ސުއޫދުގެ ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
10 އޯގަސްޓް 2023 - 00:16
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވާ "މޯލްޑިވިއަން ކޮންޓްރެކްޓް ލޯ" ފޮތް މިރޭ ނެރެފި އެވެ.
ސުއޫދުގެ މި ފޮތް ނެރުނީ އޭނާ ލިޔުއްވި ގިނަ ފޮތްތައް ޝާއިއުކުރި މޯލްޑިވްސް ލޯ އިންސްޓިޓިއުޓުންނެވެ. އެ އިންސްޓިޓިއުޓުން މިހާތަނަށް ގާނޫނީ ދާއިރާގެ 14 ވަރަކަށް ފޮތް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ސުއޫދުގެ ފޮތްތައް ގިނަ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ފޮތްތައް ވެސް އެ އިންސްޓިޓިއުޓުން ޝާއިއުކޮށްފައިވެ އެވެ.
ރާއްޖޭގެ އެކި ކޯޓުތަކުން ކޮންޓްރެކްޓްގެ މައްސަލަތަކުގައި ނެރެފައިވާ ހުކުމްތަކުގައި ހިމެނޭ ގާނޫނީ އެކި މަހްފޫމްތައް ހިމަނައިގެން ލިޔެފައިވާ "މޯލްޑިވިއަން ކޮންޓްރެކްޓް ލޯ" ނެރުނީ މިރޭ ބިލަބޮންގް ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ގާނޫނީ ދާއިރާއިން ގިނަ ބަޔަކު ތައުލީމް ހާސިލް ކުރަމުން އަންނަ ވިލާ ކޮލެޖްގެ ރެކްޓާ އަދި ސުއޫދުގެ ބޭބެ ޑރ. އަހުމަދު އަންވަރު މި ފޮތް ނެރެދެއްވުމަށް ފަހު ވިދާޅުވީ މިއީ ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އަދި މިފަދަ އިތުރު ފޮތްތައް ޝާއިއުކުރަމުން ދިއުމަކީ އުންމީދެއް ކަމަށް ވިދާޅުވި އެވެ.
"ސުއޫދު ލިޔުއްވި މި ފޮތަކީ ވަރަށް ބޭނުންތެރި ފޮތެއް، އަޅުގަނޑަށް އެކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވޭ، އެހެންކަމުން ސުއޫދަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން، މި ފޮތުގެ ފައިދާ ރާއްޖެއަށް، ރާއްޖޭގެ ގާނޫނީ ދާއިރާއަށް ދަރިވަރުންނަށް ފައިދާ ކުރާނެ،" ޑރ. އަންވަރު ވިދާޅުވި އެވެ.
ސުއޫދު ލިޔުއްވި "މޯލްޑިވިއަން ކޮންޓްރެކްޓް ލޯ" ފޮތް
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ހައި ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރުން އަދި ގިނަ ގާނޫނީ ވަކީލުން ވެސް ބައިވެރިވެ ވަޑައިގެންނެވި ހަފްލާފައި ސުއޫދު ވަނީ ގާނޫނީ ދާއިރާގައި ގިނަ ފޮތްތަކެއް ނެރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. ހާއްސަކޮށް، ކޯޓުތަކުން ނިންމާ ނިންމުންތަކާއި އެހެން ގައުމުތަކުގައި އެކަންކަން އޮތް ގޮތާއި ތަރައްގީވަމުން އަންނަ ގޮތް ހިމަނައިގެން ފޮތްތައް އެކުލަވާލަން ޖެހޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އެއީ، ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކުރާ ދަރިވަރުންނަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަސައްކަތަކަށް ވާނެ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އެހެންވެ، ފަނޑިޔާރުންނާއި ވަކީލުން ވީހާ ވެސް ގިނަ ފޮތްތައް ލިޔެ ޝާއިއުކުރުމަށް އިސްކަން ދެއްވުމަށް ގޮވާލެއްވި އެވެ.
