"ފުރަތަމަ ބުރުން މުއިއްޒަށް އިންތިހާބު ކާމިޔާބުކުރާނަން، ދެ ވަނަ ބުރަކަށް ނުވިސްނަން"
ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ބާއްވާ ނިއުސް ކޮންފަރެންސް: އެންމެން އެކަތިގަނޑަކަށް ވެ އިންތިހާބު ކާމިޔާބުކުރާނެ ކަމަށް އަދުރޭ ވިދާޅުވި. -- ފޮޓޯ | ޕީޕީއެމް
08 އޯގަސްޓް 2023 - 21:45
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމުން އިދިކޮޅު ކޯލިޝަނުން ނެރުނު ކެންޑިޑޭޓް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބު ކާމިޔާބުކޮށްދޭން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް އެއްގަލަކަށް އަރައިފި އެވެ.
ޖަލު ހުކުމާ ހެދި ޔާމީންގެ ޝަރުތު ގެއްލި ވާދަނުކުރެއްވުމުން އެދިވަޑައިގަތީ ރިޔާސީ އިންތިހާބު ބޮއިކޮޓްކުރުމަށެވެ. އެކަމަކު ޕީޕީއެމް/ޕީއެންސީގެ ސެނެޓުން އިންތިހާބުގައި ވާދަކުރަން ނިންމުމުން ޕާޓީ ތެރޭގައި ހިޔާލުތަފާތުވުން އުފެދުނެވެ. މުއިއްޒު އެންޑޯސްނުކުރައްވައި ދެ ޕާޓީގެ އިސް ބޭފުޅުންތަކެއް ތިއްބެވީ ހިމޭނުންނެވެ.
އެކަމަކު، އެ ހިޔާލުތަފާތުވުން އެއްފަރާތްކޮށް މުޅި ލީޑަޝިޕްގެ ބައިވެރިވުމާ އެކު މިރޭ ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވައިފަ އެވެ.
ރައީސް ޔާމީން އޮތީ ޕްލޭން އޭ އާއި ބީ އާއި ސީ އަށް ވިސްނާވަޑައިގެންފައި. ސެނެޓުގައި ބަހުސްކޮށްފައި އިންތިހާބުގައި ވާދަކުރަން ނިންމުމުން ރައީސް ޔާމީން ނިންމެވީ މުއިއްޒާ އެކު ކުރިއަށް ދާން. އެގޮތަށް އަޅުގަނޑުމެން މިތިބީ. އެކަން ވަރަށް ސާފު ނޫންތޯ. -- އަދުރޭ
ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދާ އެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ދެ ޕާޓީ އޮތީ މުއިއްޒު ފަހަތުގައި ބަދަހިކޮށް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށާއި އެ މަސައްކަތް މިރޭ ފެށީ ކަމަށް ވެސް ވިދާޅުވި އެވެ.
"ހިޔާލުތަފާތުވުން ނެތީމައޭ އަޅުގަނޑުމެން އެންމެން މިތާ މިތިބީ. އަޅުގަނޑު ހީވަނީ އެވަރުން ފުދޭނެހެން،" ލީޑަޝިޕަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސްގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ | ޕީޕީއެމް
ސެނެޓުގައި ހިޔާލުތަފާތުވުމަކީ ޕާޓީގެ ތެރޭގައި ޑިމޮކްރަސީ އޮތް ވަރު ކަމަށާއި އެކަމުން ޕާޓީ ބައިބައިވެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. ޔާމީން ހުށަހެޅުއްވި ގޮތާ ޚިލާފަށް އިންތިހާބުގައި ވާދަކުރަން ސެނެޓުގެ ގިނަ މެމްބަރުން ތާއީދުކުރެއްވީ އެމަނިކުފާނުގެ ހައްގުގައި ކަަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔަމީން އޮތީ ޕްލޭން އޭ އާއި ބީ އަދި ސީ ވެސް ހޯއްދަވައިފަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓެއް ނުނެރެވުމުން ރާވާފައި އޮތް ގޮތަށް ސީއާ އެކު ކުރިއަށް ވަޑައިގަތީ ކަމަށާއި އެއީ ޕާޓީ މަގުމަތި ނުކުރަން ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީނާ އަޅުގަނޑުމެން [ސެނެޓުން] ދެކޮޅެއް ނުވަން. އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުމެއް، ހިޔާލުތަފާތުވުމެއް ނެތް."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވައި މުއިއްޒު މި އިންތިހާބު ކާމިޔާބު ކުރައްވާނީ، އަދުރޭ ވިދާޅުވި ގޮތުގައި، ބޮޑުތަނުންނެވެ. އެކަމާ މެދު އެ ކޯލިޝަނަށް ޝައްކެއް ނެތް ކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ އެންމެ މުހިއްމު އަމާޒަކީ މި އިންތިހާބު ކާމިޔާބުކޮށް ޔާމީން މިނިވަންކުރުން ކަމަށެވެ. އިންތިހާބުގައި ކުރިއަށް ވަޑައިގަންނަވާނީ ޔާމީންގެ ވިސްނުންފުޅާ އެކުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އަޅުގަނޑު އަބަދުވެސް ވަފާތެރިވާނެ، އެކަމާ ރައީސް ޔާމީން ޝައްކެއް ނުކުރައްވާނެ. -- މުއިއްޒު
