ޚަބަރު / ރިޔާސީ އިންތިޚާބު 2023

ދަށު ކޯޓުގެ ހުކުމެއް އޮތަސް އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ؛ އެކަމުގައި ގެއްލުމެއް ނެތް: ޔާމީންގެ ވަކީލް

ޔާމީންގެ ޝަރީއަތުގެ ތެރެއިން: ވަކީލް ހަމްޒާ ވިދާޅުވީ ދަށު ކޯޓުގެ ހުކުމެއް އޮތަސް، އެ މީހަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް

ދަށު ކޯޓުން ހުކުމެއް އިއްވާފައި އޮތް މީހަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ޖެހޭ ކަމަށާއި އެކަން އެއަށްވުރެ ހަނިކޮށް މާނަކުރުމުގެ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ފޯމް ހުށަހެޅުއްވި ނަމަވެސް، އެ ފޯމް ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމި އެވެ. އެގޮތަށް ނިންމީ އެ މަނިކުފާނުގެ މައްޗަށް ރިޝްވަތާއި މަނީލޯންޑްރިންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައި އޮތުމުންނެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހާއަކީ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ.

އެހެންވެ، އެކަމަށް ޗެލެންޖްކޮށް ޔާމީންގެ ފަރާތުން ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

މިއަދު މެންދުރު ފަހު ފެށި ޝަރީއަތުގެ އަޑުއެހުމުގައި މައްސަލަ ހުށަހަޅަން ޔާމީނަށް ދިން ފުރުސަތުގައި އެ މަނިކުފާނުގެ ވަކީލްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ހަމްޒާ ލަތީފް ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓަށާއި ރައީސަކަށް ލިބިދޭންޖެހޭ ދުސްތޫރީ ފުރިހަމަ ރައްކާތެރިކަން ގާނޫނުއަސާސީން ތަސައްވަރުކުރާ ކަމަށެވެ. އަދި، 109 ވަނަ މާއްދާގައި ބުނާ ހުކުމަކީ ނިހާއީ ހުކުމަކަށް ވަންދެން ރިޔާސީ ކެންޑިޑޭޓަކަށް ގާނޫނީ ގޮތުން ލިބިގެންވާ ހައްގު ފުރިހަމައަށް ކަށަވަރުވާ ކަމަށެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ލިބިދެވޭ ފުރުސަތު ފުރިހަމަ ގޮތުގައި ލިބިދިނުމަކީ އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުވަތަ ސްޓޭޓަށް ގެއްލުމެއް ނުވަތަ އިއާދަނުކުރެވޭނެވަރުގެ ހުސްކަމެއް ނުވަތަ އެކަމުގެ ރެމެޑީ ނެތް ކަމެއް ނޫން: ވަކީލް

އެކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ހާލަތެއް، މެދުވެރިވެއްޖެ ނަމަ އެ ޒިންމާ ހަވާލުކުރާނެ ނައިބަކު ކޮންމެ ރިޔާސީ ކެންޑިޑޭޓެއް ނުވަތަ އިންތިހާބު ކާމިޔާބުކުރާ ރައީސަކު އައްޔަންކުރަން ޖެހޭ ކަމަށެވެ. އެކަން އެގޮތަށް އޮތީ، ހަމްޒާ ވިދާޅުވި ގޮތުގައި ދައުރު ފެށުމަށް ފަހު ނުވަތަ އޭގެ ކުރިން ވެސް ރައީސްގެ މަގާމު އަދާނުކުރެވޭ ފަދަ ދާއިމީ ސަބަބެއް މެދުވެރިވާ ހާލަތުގައި ގައުމު ދުސްތޫރީ ހުސްކަމަށް ނުދިޔުމަށްޓަކަ އެވެ.

އެފަދަ ހާލަތެއް އައިސްފި ނަމަ، ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އޭނާއާ އެކު އިންތިހާބުވި ނައިބަށް ހަވާލު ކުރެވޭ ގޮތަށް އޮތުމުން އެ ގާނޫނީ ހުސްކަން ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، ހަމްޒާ ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ ކެންޑިޑޭޓަކަށް ލިބޭ ފުރުސަތު އެއްވެސް މިންވަރަކަށް ހަނިކޮށް މާނަކުރުމުގެ ސަަބަބެއް ނެތެވެ.

"ރިޔާސީ ކެންޑިޑޭޓަކަށް ލިބިދެވޭ ފުރުސަތު ފުރިހަމަ ގޮތުގައި ލިބިދިނުމަކީ އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުވަތަ ސްޓޭޓަށް ގެއްލުމެއް ނުވަތަ އިއާދަނުކުރެވޭނެވަރުގެ ހުސްކަމެއް ނުވަތަ އެކަމުގެ ރެމެޑީ ނެތް ކަމެއް ނޫން،" އޭނާ ފާހަގަކުރެއްވި އެވެ.

