ރިޕޯޓް / ހުޅުމާލެ ސަހަރާ

މައްޔިތުން އަލުން ހުޅުމާލެ އަށް، ޝަކުވާ އެބަ ހުރި

މާލޭގައި އިއްޔެ މަރުވި މީހަކު ހުޅުމާލެއަށް ގެންދަން ފެރީއަށް އަރުވަނީ

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެ އަށް ގެންގޮސް ވަޅުލާން ފުރަތަމަ ފެށީ މިދިއަ އަހަރުގެ މާޗު މަހު އެވެ. އެކަމަކު އިންތިޒާމްތައް ދޯދިޔާވުމާއި އާންމުން އުފުލަން ޖެހުނު ބުރަ ބޮޑުވުމުން، އެންމެ ފަހުން އާއިލާތަކުން އަމިއްލަ އަށް އަލުން އާ ސަހަރާގައި ވަޅުލާން ފެށުމުން، ހުޅުމާލެ އަށް ގަބުރު އުފުލުން ހުއްޓުމަކަށް އަ އެވެ. ފެބްރުއަރީ 1 ގައި އަނެއްކާވެސް މާލެ އާއި ވިލާމާލެ އިން ހުޅުމާލެ އަށް ގަބުރު ގެންގޮސް ވަޅުލަން މި ވަނީ ފަށައިފަ އެވެ. އެކަމަކު އަދިވެސް އިވެނީ އާންމުންގެ ޝަކުވާ އެވެ.

މަރުވާ މީހުން ހުޅުމާލެއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެކަމަށްޓަކައި މަސްވެރިންގެ ޕާކު ކައިރިން އިސްލާމިކް މިނިސްޓްރީއަށް ހާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅާފަ އެވެ. މައްޔިތާ އުފުލުމަށް އެމްޓީސީސީގެ ހާއްސަ ފެރީއެއް އޮވެ އެވެ. އެކަމަކު އެ ފެރީގައި މަސައްކަތް ކުރާ ބައެއް ފަޅުވެރިންގެ ވެސް ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

ބައެއް ފަޅުވެރިން "މިހާރު"އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އެމީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްވެރިންގެ ޕާކުގެ ކަނޑު ތޮއްޓާ ފެރީ ކައިރި ކުރަން ޖެހުމެވެ. ފަޅުތެރެއިން ފެރީ ނެރެން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ މީހުން ބުނެ އެވެ.

މައްޔިތުން އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީ. - ފޮޓޯ: މިހާރު

"ފެރީ ފަހަތަށް ޖަހައިގެން ފަޅު ތެރެއިން ނެރޭއިރު ގިނަ ވަގުތު ނަގާނެ ކަމަށް ބެލެވެނީ، އަނެއްކާ ފަޅުތެރެ ވަރަށް ބޮޑަށް ބާރުބޮޑުވާ ގަޑިތަކުގައި ނިކުންނަން ވަރަށް އުނދަގޫވާނެ،" ފަޅުވެރިއަކު ބުންޏެވެ.

"އާންމުކޮށް ލޯންޗާއި ދޯނިތައް އަޅާފައި އޮންނަ ސަރަހައްދެއް މަސްވެރިންގެ ޕާކު ކައިރީގައި އޮންނަ ފަޅުތެރެއަކީ. ގިނަ ފަހަރު އެއިން އުޅަނދެއްގައި މީހުން ނުތިބޭނެ، އެ ހިސާބުން ކިހިނެއް ފެރީ ނެރެނީ،؟"

ފަޅުވެރިން ބުނި ގޮތުގައި މި މައްސަލައަށް އޮތީ އެންމެ ހައްލެކެވެ. އެއީ މައްޔިތުން އުފުލާ ހާއްސަ ފެރީއަށް އެހެން މީހުން ޖާގަ ދިނުމެވެ. އެހެންނޫން ނަމަ މައްޔިތާ ގިނަ ވަގުތު ބާއްވަން ޖެހިދާނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

ކަށުކަމާކެމީގެ ހުރިހާ އިންތިޒާމުތަކެއް ހުޅުމާލޭގައި ހުންނަ ހިނަވާގޭގައި ވަނީ ގާއިމުކޮށްފަ އެވެ. ހުޅުމާލެ އަށް ފުރަތަމަ މައްޔިތާ ރޭ ގެންދިޔައީ އެމްޓީސީސީގެ ހާއްސަ އެ ފެރީގަ އެވެ. އޭގައި ގަބުރު ބާއްވާނެ އަށިގަނޑެއް ނެތެވެ. އެހެންވެ، މައްޔިތާ ބޭއްވީ އޭޑީކޭ ހޮސްޕިޓަލްގެ އަށިގަނޑުގަ އެވެ.

