އިންޑިއާގެ ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ، ކުރީގެ ބަތަލާ މީނާ ކުމާރީ އަދި އެކްޓްރެސް ކްރިތީ ޝެނޮން.
17 ޖުލައި 2023 - 06:17
އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ފިލްމެއް ޑައިރެކްޓުކުރަން ނިންމައިފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ އެންމެ ގާތް އެކުވެރިޔާ، މަނީޝް ފިލްމެއް ޑައިރެކްޓުކުރާ މިއީ ފުރަތަމަ ފަހަރެވެ.
މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، މަނީޝް ޑައިރެކްޓުކުރަނީ ކުރީގެ މަޝްހޫރު ބަތަލާ އަދި އިންޑިއާ ސިނަމާގެ އެންމެ މޮޅު ތަރިންގެ ގޮތުގައި ފާހަގަކުރެވުނު އެކަކު ކަމަށްވާ މީނާ ކުމާރީގެ ބަޔޮޕިކް ފިލްމެވެ.
ޓީ-ސީރީޒް އިން ޕްރޮޑިއުސްކުރާ އެ ފިލްމުގައި މީނާ ކުމާރީގެ ރޯލު ކުޅޭނީ ކްރިތީ ޝެނޮން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި މިހާރު ފިލްމުގެ މަސައްކަތް އޮތީ ސްކްރިޕްޓިން ސްޓޭޖުގައި ކަމަށްވެ އެވެ. ނަމަވެސް، މި ފިލްމު އަދި ރަސްމީކޮށް އިއުލާންނުކުރެ އެވެ.
މި ފިލްމުގައި ދައްކާނީ އިންޑިއާ ސިނަމާގެ "ދަ ޓްރެޖެޑީ ކުއީން"ގެ ގޮތުގައި މަޝްހޫރުވި މީނާ ކުމާރީގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ.
ފިލްމީ ދާއިރާގައި 33 އަހަރު މަސައްކަތްކުރި މީނާ ކުމާރީ މަރުވީ، މާ ގިނައިން ރާ ބުއިމުގެ ސަބަބުން އޭނާގެ ފުރަމޭ ހަލާކުވެގެން ދިމާވި ސިއްހީ އެކި މައްސަލަތަކަށް ފަރުވާކުރަނިކޮށް 1972 ގަ އެވެ. އޭނާ މަރުވީ އުމުރުން 38 އަހަރުގަ އެވެ.
"ދަ ޓްރެޖެޑީ ކުއީން"ގެ ނަން އޭނާއަށް ދެވުނީ ފިލްމުތަކުގައި އޭނާ ކުޅުނު އަސަރުގަދަ ރޯލުތަކުގެ ސަބަބުންނެވެ. އަދި އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހިނގާފައިވާ ބައެއް ހިތްދަތި ކަންތައްތަކާ ގުޅުވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާށޯމޮސް
17 July 2023
ކަަރަން ޞޭނުން ވަނީ ޢޭނަގެ ގާތްއެކުވެރިން ޕްރޮމޯޓް ކުރާށެވެ. އެމީހުން ގެ ދުރުން އަންނަ ތަރިން މިޖެހެނީ ކުރިއަރާނަމަ އަމިއްލަޔަށް ދަންޖެހޭށެވެ.