މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި އަށް ކެންޑިޑޭޓުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
15 އޯގަސްޓް 2023 - 09:13
ޕާޓީތަކުގެ އެތެރޭގެ ކޯޅުމާއި ބައިބައިވުމާއި ހިޔާލުތަފާތުވުންތަކުން އަރައިގަނެވި، މި އިންތިހާބަށް ސިޔާސީ މާހައުލުން ވާނުވާ ސާފުވާން ނެގި ހިމޭންކަމަށް ފަހު، ކެމްޕޭންގެ ފޯރިގަދަކޮށްފި އެވެ؛ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން، ވައުދުތައް ރައްޔިތުންގެ ކުރިމައްޗަށް އެބަ އޮއްސާލަ އެވެ. އެ ވައުދުތަކާ އެކު، ކޮންމެ ކެންޑިޑޭޓެއްގެ ވެސް އުއްމީދަކީ މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެ ފިކުރު، އެމްޑީޕީ އާއި ޕީޕީއެމަށް ވެސް އެ ޔަގީންކަން އެބައޮތެވެ.
ދެ ވަނަ ދައުރަކަށް ވާދަކުރައްވާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވަނީ، މި އިންތިހާބަށް ކޯލިޝަނަކާ އެކު ނުކުމެވަޑައިގެންނެވުނު ހަމައެކަނި ބޭފުޅަކީ އެ މަނިކުފާނު ކަމަށެވެ. އެމްޑީޕީ އިސްވެ އޮވެ އެކުލަވާލި އަދާލަތާއި އެމްޑީއޭގެ ކޯލިޝަނުން ނަތީޖާ ދައްކާނީ އެއްބުރުން ކަަމަށް ތަކުރާރުކުރައްވަ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުން. އެކަމުގެ ވަރަށް ބޮޑު އުންމީދެއް އަދި ޔަގީންކަން އެބައޮތް،" ރައީސް ވިދާޅުވެ އެވެ.
ނ. ފޮއްދޫގެ އަންހެނަކު ރައީސްއާ ވާހަަކަ ދައްކަނީ. އެ މަނިކުފާނު ވިދާޅުވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ އެއް ބުރުންކަމަށް - ފޮޓޯ: އެމްޑީޕީ
އެކަމަކު އެ ތިން ޕާޓީ އެއްކޮށްލައިގެން ފުރަތަމަ ބުރުން ނަތީޖާ ނެރެވިދާނެ ކަމާ މެދު ސިޔާސީ ކަންކަމުގައި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުން ސުވާލު އުފައްދަވަ އެވެ. ތިން ޕާޓީގެ މެމްބަރުން ތިބި އަދަދު 70،000 އަށް ވުރެ މަތިވިޔަސް އެއީ އިންތިހާބުގައި ވޯޓު ކަށަވަރުވާ އަދަދު ކަމަކަށް ނުބެލެވޭނެ އެވެ.
އިންތިހާބުތަކުގައި ކާމިޔާބީއާ ހަމަޔަށް އަދި ނުދެވުނަސް އަބަދުވެސް އެންމެ ވިދާ، ޖުމްހޫރީ ޕާޓީގެ ބައިވެރިވުން އޮތް ނަމަ އެ ކޯލިޝަނަށް އިންތިހާބު ކާމިޔާބުވެދާނެ ކަމާ މެދު ސުވާލު ކުރިމައްޗެއް ނުވާނެ އެވެ. މެމްބަރުންގެ އަދަދު 20،000 ގައި އުޅުނަސް ޖޭޕީގެ ނުފޫޒު އިންތިހާބުތަކުގައި މިހާތަނަށް ދައްކާފައި އޮތުމުންނެވެ.
އެ ޕާޓީން އިންތިހާބުގައި ވަކިން ވާދަކުރަނީ، ދެވަނަ ބުރަށް ދާނެ ކަމުގެ ކަށަވަރުކަން އޮތުމުން ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނޫސްވެރިންނަށް ވިދާޅުވީ ދެ ވަނަ ބުރަށް ޖޭޕީ ނުދާނެ ކަމަށް ހީކޮށް، ސުވާލު ނުކުރުމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އެންމެ އުތުރަށް ފެއްޓެވި ދަތުރުގައި، މުއިއްޒުގެ އުފަން ރަށް، ވަށަފަރަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ޕީޕީއެމް
ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށާއި އެކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. "ދެވަނަ ބުރަކަށް އަޅުގަނޑުމެން އިންތިޒާރެއް ނުކުރަން."
ޑިމޮކްރެޓްސްގެ އުއްމީދަކީ ދެ ވަނަ ބުރު ކަށަވަރުކޮށް، އެ ޕާޓީގެ ފަހަތަށް ބޮޑެތި އެހެން ޕާޓީތައް އެރުމެވެ.
އެއްބުރުން އެއްވެސް ޕާޓީއަކުން އިންތިހާބު ކާމިޔާބު ކުރުމަކީ ހަގީގަތާ ދުރު އުއްމީދެކެވެ؛ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ އިން އެކަން ފެންނަން އެބައޮތެވެ.
ރިޔާސީ އިންތިހާބު އެއްބުރުން ނިންމާނެ ކަމަށް ލީޑަރުން ސިޔާސީ މަންޒަރު ކުރެއްސެވިޔަސް 2018 ގެ އިންތިހާބާ މި ފަހަރު ތަފާތެވެ. ރިޔާސީ އިންތިހާބުގައި މުޖައްރިބު ފޯމިއުލާ، އެ ފަހަރު ފުރަތަމަ ބުރަށް ދެއްކިޔަސް މި އިންތިހާބުގައި މިއޮތީ ވޯޓުތައް ބައިބައިވެފަ އެވެ.
އަންނަ މަހު ނުވައެއްގައި އޮންނަ އިންތިހާބު، އެއް ބުރުން ކާމިޔާބު ކުރެވޭނީ ގާތްގަނޑަކަށް 140،000 ވޯޓުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 51 ޕަސެންޓެވެ. އަމިއްލަ ޕާޓީން އެކަނި ވާދަކުރައްވައި މިހާތަނަށް 50 ޕަސެންޓަށް ވުރެ މަތިން ހޯއްދަވައި އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެއްވުނު ލީޑަރަކު ނެތެވެ. ފަހަތަށް ޖެހިވަޑައިގެން ރިޔާސީ އިންތިހާބަށް އިއްތިހާދު ވާން ޖެހެނީ އެހެންވެ އެވެ.
ފެހި ގާނޫނުއަސާސީ އަށް 2008 ގައި އަމަލުކުރަން ފެށި ފަހުން، ތިން ދައުރަކަށް ރައީސަކު ހޮވަން މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ތެރެއިން އެއް ބުރުން ނަތީޖާ ނެރެވުނީ 2018 ގެ ރިޔާސީ އިންތިހާބުގައި އެކަންޏެވެ. އެ ނޫން ހުރިހާ ފަހަރުތަކުގައި ޖެހުނީ ދެވަނަ ބުރެއް ބާއްވާށެވެ. އެ އިންތިހާބު އެއްބުރުން ނިމުނީ، އޭރު ވެރިކަން ކުރެއްވި ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ސިޔާސީ ގިނަ ޕާޓީތައް އެއްގަލަކަށް އަރައި ހެދި ވަރުގަދަ އިއްތިހާދުންނެވެ.
ޕާޓީތައް ވަކިވަކިން ވާދަނުކުރަން ނިންމައި ވޯޓު ބެހިގެން ނުދިއުމަކީ ދެ ވަނަ ބުރަކަށް ދާން ނުޖެހުނު ސަބަބެކެވެ. އެ އިންތިހާބުގައި ވާދަކުރެއްވީ ރައީސް ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަންޏެވެ.
އެއްބުރުން މި އިންތިހާބު ނިންމާލުމަކީ ސިޔާސީ ކަންކަން ތަރުތީބުވެ ހަމަޖެހިފައި މިހާރު އޮތް ގޮތަށް ބަލާއިރު ދުރު ކަމެއް ކަމަށް ސިޔާސީ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.
އެއް ސަބަބަކީ، އެހެން އިންތިހާބުތަކަށް ޕާޓީތައް އެކަތިގަނޑެއްގެ ގޮތުގައި ނުކުތަސް މި އިންތިހާބު ގާތްވިއިރު، އެެތެރޭގެ ހަަމަނުޖެހުންތަކެއް އުފެދިފައި ވުމެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ ބައިވެ ޕާޓީން އިސް މެމްބަރުންތަކެއް ވަކިވުމަކީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕާޓީގެ ތެރެއިން ގެއްލުނު ނަތީޖާއަށް މުހިއްމު އަދަދެއްގެ ވޯޓުތަކެކެވެ. އެކަމަކު އެމްޑީއޭ އާއި އަދާލަތު ޕާޓީއާ އެކު ހެދި ކޯލިޝަނުން އެހެން ޕާޓީތަކަށް ވުރެން އެއްބުރުގެ އުއްމީދު އޮތީ ބޮޑުކޮށްފަ އެވެ.
ޕީޕީއެމާއި ޕީއެންސީއަށް ތެރޭގައި އުފެދުނު ރިޔާސީ ޓިކެޓުގެ ހިޔާލުތަފާތުުވުން މުޅިން ނިމިއްޖެ ކަމަކަށް ނުބެލެވެ އެވެ. އެންމެން އެކަތިގަނޑަކަށް ވެފައި ވަނީ، ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން، މި އިންތިހާބު ކާމިޔާބު ކުރުމަށެވެ. އެހެން އެއްވެސް ޕާޓީއަކާ އެކު ކޯލިޝަނެއްގެ ގޮތުގައި ނުނިކުމެވުމަކީ ޕީޕީއެމަށް އެއް ބުރުން އިންތިހާބު ޔަގީންކުރަން ކުރިމަތިވެފައި އޮތް ހުރަހެކެވެ.
އެކަމަކު އިންތިހާބުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ވޯޓު ހޯދާނެ ޕާޓީއަކީ ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ކޯލިޝަނެވެ.
ރިޔާސީ އިންތިހާބުގައި ކާމިޔާބީ ހޯދާ ފޯމިއުލާއަކީ ކޯލިޝަން އެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް މި އިންތިހާބުގައި ވެސް އޮތީ ދެ ވަނަ ބުރަކަށް ދާ ޕާޓީތަކުން ކޯލިޝަން ހެދުމެވެ.
އާ ގާނޫނުއަސާސީގެ ފުރަތަމަ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަމަކީ ވެސް ވަރުގަދަ އިއްތިހާދެކެވެ. އެމްޑީޕީ އިސްވެ ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމްއާ އެކު ވެރިކަން ކާމިޔާބުކުރީ އެއް ބުރުންނެވެ.
އިންތިހާބު ކާމިޔާބުކުރަން މަޖުބޫރުވުން ފިޔަވައި ކޯލިޝަން ހެދުމަކީ ޕާޓީތަކުން މާ ރުހޭ ކަމެއް ނޫނެވެ. ވެރިކަމަށް އެކުލަވާލާ ކޯލިޝަންގައި ދެން ތަހައްމަލްކުރަން ޖެހޭ އުނދަގޫތައް މާބޮޑުވުމުންނެވެ.
މި އިންތިހާބުގެ ފުރަތަމަ ބުރަށް ކޯލިޝަން ހަދަން އެމްޑީޕީން ކުރި މަސައްކަތުން ދެ ޕާޓީއަކާ އެކު އިއްތިހާދެއް އެބައޮތެވެ. ޕީޕީއެމާއި ޖޭޕީ އާއި ޑިމޮކްރެޓްސް އިން ވެސް މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު ކޮންމެ ބަޔަކު ވެސް ބޭނުންވީ އެ ބަޔަކު އިސްވެ އޮވެ ކޯލިޝަން ސަރުކާރެއް އުފައްދާށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއް ބުރުން ބަލިކުރަން ހިނގި މަޝްވަރާތައް ކޮޅެއްގައި ނުޖެހުނީ ހިޔާލުތަފާތުވުންތައް އެއްގޮތް ކުރެވި އެމަނިކުފާނާ ދެކޮޅަށް ބަދަހި ކޯލިޝަނެއް އެކުލަވާލަން ޕާޓީތައް ފެއިލްވުމުންނެވެ.
މާލެ: ސެޕްޓެމްބަރު 23، 2018: ގިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަށް ގުނުމަށް ތައްޔާރުވެފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އެމްއެންޕީން މުހައްމަދު ނާޒިމް ވާދަކުރައްވަ އެވެ. ޑިމޮކްރެޓްސް އިން އިލްޔާސް ލަބީބާއި އަމިއްލަ ގޮތުން ފާރިސް މައުމޫނާއި އުމަރު ނަސީރު އަދި ހަސަން ޒަމީލް ވާދަކުރައްވަ އެވެ.
ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ދެ ކެންޑިޑޭޓުންނާ އެކު ދެން ފެންނާނީ އަނެއްކާވެސް ކޯލިޝަންތަކެވެ. މި ނޫން ގޮތަށް، އިންތިހާބު ކާމިޔާބުކުރުމަކީ ރާއްޖޭގެ މިއޮތް ނިޒާމުގައި ފަސޭހަ ކަމެއް ނޫނެވެ. ގާނޫނު ނުދަންނަ ކަމަކަށް ވިޔަސް އިންތިހާބު ކާމިޔާބުވާން އޮތް ގޮތަކީ ކޯލިޝަނެވެ. އެކަނި ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭ ނަމަ ޔާމީނަށް 2018 ގައި އެކަން ކުރެއްވުނީހެވެ. އަދި، އެމްޑީޕީގެ ވެރިކަން 2012 ގައި ވެއްޓި، އެ ހިނގައިދިޔަ ކަންކަމާ އެކު ބޭއްވި 2013 ގެ އިންތިހާބުގައި، ޑިމޮކްރެޓްސްގައި އިސްކޮށް މިހާރު އުޅުއްވާ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބުވާނެ އެވެ.
އެކަމަކު ދެ ބޭފުޅުން އިންތިިހާބުން ބަލިވީ، ދެކޮޅަށް އެކުލަވާލި ބޮޑު އިއްތިހާދުންނެވެ. މި ފަހަރު ވެސް އެއްބުރެއް ނޫނެވެ. ދެވަނަ ބުރުގެ ބިޔަ ކޯލިޝަނަށް ނަތީޖާ ނެރެން ފަސޭހަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަދީޖާ އަޙްމަދު
16 August 2023
އެމް.ޑީ.ޕީ އާއި ޕީއެންސީ ދެވަނަ ބުރަކަށް ގޮސްފި ނަމަ ޑިމޮކްރެޓުން ޗޫސް ކުރާނީ އެމް.ޑީ.ޕީ. ޖުމްހޫރީ ޕާޓީ އާއި އެމް.އާރު .އެމް. ޗޫސް ކުރާނީ ޕީއެންސީ. .
ވަޑިނޮޅު ސިޔާސީ އިބުރޭ
16 August 2023
އޭނާގެ ރައީސް ކަމުގައި ކުދި ތަންތަންކޮޅު ދޫކޮއްލާ މަތިން މާލޭގެ ރައްވެހިންނަށް ވަނީ ގޯއްޗަށް ކުރިމަތި ލުމުގެ ފުރުސަތު ލިބި ގޯތި ލިބިފައި ބަލަ މިކިޔަނީ ފްލެޓުގައި ދިރިއުޅޭކަށް މީހުން ބޭނުމެއްނުވާނޭ ބިން ދޫކުރާއިރު ފްލެޓުތަކުގައި އުޅޭ މީހުންނަށް ފުލެޓު ދޫކޮއްލާގޮތަށް ބިމަށް ކުރިމަތި ލެވެންވާނޭ , މިފަހަރު އިބޫއަށް މިހެދުނު ގޯހުން ފުރަތަމަ ބުރުން އޭނަ ފެއިލް ކޮއްލާނަމޭ ކޮއލާނަމޭ.
ވާވާ
16 August 2023
އެކަމު 2013 ގައި ރައީސް ނަޝީދު ބަލި ކޮށްލީ ސްޕްރީމް ކޯޓުން! އެތައް ބައިވަރު އޮޅުވާލުން ތަކެއް އޮޅުވައިލައިގެން!
ވަރަބިންދާލި
15 August 2023
ދެވަނަ ބުރަކަށް ނުގޮސް އިންޝާﷲ ޑރ މުއިއްޒު ވިން ވުން ގައުމަށް އެންމެފައިދާބޮޑު ގޮތް . އެއީ ޕީޕީއެމް ކޯލިޝަންގެ މެންބަރަކަށް ވާތީކީނޫން . ރައްޔިތުން ނާގައުމަށް އެންމެ ފައިދާބޮޑުގޮތް . ގައުމަށް ހެވެއް އެދޭނަމަ މުއިއްޒު އަށް ވޯޓް ދިނުން އެއީ އެންމެ މުހިއްމު ގޮތް .މުއިއްޒު އަކީ ކަންކަމުގެ ތަޖްރިބާއާއިލްމު ލިބި ހުންނެވި މީހަކަށް ވާއިރު . ހަމައެއް ލަމައެއް ނެތި ކަންކުރާމީހުންނާ ފަނިއަޅުވާ މީހުން ވެރިކަމަށް ގާތް ކުރުން ރަގަޅެއް ނޫން .
ބޮނބިފާލު ބަލާމީހާ
15 August 2023
މަވޯޓާ ޝަރީފު، ރޮޒޭނާ ހިމެނޭހެން 6 ވަރަކަށްމީހުން އެމްޑީޕީއިން ވަގުތުއޮއްވައި ބޭރުކޮށްލިނަމަ އެއްބުރުން އެމްޑީޕީ ކާމިޔާބުކުރީސް. ޖޭޕީގެ ހިއްސާއާއި ޑިމޮކްރެޓްސްގެ ތާޢީދާއިއެކު ދެޗަނަބުރުން މުއިއްޒު ކާމިޔާބު ކުރާނެ.
ފްރައިޑޭ
16 August 2023
މަ ވޯޓާ ޝަރީފު ، ރޮޒޭނާ ، ރީކޯ މޫސަ އަދި ޢަބްދުﷲ ޝާހިދު މި މީހުންގެ ސަބަބުން އެމް.ޑީ.ޕީގެ އިމޭޖް ވަރަށް ޑެމޭޖްވޭ. މިމީހުން އެމް.ޑީ.ޕި ގައި ތިބެގެން އެމް.ޑީ.ޕީ އަށް ލިބޭ ވޯޓަށް ވުރެ ގެއްލޭ ވޯޓު ގިނަ ވާނީ.
ގާސިމް ދަ ކިންގ މޭކަރ
15 August 2023
2008 އިންތިހާބަށް ބެލިއަސް، 2013 އިންތިހާބަށް ބެލިއަސް އަދި 2018 އިންތިހާބަށް ބެލިއަސް އެނގޭ ކަމަކީ ގާސިމްއަކީ ކޯލިޝަންގެ މައިބަދަކަން. 2008 ގައި ނަޝީދަށް ކާމިޔާބުވީ ގާސިމްގެ 27،056 ވޯޓު އެއްކޮށްގެން. 2013 ގައި ޔާމީންއަށް ކާމިޔާބުވީ ޔާމީންގެ 53،099 ވޯޓާއި ގާސިމްގެ 50،422 ވޯޓް އެއްކޮށްގެން. 2018 ގައި އިބޫއަށް ކާމިޔާބުވީ ގާސިމްއާއެކީ ކުރީ ބައިގަ ކޯލިޝަން ހަދައިގެން. މިފަހަރުވެސް ދެވަނަ ބުރުން ކާމިޔާބު ކުރާނީ ގާސިމްއާ ކޯލިޝަން ހެދޭ ކެންޑިޑޭޓަކަށް.
ޭައަލިކޮ
15 August 2023
ގާސިމަށް ފުރަތަމަ ބުރުގައި ވޯޓު ދޭ އެންމެން ދެވަނަ ބުރުގައި ވޯޓު ދޭނީ ގާސިމް ބުނާ މީހަކަށް ކަމަށް މަށަކަށް ގަބޫލެއް ނުކުރެވޭ. ވޯޓުލާ ކޮންމެ މީހެއްގެ ވެސް އަމިއްލަ ސިކުނޑިއަކާއި ވިސްނުމެެއް ހުންނާނެ. ގާސިމް ބުނާހާ ގޮތަކަށް ވޯޓުދޭނީ އޭނާއާ އެންމެ ކައިރީގައި އުޅޭ މީހުން އެކަނި.
