ކުޅިވަރު / ކްލަބް ވެލެންސިއާ

މިހާރު އެންމެ ބޮޑު އަމާޒަކީ މޮޅެއް ހޯދަން މަސައްކަތް ކުރުން: ފެސްކޯ

ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން ވެލެންސިއާގެ ކޯޗު ފެސްކޯ، ޕްރެސް ކޮންފަރެންސްގައި.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި ސީޒަންގައި މޮޅެއް ނުހޯދި އޮތް ކްލަބް، ވެލެންސިއާގެ މި ވަގުތު އެންމެ ބޮޑު ޓާގެޓަކީ މޮޅެއް ހޯދަން މަސައްކަތް ކުރުން ކަމަށް، ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ޒުވާން ސްކޮޑަކާ އެކު ކުޅޭ ވެލެންސިއާ އިން މި ސީޒަންގައި މިހާތަނަށް ހަތަރު މެޗު ކުޅެފައި ވެއެވެ. އެއީ ޕްރެޒިޑެންޓްސް ކަޕްގެ ދެ މެޗާއި ލީގުގެ ދެ މެޗެވެ. ހަތަރު މެޗުގައި ވެސް ޓީމަށް އަދި މޮޅެއް ނުހޯދުނު އިރު، އޭގެ އެންމެ ބޮޑު މައްސަލައަކީ ގޯލެއް ނުޖެހުން ކަން ފެސްފޯ ފާހަގަ ކުރި އެވެ.

"އެންމެ ބޮޑު ޓާގެޓަކަށް މިއޮތީ މިހާރު ވިން އެއް [މޮޅެއް] ހޯދަން މަސައްކަތް ކުރުން. މިހާރު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ވެލެންސިއާ ނަމުގައި ނުކުންނަ ޓީމެއް ވެއްޖިއްޔާ ޕޮއިންޓެއް ނުހޯދާ މިހާ ދުވަހު ލީގެއްގައި އޮތުން މިއީ ވެލެންސިއާ އަށް ވަރަށް ދެރަ ކަމެއް،" ވެލެންސިއާ މެޗަކުން މޮޅު ނުވެ އޮތް އޮތުމާ ގުޅޭގޮތުން ފެސްކޯ ބުންޏެވެ.

"ކުރީ ދުވަހު ދިމާވި މައްސަލަތަކަށް [އީގަލްސް މެޗުގައި ގޯލު ޖަހަން ލިބުނު ފުރުސަތުތައް ނާކާމިޔާބުވުން] ހައްލު ހޯދަން މިދިޔަ ދެ ޕްރެކްޓިސްގައި މަސައްކަތް ކުރެވިފައި ވާނީ. އުންމީދު ކުރަނީ އެއަށް ހައްލެއް ލިބޭނެ ކަމަށް. މޮޅެއް ހޯދަން ކުރާ މަސައްކަތްތަކަށް ހައްލެއް ނުލިބި މިދަނީ ގޯލެއް ނުޖެހޭތީ."

ފެސްކޯ ބުނީ ގޯލު ނުޖެހުމަކީ ކުޅުންތެރިންނާއި ޓީމުގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން ވެލެންސިއާގެ ސަޕޯޓަރުންގެ ވެސް ހިތްހަމަ ނުޖެހުމަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް ހިތްހަމަޖެހުމަކީ ޒުވާން ސްކޮޑުގެ ކުޅުން މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އައުން ކަމަށެވެ. އަދި ކުޅުންތެރިން ވެސް އެކަމާ މާޔޫސް ނުވެ ކުރިއެރުން ހޯދަން ކޮންމެ މެޗެއްގައި ދައްކާ ކުޅުން ވެސް ފެސްކޯ ފާހަގަ ކުރި އެވެ.

"ކޮންމެ ގޮތެއް ވިއަސް ލަނޑު ނުޖެހެންޏާ އެއީ ހިތްހަމަ ނުޖެހުމެއް. ކުޅުންތެރިންގެ ވެސް ޓެކްނިކަލް ޓީމުގެ ވެސް އަދި ސަޕޯޓަރުންގެ ވެސް ހިތްހަމަ ނުޖެހުމަކަށް ވާނެ. އެކަމު އެއީ އެ މީހުން ޑީމޯރަލައިޒް ވާން ޖެހޭ އެއްވެސް ސަބަބެއް ނޫން،" ވެލެންސިއާ އަށް ކުރިމަތިވެފައިވާ ގޯލުޖެހުމުގެ މައްސަލައާ ގުޅޭގޮތުން ފެސްކޯ ބުންޏެވެ.

"ޑީމޯރަލައިޒް ނުވާކަމުގެ ހެއްކަކީ، ކޮންމެ މެޗަކަށް ފަހު ދެން އަންނަ މެޗެއްގެ ޕާފޯމަންސް އެ ކުޅުންތެރިންގެ ފަރާތުން ފެންނަނީ ރަނގަޅުވަމުން އަންނަ ތަން. ނަތީޖާއެއްގެ ގޮތުން ފުރަތަމަ މެޗާއި އެންމެ ފަހުން މި ކުޅުނު މެޗު ބޮޑުތަނުން ތަފާތޭ އަޅުގަނޑު ދަންނަވާނީ. ޓެކްނިކަލް ޓީމުގެ އިސް މީހާގެ ގޮތުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޒުވާން ކުޅުންތެރިންތަކެއް މެޗުއާ ވަމުން އަންނަތަން ފެނުން. ލީގަށް ނުވަތަ ރާއްޖޭގެ ފުޓުބޯޅަ އަށް އާ ކުޅުންތެރިންތަކެއް އިންޓްރޮޑިއުސް ވެގެން އަދި މެޗުއާ ވަމުން އަންނަ ތަން ފެންނާތީ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް."

އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ބުރުގެ ކޯޗު ނިޒާމްބެ، ނިޒާމްބެ ވެސް ވަނީ ވެލެންސިއާގެ ކުޅުންތެރިންގެ ފަރާތުން ކުރިއެރުން ފެންނަކަން ފާހަގަ ކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ވެލެންސިއާ އާ ދެކޮޅަށް މިރޭ ނުކުންނަ ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ވެލެންސިއާ ޒުވާން ސްކޮޑުގެ ކުރިއެރުން ފެންނަކަން ފާހަގަކޮށް، މި މެޗަކީ ބުރަށް ފަސޭހަ މެޗަކަށް ނުވާނެކަން ހާމަ ކޮށްފަ އެވެ.

"މެޗު އީޒީއެއް ނުވާނެ، މެޗު އުނދަގޫ ވާނެ. ވެލެންސިއާ މި ފެންނަނީ އެއްމެޗުން އަނެއް މެޗަށް ރަނގަޅު ކުރަމުން އަންނަތަން. މިދިޔަ މެޗުގައި ވެސް [އީގަލްސް އާ ދެކޮޅަށް ވެލެންސިއާ]، މެޗުގެ 43 ވަނަ މިނިޓާ ހަމައަށް ވަރަށް ރަނގަޅަށް ޕާފޯމް ކުރި. ސްކޯރިން ޗާންސަސް ވެސް ކްރިއޭޓް ކުރި. ބައިވަރު އޮޕޮޗުނިޓީސް ލިބިގެންދިޔަ، ސްކޯ ނުކުރެވުނަސް. މާނައަކީ ކުރީ މެޗަށް ވުރެ އެމީހުން ދެން އޮތް މެޗުގައި ރަނގަޅު ވާނެ ކަމަށް ގަބޫލު ކުރެވެއޭ،" ވެލެންސިއާގެ ކުޅުމާ މެދު ނިޒާމްބެ ބުންޏެވެ.

މި ހަފްތާގެ މެޗުތަކަށް ފަހު ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ލީގު މެދުކަނޑާލާއިރު، ނިޒާމްބެ ބުނީ ބްރޭކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ޕްލޭން ކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ވެސް ނިޒާމްބެ ބުނީ ލީގު ބްރޭކުގައި ޓީމު ތައްޔާރު ކުރާނީ ބުރުގެ ޕްރީސީޒަނެއް ކަމުގައި ދެކިގެން ކަމަށެވެ. މި ބްރޭކަށް ފަހު ޓީމުގެ ކުޅުން މިހާރަށް ވުރެ ރަނގަޅަށް ބައްޓަން ކުރެވިގެން ދާނެ ކަމަށް ވެސް ނިޒާމްބެ ބުނެ އެވެ.

"ވަރަށް ގެރެންޓީ އެބަ އޮތް [ބްރޭކަށް ފަހު ނުކުންނައިރު ބުރުގެ ކުޅުން އިތުރަށް ރަނގަޅު ވާނެކަން] މިވީ މަދު ދުވަސްކޮޅު ތެރޭ ކުޅުންތެރިން ދެއްކި ޕާފޯމަންސަށް ބަލާފައި ވެސް. ދިގު ލީގަކާ ކުރު މުބާރާތަކާ ތަފާތުވާ އެންމެ ބޮޑު އެކައްޗަކީ ކުޅުންތެރިންގެ ޑިސިޕްލިން އާއި ސްކޮޑް މެނޭޖް ކުރުމާއި ކޮމްޕެޓިޝަން މެނޭޖް ކުރުން. ކުޅުންތެރިންގެ މިހާރުގެ ޕާފޯމަންސާއި ޑިސިޕްލިން އަށް ބަލާއިރު، ހާއްސަކޮށް އެޓެންޑެންސް އާއި ދަނޑުން ބޭރުގެ އެހެނިހެން ކަންކަމަށް ބަލާއިރު ކުޅުންތެރިން ބޭނުންވާ ގޮތަށް ބައްޓަން ކުރެވެމުން އަންނަކަމަށް ގަބޫލު ކުރެވޭ،" ނިޒާމްބެ ބުންޏެވެ.

"އެ ޑިސިޕްލިންގައި އެ ހިތްވަރާ އަދި މޯޓިވޭޝަނާ އެކު ކުޅުންތެރިން މަސައްކަތް ކުރަން ތިބެއްޖިއްޔާ، އެއީ ގައިމުވެސް އެނބުރި އަންނައިރު އެންމެ އެކަށީގެންވާ ގޮތަށް ބުރު ފެނިގެންދާނެ ކަމަށް ވިސްނުން ހުރީ. މިއީ ދިގު ބްރޭކެއް ވީމަ ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ލެވެލް އެއް މިންގަނޑެއްގައި ބެހެއްްޓުމަށް ވަރަށް ބޮޑަށް ޑިޕެންޑް ވާނެ."

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ނެގި ރާއްޖޭގެ ގައުމީ ޕްރިލިމިނަރީ ސްކޮޑުގައި ބުރުގެ ފަސް ކުޅުންތެރިން ހިމެނެ އެވެ. އެއީ، މީގެ ކުރިން ވެސް ގައުމީ ޓީމަށް ކުޅުނު ފޯވާޑް މުހައްމަދު ނާއިމް އާއި ޑިފެންޑަރު މުހައްމަދު ސާއިފްގެ އިތުރުން، މުޅިން އަލަށް ފުރުސަތު ލިބުނު ޑިފެންޑަރު ފާރޫގު އިސްމާއިލް އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު އަދި ގޯލްކީޕަރު ޝައިހާން އަލީ އެވެ.

ނިޒާމްބެ ބުނީ، މިއީ ޒުވާން ކުޅުންތެރިންނަށް ލިބުނު މުހިއްމު ފުރުސަތެއް ކަމަށާއި، ގައުމީ ސްކޮޑުގައި ހިމެނިގެން ފަރިތަކުރުންތަކުގައި އެންމެ ރަނގަޅަށް މަސައްކަތް ކޮށްގެން، ސްކޮޑުގައި ދެމި ހުންނާނެ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކްލަބުގެ ފަރިތަކުރުންތަކަށް އެނބުރި އަންނައިރު ކުޅުންތެރިންނަށް އިތުރު ކުރިއެރުން އައިސް، ޓީމަށް އޭގެ ފައިދާ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.

ބުރު ސްޕޯޓްސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 9 ޖަހާއިރެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޯކަރ

18 May 2023

ޖޯ ްކ

The name is already taken The name is available. Register?

ޖޯކަރ

18 May 2023

ޖޯް ދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454