އެމްއެންޕީގެ ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޕީ
14 ޖޫން 2023 - 23:03
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބާރު މި ސަރުކާރާ އިދިކޮޅު މެމްބަރުންނަށް ދޭން ޖެހޭ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ނުފެށި "މަރުތަޅު" އެޅި، މަޖިލީހުގައި އެކި ކަހަލަ "ޑްރާމާ" ކުޅޭ މަންޒަރު ފެންނާތީ އެމްއެންޕީން ކަންބޮޑުވާ ކަމަށެވެ. އެ ކަންބޮޑުވުން އޮތުމުން ކޮމިޓީތަކުގެ މަސައްކަތް އަވަހަށް ފެށުމަށް އެ ޕާޓީން އެހެން ޕާޓީތަކާއި ސަރުކާރާ އެކު ވެސް މަޝްވަރާކޮށް، އެ މައްސަލަ އަށް ހައްލެއް ގެނައުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މި ހަފުތާ އާއި މިދިޔަ ހަފުތާގައި އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ދުވަހަކު ވެސް މަޖިލީހުން ފެންނަން ބޭނުންވި މަންޒަރެއް ނޫން: ނާޒިމް
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް މިއަދަށް އެޖެންޑާ ކުރި ނަމަވެސް، އިދިކޮޅުގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ވަނީ ޖަލްސާ ވެސް ހުއްޓުވައިފަ އެވެ.
ނާޒިމް ވިދާޅުވީ މަޖިލީހުން މިހާރު ފެންނަނީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި ބޭފުޅުން އެކަމަށް ހުރަސްއަޅާ މަންޒަރު ކަމަށެވެ.
އެމްއެންޕީގެ ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ޕާޓީގެ އެހެން އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއެންޕީ
"މި ހަފުތާ އާއި މިދިޔަ ހަފުތާގައި އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ދުވަހަކު ވެސް މަޖިލީހުން ފެންނަން ބޭނުންވި މަންޒަރެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"[މަޖިލީހުގައި ތިއްބަވާ] މި ޕާޓީގެ ތިން މެމްބަރުން ވަކާލާތުކުރަމުން މި ގެންދަނީ އަބަދުވެސް މަޖިލީހުގެ ކަންކަން ހިނގަން ޖެހޭ ކަމަށް."
މަޖިލީހަކީ ސަރުކާރުން ޒިންމާދާރުކުރާވާ ތަނަށް ވާއިރު، އެމްއެންޕީއަކީ އެންމެ ގިނައިން ސަރުކާރުގެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް، ޖަވާބުދާރީކުރުވި ޕާޓީ ކަމަށް ނާޒިމް ވިދާޅުވި އެވެ. މަޖިލީހުގެ ކޮމިޓީތަކުގައި ވެސް އެ ޕާޓީގެ މެމްބަރުން ދައުރު ބޮޑު ކަމަށް ވިދާޅުވި އެވެ. އެހެންވެ، މަޖިލިސް ހުއްޓިފައި އޮންނަ އެ ޕާޓީން ބޭނުންވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑު ސަރުކާރަށް ދަންނަވާލަން އޮތީ ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ މެމްބަރުން ވެސް މިކަމަށް ސަމާލުވެވަޑައިގަންނަވާށޭ. ހަމައެއާ އެކީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް މިކަމާ ދޭތެރޭގައި ސަމާލުވެވަޑައިގަންނަވާށޭ،" ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވިގެން މިދިޔަ ހަފުތާ އާއި މި ހަފުތާގައި ވެސް ކޮންމެ ދުވަހަކު ވަކި ހިސާބަކުން ޖަލްސާތައް ހުއްޓާލަ އެވެ. އެ ހިސާބަށް ކަންކަން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުންނެވެ. އަދި އެމްޑީޕީގެ 11 މެމްބަރަކު އެއްފަހަރާ އެ ޕާޓީން ވަކިވުމުން މަޖިލީހުގެ ކޮމެޓީތައް ވެސް އަލުން އެކުލަވާލަން އޮތީ ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްވެސް ޝަރުތަކާނުލާ
15 June 2023
ވެރިކަމަށް ކުރިމަތިލީ ވެރިކަން ކުރުން އެއީ ކިހާވަރެއްގެ ކަމެއްނޭގިތަ، މަޖިލީހުގަ ނުވަތަ މަޖިލީހުގެ ކޮމިޓީތަކުގަ އިދިކޮޅު ފަރާތްތަކުގެ ބާރު ގަދަވެއްޖެނަމަ ސަރުކާރު ނުހިންގޭނެކަން އެގޭނަމަ ވެރިކަމަށް ކުރިމަތިލައިގެންހުރެ ތިކަހަލަ ގަޅިއެއް ނުޖައްސާނެ. 3 ބާރު ވަކިވުމަކީ ދައުލަތް ހިންގަން އޮންނަ ސަރުކާރު، އަނެއް ދެބާރުން ފިއްތާލުމެއްނޫން. 3 ބާރުންވެސް އެއްބާރުން އަމެއްބާރަށް ކަންކަމުގަ މަގުފަހި ކޮއްދީގެން ނޫނީ ދައުލަތެއް ނުހިންގޭނެ.
