ނަރީޝް: އޭނާ މިހާރު ވިދާޅުވަނީ މައުލޫމާތު ނެތް މައްސަލައެއްގައި ހެކިބަސް ނުދެވޭނެ ކަމަށް - ފޮޓޯ: މިހާރު
29 އެޕްރީލް 2025 - 11:37
މައުލޫމާތު ނެތް މައްސަލައެއްގައި ހެކިބަސް ނުދެވޭނެ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރެއްވުމަށް ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތު އޮތް މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާ އެ މަނިކުފާނުގެ ގެކޮޅުގައި އަތުން ގުނައި، ޔާމީން އެންގެވި މީހަކާ ހަވާލުކުރި ކަމަށް ވިދާޅުވެ، ނަރީޝް މީގެކުރިން ހެކިބަސް ދެއްވާފައިވެ އެވެ. ޔާމީންގެ ފަރާތުން އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ވ. އާރަށު މައްސަލައިގެ ދައުވާގައި ހިމެނޭ ފައިސާއަކީ ޑޮލަރު މާރުކުރުމަށް ހޯދި ފައިސާއެއް ކަން ސާބިތުކޮށްދޭށެވެ.
ހަމަ އެކަން ސާބިތުކޮށްދިނުމުގެ ޔާމީންގެ ފަރާތުން ރ. ފުއްގިރި މައްސަލައިގެ ދައުވާގައި ވެސް ނަރީޝް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. ނަމަވެސް، އޭނާ ވަނީ ހެކިބަސް ދޭން އިއުތިރާޒުކުރާ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓަށް އެކަން އަންގަވައިފަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި އަމާޒުވި ފާޑުކިޔުންތަކަކަށް ރައްދު ދެއްވަމުން ނަރީޝް ވިދާޅުވީ "މި ނޫން ދުވަހެއް އޮތްކަން ހަނދާންކޮށް ބިރުވެތިވެ ހެޔޮބަސްއަހާ ގަބޫލުކޮށްގެން ކަމުގެ މައުލޫމަތު ނެތް މައްސަލައެއްގައި ހެކިބަސް ދޭން އިއުތިރާޒުކުރީ" ކަމަށެވެ.
ފުއްގިރި މައްސަލާގައި އިއްޔެ އޮތް އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ ވަނީ ނަރީޝް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައިފަ އެވެ. ނަމަވެސް، ޔާމީންގެ ވަކީލް ވިދާޅުވީ އެ ބޭފުޅުން ހައްޔަރުކޮށްގެން މަޖުބޫރުން ހެކި ބަސް ނަގަން ޔާމީން ބޭނުން ނުވާ ކަމަށެވެ.
ނަރީޝް ހެކި ބަސް ނުދޭން ނިންމެވި އިރު، އޭނާ އާއި ޔާމީނާ ދެމެދު އޮތް ސިޔާސީ އެކުވެރިކަން މިހާރު ވަނީ ގެއްލިފަ އެވެ. ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ނަރީޝް ހުރިއިރު، ޔާމީން ގެންދަވަނީ މި ސަރުކާރަށް ތާއިދު ނުކުރާކަން ހާމަކުރައްވައި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
ނަރީޝް، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުނާ ދެއްވާފައިވާއިރު، އޭނާ މިހާރު ހުންނެވީ މިނިސްޓަރުންގެ ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރެއްގެ މަގާމުގަ އެވެ.
ފުއްގިރި މައްސަލައިގައި ހެކިބަސް ދޭން ނަރީޝް ދެކޮޅު ހެއްދެވި އިރު، ވ. އާރަށުގެ މައްސަލައިގައި ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގައި އޭނާ ދެއްވި ހެކި ބަހާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ކޯޓުގައި ހެކިބަސް ދެއްވަމުން އޭރު ނަރީޝް ވިދާޅުވެފައިވަނީ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ބައްލަވައިގެން، އޭގެ ބަދަލުގައި ދެއްވި ދިވެހި ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށާއި އެ ފައިސާ ގުނީ ޔާމީންގެ ގެކޮޅުގައި، އަތުން ކަމަށެވެ.
ނަމަވެސް، އެ ދުވަހު ނަރީޝް ދެއްވި ހެކިބަހަކީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދިން ހެކި ބަހެއް ބުނެ ދައުލަތުން އާ ހެކިތަކެއް ވެސް ހުށަހެޅި އެވެ. ދައުލަތުން އާ ހެކި ހުށަހަޅާފައިވަނީ ނަރީޝް ހެދީ ދޮގު ކަން ސާބިތު ކުރުމަށެވެ. އަދި އެ މައްސަލަ ފުލުހުން ވެސް ތަހުގީގުކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުރިން އިއްވި ހުކުމްގައި ވެސް ނަރީޝް ދިނީ ދޮގު ހެކި ބަހެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމުގައިވަނީ ޔާމީންގެ ފަރާތުން ހެކިބަސް ދިން އެ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހެކިން ދެއްކި ވާހަކަތަކަށް ބަލާއިރު އޮޅުވާލުމުގެ އިތުރުން ކަނޑައެޅިގެން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން އެކަން ހާމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
"މި ހެކިންނަކީ ހެކިބަސް ދިނުމަށް އުފައްދައިގެން ވަކި ކަމެއް ހާސިލް ކުރުމަށް ހުށަހަޅާފައިވާ ހެކިން ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ..." ހުކުމުގައިވެ އެވެ.
ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ހަމަނުޖެހޭ ކަންކަން ވެސް 105 ސޮފްހާގެ އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން 15 މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ދުވަހެއް ބުނެ ނުދެވޭއިރު، އެއީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ވެސް ހެކިންނަށް ބުނެ ނުދެވޭ ކަމަށާއި އެކަމަކު އެދުވަހު ހިނގި އެހެން ކަންކަމުގެ ވަރަށް ކުދިކުދި ތަފްސީލުތައް ހެކިން ބުނެފައިވުމަކީ ހައިރާންވާން ޖެހޭ ފަދަ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
30 April 2025
ދޮގުހެކި ދިންމީހަކު ޔޫތުމިނިސްޓަރަށް އެޑްވައިޒްދޭން އެއްމެދުވަހަކު ބެހެއްޓުންގޯސް. މަޖިލިސް މިނިވަންނަމަ ރައީސް ނޯކޮންފިޑެންސް ވޯޓު ނަގާނެ.
ވާލިދު
30 April 2025
ކުރިން ދޮގުހެކިދިންކަން ތިއޮތީ ސާބިތުވެފާ. 15 އަހަރުގެ ހުކުމަކުން މީހަކު ސަލާމަތް ކުރަން ކޯޓަށް ދޮގުހެކި ދިންމީހަކަށް 15 އަހަރުގެ ހުކުމެއް ނުލިބޭނަމަ އިންސާފެއް ނެތީ. މިހާވަރުވީމަ ނަރީޝް ސަރުކާރުގެ ވަޒީފާއެއްގެ ބެހެއްޓުމަކީ މުއިއްޒުވެސް ކޮށްގެންވާނެ ކަމެއްނޫން. މިމައްސަލާގަ ރައީސް މުއިއްުޒު އަމަލުކުރާގޮތެއްވެސް މުހިއްމު.
ފާޓުން
30 April 2025
އެކަމަކު ކުރީ ފަހަރު ދުވާލެއް ކަމެއް ރޭގަނޑެއް ކަމެއް ނޭގޭކަމެއްގައި ވެސް މަނިކުފާނު ހެކިބަސްދިން.
ޑރ ވާންޗޯ
29 April 2025
މީގެކުރީގަ 1 މިލިއަން އަތުންގުނިކަމަށް ހެކިބަސްދިނީ އިގޭކަމެއްވީމަތަ؟. ތީހުސް ފައިސާގެ އަޅުން، އެންމެބޮޑު ތިޖޫރީ އެއީ ތިކަހަލަ މީހުންގެ ސާހިބުމީހާ.
ހުސްބުޅި
29 April 2025
މިހާރު ގެންގޮއްސިއްޔަ ބުނާނެ އެއީ ދޮގެކޭ، އެޑޮލަރުތައް ނުވެސް ދެކެމޭ.
ގުނިގޮތް1
29 April 2025
ދެން އެކަމަކު ގުނާ ގޮަތށް ގުނިވާހަކަ ކޯޓަށް ގޮސް ބުނެލެވިދާނެ ދެއްތޯ ގުނާ ގޮތަށް ގުނިކަމަށް ތަކުރާރުކޮށް ބުނެފައިވާއިރު.
ހަސަންދީ(ލ)
29 April 2025
އަތްމަތި ތަންކޮޅެއް ދަށީ މިދުވަސްކޮޅު. ވަޒީފާ ވަރަށް މުހިންމު.
ކަލަކުވޭ
29 April 2025
ކަލަކުވޭ ބިރުވެތިވޭ!! ހެކި ބަހަކީ ތިމާއާ އަނެއް މީހާގެ ޕާސަނަލް ގުޅުން އޮތް ހިސާބަކުން ނިންމަން ޖެހޭ ކަމެއް ނޫން! އެކަން ކުރަން ޖެހޭ ގޮތް ދީނުގައި ވަރަށް ސާފުކޮށް އެބަ އޮތް.
ހަސަންދީ(ލ)
29 April 2025
ޔާމީނު ޖަަލައްލީމަ ޓީވީއައް އަރާ ރޮއެ ގިސްލާފާ މިއަދު މިދިނީ ދޯކާދެއްތޯ؟
އާންތު
30 April 2025
މިކަހަލަ މީހުން ޕާޓީތަކުގެ ވެރިންނަށް ލައިގެން ހަމަޖެހޭ ބޮޑަތި މީހުން މިމީސްމީހުންގެ ފަހަތުން އުޅޭތީ ހައިރާންވޭ. ތިފެންނަނީ ޕީޕީއެމް ޕީއެންސީގެ އަަސްލު . ތީކީ ސިޔާސީ ވުމެއްނޫން. ސިޔާސީ ގޮތެއްވެސް ނޫން. މަކިޔާނީ ހައްޕުނޑު.
އުއްތަމަ އުސްތާޛް
29 April 2025
މާދަމާ މުއިޢްޒުއާއި ދެކޮޅަށް ވެސް ހެކިބަސް ދޭނީ ހަމަ މީނާ.. މިއީ ދުނިޔެ ދައްކާ ހަޤީޤަތް...
މިހެން ސަޅި އެއްނު؟
29 April 2025
އަޅުގަނޑުގެ މަސްލަހަތާ އެއްކޮޅަށް ހެކިބަސްދެން ...