ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
29 ޖުލައި 2023 - 12:51
ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އާ ދެކޮޅަށް ކްލަބް އީގަލްސް ނުކުންނައިރު، މިހާރު މާލޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ރޯގާ، ޓީމު ތެރޭގައި ފެތުރިފައިވާކަމުގެ ކަންބޮޑުވުން ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހާމަ ކޮށްފި އެވެ.
އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޯޗު މޯހަން ބުނީ ރޯގާގެ މައްސަލަ ދިމާވެފައި ވިއަސް އުންމީދަކީ ތިބި ކުޅުންތެރިންނާ އެކު ކާމިޔާބު ހޯދުން ކަމަށެވެ.
"ހާލަތު އެންމެ ރަނގަޅެއް ނޫނޭ ދަންނަވަން ޖެހޭނީ، މި އުޅޭ ރޯގާގެ ކަންތައް ވަރަށް ބޮޑަށް ޓީމު ތެރޭ ކުޅުންތެރިންނަށް ފެތުރިގެން މި އުޅެނީ. ވަރަށް ގިނަ ކުޅުންތެރިން އެކަމުގައި އެބަ އުޅޭ،" މޯހަން ބުންޏެވެ.
"އެއީ އެންމެ ބޮޑު އެއް ކަމަކީ. އެހެން ނަމަވެސް އިރާދަ ކުރެއްވިއްޔާ އުންމީދު ކުރަނީ މި ތިބަ ކުޅުންތެރިންނާ އެކު ރަނގަޅު މެޗެއް ކުޅެ، ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމަށް."
ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެން އީގަލްސް ލީގުގެ ދެވަނައިގައި އޮތީ، މާޒިޔާ އަށް ވުރެ ދެ ޕޮއިންޓް ފަހަތުގަ އެވެ. ގްރީން އަށް އަދި ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ.
މޯހަން ބުނީ، އޭނާ ޓީމާ ހަވާލުވި ފަހުން އަދި ކުޅެވުނީ އެންމެ ދެ މެޗު ކަމަށާއި، ލީގުގެ އެއްވަނައަށް ވިސްނުމަށް ވުރެ، މިވަގުތަށް އެންމެ މުހިއްމީ ގްރީން އަތުން މޮޅެއް ހޯދައިގެން ލީގުގެ ދެވަނަ މަގާމު ދެމެހެއްޓުން ކަމަށެވެ. އަދި މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ އެއީ އަންނަ މަހު އޮންނަ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ މެޗުގެ ކުރިން ކުޅުންތެރިންނަށް ލިބޭނެ ހިތްވަރަކަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ގަލޮޅު ދަނޑުގައި މިރޭ އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހާއިރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދޫ
30 July 2023
ދިވެހި ފުޓުބޯޅަ ކުޅޭތަ؟