އިންސާފު2023
15 June 2023
ކަންކަން ހަމަޔާކަށް އެލޭނީ އެމްއެންޕީ ކަހަކަ ހަމަޔާ އިންސާފު ގަބޫލުކުރާ ބަޔަކަށް ނާޒިމްފަދަ ނަތީޖާ ނެރެވޭ މީހަކަށް ނާޒިމަށް ފުރުސަތުދެއްވާ
ޝަރުތަކާނުލާ
15 June 2023
ނުދޭނަން ވޯޓެއް.
7878
15 June 2023
ތިޔަކަން ތިހެން އޮންނާންޖެހޭނަމަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހެދި މީހުންނަށް އެހެން ލިޔަންނޭގުނީ ކީއްވެބާ.. އަދި މިހާރު ތިބި އިދިކޮޅަށް ތިޔަ ކޮމިޓީގެ އަގުލަބިއްޔަތު ދީފިނަމަ ސަރުކާރަށް އެހެންކަމެއް ކުރަން ވަގުތެއްވާނެބާ. މިހާރުވެސް ތި ތިބެނީ ސަރުކާރަށް ޖެއްސުމެއްކޮށްލާ ހިތުން ކެތްމަދުވެފަ. މިހާރު މަޖިލިސް ހިނގާގޮތް ބެލި މީހަކަށް ތި މީހުންގެ އިޚުލާސްތެރިކަންފެނި އާޝޯޚުވާނެ
ސުނާރު
15 June 2023
ބޭކާރު ވާހަކަ ވަކި ޕާޓީއަކަށް އަޣުލަބިއްޔަތުދެނީ ވަކިބޭނުމަކުރައްޔިތުން. ކޮމެޓީތަގުގަވެސް އޮންނަންވާނީ އެޕާޓީއެއްގެ އަޣްލަބިއްޔަތު
އަސްލު...
15 June 2023
ފުލުހުންނާއި ސިފައިން މީގެފަހުން ތަބާވާންޖެހޭނީ އިދިކޮޅުން އަންގާގޮތަށޭވެސް ބުނަންވީނުން މަހީކުރީ މީވިސްނޭ މީހެއްކަމަށް ހަމަ ބޮޑު ބިޔަމީހެއް ބޮލުގަ އެއޗެއްނެތް..
ތައްޓޭ
15 June 2023
މޮޔައަގަނުތަޅާ! ތިހާގަމާރުވީމަ ކުރެވޭނީ ވެރިކަމެއްނޫން..
އެވަރަށް
15 June 2023
އެވަރަށް އިހްލާސްތެރިބަޔަކު ތިޔަ މަޖްލިހުގަ ނެތް.
އެއިމްސް
15 June 2023
ޤާނޫނުއަސާސީގަ އޮވޭ ދައުލަތުގެ ބާރުތައް ފެށިގެންއަންނަނީ ވެސް އަދި ދެމިގެންއޮންނާނީވެސް ރައްޔިތުންގެ ކިބައިގަކަމަށް އެ މާއްދާ އެހެންލިޔެފަ އެއޮތީ ހަޤީގަތުގަވެސް އެކަން އެގޮތަށް ބާއްވަން ބޭނުންވެގެން ކަމަށްވާނަމަ މަޖިލީސް މެމްބަރުން ހަމައިންނެއްޓުނީމަ އެމެމްބަރުން ވަކިކޮށް އާމެމްބަރަކު ހޮވުމުގެބާރު ރައްޔިތުންނަށް އެބަދޭންޖެހޭ އެހެންނޫނީ އެހެން ލިޔަފައޮތުމުގެ ބޭނުމެއްނެއް
ހަސަންޑީ
15 June 2023
އޭރުން 3އިރުކާ ބޭހެއްހެން މެންބަރު ބަދަލުކުރަން ޖެހެ ދައުލަތުގެ ބަޖެޓް އިންތިހާއަށް ބޮޑުވެގެންދާނެ، މިހާރު އޮތްގޮތަކީ އެންމެ ރަގަޅުގޮތް، މެންބަރުގެ އިޚުލާސްތެރިކަން އިތުރުކުރުން މާތަގަޅުވާނެ
އިބޫ23ޔަގީން
15 June 2023
ބާރެއް ދޭ އިރަށް ބޮނޑިބަތް ކައްކަން ފަށަނީ. އެއީ މައްސަަލައަކީ. މަޖިލިސް ރައީސް ވެސް ދަށުންދަމާ ކުޅެން ފެށީ. ސުކުރަން ޔާ ރައީސް އިބޫ ސޯލިހް. 2023 މި ދެނީ ޔަގީންކަން
އަފްރާސިޔާބު
15 June 2023
ތިޔަ ޔަށްވުރެ ކަނޑުކޮސްވާޖަކައެއް މިރާއްޖޭގެ މީހަކު ދައްކަފާނެބާ؟ އެހެންޏާ މިއުޅެނީ އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ނުކުރެވިގެން. ދެން ސަރުކާރު ޖަވާބު ދާރީ ކުރުވާ ކޮމިޓީގެ އަޣްލަބިއްޔަތު އިދި ކޮޅު ޕާޓީއަށް ދިނީމާ އެހެން އެއްވެސް މަސައްކަތެއް ނުކުރެވޭނެތާ ވަޒީރުންނަށާއި މެންބަރުންނަށް. މުޅިންވެސް ޖަވާބު ދާރީ ކުރުވުން އޮންނާނީ.