ރިޕޯޓް / ޕީޕީއެމް

ކޮޅިގަނޑުގެ އިންޒާރު އަދުރޭ ދެއްވި ޔާމީންގެ މެސެޖުގައި

ޕީޕީއެމް އިން ނޮވެމްބަރު، 2019 ގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން (ވ) އާއި މިހާރު ޕިޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ. -- މިހާރު ފައިލް ފޮޓޯ

އެމްޑީޕީ ކޮނޑު އަޅައިގެން މިހާ ހިސާބަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު އެ ޕާޓީ ދޫކުރައްވައި ނުކުމެވަޑައިގެންއިރު އެ މަނިކުފާނުގެ އަރިސް ބޭފުޅުން އާ ޕާޓީއެއް ހެދުމުގެ މަސައްކަތުގައި އުޅުއްވަމުން ގޮސް އިށީނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް/ޕީއެންސީއާ އެކު މަޝްވަރާގެ ގޮނޑީގަ އެވެ. މައުޟޫއު އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިންމުމެވެ.

ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެ ޕާޓީގެ ޖަގަހަ ޖަލްސާއެއްގައި މި މަޝްވަރާގެ ތިން ދުވަސް ކުރިން އޮތީ މި ވާހަކަތަކާ އެކު ޕާޓީއަށް ކޮޅިގަނޑެއް ކުރިމަތިވެދާނެ ކަމަށް ބައްލަވައި ހާއްސަ މެސެޖެއް ދެއްވައިފަ އެވެ. އެއީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެގެން، ދެއްވި މެސެޖެކެވެ.

އެމްޑީޕީ އިސްވެ އޮވެ އުފެއްދި ސަރުކާރާ ދެކޮޅަށް ހަމަ އެ ޕާޓީ ތެރެއިން ނުކުތް ބޭފުޅުންނާ އެކު މިދިޔަ މަހުގެ 25 ގައި، އާންމުންނަށް އެނގޭ ގޮތަށް، މަޝްވަރާތައް ފެށުމުގެ ކުރިން 22 ވަނަ ދުވަހުގެ ރޭ އަބްދުއްރަހީމް ޕާޓީގެ މެންބަރުންނަށް ދެއްވީ ޖަލްސާތަކުގައި ކުރިން ނުދެއްވާ ޒާތުގެ ނަސޭހަތެކެވެ.

" ... އަޅުގަނޑުމެން ވިސްނާންވީ ހަމައެކަނި އަޅުގަނޑުމެން މި ޕޯޑިއަމުން ވާހަކަ ދައްކައިގެން ވެރިކަމަށް އަންނާކަށް ނޫން. އަޅުގަނޑުމެންނަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކޮށްގެން މި ވެރިކަން ބަދަލުކުރަން މި ޖެހެނީ އެއީ ހަމައެކަނި ޕީޕީއެމް/ޕީއެންސީގެ ލާބަޔާއި މަންފާއަކަށްޓަކައެއް ނޫން. އެއީ މާދަމާގެ ދިވެހި ގައުމުގެ މުސްތަގުބަލަށްޓަކައި. އެއީ އަޅުގަނޑުމެންގެ ދަރީންގެ ދަރިންނަށްޓަކައި، އަންނާން އޮތް ޖީލުތަކަށްޓަކައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިކަން ކުރެވޭނީ މި ވެރިކަން ބަދަލުކުރުމުގެ ރޫހުގައި ތިބި އެންމެން އެކީގައި މަސައްކަތްކޮށްގެން."

އަބްދުއްރަހީމް ދެން އެޅުއްވީ އަސްލު ސުރުހީ އެވެ؛

"މާދަމާ ތި ބޭފުޅުންނަށް ފެނިވަޑައިގެންފާނެ އަޅުގަނޑުމެން ތި ބޭފުޅުންނަށް ވަރަށް ހިތްހަމަނުޖެހޭ ބޭފުޅުންނާ އެކީ ވާހަކަ ދައްކަން ތިއްބާ ވެސް، އެ މީހުންނާ އެކީގައި އެއް މަޖިލީހެއްގައި ތިއްބާ ވެސް. އެކަމަކު ގަބޫލުކުރައްވަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ ގައުމު ބޮޑުކަން. އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭކަން. އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށްވުރެ މުޅި ޖަމާއަތުގެ ފައިދާ އިސްކުރަންޖެހޭކަން." އޭނާ ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް-ޕީއެންސީން މަޝްވަރާ ބައްދަލުވުމުގައި.

އަބްދުއްރަހީމް ދެއްވީ ޕީޕީއެމް/ޕީއެންސީގެ އާންމު މެންބަރުންގެ ނުރުހުން ސިޔާސީ މައިދާނުގައި އެންމެ ބޮޑަށް އޮތް އަދި އިތުބާރު ނެތް ބޭފުޅުންނާ އެކު ޕީޕީއެމްގެ ލީޑަޝިޕް ފެންނަން އުޅޭ ކަމުގެ މެސެޖެވެ. އެ ފެނިލުމުން އާންމު މެންބަރުން މާޔޫސްވިޔަ ނުދޭން އިތުބާރު އުފެއްދުމަށް އަބްދުއްރަހީމް ވާހަކަ ދެއްކެވި ނަމަވެސް ނަޝީދުގެ ހިއްސާ އޮންނަ "އޯޝަން ވީކްލީ" ގައި ޖެހި ސުރުހީއަކާ އެކު ފެނުނީ އާންމު މެންބަރުންނަށް ވުރެ ކުރިން ޕާޓީގެ ސެނެޓު ތެރެއިން އަސްލު މި ވާން އުޅޭ ގޮތަކާ މެދު ޝައްކު އުފެއްދި ތަނެވެ.

މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ ޔާމީންގެ އިތުރުން ނަޝީދު ވެސް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ދޭހަވާ ގޮތަށް ޖެހި ސުރުހީ އަކީ ނަޝީދުގެ އަރިސް ބޭފުޅުން އުފައްދަވާ ޑިމޮކްރެޓްސް ޕާޓީން އެދޭ ގޮތް ކަމަށް ބައެއް ސެނެޓަރުން ތުހުމަތުކުރައްވައި ޑިމާންޑް ކުރެއްވީ އެކަމާ ދެކޮޅަށް ޕާޓީން ބަސް ބުނުމަށެވެ. މައްސަލަ ބޮޑުވި ސުރުހީ އަކީ "ނަޝީދެއް ވެސް ނޫން، ޔާމީނެއް ވެސް ނޫން، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް" ކަމަށެވެ.

އެކަމަކު އަބްދުއްރަހީމް ވަނީ ޔާމީންގެ މެސެޖު ދެއްވި އިރު މިކަން ސާފުކޮށްދެއްވައިފަ އެވެ.

"އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަންވީ އަޅުގަނޑުމެން ނުކުމެގެން މި އުޅޭ މަސައްކަތް ކާމިޔާބުކުރުމަށްޓަކައި އަޅުގަނޑުމެން އަރަންޖެހުނު ކޮންމެ އޮޑިއަކަށް ވެސް އަރަންޖެހޭނެކަން. އޭގެ މާނައަކީ އަޅުގަނޑުމެން މި އޮޑި ދޫކޮށްލާފައި ގޮސް އެހެން އޮޑިއަކަށް އެރުމެއް ނޫން،" ރިޔާސީ އިންތިހާބުގައި ޕީޕީއެމް ފަހަތަށް ޖެހި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ފުރުސަތު ނޯންނާނެ ކަމަށް އިޝާރާތްކުރައްވަމުން އަބްދުއްރަހީމް އެ ރޭ ވިދާޅުވި އެވެ.

އެކަމަކު ދެން އެދިވަޑައިގަތީ އާންމު މެންބަރުން ވަރަށް ބޮޑު ކަމަކަށް ރުހުން ދިނުމަށެވެ.

"...މި އޮޑި ކާމިޔާބުކަމާ އެކީގައި އައްސޭރިއަށް، މަންޒިލަށް ވާސިލްވުމަށްޓަކައި އަމާން ގޮނޑުދޮށަކަށް ގޮނޑުކުރުމަށްޓަކައި މި އޮޑިއަށް ލާންޖެހޭ ކޮންމެ ފަޅުވެރިއަކު ލުމުމުގެ އިޚްތިޔާރު ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް އެބަޖެހޭ ދޭން. އެއީ ރައީސް ޔާމީން މިއަދު ބޭނުންފުޅުވާ ކަމަކީ."

އޭނާ ވިދާޅުވި ގޮތުގައި ޔާމީން އެންމެ ފަހުން ދެއްވި ލަފާފުޅަކީ މި ވެރިކަން ބަދަލުކުރުމަށްޓަކައި ވާހަކަ ދައްކަން ޖެހުނު ކޮންމެ ބަޔަކާ ވެސް ވާހަކަ ދެއްކުން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނވަންކުރުމަށް ގޮވާލައި، މިދިޔަ ފެބްރުއަރީ 3 ވަނަ ދުވަހު ޕީޕީއެމް/ޕީއެންސީ ލީޑަޝިޕް އިސްވެ މާލޭގައި މުޒާހަާކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"ދިވެހިރާއްޖެއަށް އަމާންކަމާއި ހަމަޖެހުން ހޯދުމަށްޓަކައި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ހިނގާ ވެރިކަމެއް ގާއިމުކުރުމަށްޓަކައި ދިވެހި ރައްޔިތުންގެ މާދަމާގެ މުސްތަގުބަލް އުޖާލާކުރުމަށްޓަކައި ވާހަކަ ދައްކަންޖެހޭ ކޮންމެ ބަޔަކާ އެކީ ވާހަކަ ދައްކައިގެން މިކަން ކޮށްދޭށޭ، ކުރަމުން ގެންދާށޭ. މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރާށޭ. އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދާ އެކީގައި އަޅުގަނޑުމެން މި ނުކުންނަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަޝީދާ އެކު ޕީޕީއެމް/ޕީއެންސީ ފަށާ މަސައްކަތާ މެދު ޔާމީންގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އޮންނާނެކަން ކުރިން ވެސް އެނގިވަޑައިގަންނަވާތީ އަބްދުއްރަހީމް ތަކުރާރުކޮށް އެދިވަޑައިގަތީ މި ކުރަން އުޅޭ ކަންކަމުގައި މެންބަރުން އިތުބާރު ކުރުމަށެވެ. ޕީޕީއެމް/ޕީއެންސީ ޔާމީންގެ ސިޔާސަތު ފަހަނަޅައި ނުދާނެކަން ޕާޓީގެ މެންބަރުން ގަބޫލުކުރައްވަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީ ދެމިއޮންނާނީ އިސްލާމް ދީން ނޫން އެހެން ދީނަކަށް މި ގައުމުން ޖާގަ ނުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށާއި ގައުމުގެ މިނިވަންކަމަށް ކުޑަވެސް ބުރުލެއް އަރާނެ ޖާގައެއް ނުދޭނެ ކަމަށާއި ބޭރުގެ އަސްކަރިއްޔާތައް ވަޒަންވެރިވެގެން ތިބުމަށް ވެސް ޖާގަ ނުދޭނެ ކަމަށާއި ވަކި ގައުމަކަށް ބަރޯސާނުވާނެ ކަމަށް ވެސް ވިދާުޅުވި އެވެ.

"މި ޔަގީންކަން ތިޔަ ބޭފުޅުންގެ އޮންނަންވީ. އަޅުގަނޑުމެން ބަޔަކާ އެކީ އެއްބަސްވަންޏާ ވާނީ މި ދެންނެވި އުސޫލުތައް ގަބޫލުކުރާ ބަޔަކާ އެކީގައި،" ޕީޕީއެމް/ޕީއެންސީ ނަޝީދާއި އެމްޑީޕީއަށް ރައްދުކުރާ ފާޑުކިޔުންތަކުގެ އަސްލު ކަމުގައިވާ ސަބަބުން ލިސްޓުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮންމެ ބަޔަކާ އެކު ޕީޕީއެމުން ވާހަކަ ދެއްކިޔަސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ނޫން ބޭފުޅަކަށް ނުވާނެ ކަމުގެ ޔަގީންކަން ދެއްވަން އަބްދުއްރަހީމް ވާހަކަ ދެއްކެވި އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުން ޔާމީން މިނިވަންވެވަޑައިގެން އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން އަބްދުއްރަހީމް ދެއްވި އެވެ. ވިދާޅުވީ ޔާމީން ނޫނީ "މި ގައުމުގެ މިއަދު ވެއްޓިފައިވާ އަނދަވަޅުން" ސަލާމަތްކުރެވޭ ވަރުގެ ލީޑަރަކު މި ގައުމުގައި ނެތް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ) އާއި އަބްދުއްރަހީމް އަބްދުﷲ ސަލާމް ކުރައްވަނީ: އަބްދުއްރަހީމް ވިދާޅުވަނީ މިއީ ކެންޑިޑޭޓުން ޓެސްޓުކުރުމުގެ ވަގުތެއް ނޫން ކަމަށާއި ގައުމު ސަލާމަތްކުރެވޭނީ ޔާމީނަށް ކަމަށް. -- ފޮޓޯ: މިހާރު

"މިއީ ޓެސްޓުކުރަން މީހަކު ވެރިކަމަށް ގެންނަކަހަލަ ވަގުތެއް ނޫން. އެއަށްވުރެ މާ ހުތޫރަތްތެރި ފައްތަރެއްގެ މަތީގައި މި ގައުމު މި އޮތީ. ތަޖުރިބާ ހުރި. ހުނަރު ހުރި. އިލްމު ހުރި. ގާބިލްކަން ހުރި. ކެރުންތެރިކަން ހުރި. ތަޖުރިބާއާ އެކީ މިކަން ކުރާނެ ކަމުގެ ޔަގީންކަން އޮތް ލީޑަރަކަށް ނޫނީ މި ވަގުތު މި ގައުމު ސަލާމަތެއް ނުކުރެވޭނެ. ވަތަނީ ލީޑަރެއް މި ގައުމަށް ބޭނުންވަނީ،" ޔާމީނަށް އިޝާރާތްކުރައްވަމުން ވިދާޅުވި އެވެ.

އެކަމަކު އަބްދުއްރަހީމް އެ ވިދާޅުވަނީ ހައި ކޯޓުގައި އަދި އިސްތިއުނާފީ ހުށަހެޅުންތައް ވެސް ނުނިމި އޮތް ބޮޑު މައްސަލައެއްގެ ވާހަކަ އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް މި މަހުގެ 23 ގައި އިއުލާނުކޮށް އަންނަ މަހު 3 ގައި ފުރުސަތު ބަންދުވާނެ އެވެ. އެހެންވެ މިއަދުން ފެށިގެން މި އޮތް 32 ދުވަސް ތެރޭ ޔާމީން މިނިވަން ވެގެން ނޫނީ އެ ވިދާޅުވާ ގޮތެއް ނުވާނެ އެވެ.

އަޅުގަނޑު މިރޭ ތިޔަ ބޭފުޅުންނަށް މި ދަންނަވާލި ވާހަކަ ރަނގަޅަށް ހަނދުމަފުޅުކުރައްވާތި. އަޅުގަނޑުމެން ބަޔަކާ އެކީ ވާހަކަ ދައްކަންޏާ ދައްކާނީ ރައީސް ޔާމީން ވިދާޅުވެގެން. އަޅުގަނޑުމެން ބަޔަކާ އެކީގައި ޖަލްސާ ކުރަންޏާ ކުރާނީ ރައީސް ޔާމީން ވިދާޅުވެގެން: އަބްދުއްރަހީމް

އެހެންވިއްޔާ އަބްދުއްރަހީމް އެ ވިދާޅުވަނީ ނަޝީދާ އެކު ގުޅިގެން މަސައްކަތްކޮށްފި ނަމަ ޔާމީން ޖަލުން ސަލާމަތްވެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޔާމީން ވިދާޅުވި ކަމަށް ހެއްޔެވެ؟

"... އަޅުގަނޑު މިރޭ ތިޔަ ބޭފުޅުންނަށް މި ދަންނަވާލި ވާހަކަ ރަނގަޅަށް ހަނދުމަފުޅުކުރައްވާތި. އަޅުގަނޑުމެން ބަޔަކާ އެކީ ވާހަކަ ދައްކަންޏާ ދައްކާނީ ރައީސް ޔާމީން ވިދާޅުވެގެން. އަޅުގަނޑުމެން ބަޔަކާ އެކީގައި ޖަލްސާ ކުރަންޏާ ކުރާނީ ރައީސް ޔާމީން ވިދާޅުވެގެން. އޭގެ ފައިދާ ކުރާނީ މި ގައުމަށް. ގަބޫލުފުޅުކުރައްވާ މިއަދު ސިޔާސީ ހަގީގަތަކީ، އެއް ޕާޓީން އެކަނި ނުކުމެ ވެރިކަން ހޯދޭ ވަރުގެ ޕާޓީއެއް އަދި ރާއްޖޭގައި ނޫޅޭ. އެކަން ކުރެވެންޏާ ކުރެވޭނެ ބޭފުޅަކީ ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް."

އަބްދުއްރަހީމް އެ ރޭ ވާހަކަ ނިންމަވާލެއްވީ އެއީ އޭނާ ދެއްކެވި ވާހަކައެއް ނޫން ކަމުގެ ވެސް މެސެޖާ އެކުގަ އެވެ.

"އަޅުގަނޑު މި ދިނީ ރައީސް ޔާމީންގެ މެސެޖެއް. ލީޑަޝިޕްގެ ބޭފުޅުން މި ތިއްބެވީ. އަޅުގަނޑުމެންނަށް ރައީސް ޔާމީން އަންގަވާފައި އޮތީ މި މަސައްކަތް ފައްޓާށޭ. ފެއްޓުމާ އެކީގައި ޖަގަހަ ޖަލްސާއެއްގައި ދިވެހި ރައްޔިތުންނާ މުހާތަބުކޮށް، ޕާޓީގެ މެންބަރުންނާ މުހާތަބުކޮށް މި ވާހަކަ ދަންނަވާދޭށޭ. އެހެންވީމާ އަޅުގަނޑު މި ވާހަކަ މި ދެންނެވީ،"

ލަހެއްފަހެއް ނުވި، ކޮޅިގަނޑު ލައިގެންފި

ހަފްތާ ބަންދު ތެރޭ ޕީޕީއެމްގެ ސެނެޓަރުން ރުޅި ގަދަވީ ނަޝީދު ލިޔުއްވާ "އޯޝަން ވީކްލީ" ގައި އޮތް ސުރުހީގައި ޔާމީން އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ބުނާތީ، އެއީ ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން އެދިވަޑައިގަންނަވާ ގޮތް ކަމަށް ތުހުމަތުކޮށެވެ.

ޔާމީންގެ ހާއްސަ މެސެޖަކުން އަބްދުއްރަހީމް ނަސޭހަތް ދެއްވިތާ ބަރާބަރު ހަފްތާއެއް ފަހުން ސެނެޓަރުންގެ ތެރޭގައި މިކަމާ އޮތް ހިޔާލު ތަފާތުވުން އެންމެންނަށް އެނގޭ ހިސާބަށް ބޭރުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ބައެއް ސެނެޓަރުން މި ސުރުހީ ސިފަކުރީ އެމްޑީޕީ ބައިބައިވެ ސިޔާސީ ގޮތުން ނަޝީދަށް ކޮޅު ބެދެމުންދާ މަގުން ސަލާމަތްވާން ނުނިޔަތެއް ގެންގުޅުމަށެވެ.

"ސެނެޓުން މަޝްވަރާކުރީ ޑިމޮކްރެޓްސްއާ ގުޅިގެން، ރައީސް ޔާމީން ޖަލުން ސަލާމަތްކުރުމުގެ މަސައްކަތް ކުރުމަށާއި އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުން ބޭލުމަށް. ރިޔާސީ އިންތިހާބަށް ޔާމީން ނޫން ކެންޑިޑޭޓެއް ނެރުމާ ބެހޭ ގޮތުން ޑިމޮކްރެޓްސް އެކު މަސައްކަތްކުރާކަށް ނުނިންމާ،" ޕީޕީއެމްގެ ސެނެޓަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސީދާ ނަޝީދުގެ އެނގިވަޑައިގަތުމާއި ބެއްލެވުމުގެ ދަށުން ނެރޭ މަޖައްލާއެއްގައި ޔާމީނަކީ ކެންޑިޑޭޓަކަށް ނުވާނެ ކަމަށް ބުނުމުން މިހާރު ވެސް ޑިމޮކްރެޓްސްގެ ނިޔަތް ސާފުވެއްޖެ ކަމަށެވެ. އެހެންވެ ޑިމޮކްރެޓްސްއަށް އެ ފުރުސަތު ނުދޭނެ ކަމަށާއި ކޮށްދޭން ޖެހޭނެ ކަމަކީ ޔާމީން މިނިވަންކުރުމުގައި އެހީވުން ކަމަށް އެ ސެނެޓަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމް ތަންފީޒު ކުރުމަށް މާފުއްޓަށް ގެންދަނީ: ޔާމީން މިނިވަންކޮށް އިންތިހާބަށް ނެރެވިދާނެ ކަމާ މެދު ސުވާލު އުފެދިފައި ވިޔަސް ޕާޓީން އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ. -- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ސެނެޓަރު ވިދާޅުވީ ޑިމޮކްރެޓްސްއާ އެކު ޕީޕީއެމުން ވާހަކަ ދައްކަން ފެށުމުން ވެސް އާންމު މެންބަރުންނާއި ސެނެޓަރުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދުނު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެންވީ ޕީޕީއެމަށް އާންމުން ސަޕޯޓްކުރަނީ ޔާމީންގެ ސިޔާސަތާއި ދީނީ އަދި ގައުމީ ފިކުރުގެ ސަބަބުން ކަމަށް ވެފައި މި ހުރިހާ ކަމަކާ ދެކޮޅު ފިކުރު ގެންގުޅޭތީ ޕީޕީއެމްގެ ފާޑުކިޔުން ރައްދުކުރަމުން އައި މީހުންނާ އެއްގަލަކަށް އަރަނީ ކަމަށް ފެންނަން ފެށުމުންނެވެ.

ޔާމީން ވާދަ ނުކުރައްވާނެ ކަމަށް ބުނާ ސުރުހީ އަކީ ޕީޕީއެމުން ތާއީދުކުރާނެ ހިޔާލެއް ވެސް ނޫން ކަމަށާއި އެހެން ކެންޑިޑޭޓެއް ނެރުމާ މެދު މަޝްވަރާ ނުވެސް ކުރާނެ ކަމަށް ބުނެ ބަޔާން ނެރެން ޖެހޭނެ ކަމަށް ބައެއް ސެނެޓަރުން ސެނެޓުގެ ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވި އެވެ.

މި ޝަކުވާތަކަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައްދު ދެއްވީ ކުރު ސުވާލަކުންނެވެ.

"ކީއްވެތޯ އޯޝަން ވީކްލީ އިން އެއްޗެއް ޖަހާއިރަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެންވީ. ޕީޕީއެމް/ޕީއެންސީގެ ލީޑަރުން އަބަދުވެސް ޕޯޑިއަމްތަކުގައި އަދި ނިއުސް ކޮންފަރެންސްތަކުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް ޔާމީނޭ ކިޔާއިރު؟" ސެނެޓުގެ ވަޓްސްއެޕް ގްރޫޕްގައި މެންބަރުން އުފައްދަމުން ދިޔަ ސުވާލުތަކަށް ޝިމާޔް ވިދާޅުވި އެވެ.

ޝިޔާމް އާއި ޕާޓީން މަޝްވަރާތަކުގައި ބައިވެރިވެރިވެވަޑައިގަންނަވާ އެހެން ބޭފުޅުންނާ އެކު ނަޝީދުގެ ޓީމުން ސިއްރު އެޖެންޑާއަކާ އެކު މަސައްކަތްކުރާ ކަމުގެ ތުހުމަތު ވެސް އޮތީ އުފައްދައިފަ އެވެ. ޔާމީން ޖަލުން ސަލާމަތްނުވާނެކަން އެނގި ތިބެ ވެސް، ޔާމީން ވާދަކުރައްވާނޭ ކިޔައިގެން ތިބެ އެހެން ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާތަކުގައި ވާހަކަ ދައްކަނީ ކަމުގެ ތުހުމަތު ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

މޮޅެތި ވާހަކަ ނުދައްކަވާ. ލީޑަޝިޕުން ކަންކަން ކުރައްވާނީ ރައީސް ޔާމީން އަންގަވާ ގޮތަކަށް، އަންގަވާ މިންވަރަކަށްކަން ޔަގީންކުރައްވާ: ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް

މިހެން ޝައްކު އުފައްދާ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ މަޝްވަރާތަކާ ގުޅޭ ކަންކަން އެކަށީގެންވާ ގޮތަކަށް ސެނެޓާ ހިއްސާ ނުކުރުމެވެ. މިއީ ސީދާ ޔާމީންގެ އެދިވަޑައިގަތުމަށް އެ މަނިކުފާނުގެ އިރުޝާދަށް ގެންދާ މަޝްވަރާއެއް ކަމަށް އޮތީ އިއުލާނުކޮށްފަ އެވެ. އެހެންވެ ސެނެޓުގައި ލައްވާނުލައިހާ މަތިން މި ކަންކަން ހިނގަނީ ކަމަށް ވެދާނެ އެވެ.

އެކަމަކު ސެނެޓުގައި މަޝްވަރާ ނުކުރާ ކަމުގެ ޝަކުވާ އަށް، ޕާޓީގެ މަގުމަތީ ހަރަކާތްތަކުގެ އާރުކާޓީ، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވަޓްސްއެޕް ގްރޫޕްގައި ދެއްވި ޖަވާބުން އަނެއްކާ ވެސް ދެއްކެވީ ޕާޓީ ތެރޭ އޮތް މައްސަލައެކެވެ.

