އިރުމަތީ ގުދުސްގައި ޔަހޫދީންނަށް އިޒްރޭލުން ގެ އަޅައިދިނުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ
01 ފެބުރުއަރީ 2017 - 11:23
ތެލް އަވީވް (ފެބްރުއަރީ 1) - އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 3،000 ގެ އަޅަން ނިންމައިފި އެވެ.
މިއީ މީގެ ދެ ހަފުތާ ކުރިން، އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގެންނެވި ފަހުން ޔަހޫދީންނަށް ގެ އަޅައިދިނުމަށް އިޒްރޭލުން އިއުލާންކުރި ހަތަރު ވަނަ މަޝްރޫ އެވެ.
"ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އަވިގްޑޯ ލީބާމަން ވަނީ ހުޅަނގު އައްސޭރީގައި 3،000 ގެ އަޅަން ހުއްދަ ދީފައި،" އިޒްރޭލުގެ ދިފާއީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަށް ހިންގާ މަސައްކަތް ދެ މީހަކު ބަލަނީ: ހުޅަނގު އައްސޭރީގައި އިތުރު 3،000 ގެ އަޅަން ވަނީ ނިންމާފައި. --ފޮޓޯ:އޭއެފްޕީ
މިދިޔަ މަހު 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ހަވާލުވެވަޑައިގެންނެވި ފަހުން ހުޅަނގު އައްސޭރީގައި 566 ގެ އަޅަން ވަނީ ހުއްދަ ދީފަ އެވެ. އަދި ހުޅަނގު އައްސޭރީގައި 2،502 ގެ އަޅަން ވެސް ވަނީ އިޒްރޭލުން ހުއްދަ ދީފަ އެވެ. މިދިޔަ ހަފުތާގައި އިޒްރޭލުން ވަނީ އިރުމަތީ ގުދުސްގައި 153 ގެ އަޅަން ހުއްދަދީފަ އެވެ.
ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދުވަސްވަރު ވަނީ ޔަހޫދީ އަބާދީތައް ހެދުން އިޒްރޭލުން މަޑުޖައްސާލައިފަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ އިޒްރޭލަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އިރުމަތީ ގުދުސްގައި ޔަހުދީންނަށް އިޒްރޭލުން ގެ އަޅާފައިވާ ހައުސިން ޔުނިޓްތައް. --ފޮޓޯ:އޭއެފްޕީ
"ޔަހޫދީންނަށް ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފިން. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ މަޝްރޫއު ކުރިއަށް ގެންދާނަން،" ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ.
ނަތަންޔާހޫ ވިދާޅުވެފައި ވަނީ އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ވަޑައިގަތުމަކީ އިޒްރޭލަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.
ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެކެވެ. އެކަމަކު އެމެރިކާގެ އާ ސަރުކާރުން އެކަން ކުށްވެރިކޮށްފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތހޖ
01 February 2017
ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެއްކުރުމުން އެޅޭނެ ފިޔަވަޅެއްނޯވޭބާ؟