މުއިއްޒު ވިދާޅުވި ގޮތުގައި ކެންޑިޑެސީ ކަށަވަރުވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި ޔާމީން ގެއަށް ބަދަލުކޮށްދޭން އޭނާ ވަނީ އާދޭސް ދަންނަވައިފަ އެވެ. ސަރުކާރުން ބޭނުންވީ ވާދަނުކުރެވޭ ގޮތް ހަދަން ކަަމަށާއި އެކަން ފުރިހަމަވުމުން އާއިލާގެ ހިތްދަތި ކަމަށް ބަލާފައި ވެސް ޔާމީން ގެއަށް ބަދަލުކޮށްދެއްވަން އެދިވަޑައިގަތް ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރިޔާސީ ޓިކެޓް ލިބިވަޑައިގަތަސް ހައްގުވެރި ފަރާތަކީ ޔާމީން ކަން ހަނދުމަނައްތައެއްނުލައްވާނެ ކަމަަށެވެ.
މުއިއްޒު ވެސް ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީ ސެނެޓުގެ ހިޔާލުތަފާތުވުމަކީ އެތެރޭގެ ޑިމޮކްރަސީގެ ހަރުދަނާ ކަމެވެ.
ޕީޕީއެމުން ރޭ ބޭއްވި މުޒާހަރާގައި، މުއިއްޒުގެ ޓިކެޓާ އެކު އިންތިހާބުގައި ވާދަކުރަން ނިންމައި، ޔާމީނަށް އިހާނާތްތެރިކޮށް ހިތާފައިވާ ކަމަށް ލީޑަޝިޕްގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން، ވަކިވަކިން ހުރިހާ ބޭފުޅުން ވަނީ ދިފާއުވެވަޑައިގެންފަ އެވެ.
އޭގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު އާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް (ޓޮމް) ހިމެނިވަޑައިގަންނަވަ އެވެ.
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ މުއިއްޒުގެ ކެމްޕޭން އިވެންޓެއް ރެއާ ހަމައަށް ނުބާއްވާ ކަމަށެވެ. ރޭގެ މުޒާހަރާގައި ދެއްކީ ޔާމީން މިނިވަންކުރުމުގެ ވާހަކަތައް ކަމަށް ވިދާޅުވި އެވެ.
ސެނެޓުގައި ޔާމީނާ މެދު ވާހަކަ ދެއްކި ގޮތުގެ ފޮޓޯތަކާއި ވީޑިއޯ ވެސް އެމަނިކުފާނަށް ދައްކަވާނެ ކަަމަށް ވިދާޅުވި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ވެސް ވިދާޅުވީ ރޭގެ ހަފުލާއަކީ ކެމްޕޭން އިވެންޓެއް ނޫން ކަމަށެވެ.
"އެއީކީ އެއްވެސް ހާލެއްގައި ވަކި ބޭފުޅަކު އެންޑޯސްކޮށް ނުވަތަ އެންޑޯސްނުކުރުމަށް ދެއްކެވި ވާހަކަތަކެއް ނޫން،" ޓޮމް ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ މުއިއްޒާއި ރަނިން މޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެންޑޯސްނުކުރާ ނަމަ މުޅި ލީޑަޝިޕާ އެކު ޕްރެސް ކޮންފަރެންސެއް މިރޭ ޕާޓީ އޮފީހުގައި ނޯންނާނެ ކަމަށެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ޕީޕީއެމް ރޫޅައެއް ނުލެވޭނެ އެވެ. އެންމެ ވަރުގަދަ އަދި އެންމެ އެކުވެރި ކޯލިޝަނަކަށް ވާނީ ވެސް ޕީޕީއެމް/ޕީއެންސީ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރުބެއްޔާ
09 August 2023
ތީހަމަ ފޮޓޯއެއް ނަގާލީ އާންމު މެމްބަރުންގެ ޕްރެޝަރ ބޮޑުވީމަ. ތި ފޮޓޯ ގައި ތިބި ގިނަ މީހުން ބޭުނުމެއް ނުވާނެ މުއިއްޒު ހޮވަން. ތީގެ ގިނަ މީހުން މިހާރުވެސް ދަނީ އަޑިން އެހެން ޕާޓީތަކާއި ގުޅިގެން މުއިއްޒާއި ދެކޮޅަށް ކެމްޕޭން ކުރަމުން.
ފާނަ
09 August 2023
މުއިއްޒަށް ދަންނަވަންއޮތީ ވޯޓް ނިމެންދެން ހިފަހައްޓާލާށޭ. ކާމިޔާބު ވެއްޖެނަމަ މުއިއްޒުގެ އެޖެންޑާ ނެރުމަށް ރެޑީވާށޭ، ޔާމީނަކީ ގިނަ ދިވެހިން ބަލައިގަންނަ ކަހަލަ ސިފަތަކެއް އުސޫލުތަކެއް ހަމަތަކެއް ގެންގުޅުއްވާ މީހެއް ނޫނޭ. މުއިއްޒު ތި ގެން ގުޅުއްވާ މަޑުމައިތިރި ހިކުމަތު އަމަލީ އެގޮތުގައި ދަމަހައްޓަން މަސައްކަތްކުރާށޭ. ހުވާ ކުރުމާއެކު މުއިއްޒުގެ ފަހަތަށް އަރާނެ އެތައް ބަޔަކު ތިބޭނޭ. ތި ސައީދާއި ޝިޔާމާއި ތޯރިގަކީ ވަފާތެރިންނެއް ނޫންކަން ހަދުމަކުރާށޭ
އަސްރަފަ
09 August 2023
އިބޫ އަކަށް ދެވަނަ ދައުރެއް ހައްގެއް ނުން. މުއިޒް 2023
ބްރޯސް
09 August 2023
ތީވޮޑު ބަގާވާތެއް. ތިކަމުގައި ބައިވެރިވާ އެންމެންނަކީވެސް ބަގާވާތުގެ ބައިވެރިން. ޔާމީނުގެ ނިންމުން ވަރަށް ސާފު. އެލެކްޝަން ބޯއިކޮޓްކުރޭ.
މީމީމީ
09 August 2023
ހިތުގަ އަލިފާންރޯވެފަ ހުރުމުން ކިތަންމެވަރަކަށް މޫނުޕޮލިޝް ކުރިޔަސް އޮފެއްނާރާނެ. މުއިއްޒަކީ ޔާމީނުގެ ޕަޕެޓެއްކަން އެގުމުން މަގޭވޯޓު އެހެންފަރާތަކަށް ދިނުމަށް ނިންމައިފިން
ވަރަ
09 August 2023
އަދި ތި އެރިގާ ދެފަޅިވާނެ
ދިމާކުރާސް
09 August 2023
މިވެސް ދެޕާޓީ އެކޯ، ބޮޑު ކޯލިސަނެކޯ، މަމެންވާ އަވަދި ވެއްްޖެ. އެކަމް ހޭހުރި މީހަކު ތިހެން ކިޔަން ލަދުވެސް ގަންނަންވާނެ ދޯ. ދެނަން ކިޔަސް އެކަކުގެ ދެދަރިން ވިއްޔާ. މަގޭ ވޯޓް ދެކަނބަލުން ކެންޑިޑޭޓަކަށް.
ވާވާ
09 August 2023
މުއިއްޒު ހޮވުނީޔޯ! މުައިއްޒަށް ކެރޭނެބާ އިސްތިއުފާ ދީފައި އަވަސް އިންތިހާބެއް ބާއްވަން؟
ދޮޅި
09 August 2023
ހިތާއި ހިތުގެ ގުޅުމެއްކަމާމެދު ސުވާލު އުފެދޭ! ނަގޫ ފިތެމުންދާތީ ތި ނޫންގޮތެއް މޫނުމަތިން ފާޅުކުރެވެން ނެތީއެވެ.
ޙިމްނާ
09 August 2023
ފިލްމު ނިމޭއިރު ޑިމޮކްރަޓްސް ގޮސް ގުޅޭނީ އިބޫ އާ.