"މޮޅެތި ވާހަކަ ނުދައްކަވާ. ލީޑަޝިޕުން ކަންކަން ކުރައްވާނީ ރައީސް ޔާމީން އަންގަވާ ގޮތަކަށް، އަންގަވާ މިންވަރަކަށްކަން ޔަގީންކުރައްވާ. މިއަދުވެސް މަގުމަތީ ހަރަކާތް އެބަ އޮތް. ރައީސް ޔާމީން އެންމެ ބޭނުންވަނީ މަގުމަތި ވަރުގަދަކުރަން. ކީއްވެ ނާންނަންވީ. 131 ސެނެޓަރުންގެ ތެރެއިން 50 ޕަސެންޓް އަންނަ ނަމަ ވެސް މަގުމަތި ވަރުގަދަވެފައި ފަޅުވެސް ފިލާނެ،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލީޑަޝިޕޭ ކިޔާލަކިޔާލާ ނުތިބެ ޔާމީން އެންމެ ބޭނުންވާ ކަންތައް ކަމަށްވާ މަގުމަތީ ހަރަކާތް ވަރުގަދަކުރަންވީ ކަމަށެވެ. ޕާޓީގެ އެންމެ ވަރުގަދަ އެއް ގުނަވަނަކީ ސެނެޓް ކަމަށާއި އެކަމަކު މި ކަންކަމުގައި ސެނެޓުގެ ބައިވެރިވުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ނޫން ކަމަށް ހީވަންޏާ ސެނެޓުގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ. ޕީޕީއެމް އަކީ އެންމެ ތާއީދު ބޮޑު ޕާޓީ ކަމަށާއި އެހެންވެ "ތަނަކުން މީހަކު ބެރެއް ޖަހާއިރަށް" ނަށަން ވެއްޖެ ނަމަ ސަލާމަތެއް ނެތް ކަމަށް ވިދާޅުވެ އޭނާ ދެއްކެވީ ނޫހުގައި ލިޔުނު ވާހަކައާ މެދު ވިސްނަން ނުޖެހޭ ކަމެވެ. ކެންޑިޑޭޓަކީ ޔާމީނެއް ނޫނޭ ޕާޓީގެ އެއްވެސް މެންބަރަކަށް ހީވެގެން ވެސް ނުވާނެ ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އުފައްދާ ޝައްކުތަކަށް ޖަވާބަކަށް ވަނީ ޑިމޮކްރެޓްސް އިން ޔާމީން މިނިވަންކޮށްދީ ރިޔާސީ އިންތިހާބުން ޖާގަ ހޯދައި ދިނުމެވެ. އެކަމަކު މި ވާހަކަޔާ އަބްދުއްރަހީމްގެ ވާހަކަތައް ގުޅުވާލުމުން، ދޭހަ އަކީ ޔާމީނަށް ވާދަ ނުކުރެއްވުނަސް ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭނެކަމާއި އެކަނި އިންތިހާބު ކާމިޔާބުކުރެވޭނެ ޕާޓީއެއް ނެތުމުން، ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލައި ގިނަ ވޯޓު ލިބޭ ބައެއްގެ ކެންޑިޑޭޓަކު ކުރިއަށް ނެރެ އިއްތިހާދަކުން ވެރިކަން ހޯދުމެވެ. ޔާމީން މިނިވަންކުރުން ދެން އޭގެ ފަހުންނެވެ.

59 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހަދާނެގޮތް

03 July 2023

އައްނި ހުރެގެން މަދޭނެ ވޯޓެއް ނެތް ޕީޕީއެމްއަކަށް.. އުމަރު ނަސީރު ނޫނީ ނާޒިމަށް ދެން ދޭނީ. 2 ވަނަބުުރަކަށް ގޮސް މިއިން މީހަކުު ނެތިއްޖެއްޔާ 2 ވަނަ ބުރުގެ ވޯޓު ވެސް ބޯއިކޮޓް އެހިސާބުން. މަ ހަނުހުންނާނީ. އަންނިއާ އެކުު ކުރާ އެއްކަމެއްްވެސް ރަނގަޅަކަށް ނުދާނެ.. އެއީ ލާދީނީ އަލަމްގިރި މާސްޓަރ. ކޮއްކޮ ގިރިޔަށް އެރީމަ އެ މައްސަލަ ބެލީމަ އިބޫއާ ހަރޑްވީ، ސަރުކާރަށްވުރެއް ބޮޑަށް އިންޑިއާގެ ޕަޕެޓެއް. މީނާ އާއެކު ދިޔައީމަ ޕީޕީއެމުން ދެއްކި ވާހަކަ ބޭކާރުވީ

The name is already taken The name is available. Register?

ޔަންޠެ

02 July 2023

ޔާމީނު ވީމަ އެއް ނޫން. ދީނަ ވަތަން ސަލާމަތް ކުރަން ވޯޓު ދިނީވެސް ދޭނީވެސް. އައްނި ލދނ އައުޓު

The name is already taken The name is available. Register?

ޓިން އަދުރޭ

02 July 2023

ގައުމައް ވުރެން ވެސް އަދުރޭއަށް މުހިއްމުވަނީ އައްނިދޭ ފައިސާ އިނގިރޭސި ޕައުންޑް ކައިގެން އައްނިޔައް ޕޕމ ރިޔާސީ ޓިކެޓް ވިއްކާލީ ޔާމީނުއަށް އަންގާވެސް ނުލާ. އެއްމެ 10 މިލިޔަން ޕައުންޑައް

The name is already taken The name is available. Register?

ޖާނޭ

02 July 2023

ޕޕއިން މަގުމައްޗަށް ނިކުންނަންތިބި ކުދީންކޮޅު އަހަރުވެއްޖެ ނިކުންނަތާ. ވީކަމެއް ހަރާން. މުޅިއަކު ވިއްސަކަށް ކުދިން މިހާރު ތިބީ ނިކުމެވޭ ހާލަތުގައެއްނޫން. އެހެންވީމާ ދަޑިމޮކުސް ކުދިންކޮޅުގެ ބޭނުން ހިފައިގެން މަގުމަތި ފުރާލެވޭނެކަމަށް އެބަލަނީ ޕޕމެން...

