ދުނިޔެ / ފަލަސްތީން

ފަލަސްތީނު ރެފިއުޖީންގެ ކުރިމަތިލުން އަދިވެސް ކުރިއަށް

ފަލަސްތީނު ރެފިއުޖީ ކޭމްޕް

01 އޯގަސްޓް 2023 - 13:25

3 comments

ލުބްނާންގައި ފަލަސްތީނު ރައްޔިތުން ދިރިއުޅޭ ފޭލިގެ އަވަށެއް ކަމަށްވާ އައިނުލް ހިލްވާގައި، ފަލަސްތީނުގެ ހަނގުރާމަވެރި ދެ ޖަމާއަތެއްގެ ދެމެދުގައި ފެށިފައިވާ ކުރިމަތިލުންތައް ތިން ވަނަ ދުވަހަށް ފުޅާވެ މަދުވެގެން ނުވަ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ލުބްނާންގެ ދެކުނު ބަނދަރު ސަހަރެއް ކަމަށްވާ ސިދޯންގައި އޮންނަ އައިނުލް ހިލްވާ ރެފިއުޖީ ފޭލިވެ އަވަށުގައި ފަލަސްތީނުގެ 55000 އަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެ އެވެ. އެ އަވަށުގައި އުޅޭ ހަނގުރާމަވެރި ދެ ޖަމާއަތެއްގެ މެދުގައި ހަމަލާ ބަދަލުކުރަން ފެށުނީ، އޭގެ ތެރެއިން އެއް ޖަމާއަތެއްގެ އިސް މެމްބަރަކު މަރައިލުމަށް މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާއަކާ ގުޅިގެންނެވެ.

ނަމަވެސް އެ ހަމަލާގައި ބަޑީގެ ވަޒަން އަރައިގެން މަރުވީ، މަރައިލަން ބޭނުންވި މީހާގެ ކައިރީގައި ހުރި އޭނާގެ ގާތް އެކުވެރިއެކެވެ. ބަދަލު ހިފުމުގެ ހަމަލާތައް ފެށުނީ ޖެހިގެން އައި އާދީއްތަ ދުވަހު އެވެ.

ހޮނިހިރު ދުވަހު މަރުވި މީހާ ނިސްބަތްވާ ޖަމާއަތުގެ ހަނގުރާމަވެރިން ހަތިޔާރު އަޅައިގެން މަގުތަކަށް ނުކުމެ އުޅުމުގެ ތެރޭގައި، ފަތަހް ޖަމާއަތުގެ އަސްކަރީ ޖެނެރަލަކާއި އޭނާގެ ތިން ފާރަވެރިން ފެނުމާ އެކު، ބަޑިޖަހައި އެ ހަތަރު މީހުން މަރައިލި އެވެ. އެ ހަމަލާގެ ފަހުން އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވެސް، އައިނުލް ހިލްވާ ފޭލިގެ އަވަށުގައި ބަޑީގެ ހަމަލާތައް ބަދަލުކުރަމުން ދާތީ، އާންމުންގެ މެދުގައި ވަނީ ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިފަ އެވެ.

ފޭލިގެ އަވަށުގައި ފެށިފައިވާ އަސްކަރީ ކުރިމަތިލުން ނިމުމަކަށް ގެނެވޭތޯ ފަލަސްތީނު ސަރުކާރުންނާއި ލުބްނާން ސަރުކާރުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެދެވޭ ހައްލެއް ނުލިބޭތީ، ލުބްނާން ސިފައިން މިހާރު ވަނީ އެ އަވަށަށް ވަދެނުކުތުން މަނާކޮށް، އެ އަވަށަށް ދެވެން އޮންނަ ހުރިހާ މަގުތަކެއް ބަންދުކޮށްފަ އެވެ.

ދެ ފަރާތުގެ މެދުގައި ހަމަލާތައް ވަރުގަދަވާން ފެށުމާ އެކު އާދީއްތަ ދުވަހު، ގިނަ އަދަދެއްގެ ބަޔަކު އެ އަވަށުން ނުކުމެގެން ދިޔަ އެވެ. ނަމަވެސް މަގުތަކުގައި ހިނގާ ކުރިމަތިލުންތައް އިތުރަށް ވަރުގަދަ ވެފައިވާތީ، އިއްޔެ އިން ފެށިގެން އެ އަވަށުން އެކަކަށް ވެސް ނުކުމެވޭ ގޮތެއް ނުވެ އެވެ.

