ތިލަމާލެ ބްރިޖު ހެދުމަށް ފަޅުގެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތްކުރުމަށް ގެނައި "މަހަރާޖާ" ޕްލެޓްފޯމް.
05 އޯގަސްޓް 2023 - 12:18
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖު ހެދުމަށް ފަޅުގެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތްކުރުމަށް ބޭނުންވާ ޕްލެޓްފޯމް ރާއްޖެ ގެނެސް، އިއްޔެ ބޭނުންކުރަން ފަށައިފި އެވެ.
ބްރިޖުގެ ޕައިލިން މަސައްކަތްކުރަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ އެއްގަމާއި މޫދުގެ ތިލަ ހިސާބުތަކާއި ފަޅުގެ ފުން ހިސާބުތަކާ އަދި ކަނޑުގެ އެންމެ ފުން ހިސާބުތަކުގައި އެކި ގޮތްގޮތަށެވެ. އެންމެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތަށް ކުރިން ބޭނުންކުރީ، މި މަޝްރޫއުގައި ބޭނުންކުރާ އެންމެ ބޮޑު ފްލޯޓިން ޕްލެޓްފޯމް "ރުމައިލާ" އެވެ.
މޫދުގެ ތިލަ ހިސާބުތަކުގައި ޕައިލިންގެ މަސައްކަތަށް ބޭނުންކުރީ "މަހަރާނީ" ކިޔާ ޕްލެޓްފޯމެކެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފަޅުގެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތްކުރުމަށް "މަހަރާޖާ" ކިޔާ ޕްލެޓްފޯމެއް ގެނެސް، ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އޭގެ ބަރުދަނުގައި 650 ޓަނު ހުންނައިރު، 350 ޓަނުގެ ބަރު އެއްޗެހި އޭގެން އުފުލޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މާލެ އާއި ވިލިމާލެއާ ދެމެދު ކުރަން ޖެހޭ 24 ޕައިލެއްގެ މަސައްކަތަށް މި ޖެކް އަޕް (ޕްލެޓްފޯމް) ބޭނުންކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބްރިޖުގެ ސުޕަސްޓްރަކްޗާގެ މަސައްކަތަށް ވެސް މި ޕްލެޓްފޯމް ބޭނުންކުރާނެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ގުޅިފަޅުގައި ކުރިއަށް ދަނީ.-- ފޮޓޯ: މިހާރު
މި މަޝްރޫއުގެ ދަށުން މާލޭގައި އެއްގަމުގައި ޖަހަން ޖެހޭ ތަނބުތަކުގައި މަސައްކަތް ނިމި، ސުޕަސްޓްރަކްޗާގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އެންމެފަހުން ބުނި ގޮތުގައި، ގުޅީފަޅުގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ ސުޕަސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތަކެވެ. އޭގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެ އެވެ.
ޕްރީކާސްޓް ކުރުމަކީ ބްރިޖްގެ ކޮންސްޓްރަކްޝަނަށް ބޭނުންވާ ބައިތައް އެހެން ތަނެއްގައި ހަދައިގެން ސައިޓަށް ގެންގޮސްގެން ހުރިހާ ބައިތަކެއް ގުޅުވުމެވެ. ކުރިން ސިނަމާލެ ބްރިޖު ހެދިއިރު މި ބައިތައް ގެނައީ ޗައިނާގައި ހަދައިގެންނެވެ. މިފަހަރު އެ މަސައްކަތްކުރަނީ ގުޅީފަޅުގަ އެވެ.
މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލަން 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ނިންމާފައިވެ އެވެ. އެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެފަހުން ވިދާޅުވި ގޮތުގައި، މި ބްރިޖުގެ މަސައްކަތް ނިމޭނީ އަންނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަހިދު ރަމީޒު
06 August 2023
ތިތަން ބަލަން ޕްލެޓްފޯމެއް ނެތް؟
ޖައިސާމް
05 August 2023
ހަގީގަތަކީ އިންޑިއާ ކުންފުނިތައް ޗައިނާ ކުންފުނިތައްހާ މަސައްކަތު ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވޭކަން. ހުރިހާ ގެއްލުމެއް ދިވެހިންނަށް
މަ ބުނީ
05 August 2023
ބް ރި ޖު ފުން ހިސާ ބު ގައި ޕައިލް ޖެހުމަށް ޕްލެޓު ފޯމް އެއް ގެނައީއެއްނޫން. ގުޅި ފަޅު ގައި ހެދީ ނު ވަތަ ބަނީ ނުވަތަ ރޭވީ މީ އަޅުގަނޑުމެން ގެ ލޯ މަތީ ހިނ ގާ ދާ ކަންކަށް އެހެން ވީމާ ބުނެލީ!!!؟.
އަލި
05 August 2023
ތިތަންވެސް ކޮންމެވެސް ޒަމާނަކުން ނިމޭނެކަންނޭންގެ..
އަހޫޫ
05 August 2023
އަންނަ އަހަރައްވެސް ތިޔަތަނަ ނުނިމޭނެ ތިޔަތަން ނިންމަންޔާ ކުރިޔައް އޮތް 5 އަހަރު އިބޫއައް ދޭނޖެހޭނެ.
ތައްޓޭ
05 August 2023
އެތައްބަޔަކު ބުނި ކުރިން އެޅިބުރިޖުވެސް އެޅިތަން ފެންނާނެ ލޮލެއް ނުހުންނާނޭ، މިބުރިޖުވެސް އިންޝާﷲ ނިމޭނެ އަދި އެތަންފެންނާނެ މީހުންތިބޭނެ....
އަސްރަފަ
05 August 2023
ނޮވެމްބަރު 9 ވަނަ ދުވަހު އިންނަ އިންތިހާބަގަ އިންޑިއާއަށް ނޫނެކޭ ބުނަމާ
އަޅެފަހެ
05 August 2023
މަހާރާޖާއާ މަހާރާނީއާ އެކުވެގެން ކުރާ މަސައްކަތެއް ނުފެނޭ ލޮލަކަށް. އިންޑިއާ މަސައްކަތްތެރިން ވިހާ ގިނަ ކުރާތަން ހަމައެކަނި ފެންނަނީ.
އަހުމަދުބޭ
05 August 2023
އަނެއްކާ ތިޔަ ޕުލެޓްފޯމް ފަރަށް އަރުވައިނުލައި ތިކަން ނިމޭތޯ ބަލައިދީބަލަ، މިހެން މިބުނީ ތިޔަތަނަށް ގެންނަ ތަކެތި ފަރަށް އަރާވަރުން
ދަންނަ ނުދަންނަ
05 August 2023
އެކަމަކު ބުނި ދެން ޕުލެޓްފޯމްއެއް ނުގެންނާނެޔޯލަ މީ ކޮންއެއްޗެއްބާ ، ދިވެހިން ދަރުވާލާ އަނދަގޮނޑި ޖައްސާފަވެސް ތި ބުރިޖުވާނެ އަޅަން