25 ޖޫން 2023 - 12:02
ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި، ދިވެހި ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕް) އާއި ނާއިޒު ހަސަން (ދާދު) އަދި ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބަންގްލަދޭޝްގެ ކޯޗު ހާވިއާ ކަބަރޭރާ ބުނެފި އެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި، ބޫޓާން ބަލި ކުރަން ރާއްޖެ އަށް ލަނޑު ޖަހައި ދިނީ ހަމްޕް އާއި ދާދު އެވެ.
އެ ދެ ކުޅުންތެރިންނާ މެދު ބަންގްލަދޭޝްގެ ޓީމުން ހާއްސަ ސަމާލުކަމެއް ދޭނެތޯ، އެ ގައުމުގެ ނޫސްވެރިން ސުވާލު ކުރުމުން ކަބަރޭރާ ބުނީ ދާދު އާއި ހަމްޕްގެ އިތުރުން ރާއްޖޭގެ ކްރޯ ވެސް ބަންގްލަދޭޝް އަށް ނުރައްކާ ކޮށްފާނެ ކަމަށެވެ.
"އެ ދެ ކުޅުންތެރިން [ހަމްޕް އާއި ދާދު] އެކަންޏެއް ނޫން. ހުސައިން [ޝިފާއު] ޔޫސުފް އާ މެދު ވެސް އަހަރެމެން ވިސްނަން ޖެހޭނެ،" ބަންގްލަދޭޝްގެ މީޑިއާތަކަށް ކަބަރޭރާ ބުންޏެވެ.
ބޫޓާން ކޮޅަށް ރާއްޖޭގެ ފުރަތަމަ ގޯލް ކާމިޔާބުކުރުމަށްގަހު ހަމްޒާ މުހައްމަދު (ހަމްޕް) އުފާފާޅުކުރަނީ: މި މެޗު ބޫޓާން ކޮޅަށް ރާއްޖެއިން ވަނީ 2 ގޯލް ޖަހާފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ހަމްޕް އާއި ކްރޯ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތެވެ. ދާދު ރާއްޖޭގެ ދެވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކެމެ އެވެ.
އެ މެޗުގައި ކޮންމެ ވެސް ވަރެއްގެ ހާނިކައެއް ކުރިމަތިވި ނަމަވެސް ހަމްޕް ވަނީ މިއަދުގެ މެޗަށް ފިޓްވެފަ އެވެ.
މިއަދުގެ މެޗަކީ ބަންގްލަދޭޝް އަށް މަރުގެ މެޗެކެވެ. ރާއްޖެ އަތުން ބަލިވެއްޖެނަމަ އެ ޓީމަށް ގާތްގަނޑަކަށް މުބާރާތް ނިމުނީ އެވެ.
މާޗް 2022 ގައި ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު ރާއްޖެ އަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް، ފުރަތަމަ މެޗުގައި ރަތްކާޑް ދެއްކުމުން އޭނާ ވަނީ ސަސްޕެންޑް ވެފަ އެވެ.
ބޫޓާން މެޗުގައި އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ މެޗަށް ފަހު ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ ހަންނަގެ މަގާމު ފޫބެއްދޭނެ ކަމަށެވެ.
މެޗު ފަށާނީ ރާއްޖޭ ގަޑިން މެންދުރު ފަހު 3 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާށޭ
25 June 2023
މަށަށް ފެންނަނީ ދިވެހި ޓީމުން ބަންގްލަދޭޝްގެ 11 ކުޅުންތެރިންނަށް ސަމާލުވެގެން ކުޅެފިއްޔާ އެއްވަރު ކޮށްލެވިދާނެ. ޕޮއިންޓަކީ ބަންގާޅަޓީމަކީ ހުރިހާގޮތަކުންވެސް ރާއްޖެއަށްވުރެ މޮޅުޓީމެއް