ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދޭނެ ކަމަށާއި އެ ފައިސާގެ މުގާބިލުގައި ވަކި ކަމެއް ނާޖައިޒު ގޮތުގައި ނުކޮށްދޭ ހާލަތުގައި އޭގައި ހިފުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. 

ޔާމީން މިހެން ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުމުގަ އެވެ. 

މި މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ޔާމީނަށް އެކި ގޮތްގޮތުން ލިބިފައިވާ ރުފިޔާ މާރުކޮށްގެން ހޯދި ފައިސާ ކަމަށް ދިފާއުގައި ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންވެ، ދައުލަތުން ވަނީ ވިޔަފާރިކުރުން މަނާކޮށްފައިވާއިރު، ރައިސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން އެހާ ގިނަ ފައިސާ ހޯއްދެވި ގޮތަކާ މެދު ސުވާލު އުފައްދަމުންނެވެ. 

ހުލާސާ ބަޔާން އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އަމަލީ ގޮތުން ވިޔަފާރި ނުކުރެއްވި ނަމަވެސް، ތަންތަން ކުއްޔަށް ދީގެންނާއި އެހެން ގޮތްގޮތުން ވެސް އާމްދަނީ ހޯދޭ ކަމަށެވެ. އަދި، ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެ މަނިކުފާނުގެ އަތްޕުޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަން މާލީ ބަޔާންތަކުން ވެސް ފެންނަން އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާއިރު، ދެވަނަ ދައުރެއް ދޭން ގާބިލްކަމަށް ދެކޭ ހެޔޮއެދޭ ފަރާތްތަކުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެގޮތަށް ލިބޭ ފައިސާއަކީ ސިޔާސީ ގޮތުން، ސިޔާސީ މީހަކަށް ވީތީ ލިބޭ ފައިސާ ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، އެ ހުރިހާ ފައިސާއަކީ ސިޔާސީ ޕާޓީއަށް ދޭން ޖެހޭ ފައިސާއެއް ވެސް ނޫން ކަމަށެވެ. 

ހެޔޮއެދޭ މީހުންދޭ ފައިސާ ދިނުމާއި އޭގައި ހިފުމަކީ މަނާކޮށްފައި އޮންނަ ކަމެއް ނޫން ކަމަށާއި އޭގެ މައްސަލައެއް ދިމާވީ އެގޮތަށް ދޭ ފައިސާގެ ބަދަލުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކޮށްފި ކަމަށްވާ ނަމަ ކަމަށް ފަސް އަހަރު ވެރިކަން ކުރެއްވި ޔާމީން ވިދާޅުވި އެވެ. 

އެ މަނިކުފާނު ބޭންކަށް ފައިސާ ލުމުގެ ބަދަލުގައި ނަގުދު ފައިސާ ގޭގައި ގެންގުޅޭތީ ދައުލަތުން އުފައްދާ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގޭގައި ފައިސާ ގެންގުޅުމަކީ މަނާ ކަމެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނުގެ ގެކޮޅަކީ ސަލާމަތީ ގޮތުން ބަލަހައްޓަމުންދާ ތަނަކަށް ވާއިރު އެ ތަނުގައި ފައިސާ ގެންގުޅުމަކީ މައްސަލައެއް އޮތް ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިނިވަން ހެއްކެއް ނެތް"

ފުއްގިރި މައްސަލާގައި ވެސް ޔާމީނާ ދެކޮޅަށް މައިގަނޑު ހެއްކެއްގެ ގޮތުގައި ތިބީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. އެ ދެ މީހުންގެ ހެކިބަހުގެ ސައްހަކަމާ މެދު ޔާމީން ސުވާލު އުފެއްދެވި އެވެ. 

ޔާމީން ވިދާޅުވީ އަދީބަށް ލުއިދީ، ދައުލަތުން ހެދި އެއްބަސްވުމަކީ މި މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް އަދީބުގެ ފަރާތުން ބަޔާން ހޯދުމަށް ކުރި ކަމެއް ކަމަށެވެ. 

ޔާމީންގެ ވަކީލުން ވެސް ވަނީ އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އުފައްދައިފަ އެވެ. އެގޮތުން ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އަދީބާއި ޒިޔަތަކީ ޔާމީނާ ދެކޮޅަށް ހެކި އުފައްދަން ދައުލަތުން ގެންގުޅޭ "މެޝިނެއް" ކަމަށެވެ. 

އެ ދެ މީހުންނަކީ ފާސިގުން ކަމާއި ޔާމީނާ ދެމެދު އަދާވަތްތެރިކަން އޮތް ދެ މީހުން ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ އެ ދެ މީހުންގެ ހެކިބަހުގެ މައްޗަށް އެއްވެސް ބުރަދަނެއް ދީގެން ޔާމީންގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަސްލު ކުށްވެރިންނަކީ އެކަމަށް އިއުތިރާފުވެފައި ތިބި އަދީބާއި ޒިޔަތު ކަމަށާއި އެ ދެ މީހުން ދައުލަތުން މިނިވަންކޮށްފައިވާ ކަން ޖަމީލު ފާހަގަކުރެއްވި އެވެ. އޭގެ ބަދަލުގައި ޔާމީނަށް ސިޔާސީ ގޮތުން އަނިޔާވެރިވަމުންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ. 

ޖަމީލް ވިދާޅުވީ މި ދައުވާތަކަކީ ޔާމީން ސިޔާސީ ގޮތުން އެކަހެރިކުރަން ޣައިރު ދުސްތޫރީކޮށް ދައުލަތް މެދުވެރިވެގެން ހިންގާ އަމަލެއް ކަމަށެވެ. 

ޔާމީންގެ ދިފާއީ ވަކީލް ހަމްޒާ ލަތީފު ވިދާޅުވީ އަދީބާއި ޒިޔަތު މި މައްސަލައިގައި ހެކިބަސް ދީފައިވަނީ އެ މީހުންނާއި ދައުލަތާ ދެމެދު އެއްބަސްވުމެއް އޮތް ވަގުތެއްގައި ކަމަށާއި އެއީ އެ މީހުންނަށް އެކި މަންފާތަކާއި ލުއިތައް، ދައުލަތް ހިތްހަމަޖެހުން އޮތް މިންވަރަކަށް ލިބެމުންދިޔަ ހާލަތެއް ކަމަށެވެ. އެ ހާލަތުގައި ތިބި ބައެއްގެ ހެކިބަސް އިންސާފު ވެރިވެދާނެ ކަމާ މެދު ހަމްޒާ ސުވާލު އުފެއްދެވި އެވެ. 

ހަމްޒާ ވިދާޅުވި ގޮތުގައި، ފުއްގުރި ދޫކުރުމުގައި އެއްވެސް ގޯހެއް ހަދާފައިވާ ނަމަ އެކަމަކަށް އަދީބާއި ޒިޔަތު ވަނީ އިއުތިރާފު ވެފަ އެވެ. އެ މުއާމަލާތާ ގުޅޭ އެއްވެސް ކަމެއް ޔާމީނާ ގުޅުވާލެވޭ ހެއްކެއް ދައުލަތުގެ ނެތް ކަމަށް ހަމްޒާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ފުއްގުރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތް ހިނގިތާ އެތައް ދުވަހެއް ފަހުން ހިނގި ޑޮލަރު މުއާމަލާތެއް އެކަމާ ގުޅުވޭނެ ގޮތެއް ނެތް ކަމަށާއި އެހެންވެ، އެއީ ކުށެއް ކޮށްގެން ހޯދި ފައިސާއެއް ކަމަށް ވެސް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. ކުށް ކޮށްގެން ހޯދި ފައިސާއެއް ކަން ސާބިތުކޮށް ނުދެވޭ ހާލަތުގައި މަނީ ލޯންޑްރިންގެ ކުށުގެ ރުކުންތައް ސާބިތެއް ނުވާނެ ކަމަށް ވިދާޅުވި އެވެ. 

މީގެކުރީގެ އަޑުއެހުމެއްގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ
މީގެކުރީގެ އަޑުއެހުމެއްގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ

ޔާމީން ރިޝްވަތު ނެގި ކަމަށް ދައުލަތުން ބުނާއިރު، އެ ރިޝްވަތު ދިން މީހެއްގެ ގޮތުގައި ދައުލަތުން ދައުވާކުރި ކްރިކް ރިޒާގެ މައްސަލަ އަނބުރާ ގެންގޮސްފައިވާތީ ވެސް ހަމްޒާ ސުވާލު އުފެއްދެވި އެވެ. މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިން ކަމަށް ބުނެ ސަންގެ ދެ ކުންފުންޏަކަށް ކުރި ދައުވާ ސާބިތެއް ނުވެ އެވެ. އެ މައްސަލަ އިސްތިއުނާފު ނުކުރަން ވެސް ދައުލަތުން ވަނީ ނިންމައިފަ އެވެ. 

އެހެންވެ، މި މައްސަލަގައި ހިމެނޭ އެހެން މީހުން ދޫކޮށްލައި، ހަމައެކަނި ޔާމީންގެ މައްސަލައިގައި ދައުލަތުން މަސައްކަތް ކުރާތީ، ދައުލަތުގެ ނިޔަތާ މެދު ވެސް ހަމްޒާ ސުވާލު އުފެއްދެވި އެވެ. 

މި މައްސަލައިގައި އިއްޔެ ދައުލަތުން ވެސް ހުލާސާ ބަޔާން އިއްވާފައިވާއިރު، މިހާ ހިސާބުން ޝަރީއަތުގެ އަޑުއެހުންތައް ވަނީ ނިމިފަ އެވެ. މައްސަލަ ބައްލަވާ ގާޒީ ވަނީ މި މަހުގެ 29 ވަނަ ދުވަހު މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މި މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނަތް ހިންގި މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. މިހާރު ކުރިއަށް ދަނީ އެ މައްސަލަ ސާބިތުވާ ކަމަށް މީގެކުރިން އެ ކޯޓުން ކަނޑައަޅާފައި އޮތް ނިންމުން ބާތިލްކޮށް ހައި ކޯޓުން އަލުން ބަލަން އަންގާފައިވާތީ ހިންގާ ޝަރީއަތެވެ.