ފެރީގައި ޖާގަ އޮތް ވަރުން ދަތުރުކުރެވޭނެ

މަރުވާ މީހުން ހުޅުމާލެ އަށް ގެންދަން ހަމަޖެއްސި ފެރީއަކީ 60 މީހުންގެ ޖާގައިގެ އުޅަނދެކެވެ. އެ ފެރީގައި އެއް ފަހަރާ ދެ މައްޔިތުން ގެންދެވޭ ގޮތަށް ވަނީ ހަދައިފަ އެވެ. އެކަމަކު މައްޔިތާއާ އެކު އޭގައި ދެވޭނީ އާއިލާގެ އެންމެ ތިން މީހުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން މިނިސްޓްރީ އަށް އަމާޒުވި އެވެ. މިހާރު ހަމަޖައްސާފައި ވަނީ ފެރީގައި ޖާގަ އޮތް މިންވަރަކުން އާއިލާގެ މީހުން ވެސް ގެންދާ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މައްޔިތާއާ އެކު އުޅަނދުގައި ދެވޭނީ އާއިލާގެ ތިން މީހުންނަށް ކަން އެންގީ މައްޔިތުން ގެންދާނެ އުޅަނދަކާ މެދު ގޮތެއް ނުނިމިގެން ކަމަށެވެ.

"އުޅަނދުގައި ޖާގަ އޮތް ވަރަކުން މައްޔިތާއާ އެކު އާއިލާގެ މެމްބަރުންނަށް ދަތުރު ކުރެވޭނެ (މިހާރު). ޖާގަ ފުރިއްޖެ ނަމަ އާންމު އުސޫލުން ޓިކެޓު ނަގައިގެން ހުޅުމާލެ އަށް ދިއުމުގެ ފުރުސަތު އޮންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

މައްޔިތުން އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީ. މިއީ 60 މީހުންގެ ޖާގައިގެ ފެރީއެއް. - ފޮޓޯ: މިހާރު

ފެރީގައި މައްޔިތާ އުފުލާ އިރު ރައްކާތެރި ގޮތަކަށް އެކަން ހަމަޖެހިފައި އޮންނަން ޖެހޭނެ އެވެ. އެކަމަކު ފުރަތަމަ މައްޔިތާ ގެންދިޔައިރު އަށިގަނޑުން ކައްސާލާފާނެތީ އާއިލާގެ މެމްބަރުން ކަންބޮޑުވި އެވެ. އެ މީހުންނަށް ޖެހުނީ މައްޔިތާގެ ގައިގައި ބާރަށް ހިފަހައްޓައިގެން ތިބޭށެވެ. ކަނޑު ގަދަ ދުވަހެއް ނަމަ، މައްޔިތާ އަށް ޖެހޭނެ ހާލެއް އެއްގޮތަކަށް ވެސް ނޭނގޭނެ އެވެ. ވިއްސާރަ ދުވަހެއްނަމަ، ފެރީގެ ދިރުނބާކޮޅުން ގަބުރު ބާލަން އުޅުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެ އެވެ.

ޖަނާޒާގައި މީހުން މަދުވާނެ

ގާތްގަނޑަކަށް 25 އެއްހާ މިނެޓުގެ ދަތުރަކަށް ފަހު، ފެރީ ކައިރި ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޚާއްސަ ޖެޓީއަށެވެ. ޖެޓީން މައްޔިތާ ސަހަރާ އަށް ގެންދަން ރެޑްކްރެސެންޓްގެ އެމްބިއުލާންސެއްގައި ގާތްގަނޑަކަށް ފަސް މިނެޓެއް ހާއިރު ހޭދަވެ އެވެ. ފެރީން ދަތުރު ކުރާ އެންމެން ސަހަރާއަށް ގެންދަން އެމްޓީސީސީގެ ބަހެއް ހަމަޖައްސާފައި އޮތެވެ. އެކަމަކު ފެރީން ދަތުރު ކުރާ އެންމެން އެނބުރި މާލެ ދިއުމުގެ އެއްވެސް އިންތިޒާމެއް ނެތެވެ.

