ ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ، ފުރަތަމަ މެޗުގައި ނަތީޖާ ގޯސް ވިއަސް ކުޅުންތެރިންގެ ފިޓްނެސްގެ މައްސަލައެއް ފާހަގަ ނުވާ ކަމަށާއި، ފެނުނީ އާ ކުޅުންތެރިންނާއެކު ޓީމެއްގެ ގޮތުގައި ކުޅެން ތައްޔާރު ނުވެވި އޮތް ތަން ކަމަށެވެ. އަދި ޓީމުގެ ޓާގެޓަކީ އެންމެ ދަށް ވެގެން ގަދަ ހަތަރެއްގައި ހިމެނުން ކަމަށް ވެސް ނިސްތާރު ބުންޏެވެ.

"ރޯދަ މަހު ފަހު ދެ ދުވަހެއް ވަރު ޕްރެކްޓިސް ކޮށްފައި، ދެން އީދަށް ކުޑަ ބްރޭކެއް ނަގާލާފައި އެހާ ގިނަ ދުވަހެއް ނޫން [ޕްރެކްޓިސް ކުރެވުނީ]. އަޅުގަނޑުމެންނަށް ފާހަގަވި ފިޓްނަސް މައްސަލައެއް ނެތް، އަލްހަމްދުލިއްލާހި. އެކަމު އާ ކުދިންތަކެއް ވީމަ ހުންނާނެ ކަންތައްތަކެއް، އެކަމު ވަރަށް ކޮންފިޑެންސް އެބަހުރި މި ކުދިންނަށް،" ލީގަށް ވީ ތައްޔާރީތަކާ ގުޅޭގޮތުން ނިސްތާރު ބުންޏެވެ.

"މި އަހަރު ނީންނާނެ ރެލިގޭޝަނެއް، އަޅުގަނޑުމެންގެ ޓާގެޓަކީ އަދިވެސް ކޮންމެ އަހަރަކު ވެސް، ދެން ކޮންމެ އަހަރަކު ވެސް އެއް ނޫން، އެންމެ ދަށް ވެގެން ޓޮޕް ފޯ އަށް ވަނުން ޓާގެޓަކީ. ﷲ އިރާދަކުރެއްވިއްޔާ އެ އެޗީވްކުރާނަން."

ނިސްތާރު ބުނީ ސީޒަނަށް ތައްޔާރުވާން ޕްރީ ސީޒަނަށް އެ ބޭނުންވާ އެންމެ ރަނގަޅު މުއްދަތެއް ކަމަށްވާ ހަ ހަފްތާ ލިބިއްޖެނަމަ ރަނގަޅުވާނެ ކަމަށާއި، ރަނގަޅު ކުޅުން ދެއްކޭނެ ކުޅުންތެރިން ޓީމުގައި ތިބި ނަމަވެސް މައްސަލައަކީ އެކުގައި ޓީމެއްގެ ގޮތުގައި ކުޅުވަން ވަގުތު ނަގާނެ ކަމަށެވެ. އަދި ސީޒަން ނިމެން ވާއިރަށް ޓީމުގެ ޓާގެޓަށް ވާސިލް ވުމުގެ އުންމީދު އެބަ އޮތް ކަން ނިސްތާރު ފާހަގަ ކުރި އެވެ.

ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު، ނިސްތާރު ބުނީ ޕްރިމިއާ ލީގުގައި ދަށް ޓީމެއް ނޯންނާނެ ކަމަށާއި ނަމަވެސް މާޒިޔާއަކީ މިވަގުތު ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބް ކަމަށް ވެފައި، މެޗަށް ވެވެން އޮތް އެންމެ ރަނގަޅަށް ތައްޔާރު ވާކަމަށެވެ. ހަމަ އެއާ އެކު ބިދޭސީ ކުޅުންތެރިން ޓީމުގައި އަދި ނެތް ކަމަކު، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ކޮންމެވެސް ވަރަކަށް ޓީމަށް ބިދޭސީ ކުޅުންތެރިން ހޯދަން ބޭނުންވާ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

ގްރީން އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454