ބްރެޒިލްގެ ވިނީޝިއުސް (ކ) އާއި ނޭމާ. ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ދެ ގައުމުން މެޗެއް ކުޅެން ވަނީ ނިންމާފަ
14 ޖޫން 2023 - 11:29
ރިއޯ ޑި ޖެނީރޯ (ޖޫން 14) - ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ވިންގާ، ވިނީޝިއުސް ޖޫނިއާ އަށް ނަސްލީގޮތުން ކުރިމަތި ކުރަމުން އަންނަ ތަފާތުކުރުންތަކާ ދެކޮޅަށް ހިންގާ ހަރަކާތެއްގެ ގޮތުގައި ވިނީޝިއުސް ނިސްބަތްވާ ބްރެޒިލުން، ސްޕެއިނާ ދެކޮޅަށް އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅެން ނިންމައިފި އެވެ.
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މިހާރު ކުރިއަށްގެންދާ "އެންޓި-ރޭސިޒަމް" ކެމްޕޭންގެ ދަށުން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މާޗް މަހު އެވެ. މެޗު އޮންނާނީ ރެއާލް މެޑްރިޑްގެ ސްޓޭޑިއަމްގަ އެވެ.
މި މަހު ނިމުނު ޔޫރަޕްގެ ފުޓްބޯޅަ ސީޒަނުގައި ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. ވިނީޝިއުސް ބުނީ، ސްޕެއިން އަކީ ނަސްލީ ތަފާތުކުރުން އިންތިހާ އަށް އޮތް ތަނެއް ކަމަށެވެ.
މެޗު ކުޅޭކަން ހާމަކުރަމުން ސްޕެނިޝް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ލުއިސް ރުބިއަލެސް ވިދާޅުވީ ފުޓްބޯޅައިގައި ނަސްލީ ތަފާތު ކުރުމަށް އެއްވެސް ޖާގައެއް ނުދޭނަން ކަމަށެވެ.
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ސްޕެއިން އާއި ބްރެޒިލް ގުޅިގެން ފެށި ކެމްޕޭންގެ ނަމަކީ "ވަން ސްކިން" އެވެ. ކެމްޕޭން ލޯންޗުކޮށްދެއްވީ ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް އެވެ.
"ނަސްލީ ތަފާތު ކުރުމުގެ ކޭސްތަކުގައި ހަރުކަށި އަދަބު ދޭންޖެހޭ. ހަމައެކަނި ޖޫރިމަނާއަކުން ފުއްދައެއް ނުލެވޭނެ. ކްލަބްތައް ޒިންމާކުރުވަން ޖެހޭނެ" ކެމްޕޭން ލޯންޗުކޮށްދިނުމަށް ފަހު ބްރެޒިލް އެފްއޭގެ ރައީސް ވިދާޅުވި އެވެ.
ބްރެޒިލްގެ ހުށަހެޅުމަކީ ނަސްލީ ތަފާތުކުރުމުގެ ކެމްޕޭން މުޅި ދުނިޔޭގައި ކުރިއަށް ގެންގޮސް ކުޅުންތެރިން ހިމާޔަތްކުރުމެވެ.
ވިނީޝިއުސްއާ ނަސްލީގޮތުން އެންމެ ފަހުން ދިމާކުރީ މެއި މަހު ރެއާލް މެޑްރިޑުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ތަކުރާރުކޮށް ވެލެންސިއާގެ ސަޕޯޓަރުން ވިނީޝިއުސްއާ ދިމާކުރި މައްސަލަ ރެފްރީންގެ ޓީމުގެ ސަމާލުކަމަށް އޭނާ ގެނަ އެވެ. އެންމެފަހުން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި އެވެ. އެކަމަކު ފަހުން އެ ރަތް ކާޑު ވަނީ ކެންސަލް ކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ވެސް ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއް ސްޕެއިން ފެޑެރޭޝަނުން ވަނީ ބަލައިފަ އެވެ. ދެ މައްސަލަ ބެލުމަށް ފަހު ހަތް މީހަކަށް ވަނީ އަދަބުދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy