ޔާމީން: އެމަނިކުފާނުގެ މައްޗަށް އޮތީ ސާބިތު ދަރަންޏެއް ކަމާ މެދު ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތު - ފޮޓޯ: މިހާރު
06 އޯގަސްޓް 2023 - 07:22
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ރިޔާސީ ކެންޑިޑެންސީއާ ދެމެދަށް މިވީހާ ތަނަށް ހުރަކަށް ފެންނަން އޮތީ ޖަލު ހުކުމެއް އެކަންޏެވެ. އެކަމަކު، އޭގެ އިތުރުން ވެސް ގާނޫނުއަސާސީން ކަނޑައަޅާފައިވާ އިތުރު ޝަރުތެއް އުނިވާކަން މިހާރު ވަނީ ހާމަވެފަ އެވެ. އެއީ، ސާބިތު ދަރަންޏެއް އޮތުމެވެ. އެ ދަރަނީގެ މައްސަލަ ވެސް ބޮޑު ބަހުސަކަށް ވަނީ ވެފަ އެވެ.
އާރަށު މައްސަލާގައި ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރި އެވެ. އެ ޖޫރިމަނާގެ ފައިސާއަކީ ޔާމީންގެ ފަރާތުން ދައުލަތަށް ހަ މަސް ދުވަހުގެ ތެރޭ ދައްކަން އަމުރުކޮށްފައިވާ ފައިސާއެއް ނަމަވެސް، މިވީހާ ތަނަށް އެ ދައްކައިފައެއް ނުވެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއްވި ހުކުމަށް މިހާރު ހަ މަސް ވެފައިވާއިރު، ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ހައި ކޯޓުގައި އެދިފައިވީ ނަމަވެސް، އެ އަމުރު މިހާތަނަށް ހައި ކޯޓުން ނެރެފައެއް ނުވެ އެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައިވާ ނަމަ ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. މި މާއްދާ އަށް ރިއާޔަތްކޮށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އެ ޝަރުތު ވެސް ޔާމީންގެ ފުރިހަމަ ނުވާ ކަމަށެވެ.
"ޔާމީންގެ ސާބިތު ދަރަންޏެއް އެބަ އޮތް، ޖިނާއީ މައްސަލައެއްގައި އުގޫބާތެއްގެ ގޮތުގައި އޮތް ޖޫރިމަނާއެއް އެބައޮތް. އެ ފައިސާ ދައްކާ ހަލާސްކުރި ކަމަކަށް ޑީޖޭއޭގެ ރިކޯޑަކުން ނުދައްކާ،" އިލެކްޝަން ކޮމިޝަންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވި އެވެ.
އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއްގެ ކަމަށް ކޮމިޝަނުން މާނަކޮށްފައި ވަނީ، މަހުފޫޒު ވިދާޅުވި ގޮތުގައި އެ ފައިސާއަކީ ދައުލަތަށް ޔާމީން ދައްކަން ޖެހިފައިވާ ފައިސާއެއް ކަމަށް ވާތީ އެވެ. ދައުލަތަށް ދައްކަން ޖެހިފައިވާ ފައިސާއެއް އެއީ ޖޫރިމަނާއޭ ކިޔަސް، ވާނީ ދަރަންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެ ފައިސާ ދައުލަތަށް ލިބިފައި ނެތުމަކީ އެ ދަރަނި އަދާނުކޮށް އޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބަހުސް ފެށުނީ މިހާ ހިސާބުންނެވެ؛ އިލެކްޝަން ކޮމިޝަންގެ މި މާނަކުރުމާ ޔާމީންގެ ވަކީލުން އަދި ބައެއް އެހެން ގާނޫނީ ބޭފުޅުން ވެސް ދެބަސްވެ އެވެ. ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ގަބޫލުކުރައްވާ ގޮތުގައި، ޖިނާއީ މައްސަލައެއްގެ ތެރެއިން އޮތް ޖޫރިމަނާއެއް ސާބިތު ދަރަނީގެ ތެރެއަށް ނުވަންނާނެ އެވެ. އެ ޖޫރިމަނާ ދަރަންޏެއް ކަމުގައި ބެލެވޭނީ މަދަނީ މައްސަލައެއްގެ ގޮތުގައި ވަކިން ކުރިއަށް ގެންގޮސްގެންނެވެ. އެކަމެއް އަދި ނުހިނގަ އެވެ.
"ސާބިތު ދަރަންޏަކީ ކޯޓަކުން ކަނޑައަޅާ ސިވިލް ލައިބިލިޓީއެއް،" ހަމްޒާ ވިދާޅުވި އެވެ.
އީސީގެ ވަކީލް މަހްފޫޒް: ގަބޫލުކުރައްވާ ގޮތުގައި ޖިނާއީ މައްސަލައެއްގަ އޮތް މަދަނީ އުގޫބާތަކީ ދަރަންޏެއް
ހުރިހާ ބާވަތެއްގެ ޖޫރިމަނާއަކީ ސާބިތު ދަރަނީގެ ގޮތުގައި ބަލާނަމަ، ހަމްޒާ ލަތީފް ފާހަގަކުރެއްވި ގޮތުގައި އިންތިހާބަށް ކުރިމަތިލާން ހުށަހަޅާއިރު މީރާއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮތްތޯ ބަލައި، އެކަމާ ގުޅޭ ލިޔުން ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް، އެފަދަ ލިޔުމެއް ހުށަހަޅަން ނުޖެހޭއިރު އިލެކްޝަންސް ކޮމިޝަނުން މީރާއަށް ދައްކަން ޖެހޭ ޖޫރިމަނާއެއް އޮތްތޯ ނުވަތަ ނެތްތޯ ވެސް ނުބަލަ އެވެ.
މި ބަހުސް ތެރެއަށް ވަންނަވައި، ހަމްޒާގެ އެ ވާހަކައަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ތާއިދު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ ހުކުމަކުން ކަނޑައަޅާ ޖޫރިމަނާއަކީ އުގޫބާތުގެ ވައްތަރެކެވެ. އެއީ މާލީ އުގޫބާތެއް ކަމާއި ސާބިތު ދަރަންޏެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސާބިތު ދަރަނި ގުޅިފައިވަނީ ކޮންޓްރެކްޓަކުން ނުވަތަ އެ ނޫން ވެސް މަދަނީ މުއާމަލާތަކުން އުފެދޭ މާލީ އިލްތިޒާމްތަކާ، އެއީ އެއްވެސް ހާލެއްގައި ޖިނާއީ ކުށަކާ ގުޅޭ އެއްޗެއް ނޫން،" ޑރ. ދީދީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވެސް ބުރަވަނީ މިގޮތަށެވެ؛ އޭނާ ވިދާޅުވި ގޮތުގައި ދަރަނީގެ ގޮތުގައި މާނަ ކުރެވެނީ ދެ މީހަކު ދެމެދު އުފެދޭ މަދަނީ މައްސަލައެއްގައި ނުވަތަ އެއްބަސްވުމެއްގެ ދަށުން މީހެއްގެ މައްޗަށް ދައްކަން ލާޒިމްވާ ފައިސާއެއް ނުވަތަ އެފަދަ ފައިސާއެއް ނުދެއްކުމުގެ ސަބަބުން ބަދަލެއްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއެއް ކަމުގަ އެވެ.
"ޖިނާއީ މައްސަލައެއްގައި ކަނޑައަޅާ ޖޫރިމަނާގެ އަދަބަކީ ސާބިތު ދަރަންޏެއް ކަމުގައި އެއްގޮތަކަށް ވެސް އަޅުގަނޑަކަށް މާނައެއް ނުކުރެވޭ،" ހައިލަމް ވިދާޅުވި އެވެ.