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 July 2023

ރައީސް ނަޝީދު އާއި ރައީސް ޔާމީނު ވާދަ ނުކުރައްވާނަމަ ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓަކަށް ޑރ ވަހީދު، ޑރ ޖަމީލު ނުވަތަ އާދަމް ޝަރީފް ރަނގަޅު ކަމަށް ދެކެން. އަދި The Democrat's ރަސްމީކޮށް ރެޖިސްޓްރީވެ މެންބަރުން އިގޭވަރު ނުވާތީ ޑިމޮކްރެޓްސް އާއި ބެހޭގޮތުން އެއްޗެއް ބުނަން ނޭގޭ. # ދެޕާޓީ ގުޅިގެން ކެންޑިޑޭޓަކު ނެރެން ވިސްނާނަމަ ޑރ މުނައްވަރު ޑރ އަބުދުއްސައްތާރު ޔޫސުފް ފަދަ އިޙްލާސްތެރި ޤާނޫނު ނަގަހައްޓާނެ މީހަކަށް ފުރުސަތު ދިނުން ވަރަށް މުހިންމު.

The name is already taken The name is available. Register?

މަޖުދުއްދީނު ދީދީ.

02 July 2023

އަފީފު އަކީ ޑރ މުނައްވަރުގެ ވަރަށްބޮޑު ސަޕޯޓަރެއްކަން ދީދީގެ ކޮމެންޓް ތަކުން އަބަދުވެސް އިގޭ. އިދިކޮޅުން ގުޅިގެން އިބޫއާއި ދެކޮޅަށް ނެރޭ ކެންޑިޑޭޓަކަށް ނުވަތަ ކޮމަން ކެންޑިޑޭޓަކަށް ވުމަށް ޑރ މުނައްވަރު ބޭނުން ނަމަ މުނައްވަރުވެސް ޖެހޭނީ ފުރަތަމަ ބުނުގައި އަމިއްލަގޮތުން ނިކުމެ ތާއީދު އޮތްވަރު ދައްކަން. އޭރުން ކޯލިޝަން ކެންޑިޑޭޓަކަށް ނެރުން އެންމެ ރަނގަޅު.

The name is already taken The name is available. Register?

ކަޅު މުޙައްމަދު.

02 July 2023

އޯޝަން ވީކްލީ ފަދައިން އަފީފު ދީދީ އަކީވެސް ނަޝީދުގެ މައުތު ޕީސް އެއް. ތިދައްކަނީ ނަޝީދުގެ ފަރާތުން ދައްކާ ވާހަކަ . ނަޝީދު އާއި ޑރ މުނައްވަރު ވަނީ ތިކަން ތިގޮތަށް ކުރުމަށް މާކުރިން އެއްބަސްވެފަ. ނަޝީދު އައްޑުއަށް ދިޔަ ދަތުރުގައި މުނައްވަރު ބައިވެރިވީވެސް ތިކަން ތިހެން ހަމަޖެހިފައިވާތީ.

The name is already taken The name is available. Register?

ޔާނުބެ

02 July 2023

ޑރ.ޔަގާނެގީވެސް އިތުރުކޮއްލިނަމަ.. ދިވެހީންގެ ވިސްނުން.! މިއުޅެނީ ކޮލިޓީ ނެތިގެނެއް ނޫން. މިއުޅެނީ ކަންކުރުމުގަ އިޚްލާސްތެރިކަން ނެތިގެން.

The name is already taken The name is available. Register?

ބޮލްބީ ވަޒީރު

02 July 2023

3000 ހާސް ހަމަނުވޭ.

The name is already taken The name is available. Register?

މަދީން

02 July 2023

ޑރ މުނައްވަރު ބުނީ އެއިރުއޮތް ގާނޫނު އޮތްގޮތުން ޕާޓީ ނެހެދޭނެކަމަށް ދުވަސްކޮޅަކުން ހެދޭނެކަމަށްބުނެ ޕާޓީހަދައިގެން ޕާޓީއެއްގެ ރައީސްކަންވެސްކުރި. ކުދިކާފު މޫސުމުގެ އެޓާނީއަށް ދޭނެވޯޓެއް ނޯނަނާނެ.

The name is already taken The name is available. Register?

ބިއްޖެހި

02 July 2023

ޑަކްޓަރޭ ކިޔާއިރައް ކަލޭ ހިކުރީ އޭ މަތިން ބިމައް ފޭބިބައެއް ކަމައްތަ؟ އައްޑޫ ވަލުތެރޭ ވަޅު ގަނޑެއްގެ އޮއްނަ ބޮކަކަށް ދުނިޔެ ނުފެއްނާނެ. އައްނި ޔާމީނު މައުމޫނު މިއިން އެކަކީވެސް ޑަކްޓަރެއްތަ؟ ޑޮކަކައް ސިޔާސީ ކަންކަން ނެގޭނެ

The name is already taken The name is available. Register?

ފާރުޖެހި.

02 July 2023

ބިތްޖެހި ކަލޭ ހީކުރީ ޑޮކްޓަރު ކަމުގެ ސެޓްފިކެޓަކީ ބާޒާރުގައި ވިއްކަން ހުންނަ އެއްޗެއްކަމަށްތަ ؟ އެހެން ވިއްކަން ހުންނަ އެއްޗެއްނަމަ އައްޑޫ މީހުންނަށްވުރެން ޑރ ކަން ގިނަވާނީ ކ.އަތޮޅު މާލޭ މީހުންގެ އަތުގައި. އެކަމަކު އެ ސެޓްފިކެޓް ކަލޭމެން ރަށު މީހުން އަތުގައިނެތީ ކަލޭމެންގެ ގައިގަ ތައުލީމީ ފެންވަރު ދަށްކަމުން.

The name is already taken The name is available. Register?

