ޗެމްޕިއަންސް ލީގުގެ ތަށި. ފައިނަލުގައި މިރޭ ސިޓީ އާއި އިންޓަ ވާދަކުރާނެ
10 ޖޫން 2023 - 13:11
އިސްތަންބޫލް (ޖޫން 10) - ޔޫއެފާ ޗެމްޕިއަންސް ލީގު ތާރީހުގައި ފުރަތަމަ ފަހަރަށް އެ މުބާރާތް ކާމިޔާބުކުރަން ނުކުންނަ މެންޗެސްޓާ ސިޓީ އިން، ޔޫރަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އިންޓަ މިލާނާ ދެކޮޅަށް ފައިނަލުގައި މިރޭ ނުކުންނާނެ އެވެ.
ތުރުކީގެ އަތާތުރުކް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅޭ ބޮޑު ފައިނަލަށް ފުޓްބޯޅަ ސަޕޯޓަރުންގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. މި މެޗުގެ މުހިއްމުކަން ދެޓީމަށް ވެސް ބޮޑެވެ.
ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިގެން ސިޓީ އަށް، ޔޫރަޕާއި އިނގިރޭސި ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދޭނެ އެވެ. އެއީ، ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތް ކާމިޔާބުވުމާއި، އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު އަދި އިނގިރޭސި އެފްއޭ ކަޕް ހޯދި ދެ ވަނަ ޓީމުގެ ޝަރަފް ލިބުމެވެ. އެއް ސީޒަނެއްގައި އެ ކާމިޔާބީ މީގެކުރިން ހޯދީ 1999 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑެވެ.
ސިޓީ ވަނީ 2021 ވަނަ އަހަރު ޗެލްސީއާ ދެކޮޅަށް ކުޅެ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވެފަ އެވެ. މިފަހަރުގެ ފައިނަލަށް ސިޓީ ކުރި ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. އަދި، ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 26 މެޗުގެ ތެރެއިން ސިޓީ ބަލިވީ އެންމެ މެޗަކުންނެވެ.
މި ސީޒަނުގައި ސިޓީ ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު، 2008/2009 ވަނަ ސީޒަނުގައި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ބާސެލޯނާ ދެއްކި މޮޅު ކުޅުމާ ގިނަ ބަޔަކު އަޅާކިޔަ އެވެ. އެކަމަކު އެ ސީޒަނުގައި ބާސެލޯނާގެ ރެކޯޑާ އަޅާބަލާއިރު މި ސީޒަނުގައި ސިޓީ ފެންނަނީ ވަރުގަދަކޮށެވެ. ޗެމްޕިއަންސް ލީގުގެ 12 މެޗުގެ ތެރެއިން ހަތް މެޗުވެ، 31 ގޯލު ޖަހައި ސިޓީ ކޮޅަށް ވަނީ އެންމެ ފަސް ގޯލެވެ. ގާޑިއޯލާގެ ކޯޗުކަމުގައި ބާސެލޯނާ އިން ޗެމްޕިއަންސް ލީގު ތަށި ހޯދިއިރު 32 ގޯލު ޖަހައި ބައިކޮޅަށް 13 ގޯލު ވަނެވެ.
"އޭރު އަހަރެންގެ ޓީމުގައި މެސީ ހުރި. މިފަހަރު ހާލަންޑް އެބަހުރި. އެއީ އަހަރެންގެ ކާމިޔާބީއަކީ. މިއީ އަހަރެން ކުރާ ސަމާސާއެއް ނޫން. މިއީ ހަގީގަތް" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ، ބާސެލޯނާއާ އެކު ހޯދި ޗެމްޕިއަންސް ލީގު ތައްޓާ އެކު. ބާސެލޯނާ ނޫން ޓީމެއްގައި ގާޑިއޯލާ އަށް ޗެމްޕިއަންސް ލީގު ނުހޯދޭ
ގާޑިއޯލާ އަށް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުނީ 2011 ވަނަ އަހަރު ބާސާއާ އެކު އެވެ. އޭގެފަހުން ގާޑިއޯލާ ކޯޗުކޮށްދިން ބެޔާން މިއުނިކާއި މިހާރުގެ ކްލަބް ސިޓީއާ އެކު އެ ކާމިޔާބީ ތަކުރާރެއް ނުކުރެވެ އެވެ.
"ޗެމްޕިއަންސް ލީގަކީ ޝަރަފްވެރި މުބާރާތެއް. އެ މުބާރާތް ކާމިޔާބުކުރުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް" ކޯޗިން ކެރިއަރުގެ ތިން ވަނަ ޗެމްޕިއަންސް ލީގު ހޯދަން އަމާޒުހިފާފައިވާ ގާޑިއޯލާ ބުންޏެވެ.
މީގެކުރިން ތިން ފަހަރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ އިންޓަ މިލާން މިރޭގެ ފައިނަލަށް ނުކުންނަނީ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިގެންނެވެ. ޔޫރަޕްގެ ޗެމްޕިއަންކަން އިންޓަ އިން ހޯދީ 2010 ވަނަ އަހަރާއި 1964 އަދި 1965 ވަނަ އަހަރު އެވެ. މި ސީޒަނުގެ އިޓާލިއަން ލީގުގެ ތިން ވަނަ އެޓީމު ހޯދިއިރު އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ.
ފައިނަލަށް ނުކުންނައިރު ގިނަ ބައެއްގެ ނަޒަރުގައި ފޭވަރިޓުންނަކީ ސިޓީ އެވެ. އެކަމަކު އިންޓަ އިން ޗެމްޕިއަންސް ލީގުގައި ދައްކާފައިވާ ވަރުގަދަ ޑިފެންސިވް ކުޅުމަކީ ސިޓީ އަށް އޮންނާނެ ޗެލެންޖެކެވެ. ފައިނަލަށް ކުރި ދަތުރުކުގައި ކުޅުނު 12 މެޗުގެ ތެރެއިން އަށް މެޗުގައި އެޓީމު ކޮޅަށް ގޯލެއް ނުވަދެވެ.
ސެމީގައި މިލާން ކޮޅަށް ގޯލު ޖެހުމަށް ފަހު މާޓީނޭޒް އުފާފާޅުކުރަނީ
ޑިފެންސްގެ އިތުރުން އިންޓަގެ އެޓޭކުގައި ތިބި ކުޅުންތެރިން ވެސް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އެޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓީނޭޒް ވަނީ ސީޒަނުގައި ކުޅުނު 58 މެޗުގައި 28 ގޯލު ޖަހައި 11 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.
"އުއްމީދަކީ މޮޅު ކުޅުމެއް ދައްކައި ތަށި މިލާންގައި ބެހެއްޓުން. އެއީ އަަހަރެމެން އެންމެން ދެކޭ ހުވަފެނަކީ. އެކަމަކު މެޗު ފަސޭހައެއް ނުވާނެ. ބޭނުންވަނީ އިންޓަގެ ރޫހުގައި ކުޅެ ތަށި ހޯދަން" އާޖެންޓީނާއާ އެކު ޑިސެމްބަރު މަހު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި މާޓީނޭޒް ބުންޏެވެ.
އިންޓަގެ ކޯޗު ސިމިއޯނޭ އިންޒާގީ ބުނީ މިރޭގެ ފައިނަލަކީ އޭނާގެ ހަޔާތުގައި ނުކުންނަ އެންމެ މުހިއްމު މެޗު ކަމަށެވެ. އަދި، އުނދަގޫ، ދިގު އަހަރެއްގައި އެޓީމުގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ތައްޓަކުން ނިންމާލަން ބޭނުންވާކަމަށް ކޯޗު ބުންޏެވެ.
ސިޓީ ފައިނަލަށް ކުރި ދަތުރު ފެށީ ގްރޫޕް ސްޓޭޖުގައި ދެއްކި މޮޅު ކުޅުމާ އެކު އެވެ. އެ ގްރޫޕުގެ ދެ ވަނަ ލިބުނު ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ ކުރިން، ސިޓީ އެއް ވަނައިގައި ނިންމާލީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ.
ދެ ވަނަ ބުރުގެ ދެ ލެގުގައި ސިޓީ ވަނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގް 1-8 ގެ އެގްރިގޭޓުން ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ބަލިކުރިއިރު ސެމީގައި ސިޓީ މޮޅުވީ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ ވާދަކޮށެވެ. ބެޔާން އާއި ރެއާލްއާ ދެކޮޅަށް ވެސް ސިޓީ ވަނީ އަމިއްލަ ދަނޑުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ލައިޕްޒިގް ކޮޅަށް ދެ ވަނަ ބުރުގައި ފަސް ގޯލު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ. 12 ގޯލާ އެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގު ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ ހާލަންޑް
ބަޔާން އާއި ބާސާއާ އެކު އެއް ގްރޫޕެއްގައި ހިމެނުމުން ދެ ވަނަ ބުރަށް ދިއުމަށް އިންޓަ ކުރީ އުނދަގޫ ދަތުރެކެވެ. ގްރޫޕްގެ ދެ ވަނަ އިންޓަ ކަށަވަރުކުރީ ބާސެލޯނާ ކަޓުވާލުމަށް ފަހު އެވެ.
ދެ ވަނަ ބުރުގައި ޕޯޓޯ އަތުން މޮޅުވިއިރު ކުއާޓާ ފައިނަލުގައި އިންޓަ މޮޅުވީ ބެންފީކާއާ ވާދަކޮށެވެ. ސެމީ ފައިނަލުގައި އަވައްޓެރި އޭސީ މިލާނާ ވާދަކޮށް ދެ ލެގްގެ އެގްރިގޭޓުން 0-3 އިން މޮޅުވި އެވެ.
އިންޓަ މިލާން އަކީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބަލިވެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި ހަތަރު ވަނަ ޓީމެވެ. މީގެކުރިން ފުރަތަމަ މެޗުން ބަލިވެ، ފައިނަލުން ޖާގަ ހޯދި ތިން ޓީމު ވެސް ފައިނަލުގައި ވަނީ ބަލިވެފަ އެވެ. އެއީ ޓޮޓެންހަމް ހޮޓްސްޕާ އާއި އޭސީ މިލާން އަދި ބެޔާން މިއުނިކެވެ.
ފައިނަލަށް ނުކުންނައިރު ދެ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިން ތިބީ ފިޓްކޮށެވެ.
ސިޓީ އާއި އިންޓަ ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯބުރާންތި
10 June 2023
ބޯޅައަކީ ވަށް އެއްޗެއް.. މިއީ ލައްކަ ވާހަކަ..