އެހެން އޭނާއަށް މާނަ ނުކުރެވޭ ސަބަބެއް ކަމަށް ދެއްކެވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާ އާއި 189 ވަނަ މާއްދާ އެވެ. އެގޮތުން 188 ވަނަ މާއްދާގައި ޖޫރިމަނާ ސިފަކޮށްފައި ވަނީ އަދަބެއްގެ ގޮތުގަ އެވެ. އެއީ ދަރަންޏެއް ކަމަށް ބުނެފައެއް ނެތެވެ. އެއާ އެކު 189 ވަނަ މާއްދާގައި ބަޔާންކުރަނީ ޖިނާއީ މައްސަލައެއްގެ ތެރެއިން ދަރަންޏެއް އުފެދޭ ހާލަތެވެ. މާއްދާގައި ބުނަނީ، ޖިނާއީ މައްސަލައެއްގެ ޝަރީއަތް ނިމި ހުކުމްކުރިއިރު އެ ކުށުގެ ސަބަބުން ގެއްލުންވި ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދޭން ނިންމާފައިވާނަމަ، އެފަދަ ގެއްލުމުގެ ބަދަލަކީ ކުށް ސާބިތުވި މީހާ، އެ ފަރާތަށް ދައްކަންޖެހޭ ދަރަންޏެއް ކަމަށެވެ.
"ވަރަށް ފަސޭހަ ތަރުޖަމާއެއް މީގެން މި ނެގެނީ، ޖޫރިމަނާއަކީ އަދަބެއް، އެއީ ދަރަންޏެއް ނޫން." އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ހައިލަމް: އޭނާ ވިދާޅުވާ ގޮތުގައި ޔާމީންގެ މައްޗަށް އޮތީ ސާބިތު ދަރަންޏެއް ކަމަށް މާނައެއް ނުކުރެވޭ
ނަމަވެސް، މިކަމާ ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅުން ދައްކަވަނީ ސުޕްރީމް ކޯޓުގެ ހުކުމެކެވެ. އެ މައްސަލައަކީ ކައުންސިލް އިންތިހާބަށް ކުރިމަތިލީ މީހަކު ދަރިންގެ ހަރަދު ނުދައްކާ އޮތުމުން ކެންޑިޑެންސީ ބާތިލްކުރުމުން ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ މައްސަލައެކެވެ. އެ މައްސަލާގައި ދަރިންގެ ހަރަދަކީ ސާބިތު ދަރަންޏެއް ނޫން ކަމުގައި ވަކާލާތު ކުރި ނަމަވެސް، ހުކުމްގައި އެ ހަރަދު ވެސް ސާބިތު ދަރަނީގެ ގޮތުގައި ހިމެނޭ ކަމުގައި ކަނޑައެޅި އެވެ.
އަދި ކޮންމެ ނަމެއް ކިޔަސް ކޯޓަކުން ކަނޑައަޅާ ހުކުމަކުން އަންނަ ކޮންމެ ފައިސާއެއް ވާނީ ދަރަންޏަށް ކަމަށް ކަނޑައެޅި އެވެ.
"ސާބިތު ދަރަންޏަކީ، ކޯޓުގެ ހުކުމެއްގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ދެއްކުން ލާޒިމުވާ ފައިސާ. އެ ފައިސާއަކީ ދަރިންގެ ހަރަދު ކަމަށް ވިޔަސް، އަނބިމީހާ އަށް ކުރަންޖެހޭ ހަރަދު ކަމަށް ވިޔަސް، މައިންބަފައިން ބެލުމުގެ ހަރަދު ކަމަށް ވިޔަސް ނުވަތަ ދޯންޏެއް މަރާމާތު ކުރުމުގެ ހަރަދެއް ކަމަށް ވިޔަސް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭ ފައިސާއެއް ކަމަށް ވިޔަސް، މީހަކު އެހެން މީހަކަށް ދައްކަން ކޯޓުގެ އަމުރަކުން ލައްވާ ކޮންމެ ފައިސާއަކީ ސާބިތު ދަރަނި،" ފަނޑިޔާރު ހުސްނުއްސުއޫދު ނެރުއްވި ހުކުމްގައިވެ އެވެ.
