ޚަބަރު / ރައްޔިތުންގެ މަޖިލިސް

ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ އިސްލާހު ބަލައިގަނެ، މުޅި މަޖިލިހުގެ ކޮމިޓީ އަށް

ބްލައިންޑް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި އެ ޖަމިއްޔާގެ ބައެއް މެމްބަރުން. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލެވޭ ގޮތް ހަދަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ސަރުކާރު ފަރާތުން، ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި އެ އިސްލާހުގައި ވާ ގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ކަރުދާހުގައި އަމިއްލަ އަށް ފާހަގަ ޖެހުމަށް އެދޭ ނަމަ ވޯޓު ކަރުދާސް ޓެމްޕްލޭޓެއް ބޭނުން ކުރެވޭނެ އެވެ.

އެއީ ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ލޯފަން މީހުންނަށް ވޯޓުލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށް އެ އިސްލާހުގައި ވެ އެވެ.

އެ ޕްލާސްޓިކް ޓެމްޕްލޭޓްގައި ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް ކެނޑުމެއް ހިމެނެން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެ އެވެ.

ލޯފަން މީހާ އަށް ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމަށް ފަހު، އޭނާ ވޯޓުލާ ނިމެންދެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެއްވެސް އޮފިޝަލަކު ނުވަތަ އެ ނޫން ވެސް ފަރާތަކުން އެ ތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށް އެ އިސްލާހުގައި ބުނެފައި ވެ އެވެ. އިސްލާހުގައި ވާ ގޮތުން އެ ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ އެވެ.

ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

އެ ބިލުގެ އިބްތިދާއީ ބަހުސްގައި ގާތްގަނޑަކަށް ހުރިހާ މެމްބަރުންގެ ވާހަކައިގައި ވަނީ އިސްލާހުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އެއީ ފެނުމުގެ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ އަސާސީ ހައްގެއް ހޯދައި ދިނުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އިސްލާހު ފާސްކޮށް، އަމަލުކުރަންޖެހޭ ކަމަށް ގިނަ މެމްބަރުން ވިދާޅުވި އެވެ. އެހެންކަމުން ބިލްގެ މަސައްކަތް އަވަސް ކުރުމަށް މުޅި މަޖިލިސްގެ ކޮމިޓީން ބިލް ދިރާސާކުރުމަށް ހުށަހަޅައި، ތާއީދު ލިބުނެވެ.

ބިލް މަޖިލީހަށް މިއަދު ބަލައިގަނެ، ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.

އެއާ އެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައި، ވަގުތުން މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ފަށްޓަވައިފަ އެވެ.

އެ ބައްދަލުވުމުގައި ގިނަ މެމްބަރުން ހުށަހެޅުއްވީ އިތުރު ބަހުސެއް ނުކޮށް، ބިލް އޮތް ގޮތަށް ފާސްކުރުމަށެވެ. ނަމަވެސް، އިސްލާހު ހުށަހަޅަން ވަގުތު ދޭންޖެހޭ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާތީ، އެކަން ކުރެވެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އިސްލާހެއް އޮތް ނަމަ މާދަމާގެ ހެނދުނު 10:00 ގެ ކުރިން ހުށަހެޅުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެން، ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނަޝީދު ނިންމަވައިލެއްވި އެވެ.

ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ މީހުންގެ ވޯޓުގެ ސިއްރު ނުހިފެހެއްޓޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ. އެކަމަށް ހައްލެއް ގެނައުމަށް ބްލައިންޑް އެސޯސިއޭޝަނުން ދާދި ފަހުން ވަނީ ރާއްޖޭގެ އެކި މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ވެސް ބައްދަލުކޮށް، އެ ޝަކުވާތައް ހިއްސާ ކޮށްފަ އެވެ.

ބްލައިންޑް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޕްލާސްޓިކް ޓެމްޕްލޭޓެއް ބޭނުން ކޮށްގެން ލޯފަން މީހުންނަށް ވޯޓުލެވޭނެ ގޮތުގެ މިސާލެއް ދައްކާލައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އީސީން ވެސް ވަނީ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހަމަޖައްސައި ދޭނެ ކަމަށް ބުނެފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454