ސުވާލު އުފެދިފައި އޮތް ޔާމީންގެ ކެންޑިޑެންސީއާ އެކު ރަނިންމޭޓެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ކުރިން ނައިބު ރައީސްކަން ކުރެއްވި އަދި، ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލުގެ ނަމެވެ.

އެދުނީ މާއްދާގައި އޮތް ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި މާނަކޮށްދޭން

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދެފައިވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) މާނަކޮށްދިނުމަށެވެ. އެގޮތަށް އެދުނީ ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވި ގޮތުގައި އީސީން އެ މާއްދާ މާނަކޮށްފައިވަނީ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމަށް އިސްކަމެއް ނުދީ، އެކަންކަމަށް އުނިކަން ލިބޭ ގޮތަށް މާނަކޮށްފައިވުމުންނެވެ.

މީހެއްގެ މައްޗަށް ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ދިގު ހުކުމެއް އަންނަ މީހަކަށް ދެން އިންތިހާބުގައި ވާދަކުރެވޭނީ އޭގެ ފަހުން ދެ ހާލަތެއް މެދުވެރިވެގެންނެވެ. އެއީ ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރުވުން ނުވަތަ މާއުފުކުރިތާ ތިން އަހަރުވުމުންނެވެ. ނަމަވެސް، މަތީ ކޯޓަކުން ހުކުމް ބާތިލްކުރާ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނެތެވެ.

ޔާމީންގެ ވަކީލުންގެ ދިފާއު ބިނާކޮށްފައިވަނީ މިކަމުގެ މައްޗަށެވެ.

ވަކީލް ވިދާޅުވި ގޮތުގައި 109 ވަނަ މާއްދާގައި ބުނަނީ ދަށު ކޯޓުން ކޮށްފައިވާ ހުކުމެއް ކަމުގައި މާނަކޮށްފިނަމަ، މަތީ ކޯޓަކުން އެ ހުކުމެއް ބާތިލް ކުރާ ހާލަތުގައި ވެސް އެމީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފުރުސަތެއް ނޯންނާނެ އެވެ. އެއީ، އެ ހާލަތުގައި އަމަލުކުރާނެ ގޮތް އެ މާއްދާގައި ނުލިޔެ، އެހެން ދެ ހާލަތެއް ހަމައެކަނި އޮތުމުން 109 ވަނަ މާއްދާގެ (ޅ) ގައިވާ ޝަރުތު ފުރިހަމަވާ މީހެއް ކަމުގައި ނުބެލެވޭނެތީ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށްދަނީ

އެފަދަ ނަތީޖާއެއް ނުކުންނާނެ ގޮތަކަށް މާނަ ކުރުން ވެގެންދާނީ ވަކީލް ވިދާޅުވި ގޮތުގައި ހައްގެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭ ފަދަ ގޮތަކަށް ގާނޫނުއަސާސީ މާނަކޮށް ތަރުޖަމާކުރުމަށެވެ. އެގޮތަށް އީސީން މާއްދާ މާނަކޮށްފައި އޮތުމުން ޔާމީންގެ ހައްގުތައް ޣައިރު ދުސްތޫރީ ގޮތެއްގައި ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

މިކަން ހައްލު ވާނީ ވަކީލް ވިދާޅުވި ގޮތުގައި 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ހުކުމަކީ އިސްތިއުނާފީ މަރުހަލާތަކުން ދަމަހައްޓާފައިވާ ހުކުމެއް ކަމަށް މާނަކޮށްގެންނެވެ.

"ގާނޫނުއަސާސީގެ 109 ގެ (ޅ) ގައި ބުނާ ހުކުމަކީ އިސްތިއުނާފު މަރުހަލާތަކުން ބެލި، އަޕްހޯލް ކުރެވި، ރެސް ޖުޑިކާޓާއަށް ނުވަތަ ނިހާއީ ހުކުމަކަށް ވެފައިވާ ހުކުމަކަށްވުމަށްފަހު، އެ ހުކުމް މަތީ ކޯޓަކުން ބާތިލް ކުރުމުގެ ފުރުސަތެއް ނޯންނާނެ، ދެން އެ މީހަކު ސަލާމަތް ވާނީ އެހެންޏާ ހުކުމް ތަންފީޒުކޮށްގެން ނޫނީ މާފު ލިބިގެން، ވީމާ މި ނުކުތާގެ އަލީގައި ފެންނަނީ 109 ވަނަ މާއްދާގެ (ޅ)ގައި އެ ބުނަނީ މަތީ ކޯޓަކުން ނިމި، އިސްތިއުނާފީ ދޮރު ބަންދު ވެފައިވާ ހުކުމެއްގެ ވާހަކަ ކަމަށް،" ވަކީލް ވިދާޅުވި އެވެ.

އެކަމަށް ބާރުދިނުމުގެ ގޮތުން ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ހުކުމަކަށް ވަކީލް ރިއާޔަތްކުރެއްވި އެވެ. އެގޮތުން، އޭނާ ފާހަގަ ކުރެއްވީ އަބްދުﷲ ހަސީން ވ. ދައުލަތް، މި މައްސަލައަށެވެ. އެ މައްސަލާގެ ހުކުމްގައި ބުނާ ގޮތުން ކޯޓަކުން ކުރާ ކޮންމެ ޖިނާއީ ހުކުމަކީ އޭގެ ޒާތުގައި ތަންފީޒު ކުރުމުގެ ގާބިލްކަން ލިބިގެންވާ ހުކުމެއް ކަމުގައިވިއަސް އެ ހުކުމަށް ފުރިހަމަ ތަންފީޒީ ބާރު ލިބެނީ އެ ހުކުމް ނިހާއީ ހުކުމަކަށްވެގެންނެވެ.

މި މައްސަލައަކީ އޭރު މަޖިލީހުގެ މެންބަރެއް ކަމަށްވާ އިސްމާއިލް އަބްދުއްހަމީދުގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުމާ އެކު އޭނާގެ ގޮނޑިއާ މެދު ސުވާލު އުފެދިގެން ކުރިއަށްދިޔަ މައްސަލައެކެވެ. އެ މައްސަލާގައި މާނަކޮށްފައިވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ ތިންވަނަ ނަންބަރެވެ. އެ މާއްދާގައި ވެސް އޮތީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައި މީހަކު ކަމުގައި ނުވުމެވެ. އެއީ މަޖިލިސް މެންބަރުންގެ ޝަރުތެކެވެ.

ސުޕްރީމް ކޯޓުން މި މައްސަލާގައި، އެ މާއްދާގައި ބުނާ ހުކުމް މާނަކޮށްފައިވަނީ ނިހާއީ ހުކުމެއްގެ ގޮތުގަ އެވެ.

އެހެންކަމުން ކުށް ސާބިތުވެ ހުކުމެއް މީހެއްގެ މައްޗަށް އައިސްފައިވާ ކަމަށް ބެލެވޭނީ ވަކީލް ވިދާޅުވި ގޮތުން އެ ހުކުމެއް އެއީ އިސްތިއުނާފީ މަރުހަލާތައް ފަހަނައަޅައި ދިއުމަށްފަހު ނިހާއީ ހުކުމަކަށްވާ ފަހުންނެވެ. ވީމާ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އޮތް ކަމުގައިވިއަސް، އެއީ ހައިކޯޓުގައި އިސްތިއުނާފު ކުރިއަށްދާ މައްސަލައަކަަށްވާތީ، 109ނ ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުތު ޔާމީންގެ އުނި ނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ފުށުނާރާނެހެން އަމަލު ކުރުމާއި އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ 18 ވަނަ މާއްދާއިން ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން ޔާމީނަށް ވެސް ލިބިދޭ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ކަށަވަރު ކުރުމަކީ އީސީ އާއި ކޯޓުތައް ހިމެނޭ ގޮތަށް ދައުލަތަށް ލާޒިމް ކަމެއް ކަމަށެވެ.

ޕީޕީއެމްއަކީ ބޮޑު ޕާޓީއަކަށްވާއިރު، މިއީ އެ ޕާޓީގެ އާންމު އެތައް މެންބަރުންގެ މަސްލަހަތާ ވެސް ގުޅުން އޮތް މައްސަލައެއްކަން ހަމްޒާ ވިދާޅުވި އެވެ. އަދި، އެއްވެސް ޕާޓީއަކަށް ނިސްބަތްވާ ނުވާ މީހުންގެ ވެސް މަސްލަހަތާ ވެސް ގުޅޭ ކަމެއް ކަމަށެވެ. އެއީ އިންތިހާބެއް އެންމެ އަދުލުވެރިވާނީ، ހަމްޒާ ވިދާޅުވި ގޮތުގައި އެންމެ ވާދަވެރި ކެންޑިޑޭޓުން ވާދަކޮށްގެންނެވެ.

