ރެބެލް މޫންގެ ޕޯސްޓަރެއް.
24 އޯގަސްޓް 2023 - 06:09
އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު ޒެކް ސްނައިޑާގެ ބޮޑު ސައިންސް ފިކްޝަން ފިލްމު "ރެބެލް މޫން"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
މި ފިލްމުގެ ދެ ބައެއް ގެނެސްދޭނެ ކަން ވަނީ އިއުލާންކޮށްފަ އެވެ. ފުރަތަމަ ފިލްމުގެ ނަމަކީ "ރެބެލް މޫން: އަ ޗައިލްޑް އޮފް ފަޔާ" އެވެ.
ފުރަތަމަ ފިލްމު އަންނަ ޑިސެމްބަރު މަހު 22 ގައި ސްޓްރީމިން އަށް ދޫކޮށްލާއިރު، ދެވަނަ ފިލްމު ގެނެސްދެނީ އަންނަ އަހަރު އެޕްރީލް 24 ގަ އެވެ.
ނެޓްފްލިކްސްއާ ގުޅިގެން ސައިންސް ފިކްޝަން ބޮޑު ފިލްމެއް ފަށާނެ ކަމަށް ސްނައިޑާ އިއުލާންކުރީ މިދިޔަ އަހަރެވެ. އެއަށްފަހު އެ ޕްރޮޖެކްޓަކީ "ރެބެލް މޫން" ކަމަށް އިއުލާނުކުރީ މި އަހަރު ކުރީކޮޅުގަ އެވެ.'
"ރެބެލް މޫން"ގެ ޕްރޮޖެކްޓަށް ސްނައިޑާ މަސައްކަތް ކުރަމުން އަންނަތާ ދިހަވަރަކަށް އަހަރު ވެއްޖެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ވުޖޫދަށް އައިސްފައި ވަނީ މަޝްހޫރު ފްރެންޗައިޒް "ސްޓާ ވޯސް"ގެ ސީރީޒެއްގެ ގޮތުގަ އެވެ.
ސްނައިޑާ ބޭނުންވީ "ރެބެލް މޫން"އާ އެކު، ސްޓާ ވޯސް އިތުރަށް "ޑާކް" ތީމަކަށް ބަދަލުކުރާށެވެ. ނަމަވެސް، އެ ޕްރޮޖެކްޓް ކެންސަލްކުރުމުން، އޭނާ އަމިއްލަ ފިލްމެއްގެ މަސައްކަތް ފެށީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy