15 ޖޫން 2023 - 10:32
މެންޗެސްޓާ (ޖޫން 15) - ޗެލްސީ އަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު، މޭސަން މައުންޑް ހޯދުމުގެ މަސައްކަތް ރަސްމީކޮށް މެންޗެސްޓާ ޔުނައިޓެޑުން ފަށައިފި އެވެ.
މައުންޓް، 24، އަކީ އާ ސީޒަނަށް ޔުނައިޓެޑުން ގެންނަން މަސައްކަތް ފެށި ފުރަތަމަ ކުޅުންތެރިޔާ އެވެ. ޔުނައިޓެޑުން މައުންޓް ހޯދުމަށް ފުރަތަމަ ބިޑް ކުރީ 50 މިލިއަން ޑޮލަރެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން ޗެލްސީ އިން ވަނީ ޔުނައިޓެޑްގެ ފުރަތަމަ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.
ޗެލްސީއާ އެކު މައުންޓް ހަދައިފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އަހަރެކެވެ. މައުންޓުގެ އަގުގެ ގޮތުގައި ޗެލްސީ އިން ޑިމާންޑް ކުރަމުން އަންނަނީ 90 މިލިއަން ޑޮލަރެވެ. އެކަމަކު އެ އަގު ދައްކަން ޔުނައިޓެޑުން ދެކޮޅު ހަދަ އެވެ.
ފުރަތަމަ ބިޑަށް ޗެލްސީ އިން ނޫނެކޭ ބުންޏަސް، ޔުުނައިޓެޑުން މައުންޓް ހޯދަން އިތުރު ބިޑެއް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. މައުންޓުގެ އިތުރުން ޔުނައިޓެޑުން ހޯދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ޓޮޓެންހަމް ހޮޓްސްޕާގެ ހެރީ ކޭން ހިމެނެ އެވެ.
ޗެލްސީގެ ޔޫތު އެކެޑަމީއާ މައުންޓް ގުޅުނީ އުމުރުން 6 އަހަރުގަ އެވެ. ޗެލްސީގެ ސީނިއާ ޓީމުން މައުންޓަށް ފުރުސަތު ލިބުނީ 2019 ވަނަ އަހަރު އެވެ. ޗެލްސީ އިން ޖާގަ ހޯދުމަށް ފަހު މައުންޓަ ވަނީ ފުރަތަމަ އެގާރައިގައި ގަވައިދުން ކުޅެ އެޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި، 2020/2021 ވަނަ ސީޒަނުގައި ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު މައުންޓް ހޯދި އެވެ. އެކަމަކު މިދިޔަ ސީޒަނުގައި މައުންޓުގެ ކުޅުން ދަށްވެ ޗެލްސީގެ ފުރަތަމަ އެގާރައިން ގިނަ މެޗުތަކުގައި ފުރުސަތު ނުލިބުނެވެ.
މައުންޓް ވަނީ ޗެލްސީ އަށް ކުޅުނު 195 މެޗުގައި 33 ގޯލު ޖަހައިފަ އެވެ. އިންގްލެންޑް ޓީމުގައި ވެސް ހިމެނޭ މައުންޓް ވަނީ ގައުމީ ޓީމަށް ކުޅުނު 36 މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ.
ޗެލްސީ އިން ވަނީ މިދިޔަ އަހަރެއްހާ ދުވަސްތެރޭ ކުޅުންތެރިން ގެނައުމަށް 750 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އެހެންވެ ފައިނޭންޝިއަލް ފެއާޕްލޭ އުސޫލާ ހިލާފުނުވެ ބައެއް ކުޅުންތެރިން އެޓީމުން ވިއްކާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy