ޖަޕާން އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބޭއްވި ބައްދަލުވުން.-- ފޮޓޯ: ފޮރިން މިނިސްޓްރީ
30 ޖުލައި 2023 - 13:32
ވިސާގެ އެއްބަސްވުމަކާ އެކު، ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުންނަ އަންނަ ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ދެ ގައުމުގެ ދެމެދު ބަދަލުކުރި އެއްބަސްވުންތަކަށް ފަހު، ދެ ގައުމުގެ ފޮރިން މިނިސްޓަރުން ގުޅިގެން މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަޔާނެއް ދެއްވި އެވެ.
މިއަދު ސޮއިކުރި އެއް އެއްބަސްވުމަކީ ރާއްޖެ އާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތަކަށް ދެ ގައުމުން ވެސް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެތެރެވުމާ ގުޅޭ އެއްބަސްވުމެކެވެ. އަދި ދެވަނަ އެއްބަސްވުމަކީ، ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ގޮތުން ޖަޕާނުގެ އެހީގައި ހިންގާ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" ޕްރޮގްރާމްގެ ދަށުން އިތުރު ފުރުސަތުތައް މި އަހަރު ދިނުމެވެ.
ޖަޕާން އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ އެ ގައުމުގެ ވަފުދުގެ އިސްވެރިން.-- ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން މިހާރު ވެސް ޖަޕާނުގައި 10 ދިވެހި ދަރިވަރުން ކިޔަވަ އެވެ. އަދި މި އަހަރު އިތުރު ހަ ދަރިވަރަކަށް އެ ފުރުސަތު ދޭނެ އެވެ.
އިތުރަށް ދޭ ސްކޮލަޝިޕްތަކަށް ޖަޕާނު ސަރުކާރުން 122 މިލިއަން ޔެން (13 މިލިއަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓަރުން ދެއްވި ގުޅިފައިވާ ބަޔާނުގައި، މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، މިއީ ޖަޕާނުގެ ފޮރިން މިނިސްޓަރަކު ރާއްޖެ ވަޑައިގެންނެވި ދެވަނަ ފަހަރެވެ. ޖަޕާނަކީ ރާއްޖޭގެ ޒަމާންވީ ގާތް ރަހަމަތްތެރިއެއް ކަން ފާހަގަކުރައްވައި، ރާއްޖޭގެ އިިޖުތިމާއީ، އިގުތިސާދީ އަދި އުމްރާނީ ތަރައްގީ އަށް، މިދިޔަ 50 އަހަރުގެ ތެރޭގައި އެ ގައުމުން ވެދީފައިވާ އެހީތަކަށް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.
ޖަޕާން އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި މިނިސްޓްރީގެ އިސްވެރިން.-- ފޮޓޯ: ފޮރިން މިނިސްޓްރީ
ޝާހިދު ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިންނާއި މޫސުމީ ބަދަލުތަކާ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ވެސް މިއަދު މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، މިއަދު އެކުލަވާލި ވިސާގެ އެއްބަސްވުމާ އެކު، ކައިރި މުސްތަގުބަލެއްގައި އާދައިގެ ޕާސްޕޯޓުގައި ދަތުރުކުރާ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާގެ ލުއިފަސޭހަކަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުރިއެރުމަށް އެ ގައުމުން އަބަދުވެސް އެހީ ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ-ޖަޕާން ހާރިޖީ ގުޅުން ގާއިމްކުރީ ނޮވެމްބަރު 14، 1967 ގަ އެވެ. ދެ ގައުމުގެ ގުޅުމަށް މި އަހަރަށް 56 އަހަރު ފުރޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާބެ
31 July 2023
ވަރަށްވެސް ލަދުގަތް ދުވަހެއް. ރާއްޖެ އެންމެ ނިކަމެތި ފަގީރު ގައުމެއްގެ ގޮތުގައި އޮތް ދުވަސްވަރު ރާއްޖޭގެ އުމްރާނީ، އިޖްތިމާއީއަދި ތައުލީމީ ދާއިރާއަށް އެންމެ ބޮޑު އެހީތެރިކަމެއްވެދިން ގައުމުގެ ފޮރިންމިނިސްޓަރު ރަސްމީ ދަތުރު ފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ދިޔައީ،ސްޓޭޓް މިނިސްޓަރެއް. މިއީ އިހްތިރާމް ކުޑަކަމުގެމިސާލެއް. އިންޑިއާގެ ސްޓޭޓްމިނިސްޓަރަކު ވަޑައިގަތަސް 3 މިނިސްޓަރުންނާއި 32 ސްޓޭޓް މިނިސްޓަރުން ދާނެ މަރުހަބާކިޔަން
ﷲ ބްލެސް ޖަޕާން އެންޑް ދަ ޖަޕަނީޒް ޕީޕަލް
31 July 2023
ޖަޕާނަށާއި އެޤައުމުގެ ރައްޔިތުންނަށް ހިފެހެއްޓުމެއްނެތް ޝުކުރު.??
އަންދަލޫސިޔާ
30 July 2023
ޖަޕާނަކީ އެއްވެސް ޝަރުޠަކާނުލައި ދިވެހިރާއްޖެއަށް އެހީވާ ޤައުމެއް. އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް އެއްވެސް ވިސާއަކާނުލާ ރާއްޖޭގައި އުޅެން ފުރުޞަތުދޭންޖެހޭ.