ދުނިޔޭޣެ ރެކޯޑް އަގަކަށް ޕީއެސްޖީއަށް ބަދަލުވި ނޭމާ، އޭނާ ވަނީ ސައުދީ ލީގަށް ބަދަލުވާން ނިންމާފައި.-- ފޮޓޯ: އޭއެފްޕީ
14 އޯގަސްޓް 2023 - 15:56
ރިޔާދު، ސައުދީ އަރަބިއްޔާ (އޮގަސްޓް 14) - އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ބްރެޒިލްގެ ތަރި ނޭމާ، ސައުދީ އަރަބިއްޔާގެ ކްލަބް އަލް ހިލާލަށް ބަދަލުވާން އެއްބަސް ވެއްޖެ އެވެ.
ކުރިން ބާސެލޯނާ އަށް ވެސް ކުޅުނު ނޭމާ، 31، ޕީއެސްޖީ އަށް 2017 ގައި ބަދަލުވީ 222 މިލިއަން ޑޮލަރަށެވެ. އެއީ މިއަދާ ހަމައަށް ވެސް ދުނިޔޭގެ ފުޓްބޯޅައިގެ ޓްރާންސްފާ ބާޒާރުގައި މުގުރާ ނުލެވި އޮތް ރެކޯޑެކެވެ.
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް ކާމިޔާބެއް ނުލިބޭތީއާ އެކު ނޭމާ އާއި ކްލަބުގެ ސަޕޯޓަރުންނާ އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރު ވެފަ އެވެ. އޭނާ އަށް ވަނީ މިދިޔަ މާޗު މަހު ލީގު މެޗެއްގައި އަނިޔާ ވެފަ އެވެ. އަދި މެއި މަހު، ސީޒަން ނިމުމުގެ ކުރިން ޕީއެސްޖީގެ ސަޕޯޓަރުން ވަނީ އޭނާގެ ގޭދޮށަށް އެއްވެ ކްލަބް ދޫކޮށްލަން ގޮވާލައިފަ އެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން މިއަދުގެ ވަގުތެއްގައި މެޑިކަލް ފުރިހަމަ ކޮށްފައި ނޭމާ ސައުދީ އަށް ދަތުރު ކުރާނެ އެވެ. އޭނާ ހިލާލާ އެކު އެއްބަސް ވެފައި ވަނީ 2025 ގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި ހިލާލުގެ ކުޅުންތެރިއެއްގެ ގޮތުގައި ސަޕޯޓަރުންނަށް ނޭމާ ދައްކާލުން އޮތީ ހަފްތާގެ ފަހުކޮޅު އެވެ.
ބްރެޒިލް ގައުމީ ޓީމަށް 124 މެޗުން ރެކޯޑް 77 ގޯލު ޖަހާފައިވާ ނޭމާ، ހިލާލަށް ގެންދަން އެ ކްލަބުން ޕީއެސްޖީ އަށް 100 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއްގެ ޓްރާންސްފާ ފީއެއް ދޭނެ ކަމަށް މީޑީއާތައް ރިޕޯޓް ކުރެ އެވެ.
ބާސާއިން ވެސް ނޭމާ އަލުން ގެންދަން ޝައުގުވެރިވާކަމަށް އަޑުތައް ފެތުރުނެވެ. އަދި ބާސެލޯނާގައި މާލީ ދަތިތައް ހުރުމުން އޭނާ ހިލާލަށް ބަދަލުވެ، ލޯނު އުސޫލުން ބާސެލޯނާއަށް ކުޅޭނެ ކަމަށް ވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް ފަހުގެ މީޑިއާ ރިޕޯޓްތައް ހާމަކުރާ ގޮތުން އޭނާ ލޯނު އުސޫލުން ބާސެލޯނާއަށް ދިޔުން، ހިލާލުގެ އެއްބަސްވުމުގައި ނެތެވެ.
ނޭމާ ވަނީ ޕީއެސްޖީގައި ހޭދަކުރި ހަ ސީޒަނުގައި 173 މެޗުން 118 ގޯލު ޖަހައިފަ އެވެ. ޕީއެސްޖީއާއެކު އޭނާ ފަސް ފަހަރު ލީގު ކާމިޔާބު ކުރި އެވެ. އޭގެ ކުރިން ނޭމާ ވަނީ ބާސެލޯނާ އާއެކު ހަތަރު ސީޒަންގައި ދެ ސްޕެނިޝް ލީގުގެ އިތުރުން ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލައިފަ އެވެ. ބާސެލޯނާގައި އޭނާ ވަނީ 186 މެޗުން 105 ގޯލު ޖަހައިފަ އެވެ.
ސައުދީ ލީގުގެ ކްލަބްތަކުން ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިންނަށް ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނައިރު، ހިލާލުން ވެސް ވަނީ މި ސީޒަންގައި އެޓީމަށް ޔޫރަޕްގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ބޮޑު އަގުގައި ގެނެސްފަ އެވެ.
އިންގްލެންޑުގެ ޗެލްސީ އަށް 21.5 މިލިއަން ޑޮލަރު ދީފައި ޑިފެންޑަރު ކަލިދޫ ކުލިބާލީ ގެނައި އިރު، މިޑްފީލްޑަރު ރުބެން ނެވޭސް ހިލާލަށް ގެންދިޔައީ ވުލްވްސް އަށް 60 މިލިއަން ޑޮލަރު ދީފަ އެވެ. ލާޒިއޯ އަށް ކުޅުނު މިޑްފީލްޑަރު ސާޖެގް މިލިންކޮވިޗް ސަވިޗް 44.5 މިލިއަނަށް ގެނައި އިރު، ކުރިން ބާސެލޯނާއަށް ކުޅުނު ފޯވާޑް މެލްކޮމް ގެނައީ ރަޝިއާގެ ޒެނިތަށް 66.5 މިލިއަން ޑޮލަރު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޅު ބޭ
15 August 2023
ތެޔޮ ބޯޓުން އެބަ އުޅޭ މެސީ ގެންނަން
ޕްރިންސް މޯޑް
14 August 2023
ދެން ގަނެލާނީ ހާލަންޑް..
ބައްޕި
14 August 2023
މެސީ އެމެރިކާއަށް ކަނޑާލީމާ ކަޑައީ. މެސީވެސް ސައުދީއަށް ދިޔަނަމަ ކިހާ ރަނގަޅުވީސް.
ޞބވވވ
14 August 2023
ހެހެހެ މެސަި ހީކުރީ މެސީއަށް ހިލާލް އިން ލިބުނު ބޮޑު އޮފާ ރިޖެކްޓްކޮށް މޭޖަރ ލީގަށް ދިޔައީމަ އޭނަ ފަހަތުން ނޭމާވެސް ދާނެއޭ. ރޮނާލްޑޯ ތަފާތުވާނެ އެނގިއްޖެ
ރޮނާލްޑީނިއޯ
14 August 2023
މަ މާ މޮޅުވާނެ ރޮނާލްޑޯ އައް ވުރެ
ވެން
14 August 2023
މިހާރު އިނގިރޭސީން ބިރުގަންނާނެ.