ޔާމީންގެ މައްސަލާގައި އިލެކްޝަން ކޮމިޝަނުން ވެސް ބަރޯސާވި މި ހުކުމުން އެނގިގެން ދަނީ ކޯޓު ހުކުމެއްގެ ދަށުން ދައްކަން ޖެހޭ ކަމަށް ކަނޑައެެޅޭ ކޮންމެ ފައިސާގެ އަދަދަކީ ވެސް ސާބިތު ދަރަންޏެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
"ސުޕްރީމް ކޯޓުން ވަރަށް ސާފުކޮށް ބުނެދީފައި އެ ވަނީ ކޮންމެ ނަމެއް ކިޔަސް މީހަކު މީހަކަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށްވާނަމަ އެ ވާނީ ދަރަންޏަށް ކަމަށް، މި މައްސަލާގައި ޔާމީނަށް އެ ފައިސާ އެ ވަނީ ދައުލަތަށް ދައްކަން ޖެހިފައި. އެކަން ކަނޑައަޅާފައި ވަނީ ހުކުމަކުން، އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައެއް ނެތް. އެހެންވެ އެއީ މި ހާލަތުގައި ސާބިތު ދަރަންޏެއް ޔާމީންގެ މައްޗަށް އޮތް،" ވަކީލަކު ވިދާޅުވި އެވެ.
ވަކީލްގެ މި ނުކުތާއަށް ބާރު ދެއްވުމުގެ ގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ މާއްދާއެއް ވެސް ފާހަގަ ކުރެއްވި އެވެ. އެއީ 363 ވަނަ މާއްދާ އެވެ؛ އެ މާއްދާގައިވާ ގޮތުން ކްރިމިނަލް ކޯޓުން ކުރާ ހުކުމްތަކުގައި ހިމެނޭ މަދަނީ ބައި ތަންފީޒުކުރުމުގެ އިހްތިސޯސް ސިވިލް ކޯޓަށް އޮވެ އެވެ.
"ޖިނާއީ މައްސަލަތަކުގައި ކަނޑައަޅާ މަދަނީ އަދަބުތައް ތަންފީޒުކުރުމުގެ އިހްތިސޯސް އެބަ އޮވޭ ސިވިލް ކޯޓަށް. އެހެންވީމަ ކޯޓުން އެބަ ބަލައިގަނެވޭ އެއީ އެ މީހެއްގެ މައްޗަށް އޮންނަ ދަރަންޏެއް ކަމަށް، ތަންފީޒުކުރާ ކޯޓުގެ ޒިންމާއަކަށް ވަނީ އެ ހުކުމް ތަންފީޒުކުރުން، އެއަށް އިތުރު ގޮތްތަކެއް ކަނޑައެއް ނާޅާނެ. އެހެންވީމަ ވެސް އެބަ އެނގޭ އެއީ ދައްކަން ޖެހޭ ދަރަންޏެއްކަން." ވަކީލް ވިދާޅުވި އެވެ.
"ދަރަންޏަކަށް މިވަނީ އެއީ ދައްކަން ޖެހޭ ފައިސާއަކަށް ވީމަ."
މަހުފޫޒު ސައީދު ވެސް ވިދާޅުވި ގޮތުގައި ޖިނާއީ މައްސަލައެއްގެ ތެރެއިން ކުރާ ޖޫރިމަނާގެ ފައިސާގެ އަދަދަކީ އެއަށް ޗެލެންޖުކޮށް ބަހުސްކުރެވެން އޮތް އެއްޗެއް ނޫނެވެ. އެ ފައިސާއަކީ އެއަށް އެއްވެސް އުނި އިތުރެއް ގެނައުމަކާ ނުލައި ދައުލަތަށް ދައްކާ ހަލާސްކުރަން ޖެހޭ ފައިސާއެކެވެ. ސިވިލް ކޯޓަށް ހަމައެކަނި ކުރެވެން އޮންނާނެ ކަމަކީ އެ ފައިސާ ދެއްކިކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމެވެ.
ޖިނާއީ މައްސަލައެއްގެ ތެރެއިން އޮތް ޖޫރިމަނާގެ އަދަބެއް އެއީ ސާބިތު ދަރަންޏެއްތޯ ނުވަތަ ނޫންތޯ ކަމާ މެދު ސުވާލު އުފެދި، ރިޔާސީ ކެންޑިޑޭޓެއްގެ ކެންޑިޑެންސީއާ މެދު އެކަން ހުރަކަށްވި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއަދު މި މައްސަލާގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އިއްވަވާ ހުކުމްގައި މިކަމާ ގުޅޭ މުހިންމު ނިންމުންތަކެއް ހިމެނޭނެ ކަމަށް ގަބޫލުކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދެއާދެ
06 August 2023
މިއަދު ޔާމީނާ ޖެހުނީމަ ހުރިހާ ކަމެއްވެސް ތަރުޖަމާވެ މާނަ ނިކުންނަ ގޮތް ވަރަށް ބޮޑަށް ތަފާތުވާނެ. ވެރިކަން ބަދަލުވެގެން އެހެން ބޮޑު މީހަކު ތިޔަ ކަހަލަ ކަމެއްގަ ތާށިވީމަ އެނގިދާނެ ތިޔަ ކަންކަމުގެ މާނަ ނެރޭ ގޮތް. މިގައުމުގަ ސިޔާސީ ކަންކަން ހިނގާނީ އަބަދުވެސް ތިޔަހެން.