އެކަމަކު މާލެ އިން އުފުލަން ޖެހުނު ދެ ވަނަ މައްޔިތާ ފެރީގައި އެޗްޑީސީ ޖެޓީ އަށް ކައިރި ކުރިއިރު، އެ ބަހެއް ނެތެވެ. އެހެންވެ، އާއިލާގެ މީހުންނާއި ފެރީން ދަތުރު ކުރި މީހުން ހިނަވާގެއާ ހަމައަށް ދާން ޖެހުނީ ހިނގައިފަ އެވެ. އެހެންކަމުން މީގައި ވެސް ވާނުވާ ގޮތެއް ނޭނގެ އެވެ.

ހުޅުމާލޭގައި ހުންނަ ހިނަވާ ގޭގެ ތަނަވަސްކަން އާ ސަހަރާގައި ހުންނަ ހިނަވާގެއަށް ވުރެ ބޮޑުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ގޮތުން ހިނަވާ މީހުންނަށް ހާއްސަ ތަނަކާއި ފިރިހެނުންނާއި އަންހެނުންނަށް ކޮޓަރިއަކާއި އޮފީސް ބަޔަކާއި، ސަންދޯއް ބަހައްޓާނެ ތަނަކާއި ކަފުން ކުރާ ތަނަކާއި، ޖަނާޒާއަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ވެސް ހިމެނެ އެވެ.

މާލޭގައި އިއްޔެ މަރުވި މީހަކު އެމްބިއުލާންސްއިން ބާލައި، ހުޅުމާލޭގައި ހުންނަ ހިނަވާގެއަށް ރޭ ވައްދަނީ. - ފޮޓޯ: މިހާރު

ސަހަރާއާ ޖެހިގެން ހުންނަ މަސްޖިދު ޒައިދު ބިން ސާބިތުގައި އެއްފަހަރާ 650 މީހުންނަށް ނަމާދުކުރެވެ އެވެ.

ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ކޮންމެ އާއިލާއަކުން ވެސް އެދޭނެ ކަމެކެވެ. ޖަނާޒާ އަކީ އެންމެ ފަހުގެ އިހުތިރާމެވެ. އެކަމަކު ހުޅުމާލެ އަށް ދާން އުނދަގޫތަކެއް ހުރުމުން، ވަރަށް ގިނަ ބަޔަކަށް ޖަޒާނާތައް ގެއްލޭނެ އެވެ. އާ ސަހަރާގައި ކޮންމެ ޖަނާޒާއެއްގައި ބައިވެރިވާ ބައެއް މީހުން ބުނާ ގޮތުގައި ދަތުރުފަތުރު ހުރި ގޮތުން އެކަމަށް މިހާރު މިވަނީ ހުރަސް އެޅިފަ އެވެ.

"އަޅުގަނޑުމެން ވަރަށް ހިތާމަކުރަން މިހެން ވުމުން. ހުޅުމާލެ އަށް ގޮސް ޖަނާޒާގައި ބައިވެރިވާން ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ،" އޭގެ ތެރެއިން އެކަކު ބުންޏެވެ.

ދީނީ ގޮތުން މައްސަލައެއް ނޫން

މައްޔިތަކު ކަނޑުމަތީގައި އުފުލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު އެ ވާހަކަތައް ދޮގުކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ މަރުވާ މީހުން ކަނޑުމަތީގައި ގެންދިއުމަކީ މިހާރު ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ކަމަށެވެ.

"[ރާއްޖެއިން ބޭރުގައި މަރުވާ ބައެއް މީހުން] އެއާޕޯޓުން މާލެ މި ގެންނަނީ ކަނޑު ހުރަސްކޮށްފައި. މަރުވާތާ ދެތިން ދުވަސް ފަހުން މާލެ އެބަ ގެނޭ،" ޓީވީއެމުން މިދިޔަ ހޯމަ ދުވަހު ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ދާއިމީ ގޮތެއްގައި ކުރަން ހަމަޖެއްސި ކަމެއް ނޫނެވެ. އެ ގޮތުން މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމުގެ މަސައްކަތް ނިމުމުން މައްޔިތުން ހުޅުމާލެ އަށް ގެންދާނީ ބްރިޖުގެ މަތިން ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ލަފާކުރާ ގޮތުގައި ހުޅުމާލޭގައި ހުންނަ ގަބުރުސްތާނުގައި 20،000 މީހުން ވަޅުލެވޭނެ އެވެ. ބޮޑު ސުވާލަކީ އެއެއް ނޫނެވެ. ބޮޑު ސުވާލަކީ އަދިވެސް އާންމުންގެ ކަންބޮޑުވުން ހުރުމެވެ. ބްރިޖް ހުޅުވެން، ސަރުކާރުން ބުނާ ތާރީޚަށް ބަލާއިރު، ދެން އޮތީ ދޮޅު އަހަރެއްހާ ދުވަހެވެ. އެހާ ދުވަސް ވަންދެން މިކަން ނުކޮށް މަޑުކޮށްލުން ރަނގަޅު ކަމަށް އެތައް ބަޔަކު ބުނެ އެވެ.

