ސިޔާމް: ފުއްގިރި މައްސަލާގައި ހެކިބަސް ދޭން ބޭނުމެއް ނުވި - ފޮޓޯ: ނިޝާން އަލީ | މިހާރު
18 ޖުލައި 2023 - 12:06
ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ޝަރީއަތަށް ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފް ހެކިބަސް ދެއްވަން ދެކޮޅު ހައްދަވައިފި އެވެ.
ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މި މައްސަލާގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާކުރެ އެވެ. މި މައްސަލާގައި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާކޮށްފަ އެވެ. އެ ދައުވާކުރަނީ އެހެން ފަރާތަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ޔާމީން ގަބޫލުކުރި އެއް މިލިއަން ޑޮލަރު ސަން އިންވެސްޓްމަންޓް ކުންފުނިން ލޯންޑާ ކޮށްދިން ކަމަށް ބުނެ އެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ހެކިބަސް ދެއްވަން ކޯޓަށް ހާޒިރުވާން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، ސިޔާމާއި މައުރޫފް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ އެ ދެ ބޭފުޅުންގެ ހެކިބަސް ނަގަން މިހާރު ދައުލަތުން ބޭނުން ނުވާ ކަމަށެވެ.
މި ދެ ބޭފުޅުންނަކީ މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ބަޔާން ވެސް ދެއްވާފައިވާ ދެ ބޭފުޅުންނެވެ. އެގޮތުން އެ ބަޔާނުގައި ސިޔާމް ވިދާޅުވެފައިވާ ގޮތުގައި، ސަންގެ ކުންފުނިން ހިންގާފައި ވަނީ ޑޮލަރުގެ މުއާމަލާތެކެވެ.
މިއަދު އޮތް އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑް އަހުމަދު އާމިރު ހެކިބަސް ދީފައިވާއިރު، އޭނާ ވަނީ އަދީބާއި ޒިޔަތާ އެކު ބޭއްވި ބައްދަލުވުމެއްގައި މައުރޫފާއި ސިޔާމްގެ ކޮއްކޮއެއް ކަމަށްވާ ސާލިމް ބައިވެރިވި ކަމަށެވެ.
އެ ބައްދަލުވުމަށް އަދީބު އަންގަވައިގެން ދަބަހެއް ވެސް ގެންގޮސްދިން ކަމަށާއި ނަމަވެސް، ބައްދަލަވުމުގައި ދެއްކި އެއްވެސް ވާހަކައެއް ނޭނގޭ ކަމަށް އާމިރު ބުންޏެވެ. އާމިރު ބުނާ ބައްދަލުވުމުގައި ފުއްގިރި މައްސަލާގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުވާ އަހުމަދު ކްރިކް ރިޒާ ވެސް ބައިވެރިވި އެވެ.
ސިޔާމާއި މައުރޫފްގެ އިތުރުން ވެސް އެހެން ދެ ހެއްކަކު ވަނީ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ހުށަހަޅައިފަ އެވެ. އެ ދެ ހެކިވެރިންގެ ހެކިބަސް ނަގަން ވެސް ދައުލަތުން މިހާރު ބޭނުމެއް ނުވެ އެވެ.
މި މައްސަލާގައި ދެން ހެކިބަސް ނަގަން ބާކީ ތިބީ ދެ ހެކިންގެ އެވެ. އެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
ފުއްގިރި މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ބާރުސްޕީޑްގައި ކުރިއަށް ގެންދާއިރު ވ. އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ވަނީ މަޑުޖެހިފަ އެވެ. ޖިނާއީ ކުށެއް ސާބިތުވެފައި އޮތުމަކީ ރައީސް ކަމަށް ކުރިމަތިލުމަށް ޝަރުތެއް އުނިވާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލ
20 July 2023
މިއޮތީވާ ގައުމެ، އެހެން ގައުމެއްގައި ހެކިބަސް ނުދިނުމަކީ ޖަލައްދާންޖެހޭ ވަރު ކުޝެއް. މަޖުލިހުގަ މިތިބެނީ ބީރު، ކަނު، މަންމަނުންތަ؟
ބަސަރާއަށްކަދުރު
18 July 2023
ކުށެއް ކަމަށް ވަނީ ހެކިބަސް ދޭން ދެކޮޅުހެދުމަކީ ވެސް. ވަކި ބަޔަކަށް އޮންނަ ގާނޫނަކީތަ.
އާދަންކޮއި
18 July 2023
ކޮޔާ މަށަށް ހަމަ ހެވެނީއޭ
ސިކުނޑި
18 July 2023
ކޮބައިތޯ އިޔާޒާއި ޒައިދު؟ އެބޭފުޅުންނަށް ވިދާޅުވެ ދެއްވާ އެއީ ކިހާވަރެއްގެ ކަމެއްތޯ އެކުރެވެނީ! އޭގެ ސަބަބުން ކުށެއްނެތް މީހަކަށް ނުހައްގު އަދަބެއް ލިބިއްޖިއްޔާ ނުވަތަ ކުއްށްވެރިޔަކު ސަލާމަތް ވެއްޖިއްޔާ ކޮން މޫނެއްތޯ ދައްކާނީ!
އިންސާފް ޗުއްޓީގައި
18 July 2023
ރައީސާއި ކައިރިވީމަ ކޯޓާ ދުރުވެވޭނެ!
ހުސްނުހީނާ
18 July 2023
މިވަނީ ކިހިނެއް؟
ފޫހި
18 July 2023
ސިޔާމާއި މައުރޫފްގެ އިތުރުން ވެސް އެހެން ދެ ހެއްކަކު ވަނީ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ހުށަހަޅައިފަ އެވެ. އެ ދެ ހެކިވެރިންގެ ހެކިބަސް ނަގަން ވެސް ދައުލަތުން މިހާރު ބޭނުމެއް ނުވެ އެވެ. މިއޮތީ ފައްކާ ޢަދުލުވެރިކަމެއް. ޞަދޫމު ވެސް މާފަހަތުގަ
ކޮންސްޓޭ
18 July 2023
ދެން ލޯންޑާ ކުރަން ވެސް އެންމެ މިލިއަނެއް ތީ ކޯންޗެއް. ކުރަންޏާވެސް އެއްޗަކަށް ވާވަރުގެ އެއްޗެއް ކުރީމަ ދޯ ގޯޅީގަވެސް ހިތްހަމަޖެހިލައިގެން އޮވެވޭނީ
ޕަޕެޓް
18 July 2023
މަނީ ލޯންޑް ޕާރޓީ ސާފުވީތަ ؟!
މޫރިން
18 July 2023
ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ހާލަތު ލޯ ކުރިމަތިން މި ފެންނަނީ. ބޭނުންވީމަ ބޭނުން ގޮތަކަށް މައްސަލަތައް ނިންމާލަނީ. މާތްﷲ ގަންދީ ކުރި ހުވާ މަތިން ހަނދާން ވެސް ނެތް. މިނޫން ދުވަހެއް ވާކަންވެސް ނޭނގޭ. ބޭނުންވީމަ ފަޓާސް ބަރިއެެއްހެން ނިންމާލަނީ. ގެންދަން ބޭނުންނުވާ މައްސަލަތައް ޗުއްޓީއަކުން ނިންމާލަނީ. މިއީ ތޯ އިންސާފަކީ. ކޮބައިތޯ އެތައްހާސް ބައެއްގެ ހައްގު.