ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް އަންނަ މަހަށް ތާވަލުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ތާވަލުގައިވާ ގޮތުން ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 9:00ގަ އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެވެ.
ނަމަވެސް އަލުން މައްސަލަ ބެލުމުގައި، ޔާމީނާ ދެކޮޅަށް ދައުލަތުން ދަށު ކޯޓަށް ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ހައި ކޯޓުން ބާތިލްކުރި އެވެ. އޭނާގެ ވެސް މައްސަލަ އަލުން ބަލަން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް އިސްތިއުނާފްކުރީ އާ ހެކިތައް އެއް ފަރާތްކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ބައި އެކަންޏެވެ. އެ މައްސަލާގެ އަޑުއެހުންތައް ފުރަތަމަ ނިންމާލާފައިވަނިކޮށް ބެންޗަށް ބަދަލު އައިސްގެން އިތުރު އަޑުއެހުމެއް ބޭއްވި އެވެ.
ދެވަނަ ފަހަރަށް މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތް ވެސް ވަނީ މަޑުޖައްސާލައިފަ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިިިިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
އޭގެއިތުރުން ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެ މަނިކުފާނު ދައުވާ ކުރައްވާ މައްސަލަ ހައި ކޯޓުގައި ވެސް އެބައޮތެވެ.