އާއިލާގެ މީހަކު މަރުވުމަކީ ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު އެއް ހިތާމަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ހިތާމާގައި ތިބޭ ބަޔަކަށް، ބޭނުން ނެތް އުނދަގޫތަކެއް ޖެއްސުމުގެ އެއްވެސް މާނައެއް ނެތެވެ. އާ ސަހަރާގައި މީހުން ވަޅުލާނެ އެއް ބްލޮކް އަދި އެބަ އޮތެވެ. ކުރިއަށް އޮތް އަހަރެއްހާ ދުވަހު ވެސް އެ ތަން ބޭނުންކުރެވޭނެ ކަމަށް، ޖަނާޒާތަކުގައި ބައިވެރިވާ ބައެއް މީހުން ބުނެ އެވެ.

އެ ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީން ބުނީ އެ ބިމާ މެދު ނިންމާ ގޮތެއް ފަހުން އަންގާނެ ކަމަށެވެ. އެކަމަކު މިފަދަ ކަންކަމުގައި "ފަސްކުރުން" މިއީ ރަނގަޅު ބަހެއް ނޫނެވެ. މި ދައްކަނީ ދުވަސްކޮޅަކު ބޭނުންކުރެވިދާނެ ބިމެއްގެ ވާހަކަ އެވެ. މިނިސްޓްރީ އަށް އެކަމާ މެދު ގޮތެއް ނުނިންމި، ކަނޑު މަތީގައި މައްޔިތާ އުފުލުމުގެ އުނދަގޫތައް، ހިތާމާގައި ތިބޭ އާއިލާތަކަށް ޖެއްސުމަކީ، އިންސާފުގެ ނަޒަރަކުން ބަލާއިރު ދެރަކަމެކެވެ.

15 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 58%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުއް

04 February 2017

މިތަން ފުރި ބާރުވެގެން ބަންޑުން ވީމަވެސް ރާއްޖެތެރޭގެ ބޮޑެތި ރަށް ރަށުގައި އަސާސީ ޚިދްމަތް ގާއިމް ނުކުރާތި ކޮންމެހެން ވެސް. އަޅުވެތިކަން ކުޑަ ވެދާނެ އޭރުން.

The name is already taken The name is available. Register?

444

04 February 2017

ޖާގަ އޮތިއްޔާ އަދިވެސް ރަނގަޅު ގޮތަކީ މާލޭ މަރުވާމީހުން މާލޭ ވަޅުލުން ބްރިޖް އަޅާނިމެންދެން. ނަމަވެސް ޖާގަ ފުރެންކައިރިވީމާ ހުޅުމާލެއަށް ބަދަލުކުރަންފެންނަނީ. އޭރުން ބްރިޖްވެސް އޮންނާނީ އެޅިފަ ނޫނީ ނިމެން ކައިރިވެފަ. މައްޔިތާއަށް އަދި ޖަނާޒާގެ ބައިވެރިންނަށްވެސް ވީހާވެސް ލުއިކޮށް ކަންތައް ކުރުންހެން ބޮޑަށް ހީވަނީ ރަނގަޅުވާނީ.

The name is already taken The name is available. Register?

އަހުމަދު

04 February 2017

ސްޓޭޑިއަމް ހުޅުމާލެއަށް ބަދަލުޮށްފައި އެތަނުގައި ބޮޑު ސަހަރާއެއް ނުވަތަ ޤަބުރުސްތާނެއް ހަދަންވީ . ކުޅެންދާން ބޭނުންވާ ފިޓް މީހުންތައް ހުޅުމާލެއަށް ފެރީގައާއި ފަހުން ބުރިޖްމަތިން ސައިކަލާ ކާރާ ބައިސީކަލްގެ ދާނީ . ގޭތިބި މުސްކުޅިންނާ ބަލިމީހުނާ އެއެންމެންނަށްވެސް ފަސޭހަވާނީ މިގޮތް

The name is already taken The name is available. Register?

ސަހަރާ

04 February 2017

މައްޔިތާގެ އާއިލާގައި ތިބި ބަލި މީހުނާ ބަލިކަށި މީހުނަށް ބައިވެރި ނުވެވޭ ގޮތަށް ކަނޑު ހުރަސް ކުރަނ ޖެހުމަކީ ވަރަށް ދެރަ ކަމެއް. މާލޭގައި ބިން އެބަ އޮތް. ބޮޑަތި ހޮޓާތައް އަޅަނީ. ވިޔަފާރިއަށް ބިންތައް ދޫކުރަނީ. އަލަށް ހިއްކި ސިނާއީ ސަރަހައްދުވެސް ހަމަ އެކަނި ވިޔަފާރިއަށް ޚާއްބަ. ނާދީ ކޮށި، ނަސަންދުރަ ކޮށި ފަދަ ހުރިހާ ތަނެއް ބޮޑަތި ވިޔަފާރިއަށް ޚާއްސަ ކުރާއިރު ޤަބުރުސްތާނަކާ ދޭތެރޭގައި ވިސްނާ ނަމަ އެކަން ވެސް ދަތި ކަމަކަށް ނުވާނެ. ތަންތަން ޚާއްސަ ކުރަނީ ހަމަ އެކަނި ދިރި އުޅެން. މަރުވާނެ ކަމަށް ވިސްނާ އެކަމަށް ބިންކޮޅެއް ތައްޔާރު ކުރާކަށް ބޭނުމެއް ނޫން. ކިހިނެއްބާ މިވަނީ؟

The name is already taken The name is available. Register?

އިބްރާހިިމް

03 February 2017

މިއަދުގެ މަޣްރިބަށް ދާންވެގެން ފެރީނުލިބުނު ހުކުރުވީމަ ވ. ބާރުބޮޑު

The name is already taken The name is available. Register?

ފުނޯސް

03 February 2017

މިސަރުކާރުގެ އިންތިޒާމް ހުރިގޮތުތް ތިޔައީ. ޖަނާޒާއަށް ދާމީހުން ސަހަރާއަށް ގެންދަން ބަހެއްއޮތަސް އެމީހުން ގެންނާނެ ބަހެއް ފުރަތަމަ ދުވަހުވެސް ނެތް. ވެދާނެ ޑްރައިވަރު ކޮފީއަކަށް ދިޔައީ ކަމަށް. ނޫނީ ޚަރަދު ކުޑަކޮށްލަން ބޮސް އެންގީ ކަމަށް. ދެވަނަ މައްޔިތާގެ އާއިލާއަށް ދަތުރު ހަމަޖައްސާނެ ބަހެއް ނެތެއްނު. ދެން އިވޭނީ ޓެކްސްއެއް ނަގާގެން ނޫނީ މިކަން ނުކުރެވޭނެ ވާހަކަ. މަށްޔިތާ ވަޅުލަން އަގެއް ދޭންޖެހޭކަން. ކޮންމެވެސް އަގެއް ހަމަޖައްސާ ވާޙަކަ. ރެޑްކްރެސެންޓް އިން އަވަހަށް ހަދަންވީ ގޮތަކީ ސަރުކާރު ދޫކޮށްލައްވާފަ، އެމީހުނަން ޑިޕެންޑަންޓްނުވެ ރެޑްކްރެސެންޓްގެ އެހީތެރިކަން ދެއްވަން އަވަހަށް ފެއްޓުން އަވަސް ކުރުން. ރެޑްކްރެސެންޓް އިން މިކަން ފަށާއިރަށް ތިޔަބޭފުޅުންގެ މަސައްކަތައް ﷲ ގެ ދަރުމައާއި ސަވާބަށް އެދި ތިޔަބޭފުޅުންގެ ފަންޑަށް އެހީތެރިވާނެ މީހުން ތިބޭނެ. ސަރުކާރަށް ދީފިއްޔާ އަބަދުވެސް އުޅެން ޖެހޭނީ ގެއްލިގެންކަން ނެޭގެ. މަށްޔިތެއްގެ ކަންތައްތައް ހަމަޖެއްސުމަކީ އެހާ ފަސާހަ އިން ފަރުވާ ކުޑަކުރެވޭނެ ކަމެއްނޫން. މައްޔިތެއްގެ އާއިލާގެ އެންމެން ތިބޭނީ ފުން ހިތާމައިގައި. އިތުރު ތަކުލީފުތައް ޖައްސަން މައްޔިތާގެ އާއިލާއަށް ރަގަޅެއްނޫން. ދުވަސް ކޮޅަކުން އަޑުނޭގެ ނީވޭނެ ކަމެއް ޖަމާއަތްތެރިއެއްނެތޭ ބުނާ އަޑު. ރެޑްކްރެސެންޓްގެ މަސައްކަތަށް ޝުކުރު ދަންނަވަން. ﷲގެ ސަވާބަށް އެދި އަތުކުރި އޮޅާލައިގެން ދަރުމައަށް މަސައްކަތް އަވަހަށް ފަށްޓަވާ. ސަރުކާރަކަށް ނުވާނެ .ރަށްޔިތުންނަށް ތަކުލީފު އުފުލަން ޖެހިދާނެ. ރެޑްކްރެސެންޓަށް ބޭނުންވާ އެހީތެރިކަން ރަށްޔިތޔުންގެ ފަރާތުން ލިބޭނެ. ނުކުންނަވާ!!

The name is already taken The name is available. Register?

ޒ×ޗވޒ×ޗވ

03 February 2017

ހުހަށް އޮތް ބިންކޮޅުގައި ރަސްފަންނެއް ހަދާނީ ތޯއްޗެއް

The name is already taken The name is available. Register?

ކްރޯޑް

03 February 2017

ޖަނާޒާ ތަކުގައި ބައިވެރިވާ މީހުންނަށް ލިބޭ ދަރުމަޔާ ޘަވާބުވެސް ޒިޔާދު ތިޔަ ގެއްލުވައިލީ ކިހިނެއް ވާނެބާ މާލޭގަ ހިނަވާ ކަފުންކޮށް ކަށުނަމާދުކުރުމަށްފަހު ވަޅުަލަން ހުޅުމާލެއަށް ގެންދޔައީ ވިއްޔާ އޭރުން ކަށުނަމާދުގަ ގިނަ މީހުނަށް ބައިވެރިވެވޭނެ ވަޅުލުމުގަ ބައިވެރި ނުވެވުނަސް

The name is already taken The name is available. Register?

ސަޅި

04 February 2017

100% ތާއިދު

The name is already taken The name is available. Register?

މޮހޮނު

03 February 2017

މި ގައުމުގަ ޝަކުވާ ނުކުރާ ކަމެއް އޮވޭތަ. ކެތްތެރި ކަމުގެ ޒައްރެއްގެ މިންވަރުވެސް މިހާރު މީހުންގެ ކިބާގަ ނެތް. ކޮންމެ މީހަކުވެސް ބޭނުންވަނީ ސުމަކަށް ފިތާލީމަ އެނދުގެ ބެޑުޝީޓްވެސް އެޅެން. ރީތިކޮން ތިއްބަ ހުރިހާކަމެއްވެސް ވާން ޖެހޭނެކަމަށް ގަބޫލުކުރާ މީހުން ގިނައީ.

The name is already taken The name is available. Register?

ހަސަން

03 February 2017

ދިރިތިބީންނަށް އިހްތިރާމެއްންތްތާނގަ މަރުވެފަވާ މައްޔިތާއަށްވެސް އިހްތިރާމެއްނެތް. ދާގީނާ އުފާލާހެން މައްޔިތާއަށް އިހްތިރާމް ކުޑަވާގޮތަށް މިވަމުންދާ ކަންތައްތަކާ ދޭތެރޭ ވަރަށް ހިތާމަކުރާހާލު މިއަށްވުރެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސެވުން އެދެން. އަޅުގަނޑަކީވެސް މާލޭގަ ހުރިއްޔާ ހުރިހާ ޖަނާޒާއަކަށްދާ މީހެއް. އެކަމަކުދެން ވަރަށް އުނދަގޫވާނެ.

The name is already taken The name is available. Register?

ވޯލް

03 February 2017

ބުރިޖް އަޅަންވީ ހަމަ އެކަނި މިކަނަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454