އައްސަވާ

02 July 2023

އަޅުގަނޑުމެން ޕީޕީއެމްއަށް ސަޕޯޓުކުރީ، އަދި ކުރަނީވެސް ވަޠަނީ ޤައުމީ ރޫޙުތަކެއްގެ މަތީ ޕާޓީ އޮތްކަމަށް ޤަބޫލުކުރެވިފައި، ކެނެރީގޭ ނަޝީދުގެ ލިބަރަލް ސެކިއުލަރ ފިކުރާ ދެކޮޅު ހަދަންވެގެން. ނަޝީދު ފަހަތުން އުޅޭ ބަައިގަނޑު، ނަޝީދު މީދަލެއް ދައްކާފާ ވޯޓުދޭށޭ ބުންޏަސް ދިން އުސޫލުން، ޔާމީނަށް ވޯޓުއެޅި މީހުން ނުދޭނެކަން ޤަބޫލުކުރަންޖެހޭ. ހަގީގަތަކީ، މިއަދު ޔާމީނަށް 1 ލައްކަ ވޯޓު ލިބުނަސް، ޔާމީނާ އަންނި ކޯލިޝަން ހެދީމާ 1 ލައްކަ ނުލިބޭނެކަން.

The name is already taken The name is available. Register?

ބިއްޖެހި އަދުރޭ

02 July 2023

އަދުރޭ ގައުމާ ދީނާ ވަތަނާ ނީލަމުގަ ވިއްކާލައިފި. ޔާމީނަށް ދޯކާ ދީފި

The name is already taken The name is available. Register?

ވިކިލީލްސް

02 July 2023

100 ޕަސަންޓު މުޖައްރިބު.

The name is already taken The name is available. Register?

ބީ ފިފްޓީ ޓޫ 2023

02 July 2023

2 ޕާޓީ އިދި ކޮޅު ޕާޓީ އެއްގެ ގޮތުގައި ފެންނަނީ މަތިމަރުވެފައި! ވަރަށް ވަނދު! ސަރުކާރު ބަނދަލު ކުރަން ރ ނަޝީދު ފެއްޓެވީމާ ޕީޕީއެމް ގަައިގައި ވަރުޖެހި ފިސާރި ކުޅިވަރު އެކިއެކި ތަން ތަނުން ވަރަށް އަވަހަށް ފެނިގެންދާނެ! ތިބޭ އިންތިޒާރު ކޮށްްގެން

The name is already taken The name is available. Register?

ދޮންއީސަ

02 July 2023

ނަޝީދު އެކުރާކަމަކީ ޕާޓީގައި ވެރިކަމަށް ތެޅޭމީހުން ބަލާލުން، ހިންނަވަރު މީހަކު ވެރިކަން ކުރީމާ ނައިފަރު މީހަކަށް ހީވަނީ ތިމަންނައަށް ވެދާނޭ، މިމީހުންގެ އެދުންވެރިކަން ބަލާފައި ޔާމީން ރަގަޅަށް ޖަލަށް ހަރުކޮށްފައި، ގާސިމަށް ހެދިގޮތަށް ހަދާފައި އިބޫއާއި އެކު މިމީހުން ކޮލިޝަން ހަދާނެ ބަރުލަމާނީ ތަށްގަޑު ޖަހާ ސީލްކޮށްފައި، ގަމާރުވިޔަސް މިމީހުން މާގަމާރީ، ޔާމީހަދާނީ ޑީލް ނަޝީދުއާއި، އިބޫ އާއިއެކު، ޔާމީން އަށް ވެރިކަން ނުލިބި އޭނާބޭނުވާނެ ބާރުދޭން؟

The name is already taken The name is available. Register?

ކަތްދައްތަ

02 July 2023

މިހާރު މިރާވަނީ ޔާމީނު ޖަލުގަ ބާއްވާފަ ޕޕ ގެ ފަރާތުން ވެރިކަން ހޯދަން. އޭގެފަހުން ޔާމީނު މިނިވަން ކުރަން. މަށަށްވާ މޭރުމަކީ ޔާމިނުު ސަލާމަތް ނުކޮށް ޕޕން ވެރިކަން އަތުވެއްޖެނަމަ ޔާމީނު ޖަލުން ނެރުން ވާނީ އިބިލީހުގެ ކައިވެންޏަށްހެން. ޕޕ އިން ވެރިކަމަށް އަންނަ ކޮންމެ މީހަކަށްވެސް ހަމަރަގަޅަށް އެގޭނެ ޔާމީނު ޖަލުން ސަލާނަތްކޮށްފިއްޔާ ދެން އިތުރަކަށް ކުރެވޭނެ ވެރިކަމެއް ނޯންނާނެކަން.

The name is already taken The name is available. Register?

ރަންނަމާރި

02 July 2023

ކޮއިމާ ރަސްގެތީމުން ފުރައިގެން މާލެގޮސް މާމޭގާކުޅަ ވެރިކަމަކީ އެއްވެސް އިންސާނަކަށްބަލައި ގަނެވެނެވެރިކަމެއްނޫ ރެއަކު ޅަފުރާއިކުއްޖެށް ބުދުކޮއިލަށް ގެންދަން ޖެހޭ އަނެންކާވެސް ޖާހިލުކަމާ މަގުއޮޅީފައިވާމިންވަރު އެގިހުރެ ތިޔަގުޅެންއުލޭނީ މތަނުގާ ނުހިންގާނެ ގުޅުމެއް ނުކުރާނެ ކަމެއް މިމާލޭގާ ނުބާވާން ތިޔަކުރަށްވަން އުޅުށްވަންއުލޭނީ ރަންނަމާރީ ހަމަމާލެ ގެނެއުންކަހަލަކަމެއް ވިސް ވިސްނާ އަތުގާއޮތްކަމެއް ދޫނުކުރުށްވަ ބޭނުންވަނީ ވެރިކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454