ހިސާބު ދިމާނުވޭ
15 August 2023
އަލިކޮގެ ވިސްނުމެއް ނެތްތާ ސިކުނޑިއެއްވެސް ނެތް. ޔައުނީ ދެވަނަ ބުރުގުގައި ނަޝީދު، ނާޒިމް، ފާރިސް އަދި ޒަމީލަށް ވޯޓު ދިން އެންމެންވެސް ވޯޓު ދޭނީ އެމީހުން ބުނާ މީހަކަށް ނޫނޭތޯ ޔައުނީ 2013 އިންތިހާބުގައިވެސް ޔާމީނާ 2000 ވޯޓުގެ ފަރަގެއް ހުރިއިރު ގާސިމާ ކޯލިޝަން ނަހަދާ ކިހިނެއްތޯ ކާމިޔާބު ކުރީ ޔައުނީ އަލިކޮ ތި ހަދަނީ އަދުރޭގެ ހިސާބުތޯ ޔައުނީ ރަނގަޅަށް ހިސާބު ހަދައިފިއްޔާ މި ގައުމުގެ ކޯލިޝަންގެ ހަމަ އަސްލު މައިބަދައަކީ ގާސިމުކަމާމެދު ޝައްކެތްނެތޭ ނެތޭ
ބުރާންޗޯ
15 August 2023
އިބޫގެ ސަޕޯޓަރިނ މިއޮއްދައްކާ ވާހަކައެއް މާލެއިން ހިލޭގޯތި ދިނީމަ އެއްބުރުން އިބޫ ނަގާނެޔޭ. ބަލަ ހިލޭ ގޯތިދިނީމަ ގެ ހަދާފަ ބޮޑުއަގުގަ ކުށްޔަށްދޭން ތިބީ މިހާރުވެސް މާލޭގަ ކުށްޔަށް އުޅޭމީހުންނަށް. ބަލަ އަހަރެމެން ރުހޭ ކަމެއް ކަމަށްތަ ހީކުރީ ހިލޭގޯތިދިނުމަކީ. ކުށްޔަށް އުޅެ އާބާދީ ވަކީ މާލެ ގޯތި ލިބުނު އާބާދީއަށްވުރެ ފުކެއްވެސް ކުޑައެއް ނުވާނެ. އެއީ މިދިޔަ ފަހަރު އިބޫއަށްދިން ވޯޓުން ގެއްލޭ ވޯޓުތަކެއް ކަމަށް އިބޫއަށް ސަޕޯޓު ކުރާ މީހުންނަކަށްނޭގޭތަ
ނެތޭވާކަށް
15 August 2023
އިބޫ މާލެސަރަހައްދުން ގޯތިތައް ތި ބަހާލީ ހަމައެއް ލަމައެއްނެތި. އެހެންވެ އިބޫއަށް ވޯޓު ދެވޭކަށްނެތް. މުއިއްޒު ނުކުތީ ވަގަތު މިނިވަންކުރަން. އެކަމަކީ ވައްކަމަށް ހިތްވަރުދިނުން ކަމަށްވާތީ މުއިއްޒަށް ވޯޓު ދެވޭކަށް ނެތް. ގާސިމް ވައުދުވަނީ ފަނޑިޔާރުންނަށް 75 ޕަސެންޓް މުސާރަ ބޮޑުކޮށްދޭން. ނިކަމެތިންގެ ހަނދާނެއްނެތް. އެހެންވެ ގާސިމަށް ވޯޓު ދެވޭކަށް ނެތް. ދެންތިބި މީހުންނާމެދު މިހާރު މި ވިސްނަނީ.
އައޔ
15 August 2023
ގައުމުގަ ހުރި ހަގީގީ މައްސަލަތަކުގެ ވާހަކަ ދައްކަވާ ބޭފުޅެއް އުމަރުނޫނީ ނެތް. ކޮންކުރިޓް ތަރައްގީ ގެންނާނެތާ ކޮންމެވެރިޔަކު އެރިޔަސް. ތަރައްގީ ވުމަކުން އެކަނި ނުފުދޭ ތަހުޒީމް މުޖުތަމައެއް ބިނާކުރަން އެބަޖެހޭ. މީހުން ދިރިއުޅޭ ކުދި ރައްތައްވެސް މަދުކުރަންޖެހޭ އެބަ
ބަޑިތަކުރު
15 August 2023
ދެވަނަ ބުރުގައި ފުރުޞަތު ބޮޑުވާނެކަމަށް ފެންނަ ބަޔަކާ ކޯލިޝަން ހަދައިގެން ސަރުކާރު ފޮތިފޮތިކޮށް ސަރުކާރުގެ ތެރެއިންމަންފާ ހޯދަން ނުކުމެތިބި މީހުންނަށް އެފުރުޞަތު ނުދިނުމަށްޓަކައި ދެވަނަ ބުރަށްދާނެކަމަށް މިހާރުވެސް އެންމެބޮޑަށް ބެލެވޭ ދެ ފަރާތަށް އެންމެންގެ ވޯޓު ދޭންވީއެވެ. އޭރުން ދެވަނަބުރަށް ދައުލަތުން ކުރަންޖެހޭ ހޭދަ ސަލާމަތްކުރެވި، އަންނަ ސަރުކާރެއްގެ ބަދަހިކަން ބޮޑުވާނެއެވެ. އަދި އިތުރު ބޮލަކަށް ދައުލަތުން ކުރަންޖެހޭ ހޭދަވެސް ސަލާމަތްވާނެއެވެ