03 ޖުލައި 2023 - 11:40
ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ރަސްމީ ދަތުރުފުޅެއްގައި މި މަހުގެ ތެރޭގައި އިނގިރޭސި ވިލާތަށް ވަޑައިގަންނަވާނެ ކަމަށް، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން އިއްޔެ ބުނެފި އެވެ.
ބައިޑެން އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ، އޮކްޓޫބަރު 2021 ގައި އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމަށް ރިޝީ ސުނަކް އައްޔަންކުރި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. ވައިޓް ހައުސް އިން ބުނި ގޮތުގައި ރައީސް ބައިޑެންގެ މި ދަތުރުފުޅުގައި އިނގިރޭސި ރަސްގެފާނު ޗާލްސްގެ އިތުރުން ބޮޑުވަޒީރު ރިޝީ ސުނަކްއާ ވެސް ބައްދަލުކުރައްވާނެ އެވެ.
މިހާތަނަށް ހަމަޖެހިފައި އޮތް ގޮތުން ރައީސް ބައިޑެންގެ އިނގިރޭސި ދަތުރުފުޅު ފައްޓަވާނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އިނގިރޭސި ވިލާތުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު، މި މަހުގެ 11 ވަނަ ދުވަހު ވަޑައިގަންނަވާނީ، ލިތުއޭނިއާގެ ވެރިރަށް ވިލީނިއަސް ގައި އޮންނަ 74 ވަނަ ނޭޓޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ލިތުއޭނިއާ އަށެވެ.
ލިތުއޭނިއާގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު، އެމެރިކާ-ނޯޑިކް ގައުމުތަކުގެ ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް، މި މަހުގެ 13 ވަނަ ދުވަހު ފިންލޭންޑްގެ ވެރިރަށް ހެލްސިންކީ އަށް ވަޑައިގަންނަވާނެ އެވެ. ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުގައި ޔޫރަޕްގެ ބައެއް ގައުމުތަކަށް ބައިޑެން މި ކުރައްވާ ދަތުރުގައި، އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެނީ ޔޫކްރޭން ހަނގުރާމައާ ބެހޭ ގޮތުންނެވެ.
އިނގިރޭސި ވިލާތަށް ބައިޑެން މި ކުރައްވާ ޒިޔާރަތުގެ އެޖެންޑާގައި ހިމެނެނީ ކޮން ކަންތައްތަކެއް ކަން ދެ ގައުމުން ވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެމެރިކާ އާއި އިނގިރޭސި ވިލާތަކީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ޔޫކްރޭން ދިފާއުކޮށްދިނުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އަދި އެންމެ ބޮޑު ހޭދައެއް ކުރާ ދެ ގައުމު ކަމަށްވާތީ، ރިޝީ ސުނަކް އާއި ބައިޑެންގެ މަޝްވަރާތައް ވެސް ބިނާކުރާނީ ޔޫކްރޭން ހަނގުރާމައިގެ މައްޗަށް ކަމަށް ބެލެވެ އެވެ.
އޭގެ އިތުރުން، ނޭޓޯގެ މެންބަރުކަން ހޯދުމަށް އެދި ސްވިޑްން އިން ހުށަހަޅާފައިވާ ހުށަހެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެޝޮން، މިއަންނަ ހަފުތާގައި އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް ތުރުކީ ވިލާތާއި ހަންގެރީން އަންނަނީ ސްވިޑްންގެ އެ ހުށަހެޅުމަށް ދެކޮޅު ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުބައިރު.
05 July 2023
"އޮކްޓޫބަރު 2021 ގައި އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމަށް ރިޝީ ސުނަކް އައްޔަންކުރި ފަހުން " ތާރީޚު ރަގަޅުކަމަކަށް ނުފެނޭ.
ޗާލްސް
04 July 2023
މި ތަނަށް ގޮސް ބަކިންގހަމް ތެރެއަށް ބިހެއް ނާޅައިފިއްޔާ ސަހަރޯ. މީ އަބަދު ވެއްޓިފަ އޮންނަ ރައީސް އެއް.
އީމަން
04 July 2023
ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާ އެކު ދެ ގައުމު ދަނީ އަޑިޔަށް .
ޖުހާ.
03 July 2023
ޔޫކުރޭނު ހަނގުރާމައިގާ ދެން އެމެރިކާއަށް ވެސް އިނގިރޭސިންނަށްވެސް ކޮށްދެވޭނެ މާބޮޑުކަމެއް ނެތް. ދެން ޔޫކުރޭނަށް ފޮނުވަންހުރީ އޮއްގަލާއި ބައްޅި. އެނޫން އެއްޗެއް ފޮނުވާއިރަށް ޔޫކުރޭނު ސިފައިންނަށް އެއެއްޗެހި ނާރަނިސް ގޮއްވާލާނެ. ޕެޓުރޮއިޓު ސިސްޓަމަށް ވީގޮތުން ބައިޑަން ހުންނަނީ ކުޑަކޮން ހީކަރުވާފަ.