ކުޅިވަރު / ދިރާގު ދިވެހި ލީގު

ވެލެންސިއާ އަތުން އީގަލްސް އަށް މުހިއްމު މޮޅެއް

ވެލެންސިއާ ކޮޅަށް އީގަލްސްގެ ތިންވަނަ ގޯލު ޖެހުމަށް ފަހު މަހުދީ އުފާފާލު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި މިރޭ ކުޅުނު މެޗުގައި ކްލަބް އީގަލްސް، 3-0 އިން ކްލަބް ވެލެންސިއާގެ މައްޗަށް ކުރި ހޯދައިފި އެވެ.

ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ވެސް މި ދެޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗު އީގަލްސް ކާމިޔާބު ކުރީ 4-0 އިންނެވެ.

މިރޭގެ ނަތީޖާއާ އެކު އީގަލްސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ފަހަތުން އަރައި 3-1 އިން ބުރު ސްޕޯޓްސް ކްލަބް ބަލި ކޮށްފައި ވާއިރު، ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވީ ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށް 2-0 އިންނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ގެ ބަދަލުގައި އީގަލްސްގެ ގޯލު ބެލެހެއްޓީ ޒުވާން ކީޕަރު ހަސަން އަލީފް އިބްރާހިމް އެވެ. އަދި މި ސީޒަންގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ދޫކޮށްލި ފުލްބެކް ލަމާން ޒުހެއިރު ވަނީ ފުރަތަމަ ފަހަތރަށް އީގަލްސްގެ ސްޓާޓިންގައި ހިމެނިފަ އެވެ.

ވެލެންސިއާގެ ފުރަތަމަ 11 ގައި މި ސީޒަންގައި ކުޅެމުން އަންނަ 14 އަހަރުގެ މުހައްމަދު އިލާން އިމްރާން މިރޭ މެޗުގައި އިނީ ބެންޗުގަ އެވެ. އޭނާ ވަނީ މިއަދު ފެށި އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަ ކޮށްފަ އެވެ.

މި ސީޒަނުގައި ވެލެންސިއާގެ ސްކޮޑުގެ މެޖޯރިޓީ އަކީ ސްކޫލު ކުދިންނެވެ. އިންޓަ ސްކޫލް އެތުލެޓިކްސް އާއި އޯލެވެލް އިމްތިހާނުގެ ދުވަސްވަރު ކަމަށް ވުމާއެކު ވެލެންސިއާގެ ތައްޔާރީތައް އެންމެ ރަނގަޅަށް ނުގެންދެވޭކަން، މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އެޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވަނީ ހާމަ ކޮށްފަ އެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ބަލިވެ އުޅޭތީ މިރޭ ވެސް އެޓީމަށް އިރުޝާދުދޭން ބެންޗުގައި އިނީ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް (އިއްލެ) އެވެ.

އީގަލްސްގެ ތިންވަނަ ގޯލު ޖެހި މަހުދީ، މެޗުގައި ވެލެންސިއާގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މެޗު ޑޮމިނޭޓް ކޮށްގެން އީގަލްސް އިން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އެޓީމަށް ވެލެންސިއާ ކޮޅަށް ގޯލެއް ޖެހުނީ މެޗުގެ 43 ވަނަ މިނިޓުގަ އެވެ. ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ)، ކުރިއަށް ދުވި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް މަތިން ބޯޅަ ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ބްލޮކް ކުރުމުން ލިބުނީ އަރިމަތީ ހުސްކޮށް ހުރި ބްރެޒިލް ފޯވާޑް އިވާން ކާލޯސް އަށެވެ. އޭނާ ވަނީ އޭރިއާ ބޭރުގައި ހުރެ އެއްފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އީގަލްސް އަށް ލީޑު ނަގައިދީފަ އެވެ.

އޭގެ ކުރިން އީގަލްސް އަށް ވަނީ ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. މަހުދީގެ ކޯނަރަކުން އިވާން ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވި އިރު އިބްރާހިމް މައިސާން (މައި) ނަގައިދިން ހުރަހަކުން ރިޒޭ ބޮލުން ފޮނުވާލި ބޯޅަ ދިފާއު ކުރީ ވެލެންސިއާގެ ކީޕަރު އާދަމް އިމްއާން އެވެ. އަދި މަހުދީ އާއި އަހުމަދު ހަސަން (އަންމަޑޭ) ފޮނުވާލި ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ.

ވެލެންސިއާ އިން ވެސް ވަނީ މި ހާފުގައި ތަޖުރިބާކާރު އީގަލްސްއާ ދެކޮޅަށް ރަނގަޅު ހަމަލާތަކެއް އުފައްދައިފަ އެވެ. އަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ދެ ހަމަލާއެއް ކީޕަރު އަލީފް ދިފާއު ކުރި އިރު ޒުވާން ފޯވާޑް އީތަން އިބްރާހިމް ޒަކީ ފޮނުވާލި ހަމަލާއެއް ވަނީ ޑިފެންޑަރެއް ގައިގައި ޖެހިފައި ކޯނަރަކަށް ބޭރު ވެފަ އެވެ. އަދި ކެޕްޓަން ހަސަން ސުފިއާނު (ސޫފި) އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން ކުރީކޮޅު ވެލެންސިއާގެ ޔާނު ވަނީ އޭރިއާ ބޭރުން ރީތި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް ކީޕަރު އަލީފް ބޯ މަތިން ގޯލަށް ވަންނަން ދިޔަ ބޯޅަ، އަލީފް ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ.

އެއަށް ފަހު އީގަލްސް އިން ކޮންޓްރޯލް ނަގައިގެން ކުޅެ، ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ކައުންޓާ އެޓޭކެއްގައި މަހުދީ ދިން ބޯޅައެއް ހިފައިގެން ރިޒޭ އޭރިއާ ތެރެއަށް ވަން ނަމަވެސް އޭނާއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ. ޒައިން ޒަފަރު ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވި އިރު، އަންމަޑޭ ބޮލުން ޖައްސާލި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް ދިފާއު ކުރީ އަހުމަދު ސިޒާން (ސިއްޕެ) އެވެ. އަދި މަހުދީ ފޮނުވާލި ހަމަލާއެއް ކީޕަރު އިމްއާން ވަނީ ދިފާއު ކޮށްފަ އެވެ.

އީގަލްސްގެ ދެވަނަ ގޯލަކީ ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ. ވެލެންސިއާގެ ކުޅުންތެރިއެއް އަތުގައި ބޯޅަ ޖެހުމުން ލިބުނު މި ޕެނަލްޓީ މެޗުގެ 64 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ރިޒޭ އެވެ. ރިޒޭ ފޮނުވާލި ބޯޅައަށް ކީޕަރު އިމްއާން ރަނގަޅު ކޮޅަށް ހަރަކާތް ކޮށްފައި ވާއިރު، ބޯޅަ ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހިފަ އެވެ. އޭގެ ފަހުން ރިޒޭއަށް އިތުރު ގޯލެއް ޖަހަން ހުސްކޮށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ އިމްއާން ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގައި އީގަލްސް ޖެހި ތިންވަނަ ގޯލު 84 ވަނަ މިނިޓުގައި ޖަހައިދިނީ މަހުދީ އެވެ. އޭނާ މި ގޯލު ޖެހީ ރިޒޭ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލް ލައިން ކައިރީ ހުސްކޮށް ހުރެ ގޯލުތެރަށް ފޮނުވާލައިގެންނެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާވާ

15 May 2023

އީގަސްއިން 14 އަހަރުން ދަށުގެ ޓީމެއް ބަލި ކޮށްފި!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454