ދުނިޔެ / މައްކާ

ހޫނު މަޑުކުރާ ދަވާދެއް މައްކާ މަގުތަކުގައި ތަޖުރިބާކުރަނީ

20 ޖޫން 2023 - 13:58

މައްކާ (ޖޫން 20) - ހައްޖާއި އުމްރާގެ އަޅުކަމަށް މައްކާއަށް ޒިޔާރަތްކުރާ މީހުންނަށް، ހޫނު މޫސުމުގައި ކުރިމަތިވާ އާދަޔާ ޚިލާފު ހޫނުގެ ސަބަބުން ލިބޭ ގެއްލުންތައް ދުރުކޮށްދިނުމުގެ ގޮތުން، ތާރުގަނޑުގެ ހޫނު މަޑުކުރުމަށް އަލަށް އީޖާދުކުރި ދަވާދެއް، މައްކާ ސަރަހައްދުގައި ތަޖުރިބާކުރަން ފަށައިފި އެވެ.

ސައޫދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޯ ރޯޑްސް އާއި އެ ގައުމުގެ ރަށްފުށުގެ ތަރައްގީއާ ބެހޭ ވުޒާރާގެ އިތުރުން ކަމާ ގުޅުން ހުރި އެހެން އިދާރާތަކާ އެކުގައި ކުރިއަށް ގެންދާ ޚާއްސަ މަޝްރޫއުގެ ދަށުން، މިހާރުވަނީ ޖަމްރާތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާރުއަޅާފައިވާ ސަރަހައްދުގައި އެ ދަވާދު ލައިފަ އެވެ. މީގެ ކުރިން ސައޫދީގެ ވެރިރަށް ރިޔާޒްގެ ބައެއް މަގުތަކުގައި ވެސް މިދަވާދު ލައި އަޖުމަ ބަލާފައިވެ އެވެ.

ސައޫދީ އަރަބިއްޔާގެ ހޫނު މޫސުމުގައި ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ބައެއް ފަހަރު ހޫނުމިން 70 ޑިގްރީ ސެލްސިއަސް އަށް ވެސް މަތިވެ އެވެ. ދުވާލުގެ ވަގުތުތަކުގައި އަވިދިނުމުން ތާރުގަނޑު ހޫނުވެ ވަރަށް ބޮޑަށް ދޮންބޮޑުވެ އެވެ. އަދި އިރު އޮއްސި ޖައްވަށް ފިނިކަން ވެރިވާން ފެށުމާއެކު، ތާރުގަނޑުގައި ހިފެހެއްޓިފައި ހުންނަ ހޫނު ބޭރުކުރަން ފެށުމުން، ރޭގަނޑުގެ ވަގުތުތަކުގައި ވެސް ހޫނުމިން ހުންނަނީ މަތީގަ އެވެ.

މިކަން ހައްލުކުރުމަށް އީޖާދުކުރި ދަވާދު ތާރުގަނޑުގައި ލުމުން، ތާރުގަނޑަށް އެޅޭ އަވީގެ ސަބަބުން އުފެދޭ ހޫނުން ތާރުގަނޑުގެ އެތެރެއަށް ވަންނާނީ ވަރަށް ކުޑަ މިންވަރެކެވެ. އެހެންކަމުން އާދައިގެ މަގުތަކުގައި އޮންނަ ތާރުގަނޑުގެ މަތީ ފަށަލައިގައި ހުންނަ ހޫނުމިނަށް ވުރެ، މި ދަވާދު ލާފައި ހުންނަ ތާރުގަނޑުގެ މަތީ ފަށަލައިގައި ހުންނަ ހޫނުމިން ދަށްވާނެ އެވެ.

ގެދޮރު އިމާރާތް ކޮށްފައި ހުންނަ ސަރަހައްދުގެ މަގުތަކުގައި މި ދަވާދު ލުމުން، ވަށައިގެންވާ ގެތަކުގައި ދިރިއުޅޭ މީހުންނަށް ހޫނުމިން އިހްސާސްކުރެވޭ މިންވަރު ކުޑަވާނެ އެވެ. ގޭބިސީތަކުގެ އެތެރޭގެ ހޫނުމިން ދަށްވުމުން، ގޭތެރެ ފިނިކުރުމަށް ހޭދަކުރާ ކަރަންޓުގެ މިންވަރު މަދުވުމުން، ހަކަތަ އުފައްދާ މިންވަރު މަދުވެ، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ވެސް މަދުކުރެވޭނެ އެވެ.

މައްކާގެ މުނިސިޕަލް އިދާރާގެ ފަރާތުން މި މަޝްރޫއުގެ އަމަލީ މަސައްކަތް މައްކާ ސަރަހައްދުގައި ފެށީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. މިހާރު ކުރިއަށް ދާ ފިޔަވަހީގައި ހޫނު މަޑުކުރާ ދަވާދު ލާން ހަމަޖެހިފައިވަނީ، މިނާގެ ފޭލިގެތައް ހުންނަ ސަރަހައްދުން ޖަމްރާތަކަށް ދާން އޮންނަ މަގުތަކުގަ އެވެ.

މިދިޔަ ހޯމަ ވިލޭރޭ ސައޫދީ އަރަބިއްޔާ އަށް ހައްޖު މަހުގެ ހަނދު ސާބިތުވުމާ ގުޅިގެން، އިއްޔެއަކީ މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހެވެ. އެހެންކަމުން މިއަހަރުގެ ހައްޖު ދުވަހަށް ވާނީ މި ހިނގާ ޖޫން މަހުގެ 27 ވާ އަންގާރަ ދުވަހެވެ. މިއަހަރުގެ ހައްޖު މޫސުން ވެސް ދިމާވާނީ ސައޫދީ އަށް ހޫނު ދުވަސްވަރަކާ އެވެ.

ސައޫދީ އަރަބިއްޔާ އިން މިހާރު ކަނޑައަޅާފައިވަނީ، ކޯވިޑް-19ގެ ބަލިމަޑުކަން ފެށުމުގެ ކުރިން 2019 ވަނަ އަހަރު ހައްޖުގައި މީހުން ބައިވެރި ކުރި އަދަދަށް މިއަހަރުގެ ހައްޖުގައި ވެސް މީހުން ބައިވެރި ކުރުމަށެވެ. އެ އަހަރުގެ ހައްޖުގައި ދުނިޔޭގެ އެކި ގައުމުތަކުން 2.5 މިލިއަން މީހުންނާއެކު ތިން މިލިއަނެއްހާ މީހުން ބައިވެރިވި އެވެ.

ޖެހިގެން އައި 2020 ވަނަ އަހަރުގެ ތެރޭގައި ސައޫދީ އާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކޮވިޑް-19 ފެތުރިފައި އޮތުމުން، އެއްވެސް ގައުމަކުން އެ އަހަރުގެ ހައްޖަށް މީހުން ފޮނުވުމުގެ ހުއްދަ ސައޫދީ ސަރުކާރުން ނުދެ އެވެ. އެ އަހަރުގެ ހައްޖުގައި ބައިވެރިވީ ސައޫދީގެ ރައްޔިތުންނާއި ސައޫދީގައި ތިބި ބޭރު ގައުމުތަކުގެ މީހުން ހިމަނައިގެން ޖުމްލަ 10000 މީހުންނެވެ.

އަދި 2021 ވަނަ އަހަރުގެ ހައްޖު މޫސުން އައި އިރު، ކޮވިޑްގެ ހާލަތުގެ ކުރިއަށް ވުރެ ރަނގަޅުވެފައި އޮތުމުން، އެ އަހަރުގެ ހައްޖުގައި 60000 މީހުން ބައިވެރިކުރި އެވެ. ނަމަވެސް ބޭރުގެ އެއްވެސް ގައުމަކުން ހައްޖަށް ދިއުމުގެ ފުރުސަތެއް ނުދެ އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު 2022 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު އެހެން ގައުމުތަކުން ވެސް ހުޅުވައިލި އެވެ. އަދި އެ އަހަރުގެ ހައްޖަށް އެކި ގައުމުތަކުން ދިޔަ 779919 މީހުންނާއި ސައޫދީން ބައިވެރިވި މީހުންނާ އެކު ޖުމްލަ 899353 މީހުން 2022 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިވި އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454