ޚަބަރު / ނައީމާގެ މަރު

ނައީމާ މަރާލަން ވަނީ ހެޒްމެޓް ސޫޓުގައި, އެކަކު ހުރީ ފާރައަށް

ނައީމާގެ މަރުގައި ހައްޔަރުކުރި ތިން މީހުން ކަމަށްވާ އަހްޒަމް (ވ) އާއި ރިފާސް (މ) ގެ އިތުރުން ފަވާޒް. ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ޖަހާފައި.

ނ. މަނަދޫގައި އެކަނިމާއެކަނި ދިރިއުޅެމުން ދިޔަ ނައީމާ މޫސާ މަރާލަން އޭނާ ދިރިއުޅުނު ގޭތެރެއަށް ވަން މީހާ ހުރީ ހެއްކެއް، ނިޝާނެއް ނުލިބޭނެކަން ކަށަވަރުކުރަން ހެޒްމެޓް ސޫޓް ލައިގެން ކަމަށާއި އޭރު އެހެން މީހަކު މަގުމަތީގައި ފާރައަށް ހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ރަހުމްކުޑަގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އިރުއޮއްސި 6:13 ހާއިރު ނައީމާ ފެނުނު ހިސާބުން ގާތިލުން ހޯދަން ފުލުހުން ހިންގި އުނދަގޫ ތަހުގީގަށް ލިބުނު ކުރިއެރުންތަކުން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮވިޑްގެ ދުވަސްވަރު ގެންގުޅުނު ޕީޕީއީ ކިޓް: ނައީމާ މަރާލަން ގޭތެރެއަށް ވަނީ ހެކި ފޮރުވޭ ގޮތަށް ތައްޔާރުވެގެން.

ހައްޔަރުކުރި 3 މީހުން

● އަހްޒަމް އަބްދުއްޝަކޫރު، 23

● އަބްދުލްވާހިދު ރިފާސް، 20

● ހަސަން ފަވާޒް، 21

ނައީމާގެ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަދި އެކަމުގައި ބައިވެރިވި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވެފައިވާ އަހްޒަމް.

ވަޅި ހިފައިގެން ނައީމާގެ ގޭދޮށަށް ފޭބީ ކާރުގައި

ޑްރަގުގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން, ނައީމާ މަރާލި ކަމަށް މަނަދޫ ކޯޓުގައި އެއްބަސްވީ މީގެތެރެއިން އަހްޒަމް އެވެ. ދިރިއުޅޭ ކޮޓަރި ތެރެއިން މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކުރިއިރު ނައީމާގެ މަރަށް ތުހުމަތުކުރެވި އޭނާއަށް ފުލުހުން ފާރަލަމުން ދިޔަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވެ އެވެ.

އިތުރު ދެ މީހަކު ހައްޔަރުކުރީ ކޯޓުގައި އަހްޒަމް އިއުތިރާފުވެ، އެކަމުގައި ބައިވެރިވާ މީހުން ކިޔައިދިނުމުންނެވެ. އަހްޒަމް ކޯޓުގައި ބުނި ގޮތުގައި ރިފާޝް އާއި ފަވާޒް އެ ގަތުލުގައި ބައިވެރިވި އެވެ.

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ

މި މަރާ ގުޅޭ ގޮތުން "މިހާރު" އަށް ލިބުނު ބައެއް މައުލޫމާތުން އެނގޭ ގޮތުގައި ނައީމާގެ މަރާލަން ދުރާލައި ތައްޔާރުވެ ސާމާނު ހޯދި އެވެ. އޭގެ ތެރޭގައި ކޮވިޑް ތެރޭ އެ ރަށަށް ގެންގޮސްފައި ހުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ)ގެ ސާމާނުތައް ހޯދި އެވެ. އެ ރަށުގައި އެ ސާމާނު ބޭނުންކުރަން ހުއްޓާލި ފަހުން ވެސް ބައެއް ގޭގޭގައި އެ ތަކެތި ގެންގުޅުނު ކަމަށްވެ އެވެ.

ނައީމާ މަރާލި ރޭ ފާރަަށް ހުރި ކަމަށް ތުހުމަތުކުރާ ރިފާސް

އެނގިފައިވާ ގޮތުގައި ނައީމާ މަރާލި ރޭ ދަންވަރު ދެ މީހުން އެ ގެކައިރަށް ފޭބީ ޒުވާން ގްރޫޕްތަކުން އަބަދުވެސް ދުއްވާ ކާރުގަ އެވެ. ކޯޓު އަމުރެއްގެ ދަށުން މާލެ އިން ރޭ ހައްޔަރުކުރީ އެ ކާރުގެ ވެރިފަރާތެވެ.

އޭނާ އަކީ ކޮންމެ މަހަކު ދެ ފަހަރު ލޭއަޅަން ޖެހޭ ތެލެސީމިޔާ މީހެކެވެ.

ޑްރަގުގެ ވިޔަފާރިއަށް ތުހުމަތުވާ އޭނާގެ ކާރު، ބައެއް ފަހަރަށް އެހެން މީހުން ވެސް ދުއްވަ އެވެ. ފުލުހުން ވަނީ ކާރު ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ހެކި ހޯދައިފަ އެވެ.

ނައީމާ މަރާލަން ކޮޓަރި ތެރެއަށް ވަދެ ނިދާފައި އޮއްވައި ވަޅި ހެރި ކަމަށް އިއުތިރާފުވީ އަހްޒަމް ކަމަށް ވެ އެވެ. ނައީމާ އަށް ހަމަލާދިން ކަމަށް އޭނާ ހައްޔަރުކުރުމުގެ ކުރިން މީހެއްގެ ގާތުގައި ބުނެފައިވާ ކަމަށް ވެސް ވެ އެވެ. އެކަން ފުލުހުންނަށް ރިޕޯޓް ވެސް ކުރި އެވެ.

"ބޮއެގެން [މަސްތުވާތަކެތި ބޭނުންކޮށްގެން] ހުރެ އޭނާ މީހެއްގެ ގާތުގައި ބުނެފައިވޭ އެކަން ކުރި ކަމަށް،" މަނަދޫން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

ނައީމާ މޫސާ މަރާލާފައި އޮއްވައި ފެނުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި

ނައީމާގެ ހަށިގަނޑު ފެނުނުއިރު ގައިގެ އެކި ތަންތަނަށް އަނިޔާވެރިކޮށް ވަޅި ހަރާފައި ހުއްޓެވެ. އެކަމަކު ފުލުހުންގެ ތަހުގީގު ދެމަހެއްހާ ދުވަހު ދިގުލައިގެން ގޮސް ރަށުގެ ގިނަ އަދަދެއްގެ ބައެއްގެ ފިންގާ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގަން ޖެހުނީ ކުށުގެ ވެށިން ލިބުނު ފޮރެންސިކް ހެކިތަކާ ގުޅުވާލެވޭ މީހަކު ފެނޭތޯ އެވެ. އެކަމަކު ގާތިލް ހައްޔަރުކުރެވޭ ވަރުގެ ސާފު ހެކިތަކެއް ހޯދުންވީ ދަތި އުނދަގޫ ކަމަކަށެވެ.

ފޭރުމާއި ވައްކަމުގެ އަމަލަކަށް ވުރެން ނަފުރަތާއި ރުޅިވެރިކަމުގައި ހަމަލާދީފައިވާ ކަން އެނގެނީ ނައީމާ މަރުވެފައި އޮއްވައި ފުރަތަމަ ފެނުނު ހާލަތުންނާއި ގަހަނާ އާއި ފައިސާ ފަދަ އެއްވެސް އެއްޗެއް އެ ކޮޓަރިން ގެންގޮސްފައި ނުވާތީ އެވެ.

ނައީމާއަށް ހަމަލާދިނުމަށް ފަހު އަހްޒަމް އާއި، ފާރަލީ މީހާ ގޮސް އެރީ އެނގިފައިވާ ގޮތުގައި އަނެއްކާވެސް ކާރަށެވެ. އެ ކާރުގައި، އެ ރޭ ރަށުގެ އެކި ސަރަހައްދުތަކުގައި ދުއްވި އެވެ. އަދި ބައެއް ސަރަހައްދުތަކަށް ފޭބިކަމަށް ވެ އެވެ.

ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ވަނީ ހޯދައިފަ އެވެ. އަދި ހަމަލާދިން އިރު ލައިގެން ތިބި ހެދުން ރަށުގެ އަތިރިމަތީގައި ވަޅުލާފައި ހުއްޓައި ވަނީ ހޯދައިފަ އެވެ. އެ ހެދުންތައް އަންދާލަން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.

ނައީމާގެ މަރަށް ފަހު ހައްޔަރުކުރުމާ ހަމައަށް މި ތިން މީހުން އެކުގައި އެއް ތަނަކުން ނުފެނެ އެވެ. ރަށު ތެރޭގައި އެ މީހުން އުޅުނީ އެ މީހުންގެ ދުނިޔޭގަ އެވެ. އެ މަރަށް ފަހު ވެސް މި މީހުންގެ މައްޗަށް އެންމެން ކުރަނީ މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރިކުރުމުގެ ތުހުމަތެވެ.

ނައީމާގެ މަރާ ގުޅިގެން މިއިން އެއްވެސް މީހަކަށް ތުހުމަތުގެ އިނގިލި ދިއްކޮށްލެވޭ ވަރުގެ އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށް ވެ އެވެ.

ގަތުލުގެ ސަބަބަކީ ކޮބާ؟

ތިން މީހުން ހައްޔަރުކޮށް ފުލުހުންގެ ހާއްސަ ޓީމުން އަދިވެސް ތަހުގީގު ކުރިއަށް އެބަގެންދެ އެވެ. ތަހުގީގަށް ލިބުނު ކުރިއެރުމާ އެކު މިއީ ކާމިޔާބު ތަހުގީގަކަށް ވާނެ ކަމުގެ ޔަގީކަން ވެސް ފުލުހުން ދެ އެވެ.

އެންމެންނަށް ވެސް މުހިންމު ވާނީ މި މަރުގެ ވެސް "މޯޓިވް" ދެނެގަތުމެވެ.

މި ތިން މީހުންނާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ނައީމާއާ ވާހަކަ ދައްކައި ނުހެދިޔަސް އަދި އެއްވެސް ގުޅުމެއް ނެތަސް ރަށު ތެރޭގައި އޭނާއާ ބެހޭ ގޮތުން ފެތުރިފައި އޮންނަ ސިހުރު ހެދުމުގެ ވާހަކަ މި ތިން މީހުން ވެސް ގަބޫލުކުރެ އެވެ. އެކަމަކު ނައީމާއާ ގުޅޭ ސިހުރު ހެދުމުގެ މި ތުހުމަތުގެ ހަގީގަތެއް އަދި ނޭނގެ އެވެ.

އޭނާއާ ބެހޭ މިފަދަ މައްސަލައެއް ޕޮލިހަށް ހުށަހަޅާފައެއް ނުވެ އެވެ. އަދި ސިހުރު ހަދަން ގެންގުޅޭ ސާމާނެއް އެގެއިން ފެނުނު ކަން ވެސް އެނގިފައެއް ނުވެ އެވެ.

ނައީމާ ދެކެ ރުޅި އަންނަ މީހުން ދައްކާ ވާހަކައިގެ ތެރޭގައި އޭނާ އަކީ "މަރާލަން ޖެހޭ މީހެއް ކަމަށް" ބުނާ ވާހަކަތަކަކަށް، ހައްޔަރުކުރި ދެ މީހަކު ތާއީދުކޮށްފައި އެބަހުއްޓެވެ. މަނަދޫގެ ބައެއް ގޭގޭގެ ގޯތިތެރޭގައި ނައީމާ ހުއްޓައި ފެނުމާއި އަހްޒަމް ދިރިއުޅޭ ގޯތި ތެރެއިން ނައީމާ ފެނިފައިވާތީ އެ ހިތްހަމަނުޖެހުން އަހްޒަމް ވެސް ފާޅުކުރި ކަމަށްވެ އެވެ.

މަނަދޫގައި މަރާލި މީހާގެ ގެ ކައިރީގައި ފުލުހުން ޓޭޕް ދަމައިފައި:

"އަހްޒަމް ބުނާ ގޮތުން އޭނާއަށް އޮތީ ބޮޑު ހުކުމެއް, މަސްތުވާތަކެތީގެ މައްސަލައެއްގައި ވަރަށް އަވަހަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް،" މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

އަހްޒަމަށް ދައުވާކުރާ ވައްކަމުގެ މައްސަލައެއްގައި މިހާރު އޮތީ ހުކުމާ ހިސާބުގަ އެވެ. ޑްރަގް ޓްރެފިކިންގެ މައްސަލައެއްގެ މައްސަލަ ވެސް އެބަ ހިނގަ އެވެ.

އޭނާގެ ވިސްނުމާއި ދައްކާ ވާހަކަ އެނގޭ މީހަކު ބުނި ގޮތުގައި އެފަދަ ކަމެއް ކޮށްފައި ޖަލަށް ދިއުމަކީ އޭނާ ދެކޭ ގޮތުގައި އާއިލާ އާއި ނައީމާގެ އުނދަގޫ ޖެހޭ އެހެން މީހުންނަށް ދުނިޔެމަތީގައި ކޮށްދެވޭނެ ހެޔޮކަމެކެވެ.

މިއީ، މަރުގެ މޯޓިވްއަކީ ސިހުރު ކަމަކަށް މުޅިން ނިންމޭނެ ވާހަކަތަކެއް ނޫނެވެ; ޑްރަގްސްގެ ތެރޭގައި އުޅޭ ޒުވާނުންތަކަކަށް ވާތީ އެހެން މަގުސަދެއް ވެސް އޮވެދާނެ އެވެ. އެކަމަކު މި މީހުން ދަންނަ ބައެއް މީހުން ބުނާ ގޮތުގައި ނައީމާ މަރާލަން މާ ބޮޑެތި އަދަދުތަކަކުން ފައިސާ އެ މީހުންނަށް ހުށަހަޅައިގެން ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

މިހާތަނަށް ފެންމަތިވި ވާހަކަތަކަށް ބަލާއިރު އެންމެ ރެއަކުން ވަޅި ހަރައި މަރާލީއެއް ނޫނެވެ. އެތައް ދުވަހެއްގައި އެ މީހުން ފާޅުކުރަމުން ދިޔަ ރުޅިވެރިކަމާ ވެސް މި ގަތުލު ގުޅެ އެވެ. އެކަމަކު އަދި ކަށަވަރު ނުވަނީ ހަގީގީ މޯޓިވް އެވެ.

83 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 62%
icon angry icon angry 21%
icon wow icon wow 4%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޯކް

31 May 2023

މިމީހުންނާ އެއްކޮށް މިމީހުންގެ މައިންބަފައިންވެސް ޖަލަށް ލާންވީ. މިކަހަލަ މީހުންމުޖްތަމައުއަށް ދޫކުރަނީ އެމީހުން. އެއްޗެއްވިސްނިގެން ދަރިން ރަނގަޅަށް ބަލަން އިނގިއްޖެޔާ ރަނގަޅެއްނުން.

The name is already taken The name is available. Register?

އާޝޯހު

30 May 2023

ފުލުހުން ނައް ކޮން ޝުކުރެއް..މިކަން ފަޅާ އެރީ މަސްތުވާ ތަކެތި މައްސަލައެއްގަ ބަންދުކުރި މީހަކު އަމިއްލަ އަށް އެއްބަސް ވެގެން..ފުލުހުންގެ ތަހުގީގައް އެކައްޗެއްވެސް ނޭންގެ

The name is already taken The name is available. Register?

ޖަނާނި

30 May 2023

މިހާރު ތެލެސީމިޔާ ލޭއަޅާ ކުދިން މަސްތުވާ ތަކެތީގެ ވިޔަފާރި ތެރެއަށް ވައްދަމުން ގެންދާކަން ފާހަގަ ކުރެވޭ މިކަމުގައި އެ ކުދިންގެ މައިން ބަފައިން ގެ އިހުމާލު ބޮޑު

The name is already taken The name is available. Register?

ބިންމާ234

30 May 2023

އަޅުގަނޑަކީ މާސްޓަރސް އިން ކްރިމިނޮލޮޖީ ހަދާފައިވާ މީހެއް ....ކިޔަވައިދޭ އިރު ބުނަނީ ޑެޑްބޮޑީގެ ހުންނަ ވުންޑްސްތަކުން ގިނަތަންތަނަށް ވަޅިހަރާފައި ހުންނަ ނަމަ އެއީ ...މަރާލި މީހާއާ ދެމެދު ހަސަދަވެރިކަން ނުވަތަ ރުޅިވެރިކަން ވަރަށް ބޮޑަށް އޮތްކަން ދައްކައިދޭ ކަމެއްކަމަށް ...

The name is already taken The name is available. Register?

‫ހިލަބެ

30 May 2023

މިކޭސް ބެއްލެވި މޯލްޑިވްސް ޕޮލިސްސާވިސްގެ ޓީމުގެ މަސައްކަތަށް އިޚްލާސަތެރި ޝުކުރެއް ދައްނަވަން މިހާވަރަށްރޭވިގެން ހެކިނުފެއްނާނެހާ ކަމެއްކޮށްގެން ހިންގިމިބޮޑުޖަރީމާގެ ފުރިހަމަހެކި ހޯއްދަވައި މައްސަލައިގެ ބައިވެރިން އަތުލައިގަތްކަމީ މިފަދަކަންކަމުގެ ފުރިހަމަ ތަމްރީނުލިބިފައިތިއްބެވި ބޭފުޅުން މިރާއްޖޭގޢިވެސްތިބިކަންއަންގައިދީ މިކަމުގައި ޕޮލިހުންގެ އިތުބާރުދަމަހައްޓައިދިންކަމެއް މިހާދުވަސްވުއަސް މުޖުރިމުންނަށް އެއްވެސްއިތުރު ފުރުސަތެއްނުދީ އަތުލައިގަތްކަމީ މިފަދަކަންކަން ކުރާފަރާތްތަކަށް ލިބުނުވަރަށްބޮޑު ސިހުމަކަށްވާނެ. ޝުކުރިއްޔާ މޯލްޑިވްސް ޕޮލިސްސާވިސް .

The name is already taken The name is available. Register?

ނޭނގުނު

30 May 2023

ދިވެހި ޕޮލިހުން އެކުރި މަސައްކަތަށް ހަމަ އައްސަރި ބަހާ ސާބަސް ރައްދު ވޭ…މި ފަހަރު ހަމަ ޝުކުރު ހައްގު… މީގަ އެންމެ ބޮޱު މައްސަލަ އަކީ މީ އެހާ ސިއްރުން ހެކި ނޭނގޭ ގޮތަށް ކުރި މަރުގެ ވެސް ގާތިލުން ހޯދިއްޖެ އެހެންވެ މީގެން ވެސް ހާމަ ކޮށްދެނީ ޕޮލިހުން ބޭނުން ނަމަ ހަމަ މި ރާއްޖޭގަ ހިނގާފަ ހުރި ހުރިހާ މަރެއްގެ ގާތިލުން ހޯދަން ބޭނުން ވެއްޖެ ނަމަ ހޯދޭނެ ކަން ދެރަ ކަމަކީ މީ ގާތިލު ހޯދަން ބޭނުން ނުވާނަމަ ހަމަ ތަނެއް ދޮރެއް ވެސް ނޭނގޭ ހާ ގަމާރު ވުން….

The name is already taken The name is available. Register?

ވފދ ގތ

30 May 2023

ސިހުރޭ ކިޔާފަ ވާހަކަ ދެކެވޭތީ ހިޔާލެއް ފާޅުކޮށްލާނަމޭ.. މިރާއްޖޭގާ ތޫނު ހަތިޔާރުން މީހުން މަރާ ވަރަށް ވުރެ ގިނައިން މީހުން އެބަ މަރަޔޭ މި ސިހުރު.. މިކަން ބެލޭނެ އެޅޭނެ ފިޔަވަޅެއް ވެސް ނެތޭ.. މަހުޝަރު ދުވަހުން މި ހުންނާނޭ ...ހަނދާން ކޮށްލާފަ

The name is already taken The name is available. Register?

އލނއމ

30 May 2023

ތެދު ވާހަކައެއް

The name is already taken The name is available. Register?

ހަސަނު

30 May 2023

ސިހުރަކުން މީހަކު މަރެއް ނުވާނެ.. އެއީ ދޮގު ވާހަކައެއް..

The name is already taken The name is available. Register?

ކްރައިމް

30 May 2023

ކޮބާ 4 ވަނަ މީހާގެ ވާހަކަ؟

The name is already taken The name is available. Register?

ޓުވިޓަރ

30 May 2023

ނާތަހުޒީބު ހިސާބުތަކުގައި ކުޑަސޮރުން ކައިރީބަހައްޓައިގެން ހޮޅުއަށި ތަކުގައި ފާޑުފާޑުގެ ބޭކާރު ވާހަކަ ދައްކާތީވާގޮތް. ހުރިހާނުބައިކަމެއްގެ ވެސް އަސްލަކީ މަސްތުވާތަކެތި. ކަލޭމެން ތިއަފިކުރު ދިރުވާ ޅަޖީލުތަކަށް ބިރަކާނުލާ މަޖާކުރަން ހުޅުވާ އިރު މިފަދަ ހިތާމަވެރި އެތަކެއް ހާދިސާ އެއް އަދި މިގައުމުގައި ހިނގާނެ.

The name is already taken The name is available. Register?

ާއަލިމޯޑު

30 May 2023

ތިޔަބުނާ ތަހްޒީބު ތަނަކީ ކޮބައިތޯ؟ މާލެ ތޯ އައްޑޫ ތޯ ކުޅުދުއްފުށި ތޯ. އެތަންތާނގަ މީހުން މަރަނީ ކީއްވެޔޯ. އެމެރިކާ ތޯ ޔޫރަޕް ތޯ މީހުން މަރަނީ ތަހުޒީބު ނުވާތީތޯ

The name is already taken The name is available. Register?

ސަންތި މަރިޔަން

30 May 2023

މީހުންގެ ނެތި ނުބައި ކިޔުމާ އަބުރު ނަގާލުމުގައި ދިވެހިން ނަކީ ވަރި ވުމުގެ ރެކޯޑް އޮންނަފަދައިން އޮންނަން ޖެހޭތަނެއް. އޮފީސް ތަކުގައިވެސް އޮންނަނީ މިއުސޫލު. ތަންކޮޅެއް ދެރަ އާއިލާތަކުން އައިސް ތިބޭމީހުންގެ ނުބައި ވާހަކަ ދައްކާފަ ވެރިންގެ އަރިސް މީހުން ވަޒީފާއަދާކުރަނީ ގޭގަ. ގަޑިޔާ އިތުރު ގަޑި ބަރާބަރަށް ޖައްސާ

The name is already taken The name is available. Register?

ާއާސަންދު

30 May 2023

ތަހުޒީބު ވާނީ މާލެ އެކަނި. ތިޔަކޮމެންޓު އަނެއްހެން ގޯހެއްނޫން. މީހުންގެ މެދުގައި ނަފުރަތު އުފެދޭ ޒާތު ވާހަކަ ނުދެއްކުން އެއީވެސް ހައްލެއް. އޭނަ ފަންޑިތަ ހަދަން އެހާމޮޅުނަމަ އެރަށު އެންމެ މުއްސަދި މީހަކަށް ނުވެފަ އިނީ ކީއްވެ.

The name is already taken The name is available. Register?

ބަކުރުބޭ

30 May 2023

ފަންޑިތަ ސިހުރު ޖެހެނީ ވަކި މީހެއްގެ މޮޅުކަމުން ނުވާތީ ސިހުރު ހަދާ މީހުންނަށްވެސް އެމީހުން އަމިއްލައަށް މުއްސަދި ނުވެވެނީ. އަދި ޖިންނީން އެމީހުންނަށް ތަބާވުމުގެ ބަދަލުގައި އެމީހުންނަކީ ޖިންނީނަނަށް ތަބާވެ ނިކަމެތިވެގެން އުޅޭބައެއް. ކަމަކަށް ކަމެއް ކޮށްދޭ ބައެއް. ޝިރުކުގެ ނުބައި ޢަމަލުތައް ބޮޑުވާވަރަކަށް އެސޮރުމެން ސިހުރުވެރިންގެ އެދުންތައް ފުއްދަދޭލެ ބޮޑުވާނެ. މިހެންގޮސް ކިތަންމެ ކަމެއް.....

The name is already taken The name is available. Register?

އަބްޑޫޅް

30 May 2023

މިހާރު މަނަދޫ މަރިޔަނބު ކޮބާ؟

The name is already taken The name is available. Register?

ޗ‫ުމްބާޖޮންކު

30 May 2023

މ‫ޯޓިވް އެނގޭނީ އާޚިރަތް ދުވަހުން މިހާރު ތަހުގީގު ކުރަން މިއުޅެނީ މަރުމޯލުން އުމްބެ ސަލީމް މެން ތަހުގީގު ކުރި ޒަމާނުގައި މާކާމިޔާބު ހަމަ ގެންގޮސް ވައްދާއިރަށް ބުނާނެ މޭޒުމަތީ ބަރުން ގައިގަ ނެތް ވަރަށް ޖަހާފަ މިފަންކާ ވެސް އެބަ ހެކި ދެޔޭ އެކަން ކަލޭ ކުރިކަމަށް އެހިސާބުން ޖަލަށް

The name is already taken The name is available. Register?

މައުމޫ

30 May 2023

އޭރު ވަށައިގެން ހުސް ހެކި. މިހާރު ފެންނަން ހުންނަ ހެއްކެތް ނުހުރޭ. އެ ހެޔޮ ރައްޔިތުންގެ ކުރިމަތީ ކުރިއަސް. ލާހިކެއްނޫން ހެއްކެއްހޯދާކަށް. އެހެން ވެޔޭ މަމެން މި ކިޔަނީ މައުމޫނު ސިސްޓަމް ރަގަޅޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454