އެހެންވެ، ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް އީސީން ނިންމާފައިވާ ނިންމުން ބާތިލްކޮށް، ޔާމީނަކީ ޝަރުތު ފުރިހަމަވާ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ހަމްޒާ އެދުނެވެ. އަދި، އެނޫން ގޮތަކަށް ނިންމާ ނަމަ، އިންތިހާބަށް އިތުރު ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމްއަށް ފުރުސަތު ދޭން ވެސް އެދުނެވެ.

45 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޔަ

05 August 2023

ކަމެއްކުރުމުން ގެއްލުމެއް ނެތް ކޮންމެކަމެއް ކުރަންވީތޯ,

The name is already taken The name is available. Register?

ރެޓޭ

05 August 2023

މީ ވަރަށް މޮޅު ވަކީލެއްކަމަށް މި ރޭ ފެނުނު މަންޒަރުތަކުން ހާމަވޭ! ވަރަށް ހަމަޖެހިލައިގެން ވާހަކަ ދައްކާ ސާބިކޮށްދޭން ބޭނުންވާ ޙުއްޖަތްތައް ދައްކަވާ މޮޅު ވަކީލެއް!

The name is already taken The name is available. Register?

އަދުރޭ މެތްސް

04 August 2023

ހުމާމު ފޮރ ޕްރެޒިޑެންޓް!

The name is already taken The name is available. Register?

ހަސަން މަނިކު

04 August 2023

ގދ ގައްދޫގެ ކައުންސިލް ރައީސަކީ ވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ރަށުކައުންސިލަށް ކުރިމަތިލި ބޭފުޅެއް. ގާނޫނު ތަންދިނީމަތާ އޭނައަށް ވެސް ކުރިމަތި ލެވުނީ.

The name is already taken The name is available. Register?

ސުންދުސް

04 August 2023

ވަކީލުން ކޮސް ގޮވަނީ. ޔާމީނު އަމިއްލައަށް ހެދި ޤާނޫނުން ޔާމީން ބަނދެވިފަ. ޔާމީން ކުށަކާނުލާ ބޭރުކުރި ފަނޑިޔާރު މުޢުތަޞިމް އަދުނާނު އެ އިންނެވީ އުއްތަމަ ފަނޑިޔާރުގެ ގޮތުގަ. ކަރުމަ!

The name is already taken The name is available. Register?

ހިތާދޫ ފޮށާ

04 August 2023

ހުމާމު ރަނިންމޭޓަކަށް ނަގަންޏާ އަހަރެމެން ތިކަމަށް ލޮލުންބޮލުން ތާއީދު.

The name is already taken The name is available. Register?

ގެދާށޯމޮސް

04 August 2023

އެންމެންވެސް ގަލާނީ ގާނޫނު އަސާސި އެވެ. ތަފާތު ގޮތަކަަށް ބެންޗުން ނުނިންމާނެއެވެ. މޮޅުއޮތީ ޔާމިން ޓީމަށެވެ .

The name is already taken The name is available. Register?

ހާލުގެ ދޫ

04 August 2023

ޔާމީނުގެ ވެރިކަމެއްގައި،ހުއްޓާ ދިވެހިރާއްޖޭގައި އޭނާގެ މައްޗަށް މައްސަލައެއް ބަލާ ހުކުމެއް ނުކުރެވޭނެކަން، އުޑު ފެންނަ ފަދައިން އެނގޭ ކަމެއް. އެފަދަ ހާލަތެއް އަތުވެއްޖެނަމަ، ސްޕްރީންކޯޓުގައި ބާކީހުރި ޓިނުކޮޅު ވެސް ސަލާމަތެއް ނުވާނެ.

The name is already taken The name is available. Register?

ތަރިކަ

04 August 2023

ސްޕްރިމްކޯޓަކީ ކުއްވެރިންނަށް އެވޯޑްދޭ ތަނަކަށް ވެގެންނުވާނެ ޤާނޫނުއަސާސީ ނަގަހައްޓާ ދަމަހައްޓާ ތަނަކަށް ވާންޖެހޭނީ! މިޤައުމުގައި އަމަލުކުރަންޖެހޭނީ މިޤައުމުގައި ހެދިފައިހުރި ޤާނޫނުތަކަށް ޤައުމުތަކުގައި މިބާވަތުގެ މައްސަލަތަކުގައި އަމަލުކޮށްފައިވާގޮތެއްގެ ރެފަރެންސް ދެވިދާނެ! ނަމަވެސް އެއީ އެއަށް ޢަމަލުކުރަންޖެހޭ ސަބަބެއްނޫން!

The name is already taken The name is available. Register?

ނާދރވރެނެއްނު

04 August 2023

ދެން ހޮވިގެން ހުވާކުރަން އަންނަނީ ކިހިނެތް

The name is already taken The name is available. Register?

މީނާ

04 August 2023

ހުވާކުާނީ، އެކޮޅުގައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454