"އަޅުގަނޑު ދެކޭ ހިތްވަނީ އެހެން ބޭފުޅުން ވެސް ހަމަ ލިޔުއްވަން،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ލިޔުއްވާފައިވާ މި ފޮތަކީ ކޮންޓްރެކްޓްއާ ގުޅޭ ގޮތުން ރާއްޖޭގައި އިނގިރޭސި ބަހުން ނެރުނު ފުރަތަމަ ފޮތެވެ. މި ފޮތުގައި ކޮންޓްރެކްޓްގެ ހުރިހާ ބައިތަކާ ގުޅޭ މައުލޫމާތު ވަނީ ހިމަނާފަ އެވެ. މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން މި ފޮތް މިހާރު ގަންނަން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
10 August 2023
ސުޢޫދަކީ ކުލާސްމޭޓެއް ވަރަށް މޮޅު ބޭފުޅެއް! މަރުހަބާ ސުޢޫދު!
ހީހީ ސުލީހް
10 August 2023
ހުކުމްތައް އަންނަނީ ފޮތުގަ އޮންނަގޮތަކަށް ނޫން. މީހުންގެ މޫނަށް ބަލައިގެން
ތެފައާސާ.
10 August 2023
ފޮތް ވިއްކާ ވާހަކަ އޮތީމާ، ފަނޑިޔާރުންނަށް އާމްދަނީ ހޯދުމަށް އިތުރު މަސައްކަތް ކުރެވޭތޯ؟
ޙަލީ
10 August 2023
ގުޑް ކުއެޝަން ތެފައާސާ.
ޙިޒްޔަމް
10 August 2023
ސޫދުގެ ބޭބޭފުޅު ޑރ އަންވަރު. ދަރިފުޅަކީ ލޯޔަރ ޝަހުދީ އަންވަރު. ޑރ މުނައްވަރު ގެ ފެމިލީ. ޢާދެ މީދޫ ހަސަންކާރިގެ. މީދޫގެ ފަހުރު
ގާދިރު ސޭޓު
10 August 2023
އެންމެ ތައުލީމީ މީހުން ގިނަ ވާނީ މާލެއިން އުތުރުގަ، އޭގެ ހެއްކެން ކުށުގެ ރެކޯޑުވެސް އެންމެ މަދު ވާނީ މާލެއިން އުތުރުގަ. އެހެންވިޔަސް ފޮނުއަރުވާފަ މަޝްހޫރުވާން ނޫޅޭތީ އާއްމުންނަށް ނޭންގިދާނެ
އޮނަރަބްލް އަފީފު ދީދީ
10 August 2023
ރާއްޖޭގެ މަޝްހޫރު ޤާނޫނީ އިލްމުވެރިޔާ ޑރ މުޙައްމަދު މުނައްވަރުގެ ކޮއްކޮ އަދި ދައުލަތުގެ ސްޕްރީމް ކޯޓް ފަނޑިޔާރު ހުސްނު އަލް ސުޢޫދަކީ ޤާނޫނީ ދާއިރާއިން ރާއްޖެއަށް މަތީ ދަރަޖައިގެ ހިދުމަތް ތަކެއްކޮށް ދިނުމުގެ އިތުރުން މިދާއިރާއަށް ރައްޔިތުން ހޭލުންތެރިކަން އުފެދިގެންދާނެ ފަދަ މުހިންމު އެތައް ބަޙުސް ތަކަކަށް މަގުހުޅުވޭފަދަ ޖަދަލުތަކެއް ކުރިމަތިކޮށް އެފަދަ ކަންކަން މީހުންގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ދާއިރާއަށް ޝައުޤު އުފެއްދި ބޭފުޅެއް. މަރުޙަބާ.
ޖުހާނާ
10 August 2023
އެކަމަކު "ދަރަނި" މި ލަފުޒު މާނަ ކޮށްފައިވަނީ ދިވެހިބަހުގެ ރަދީފު (ދިވެހިބަހުގެ ބަސްފޮތް) ގައި އޮންނަ ގޮތަކަށް ނޫން.