ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައި ހުކުމް އިއްވުމުގެ މަޖިލީސް މި މަހުގެ ފަހުކޮޅަށް ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވި ގޮތުގައި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް އޮންނަނީ މި މަހުގެ 29 ވަނަ ދުވަހުގެ 11:00ގަ އެވެ. މިއަދު ވަނީ މައްސަލައިގެ ހުލާސާ ބަޔާން އިއްވައި، އަޑުއެހުންތައް ނިންމާލައިފަ އެވެ.
ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ އެމަނިކުފާނުގެ މައްޗަށް އެ ދައުވާ ކުރުމުގެ އެއްވެސް އަސާސެއް ނެތް ކަމެވެ.
ފުއްގިރި މައްސަލައިގައި ވެސް ޔާމީންއާ ދެކޮޅަށް މައިގަނޑު ހެއްކެއްގެ ގޮތުގައި ތިބީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. އެ ދެ މީހުންގެ ހެކިބަހުގެ ސައްހަކަމާ މެދު ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ.
ޔާމީން ވިދާޅުވީ އަދީބަށް ލުއިދީ، ދައުލަތުން ހެދި އެއްބަސްވުމަކީ މި މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް އޭނާގެ ފަރާތުން ބަޔާން ހޯދުމަށް ކުރި ކަމެއް ކަމަށެވެ.
ޔާމީންގެ ވަކީލުން ވެސް ވަނީ އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އުފައްދައިފަ އެވެ. އެގޮތުން ވަކީލް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ އަދީބާއި ޒިޔަތަކީ ޔާމީނާ ދެކޮޅަށް ހެކި އުފައްދަން ދައުލަތުން ގެންގުޅޭ މެޝިނެއް ކަމަށެވެ.
އެ ދެ މީހުންނަކީ ފާސިގުން ކަމާއި ޔާމީންއާ ދެމެދު އަދާވަތްތެރިކަން އޮތް ދެ މީހުން ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވަމުން ޖަމީލު ވިދާޅުވީ އެ ދެ މީހުންގެ ހެކިބަހުގެ މައްޗަށް އެއްވެސް ބުރަދަނެއް ދީގެން ޔާމީންގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަސްލު ކުށްވެރިންނަކީ އެކަމަށް އިއުތިރާފުވެފައި ތިބި އަދީބާއި ޒިޔަތު ކަމާއި އެ ދެ މީހުން ދައުލަތުން މިނިވަންކޮށްފައިވާ ކަން ޖަމީލު ފާހަގަކުރެއްވި އެވެ. އަދި، އޭގެ ބަދަލުގައި ޔާމީނަށް ސިޔާސީ ގޮތުން އަނިޔާވެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ މި ދައުވާތަކަކީ ޔާމީން ސިޔާސީ ގޮތުން އެކަހެރިކުރަން ޣައިރު ދުސްތޫރީކޮށް ދައުލަތް މެދުވެރިވެގެން ހިންގާ އަމަލެއް ކަމަށެވެ.
ޔާމީންގެ ދިފާއީ ވަކީލް ހަމްޒާ ލަތީފު ވިދާޅުވީ އަދީބާއި ޒިޔަތު މި މައްސަލައިގައި ހެކިބަސް ދީފައިވަނީ އެމީހުންނާއި ދައުލަތާ ދެމެދު އެއްބަސްވުމެއް އޮތް ވަގުތެއްގައި ކަމަށާއި އެ ހާލަތަކީ އެމީހުންނަށް އެކި މަންފާތަކާއި ލުއިތައް، ދައުލަތް ހިތްހަމަޖެހުން އޮތް މިންވަރަކަށް ލިބެމުންދިޔަ ހާލަތެއް ކަމަށެވެ. އެ ހާލަތުގައި ތިބި ބައެއްގެ ހެކިބަސް އިންސާފުވެރިވެދާނެ ކަމާ މެދު ހަމްޒާ ސުވާލު އުފެއްދެވި އެވެ.
ފުއްގުރި ދޫކުރުމުގައި އެއްވެސް ގޯހެއް ހަދާފައިވާ ނަމަ، އެކަމަކަށް އަދީބާއި ޒިޔަތު ވަނީ އިއުތިރާފުވެފައި ކަމަށާއި އެ މުއާމަލާތާ ގުޅޭ އެއްވެސް ކަމެއް ޔާމީންއާ ގުޅުވާލެވޭ ހެއްކެއް ދައުލަތުގެ ނެތް ކަމަށް ހަމްޒާ ވިދާޅުވި އެވެ.
ހަމްޒާ ވިދާޅުވީ ފުއްގުރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތް ހިނގިތާ އެތައް ދުވަހެއް ފަހުން ހިނގި ޑޮލަރު މުއާމަލާތެއް އެކަމާ ގުޅުވޭނެ ގޮތެއް ނެތް ކަމަށާއި އެހެންވެ، އެ ފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާއެއް ކަމަށް ވެސް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. ކުށް ކޮށްގެން ހޯދި ފައިސާއެއް ކަން ސާބިތުކޮށް ނުދެވޭ ހާލަތުގައި މަނީ ލޯންޑްރިންގެ ކުށުގެ ރުކުންތައް ސާބިތެއް ނުވާނެ އެވެ.
ޔާމީން ރިޝްވަތު ނެގި ކަމަށް ދައުލަތުން ބުނާއިރު، އެ ރިޝްވަތު ދިން މީހެއްގެ ގޮތުގައި ދައުލަތުން ދައުވާކުރި ކްރިކް ރިޒާގެ މައްސަލަ އަނބުރާ ގެންގޮސްފައިވާތީ ވެސް ހަމްޒާ ސުވާލު އުފެއްދެވި އެވެ. އަދި، މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިން ކަމަށް ބުނެ ސަންގެ ދެ ކުންފުންޏަކަށް ކުރި ދައުވާ ސާބިތެއް ނުވެ އެވެ. އެ މައްސަލަ އިސްތިއުނާފު ނުކުރަން ވެސް ދައުލަތުން ވަނީ ނިންމައިފަ އެވެ.
އެހެންވެ، މި މައްސަލަގައި ހިމެނޭ އެހެން މީހުން ދޫކޮށްލައި، ހަމައެކަނި ޔާމީންގެ މައްސަލައިގައި ދައުލަތުން މަސައްކަތް ކުރާތީ، ދައުލަތުގެ ނިޔަތާ މެދު ވެސް ހަމްޒާ ސުވާލު އުފެއްދެވި އެވެ.
މި މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނަތް ހިންގި މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. މިހާރު ކުރިއަށް ދަނީ އެ މައްސަލަ ސާބިތުވާ ކަމަށް މީގެކުރިން އެ ކޯޓުން ކަނޑައަޅާފައި އޮތް ނިންމުން ބާތިލްކޮށް ހައި ކޯޓުން އަލުން ބަލަން އަންގާފައިވާތީ ހިންގާ ޝަރީއަތެވެ.