އައިނުލް ހިލްވާ އަވަށުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދ.ގެ އިދާރާ އިން ވެސް މިހާރު ވަނީ އެމީހުންގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އޭގެ އިތުރުން ފޭލިގެ އަވަށުގައި އެއްވެސް ފިހާރައެއް ނުހުޅުވާތީ އާންމުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމުގައި ވެސް ވަނީ ވަރަށް ބޮޑަށް ދަތިކަން ފޯރައިފަ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭ ގޮތުން، ލުބްނާން ސަރުކާރުގެ މަންދޫބުންނާއި ފަލަސްތީނު ސަރުކާރުގެ މަންދޫބުން ހިމެނޭ ވަފުދަކުން އިއްޔެ، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވި އެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވިކަން، ގާނޫނީ ވަކީލަކު މެދުވެރިކޮށް އިއުލާން ވެސް ކުރި އެވެ.

ނަމަވެސް، މަގުތަކުގައި ހިނގަމުންދާ ކުރިމަތިލުންތަކަށް ބަދަލެއް ނާދެ އެވެ. މިދިޔަ ތިން ދުވަހުގެ ހަމަލާތަކުގައި ނުވަ މީހަކު މަރުވި އިރު، ޒަޚަމްވި މީހުންގެ އަދަދު ވަނީ 37 އަށް އަރައިފަ އެވެ.

އައިނުލް ހިލްވާ ފޭލިގެ އަވަށަކީ، ލުބްނާންގައި ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅޭ 12 ފޭލިގެ އަވަށުގެ ތެރެއިން އާބާދީ އެންމެ ބޮޑު އެއް އަވަށެވެ. އިޒްރޭލު ސިފައިން 1948 ވަނަ އަހަރު ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ފަލަސްތީނު ރައްޔިތުން ފައްސައި ބޭރުކޮށްލުމުން އެންމެ ގިނަ އަދަދެއްގެ ބަޔަކު ރެފިއުޖީންގެ ގޮތުގައި ދިޔައީ ލުބްނާނަށެވެ.

ލުބްނާން ސަރުކާރާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރި، ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާ ދެމެދު 1969 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ލުބްނާންގައި ހުރި ފަލަސްތީނުގެ ރެފިއުޖީ ފޭލިގެ އަވަށްތަކަށް ލުބްނާން ސިފައިން އާންމު ގޮތެއްގައި ނުވްނަނާނެ އެވެ.

އެހެން ނަމަވެސް، މިހާރު އައިނުލް ހިލްވާ ފޭލިގެ އަވަށުގައި ހިންގަމުންދާ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމުގެ ގޮތުން އެ އަވަށަށް ލުބްނާން ސިފައިން ވަދެ، ހަނގުރާމަވެރިންގެ ހަތިޔާރުތައް އަތުލުމަށް، ލުބްނާންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދަނީ ގޮވާލައްވަމުންނެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަކާގޯ އަބުސީ ތުޅާދޫ

02 August 2023

ދެން މިމީހުންނަށް ނަސްރާ ނަސީބުލިބޭނެގޮތެއް ކޮބާ ؟ އެއްބަޔަކު އަނެއްބަޔަކު ވެރިކަމާހެދި ހޭބަލިވަނީ. ޔަހޫދީން ޒައިނިސްޓުން ބާރުގަދައީ އެއްބައިކަމާއެކު ތިބޭތީ. ބޯހަލާކު

The name is already taken The name is available. Register?

ޙުމޭރާ

01 August 2023

ފަލަސްތީނަށް މިނިވަން ކަމެއް ލިބޭނީ މިހުރިހާ ޖަމާއަތްތައް އެއްބައިވި ދުވަހަކުން.

The name is already taken The name is available. Register?

ޖުހާ.

01 August 2023

ވެރިކަމާހެދި އުޅޭބަޔަކު ދުވަހަކުވެސް އެއްބައެއް ނުވާނެ. ކޮންމެ ބަޔަކުވެސް ދީން އައްޑަނައަކަށް. ހަދައިގެން ނަޣުރާކުރަމުން ނިކުންނަނީ. މި ދީނަށް ދެން ނަސްރެއް ލިބޭނީ މަހުދީ އިމާމު ވަޑައިގެންނެވި ދުވަހަކުން. އެދުވަހުން ބިމުގައި ހަނގުރާމަ ކުރެވޭނީ ހައްގާއި ބާޠިލާ ދެމެދު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454