ނުދޭނެފަރުވާ
06 August 2023
އެތައް ގޮތަކަށް ދަރާފަ ތިބޭ މީހުންނަށް މި ގައުމުގަ ހައްޖަށް ދެވޭ ދަރާފަ އޮވެގެން. އެކަމު މިގައުމުގެ އެންމެ މަތީ ކޯޓަށް ފަރުވާއެއް ހޯދައިނުދެވުނު ޔާމީން ދައްކަންޖެހޭ ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސާފަ ރައީސްކަމަށް ކުރިމަތިލެވޭނެ ފުރުސަތު ހޯދައިދޭކަށް. ގާނޫނު އަސާސީގެ ކަރާމާތް ނަގަހައްޓަން އުޅުނުއިރު ކޯޓަކުން ގަސްތުގައި ޝަރީއަތެއް ލަސްކޮށްގެން މީހެއްގެ ހައްގު ނިގުޅައިގެންއިރު ކޯޓުތަކާ ދައުލަތުގެ 3 ވަނަ ބާރުގެ ކަރާމާތެއް ނުގެއްލުނުބާ؟
ރެފްރީ
06 August 2023
އެއީވެދާނެ ހުވަފެނީދަރަންޏެއްކަމަށްވެސް. ޔާމީނު ޔާމީނު . ދަރަނި އަރަނި . އެފައިސާ މިފައިސާ
ނޫނޭ.
06 August 2023
ޖޫރިމަނާއާއި ދަރަނި ތަފާތު. އިސްލާމީ އުސޫލުގައި ދަރަންޏަކީ ވަކި މުއްދަތެއްގެ ތެރޭގައި އެހެން މީހަކަށް އަނބުރާދޭ ގޮތަށް ނަގާ ފައިސާއެވެ. ޖިނާޢީ މައްސަލައެއްގައި ކުރާ ޖޫރިމަނާ މި މަފްޙޫމްގެ ތެރެއަށް ގެނައުމުން ރީތިކޮށް އޮތް ކަމެއް އޮޅުވާލެވުނީއެވެ.
ދެރަ
06 August 2023
ޔާމީނަކަށް ކުރިމަތި ނުލެވުނު. ސުޕްރީމް ކޯޓުން އެ ނިންމީ އެގޮތަށް
ގައްބަރޭ
06 August 2023
މިގައުމުގަ އެންމެންވެސް ދިރިއުޅެނީ ދަރަނި ދައްކައިގެން އޭގެ ތެރޭގައި ބޭންކު ރިބާލޯނު ކަރަންޓުބިލް ފެންބިލް މަހަކު ދެފަހަރު އަންނަ ފޯނުބިލް މީޑިޔާ ނެޓު މީރާ ޓްރާންސްޕޯރޓް އައިޑީކާޑު ޕާސްޕޯރޓު ގައުމަކީ މަދު ބަޔަކު މުއްސަދިކަން ފޭރިގަނެފައިވާ ތަނެއް ގައުމުގެ ރައްޔަތުންނޭ ހޭއަރާކަށް ނުވޭތޯ.... ދައުލަތަށް ރައްޔަތުންގެ ވޯޓަކުން ގެނެވޭ މީހާ ވާންޖެހޭނީ އިޚުލާސްތެރި ދީންދެކެ ރައްޔަތުންދެކެ ލޯބިވާ މީހަކަށް ހަމަ އަތުޖެހޭ އިރަށް ގޯންޏަށް ކަހާލާ މީހަކަށް ވެގެން ނުވާނެ.
