ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ލިވަޕޫލްގައި އޮންނަ އިވެންޓަކާ ހެދި މެޗު ނުކުޅެވުމަކީ މައްސަލައެއް: ގާޑިއޯލާ

ސިޓީގެ ކޯޗު ގާޑިއޯލާ، ލީގުގައި މިއަދު ސިޓީ ކުޅެން އޮތް މެޗު މާދަމާއަށް ފަސްކުރުމުން އޭނާ ހުރީ ހިތްހަމަ ނުޖެހިފައި.-- ފޮޓޯ: އޭއެފްޕީ

13 މެއި 2023 - 14:18

ލިވަޕޫލް (މެއި 13) - އިނގިރޭސި ވިލާތުގެ ލިވަޕޫލްގައި މިއަދު އޮންނަ އިވެންޓަކާ ގުޅިގެން މެންޗެސްޓާ ސިޓީ ކުޅެން އޮތް މެޗު ފަސްކޮށް، އާދީއްތަ ދުވަހު މެޗު ކުޅެން ޖެހުމަކީ މައްސަލައެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާ ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށް ސިޓީ ނުކުންނަ މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން ހަވީރު ހައެއް ޖަހާއިރު އެވެ. އޭގެ ދެ ދުވަސް ފަހުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ސިޓީ އިން ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެ އެވެ.

ސެމީގެ ފުރަތަމަ ލެގްގައި ރެއާލް ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް މިރޭ ނުކުންނާނީ ގެޓާފޭއާ ދެކޮޅަށެވެ. އެހެންވެ ވާދަވެރި ދެ ވަނަ ލެގްގެ މެޗުގެ ކުރިން ރެއާލަށް އަރާމުކުރަން އިތުރު ދުވަހެއް ލިބޭނެ އެވެ.

ގާޑިއޯލާ ބުނީ އެވަޓަންއާ ދެކޮޅަށް ސިޓީ ކުޅެން ޖެހޭ މެޗު އާދީއްތަ ދުވަހަށް ބަދަލުވީ މިއަދު ލިވަޕޫލްގައި ހާއްސަ އިވެންޓެއް އޮތުމުން ކަމަށެވެ. އެވަޓަން އަކީ ލިވަޕޫލަށް ނިސްބަތްވާ ކްލަބެކެވެ. ލިވަޕޫލްގައި މިމަހުގެ 9-13 އަށް ކުރިއަށް ދަނީ ޔޫރޯވިޝަން ސޯންގް ކޮންޓެސްޓެވެ. ކޮންމެ އަހަރަކު އޮންނަ މި އިވެންޓް މިފަހަރު ލިވަޕޫލްގައި ބާއްވަނީ އެކަމަށް ކުރި ބިޑް ކާމިޔާބުކޮށްގެންނެވެ. ފުޓްބޯޅައާ ގުޅުމެއް ނެތަސް އެ އިވެންޓުގައި ގިނަ ބަޔަކު ބައިވެރިވާތީ ލިވަޕޫލްގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހެ އެވެ.

"ހޮނިހިރު ދުވަހު އަހަރެމެންނަށް މި ނުކުޅެވެނީ ލިވަޕޫލްގަ އޮންނަ އިވެންޓަކާ ހެދި. އެއްފަހަރާ މުހިއްމު ދެ އިވެންޓް ކުރިއަށްގެންދެވޭނެ ގޮތެއް ނެތް،" ލިވަޕޫލްގައި އޮންނަ ކޮންޓެސްޓާ އެކު ސިޓީ މެޗު ނުކުޅެވޭތީ ކަންބޮޑުވުން ފާޅުކުރަމުން ގާޑިއޯލާ ބުންޏެވެ.

ޔޫރަޕްގެ މެޗުތަކާ ދިމާކޮށް ޕްރިމިއާ ލީގުގެ ޝެޑިއުލް އޮންނަ ގޮތުން ގާޑިއޯލާ ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިތުރަށް ގާޑިއޯލާ ބުނީ މެޗުތައް އެގޮތަށް ތާވަލުކުރަނީ ކީއްވެކަން އޭނާ އަށް ނުވިސްނޭ ކަމަށާއި، އެކަމާ ދެކޮޅަށް ވާހަކަދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އަހަރެންނަށް ނުވިސްނޭ މިހެން ހަދަނީ ކީއްވެ ކަމެއް. އެކަމަކު އެކަމާ ދެކޮޅަށް އެއްޗެކޭ ބުނާކަށް ނެތިން. ސިޓީ ބޭނުންވަނީ ހޮނިހިރު ދުވަހު މެޗު ކުޅެން. އެއީ ރެއާލް މެޗަށް ވެސް ތައްޔާރުވާން ބޭނުންވާތީ. އަހަރެންނަށް ޔަގީން ޕްރިމިއާ ލީގުން ވެސް ބޭނުންވާނެކަން ކްލަބްތަކަށް މިފަދަ ކަންކަމުގައި އެހީވާން،" ސިޓީއާ އެކު މި ސީޒަނުގައި ތިން ތަށި ހޯދުމަށް އަމާޒުހިފައިފައިވާ ކޯޗު ބުންޏެވެ.

"އަހަރެންގެ ވިސްނުމުގައި އޮތީ ހަމައެކަނި އެވަޓަން، 11 މަސް ވަންދެން ޕްރިމިއާ ލީގަށް މަސައްކަތް ކޮށްފިން. ރެއާލް މެޗަށް ތައްޔާރުވާން ވަގުތެއް ނެތް. އެހެންވެ ހުރިހާ ވިސްނުމެއް މިހުރީ އެވަޓަން ދަނޑުގައި ކުޅޭ މެޗަށް."

މާދަމާ ހަވީރު އެވަޓަން ބަލިކޮށްގެން ސިޓީ އަށް ލީގު އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. ލީގު ހޯދަން ސިޓީއާ ވާދަކުރަމުން އަންނަ އާސެނަލް މާދަމާ ރޭ ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454