ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ގްރީން ސްޓްރީޓްސްގެ މައްޗަށް މާޒިޔާ އިން ފަސޭހަ މޮޅެއް

ސްޓެފަން (ވ) މެޗުގެ ފަސްވަނަ ގޯލު ޖެހުމަށް ފަހު ޗޯޓު (ކ) އާއެކު އުފާފާލު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މިރޭ ފަސޭހަ ކަމާއެކު 5-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

މާޒިޔާ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް ނިންމާލާފައި ވަނީ ފައިދާ ފަސް ގޯލާ އެކު އެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން މޮޅުވީ 7-2 އިންނެވެ. ގްރީންގެ ފުރަތަމަ މެޗުގައި އެޓީމު ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-1 އިން ބަލިވެފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން ގްރީން އިން ރަނގަޅަށް ޑިފެންސް ކުރަމުން ދަނިކޮށް މާޒިޔާ ފުރަތަމަ ގޯލު ޖެހީ 16 ވަނަ މިނިޓުގަ އެވެ. ހަސަން ނަޒީމް (ޗޯޓު) ހުރަސްކޮށްލި ބޯޅަ އިބްރާހިމް ހަސީބު ފައިގައި ޖެހިފައި ޖެހިފައި ގޯލު ހުރަސް ވެގެން ދަނިކޮށް އަލީ ފާސިރު (ސެންޓޭ) ކޮންޓްރޯލް ކުރި ބޯޅަ ގޯލަށް ފޮނުވާލީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

މާޒިޔާގެ ހަންނަ އަތުން ބޯޅަ ހޯދަން ގްރީންގެ ޑިފެންޑަރު މުހައްމަދު ކަރަމް މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހާފް ނިމުމުގެ ކުރިން މާޒިޔާ އިން ވަނީ އިތުރު ތިން ގޯލު ޖަހައި ބޮޑު ލީޑެއް ނަގައިފަ އެވެ. މެޗުގެ 37 ވަނަ މިނިޓުގައި ހަންނަގެ އެހީތެރިކަމާ އެކު ދެވަނަ ގޯލު ޖަހައިދިނީ ސެންޓޭ އެވެ. މިއީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭރު ކްލަބް ވެލެންސިއާގެ ކެޕްޓަން ސެންޓޭ އަނިޔާއިން ރަނގަޅުވެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

މާޒިޔާގެ ތިންވަނަ ގޯލު 43 ވަނަ މިނިޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހީ ހަންނަ ނަގައިދިން ހުރަހަކުންނެވެ. އަދި މި ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ހަތަރުވަނަ ގޯލު ޖަހައިދިނީ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އެވެ. ސަމުއްޓެ މި ގޯލު ޖެހީ ހަމްޕު ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފުގައި ވެސް މާޒިޔާއިން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. އެގޮތުން ހަމްޕު ފޮނުވާލި ދެ ހަމަލާއެއް ގޯލާ އަމާޒު ނުވިއިރު އައިސަމް އިބްރާހިމް ފޮނުވާލި ހަމަލާއެއް ގްރީންގެ ކީޕަރު އަހުމަދު ރަމީޒު ދިފާއު ކުރި އެވެ. އަދި ފަހުން ސެންޓޭ ނެގި ކޯނަރަކުން ސަމުއްޓެ ބޮލުން ފޮނުވާލި ބޯޅަ ވެސް ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގައި މާޒިޔާއިން ޖެހި ފަސްވަނަ ގޯލު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި ހާފުގައި އެރި ބިދޭސީ ފޯވާޑް ސްޓެފަން މިހައިލޮވިޗް އެވެ. މެޗުގެ 73 ވަނަ މިނިޓުގައި އޭނާ މި ގޯލު ޖެހީ ޗޯޓު ދިން ޕާހަކުން އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖައްސައިފަ އެވެ. އޭގެ ފަހުން ސްޓެފަން އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ކީޕަރު ރަމީޒް ދިފާއު ކުރި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ގްރީން އަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވީ، އެޓީމުގެ ޑިފެންޑަރު ހަސީބަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ހަސީބަށް ރަތް ކާޑު ދެއްކީ އޭރިއާ ކައިރިން ސްޓެފަން އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މާޒިޔާއިން މެޗުގެ އެންމެ ފަހު ސިކުންތުކޮޅު ތެރޭގައި ޑިފެންސަށް ފައިބައިގެން އުޅެނިކޮށް އެޓީމުގެ ޑީފެންޑަރު އަހުމަދު ނޫމާން (ނޫމްބެ) އަށް އަނިޔާވެގެން ވަނީ އަށިގަނޑުގައި ދަނޑުން ބާލައި، ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގްރީން ސްޓްރީޓްސް ދޫކޮށް މި ސީޒަންގައި މާޒިޔާއަށް ބަދަލުވި ޗޯޓު އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454