އަފްރާސިޔާބު
06 August 2023
ތިޔަ ނަން ބުނި ހުރިހާ ޚިދުމަތަކީވެސް ދައްކަން ނުޖެހޭ އަމިއްލަ ފައިސާ އެވެ. ބޭންކުން ނަގާފައިސާވެސް ދައްކާކަށް ނުޖެހޭނެއެވެ. އެ ދައްކަނީ ފަގީރުން އެކަންޏެވެ. ތިޔަކަލަ ކޮސްގޮވާ މީހުން ގިނަވުމުގެ ނަތީޖާ މިއަދު ވެސް ފެނިގެން މިދިޔައީ.
ރެފްރީ
06 August 2023
ތިޔަބުނާހުރިހާއެއްޗެއްވެސް އެންމެފަގީރުމީހާވެސް ދައްކާ އެކަމަކު ޔާމީނުވީމަ ނުދައްކަންހިތްވަރުކޮށްލާފަ. އޭތިކަޑަ.
އައްޔަ ބޮޑޭ
06 August 2023
ތެދެއް މިޒަމާނަކު ދަރަންޏެއް ނޯންނާނެ އޮންނާނީ ލޯނު މިޒަމާނަކު ރިބާއެއްވެސް ނޯންނާނެ އޮންނާނީ އިންޓަރެސްޓު,
ގަހަރުލާދާ
06 August 2023
ކޯޓަކުން ކުރާ ޙުކުމެއްގަ ހިމެނޭ ކަންކަމަކީ އެ މައްސަލާގައި ހުށަހަޅާފައިވާ ކަންކަމާ ގުޅިގެން ނިންމާ ކަންކަން. މިސާލަކަށް ޔާމީނުގެ އެ މައްސަލާގައި ޕީޖީން ހުށަހެޅީ 5 މިލިއަން ޑޮލަރު ޔާމީން ދައުލަތަށް ދައްކަންޖެހޭ ކަން ސާބިތު ކުރާކަށް ނޫން. ހުށަހެޅީ ކުށެއް ސާބިތުކުރަން. އެކުށް ސާބިތު ވީމާ އަދަބެއްގެ ގޮތުގައި ޙުކުމް ކުރީ 5މިލިއަން ދައްކަން. ޚަރަދު ފައިސާ ހޯދަން ހުށަހަޅަނީ އެ ފައިސާ ދައްކަން ޖެހޭކަން ސާބިތުކުރަން. އެހެން އެ ހުކުމުން ދަރަނި ސާބިތު ވަނީ
އުމޭއްތަ
06 August 2023
މަހުޝަރު ދުވަހުވެސް ބުނާނީ މިހެންބާ؟ މިއީ ދަރަންޏެއް ނޫނޭ އެކަމު މާލީ އުގޫބާތެކޭ؟
އަސްލަމްބެ
06 August 2023
ނަޒާހަތްތެރިކަން ގެއްލުމުގެ ސަބަބުން މަގާމުން ވަކިކޮށްފައި ތިބި ގާޒީންގެ ރައުޔު ލިޔުންތެރިޔާ ގެންނެވީމަ ހިތާމަ ކުރަން. ނަޒާހަތްތެރިކަން ގެއްލިފައިވަނީ އަމިއްލަ ފައިދާއަށް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން. އެފަދަ މީހުން ގާނޫނީ ވާހަކަ އެއް ނުދައްކާނެ. އެމީހުން ދައްކާނީ އެމީހުންނަށް މޮޅުވާނެ ގޮތަށް ނޫނީ މަގާމުން ވަކި ކުރީތީ އޭގެ ރުޅި އަނެކުންނަށް ބޭލުމަށް. މިސާލަކަށް، ހައިލަމް މިހާރު އަބަދު ފެންނަނީ ސިޔާސީ ޖަގަހަކުން.
އަފްރާސިޔާބު
06 August 2023
ރަނގަޅުވާ ވާހަކަ އެއް. އަދި އެއްޗެއް ކިޔެވިޔަސް ތިމާގެ ބުއްދިއަކީވެސް އޮންނަ އެއްޗެއް. ތި ހައިލަމު ޕީޖީ އޮފީހުގައި ކުރީ ކޮންކަމެއްބާ؟